.
ސަމާހަތު އިބްރާހިމް
އަހަރެންނަށް ކުލާހުގެ ހުރިހާ ކުދިން ވެސް މަލާމާތް ކުރަނީ ކީއްވެ ހެއްޔެވެ؟ ސްކޫލުގައި ވެސް މިޒޫ ފިޔަވައި އަހަރެންނާ ހެޔޮހިތުން އަނގައިން ބުނެލާނެ ކުއްޖަކު ނެތެވެ. ގޭގައި ވެސް މަންމަ ފިޔަވައި ރުހުމުގެ ލޮލަކުން ބަލާލާނެ މީހަކު ނެތެވެ. އަހަރެންގެ އާއިލާގައި މާގިނަ މީހުންތަކެއް ނުތިބެއެވެ. އަހަރެންގެ އުމުރުން އެންމެ ދެއަހަރުގައި ބައްޕަ ވަނީ މިދުނިޔެއިން އަލްވަދާއު ކިޔާފައެވެ. މަންމަ ދެވަނަ ކައިވެންޏެއް ކުރީ އަހަރެންނާއި އަހަރެންގެ ދޮންބެއަށް ބައްޕައެއްގެ ލޯބި ހޯދައި ދިނުމަށެވެ. އަހަރެން ދޮންބެ ދެކެ ކިތަންމެ ލޯބި ވިޔަސް ދޮންބެ އަހަރެން ދެކެ އިންތިހާ އަށް ރުޅިއާދެއެވެ. އަހަރެންގެ ކިބައިގައި މިވާ “ރަނޑު” ގޮތްގަނޑުގެ ސަބަބުންނެވެ. އިސްތަށިގަނޑު ޖެލްލައިގެން ތަތްކޮށްފައި ބަހައްޓާތީއެވެ. އަބަދު ގޭގައި އިންނާތީއެވެ. “ރަނޑު” ގޮތަކަށް ހިނގާތީއެވެ. މާ އަންހެންދުޅާ ވީމައެވެ.
އެހެން ނަމަވެސް މިއީ އަހަރެން ކުރަން ބޭނުންވެގެން ކުރާ ކަންތައްތަކެއް ނޫނެވެ. މިއީ އަހަރެން ލައްވާފައިވާ ގޮތެވެ. ވީ އެންމެ އަވަހަކަށް އަހަރެން ވެސް މި ކަށިބޯ ޖަންގަލިން ސަލާމަތްވާން ބޭނުމެވެ. އެހެން ނަމަވެސް ބާކީ އަދި ދެއަހަރު އެބައޮތެވެ. ޖީސީއީ އޯލެވެލް ނިމުމުން އަހަރެން ގަސްތުކުރަނީ ތަންކޮޅެއް ހިތްފަސޭހަ ތަނަކަށް ދިއުމަށެވެ.
***
އާދައިގެ މަތިން މިއަދު ވެސް އަހަރެންނަށް ސްކޫލަށް ދެވުނުއިރު ހިމޭން ރަނގަބީލު ޖަހައިފިއެވެ. ވާނީވެސް އެހެންތާއެވެ. ރޭގަނޑު ހަތަރުދަމު ނުނިދާ ހޭލާއުޅެފައި ދެވޭނީ އެހާއިރުންނެވެ. އެގޮތް މިގޮތުން ދޮގުހަދައިގެން މިއަދު އަހަރެން ސްކޫލަށް ވަނީމެވެ. ގަޑިޖެހިގެންވެސް ސްކޫލަށް ދަނީ ނުކިޔެވީމާ ފަހުން ވާނެ ދެރަ ހިތަށް އަރާފައެވެ.
އެންމެ ފުރަތަމަ އޮތީ އިސްލާމް ގަޑިއެވެ. ދަބަސްތެރެ ބަލާލިއިރު އިސްލާމް ފޮތެއް ނުގެނެވެއެވެ. އަވަހަށް އަންނަން އުޅެން ހަދައިގެންނެވެ. ކިޔަވައިދޭން ދުރުވަނީ ހަރުކަށި ޓީޗަރެއް ކަމުން ވަގުތުން އަހަރެން ބޭރަށް ފޮނުވާލިއެވެ. އަހަރެން ކުލާހުގެ ބޭރުގައި ކުޑަދޮރު ކައިރީގައި މަޑުކޮށްލައިގެން ހުރީމެވެ. ކްލާސް ތެރޭގައި ކިޔާއެއްޗެހި އަހަރެންނަށް ސާފުކޮށް އިވެއެވެ.
“ހުރިހާ ކުދިން ވެސް ހުޅުވާ ޞަފްހާ ނަންބަރު ސަތޭކަ އެއްތިރީސް. މިއަދުގެ ފިލާވަޅަކީ ޒިނޭ.” މުދައްރިސް ކިޔަވައިދެމުންދާ އެއްޗެހި އަހަރެން ކަނުލައި އަޑުއަހަން ހުރީމެވެ. އަދި ޒިނޭއަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނިގެންވާ ކަމެއްކަން ވެސް އަހަރެންނަށް ވިސްނުނެވެ.
“ދެން ބަލާލަމާ ހިނގާ ޒިނޭ ފަދަ ބަދު އަޚްލާގީ ކުށްތަކަށް. އެންމެ ފުރަތަމަ މިއޮތީ ލިވާތު ކުރުން. މިކަމަށް ވެސް ﷲ ސުބުހާނަހޫ ވަތަޢާލާ ކަނޑައަޅުއްވާފައި ވަނީ ޒިނޭގެ ހުކުން. މިއީ ވެސް އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭކަމެއް. ދެން ބަލަމާހިނގާދޯ ލިވާތުކުރުމަކީ ކޮބައިކަން. ލިވާތުކުރުމަކީ ފިރިހެނަކު ފިރިހެނަކާ ޖިންސީ ގުޅުން ހިންގުން.” އަހަރެންގެ ދެލޯ މުދުނަށް އެރީ މުދައްރިސް އެ ކިޔަވައިދެއްވި ބައި އަޑު އިވިފައެވެ.
އަހަރެންނަށް ކުރެވެމުން މިއަންނަ ފާފައާ ދޭތެރޭ ވިސްނާލެވުނެވެ. ކޮންމެ ރެއަކު ނުނިދާ ދޮރުހުޅުވައިގެން އޮންނަނީ ދޮންބައްޕަގެ އެންގުމަށެވެ. އެއީ ފިރިހެން ކުދިން ކުރަން އަންގަވާފައި އޮތްކަމެކޭ ބުނާތީއެވެ. އަހަރެންގެ ބައްޕަ ދުނިޔޭގައި ހުރިނަމަވެސް ކުރާނެ ކަމެކޭ ބުނާތީއެވެ. ފަހަރެއްގައި ވެސް އަހަރެން އެކަން ކުރަން ބޭނުން ވެގެންނެއް ނޫނެވެ.
***
ގެއަށް ގޮސް އިސްލާމް ފޮތް ނަގާ ސަތޭކަ އެއްތިރީސް ވަނަ ސަފްހާއަށް އެއްލައި ކިޔަންފެށީމެވެ. އަދި މަންމަ ގާތު ހުރިހާ ވާހަކައެއް ކިޔައިދިނުމަށް ނިންމީމެވެ. އެހެންނަމަވެސް އަހަރެންނަކީ ފިރިހެން ކުއްޖެއްކަމުން މަންމައާ ދެމެދު ލަދުވެތިކަމުގެ ފާރެއް ވެއެވެ. އެހެންކަމަށްވުމާއެކު އެކަމެއްވެސް ނުވިއެވެ. ދެން އަހަރެން ނިންމީ މިރޭ ދޮރުތަޅުލައިގެން އޮތުމަށެވެ.
ގަޑިން ބާރަ ޖަހަން ފަނަރަ ހުއްޓައި ކޮންމެ ވެސް މީހަކު ދޮރުގައި ހިފާލިއެވެ.
“ދަރިފުޅާ! މީ ބައްޕައޭ! ދޮރުހުޅުވަބަލަ!” އަހަރެން އެއަޑުތަކަށް ބީރު ކަންފަތެއްދީ ނިދާފައި ކަމަށް ހެދިގެން އޮތީމެވެ. އިރުކޮޅަކުން ދޮރަށް އެއްޗެއް ކޮއްޕާއަޑު އިވުނެވެ. އެއީ އެޕޯލޯތަޅެއް ކަމުން ވަރަށް ފަސޭހައިން ދޮރު ހުޅުވިއްޖެއެވެ. އެ ވިޔާނުދާ ފިރިހެނާ ވަދެ ކޮޓަރީގައި ހުރި ފަސްވޯޓު ބޮކި ދިއްލާލިއެވެ.
އަހަރެން އަޒުމް ކަނޑައެޅީ މިރޭ ދޮންބައްޕައާ ކުރިމަތި ލުމަށެވެ. އަހަރެން ސިއްރު ސިއްރުން ބާލީސްދަށުން ނިވާވާނެހެން ގޭގެ ލޭންޑްލައިން ފޯނަށް ގުޅީމެވެ. ދޮންބައްޕަ އަށް ނޭނގޭނެހެންނެވެ. ބޭނުންވަނީ ނިދާފައި އޮތް އަހަރެންގެ މަންމަ ހޭލެއްވުމެވެ. އަދި ހުރިހާ ހަގީގަތެއް ފަޅާއަރުވާލުމެވެ. ނަމަވެސް ދޮންބައްޕަ އެއަށްވުރެ މާ ހުޝިޔާރެވެ. ފޯނު ރިންގް ވާން ފެށިއަޑު އިވުމުން އަވަސް އަވަހަށް ނުކުމެ ފޯނުގެ ނަރު ނައްޓާލިއެވެ. މީހަކު ހޭލައިފިއްޔާ އޭނާ ކުރަން އެއުޅޭ ކަންތައް ކަންތައް ނުވެދާނެތީއެވެ. އެހެން ނަމަވެސް އަހަރެންގެ މަޤްސަދު ކާމިޔާބު ވިއެވެ. ފޯނުގެ ނަރު ނައްޓާލައިފައި ދޮންބައްޕަ އަހަރެންގެ ކޮޓަރިއަށް ވަތްވަގުތާ ފޯނު ރިންގުވި އަޑަށް މަންމަ ކޮޓަރިން ނިކުތް ވަގުތާ ވީ އެއް ވަގުތަކަށެވެ. ނަސީބަކުން ހަނދާން ނެތި ދޮންބައްޕަ އަށް ދޮރުވެސް ހުރީ ތަޅުނުލެވިއެވެ. މަންމަ އަހަރެންގެ ކޮޓަރި ހުޅުވާލިއިރު ކަމަކުދާކަށް ނެތެވެ. އެރަހުމެއްނެތް އިންސާނާގެ ވަކިތައް މަންމަ އަށް ސާފުކޮށް ފެނުނެވެ.
މަންމަ ވަގުތުން ފުލުހުންގެ އިދާރާއަށް ފޯނު ކުރިއެވެ. އަދި މައްސަލަ ތަހުގީގު ކުރިކުރުމުން އަހަރެންގެ މަންމަގެ ލޮލުގައި އޭނާ އަނދުން އެޅުވި ގޮތާއި ކައިވެނީގެ މަގުޞަދު ކިޔައިދިނެވެ. އަހަރެންގެ މަންމަ މުޅިން ކުދިކުދިވެއްޖެއެވެ. ބައްޕައެއްގެ ލޯބި ހޯދައިދިނުމަށް އެކުރި ކައިވެނީގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން ހަލާކުވީމައެވެ.
އަހަރެން ދުވަހަކުވެސް އެނުބައި ފިރިހެނާއަށް މާފެއް ނުކުރާނަމެވެ. އަހަރެން ލައްވާ އޮޅުވާލައިގެން ފާފަތަކަށް އަރައިގަތް މީހަކީ އެއީ އެވެ. އަހަރެންގެ ހަޔާތުގައި ތޫފާނެއް އުފެއްދި މީހަކީ އެއީއެވެ. އެހެނަސް އަހަންނަށް މިއަދު މިއިވުނު ފިލާވަޅުގެ ސަބަބުން އަހަރެންގެ މުސްތަޤްބަލް ސަލާމަތް ވެއްޖެއެވެ. ފާފަތަކުން ދުރިހެލިވެ އެ ދޮންބައްޕަގެ ކިބައިން ސަލާމަތް ވެވިއްޖެއެވެ. އަހަރެން އެކަމާ މިހާރު އުފާކުރަމެވެ.
ނިމުނީ
މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 2 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ސަމާހަތު އިބްރާހިމް، ގްރޭޑް 10 އީ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަސް ނިމުމުން ނެވެ. މި ރަމަޟާން މަހުގެ ތެރޭގައި މުބާރާތުގެ އެންމެ މޮޅު 15 ވާހަކަ ގެނެސްދެވޭނެ އެވެ.