.
މަރިޔަމް ޔަސްމާ
އޯގަސްޓް 04 ވަނަ ދުވަހުގެ ބަޔާ ގުޅޭ
ވާހަކަދައްކަމުން ރާކިން އާއި އޭނާގެ އެކުވެރިޔާ ހިނގައިގަތުމުން ދެންތިބި މީހުންވެސް ފަހަތުން ދާންފެށިއެވެ. ޒާނަ ހުރީ އެންމެ ފަހަތުގައި ބަރޯ ހިފައިގެން ދިޔަ ހަބީބާގެ ކައިރީގައެވެ. ވަގުތާއި ހާލަތު ތަންނުދިނުމުން އެކަން ހާމަނުކުރި ނަމަވެސް މިސްކު އެކޭ އެއްފަދައިން ހަބީބާ އާއި ތިފްލާއަށްވެސް ލިބިގެންދިޔައީ ކުއްލި ސިހުމެކެވެ. އެހުރިހާ ދުވަހު ޒާނަ އެގޭގައި އުޅުނުއިރު ޝައްކެއްވެސް ނުވެއެވެ. ވަދާޢުގެ ސަލާމަށްފަހު އެންމެން ލޯންޗަށް އަރައި ހަމަޖެހިލުމާއެކު ކެޕްޓަން ލޯންޗް ދުއްވާލިއެވެ. މިސްކުގެ ކުރިމަތީގައި އިނދެގެން ޒާނަ ކިތަންމެ ފަހަރަކު އެމޫނަށް ބެލިއެވެ. އެކަމަކު އެއިން ކޮންމެފަހަރަކުވެސް މިސްކު އިންނަނީ ދުރުބަލަހައްޓައިގެން ނެވެ. ލޮލުގައި އަޅާފައިވާ އަވިއައިނުގެ ސަބަބުން އެދެލޯވަނީ ޒާނައަށް ވަންހަނާވެފައެވެ.
ކާރުން ފައިބައިގެން ތިންމީހުން ގޮސް ގެއަށް ވަންތަން ދެކެފައި ސިޓިންރޫމްގައި ތިބި ވަސީމާމެން ތެދުވިއެވެ. ރާކިން އާއި ޒާނަ އައިސް އެމީހުންގެ ކައިރިއަށް ހުއްޓުނު އިރު މިސްކުދިޔައީ އެމީހުންގެ ފޮށިތަކާއި ދަބަސްތައް އެތެރެއަށް ގެންދިޔަ ޑްރައިވަރަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމުގެ ބަހަނާގައެވެ. ރާކިންގެ މައިންބަފައިން ދަތުރާއި ބެހޭގޮތުން ކުރި ސުވާލުތަކަށް ޖަވާބުދެމުން އޭނާ ސިޑިން އަރައިގެން ދިޔަ މިސްކުއަށް ބަލާލިއެވެ.
ޖެހިގެން އައި ދުވަސްތަކަކީ ޒާނަގެ ހަޔާތުގައި ދެކުނު އެންމެ އެކަނިވެރި ފޫހި ދުވަސްތައް ކަމުގައި ވެގެންދިޔައެވެ. ކާމިޔާބު އޮޕަރޭޝަނަކަށްފަހު އެނބުރި އައި ވަސީމާއާއި ސައްތާރުވެސް ރަށަށް ފުރީއެވެ. ރާކިންއަކީ އަބަދުވެސް ގިނަވަގުތު އޮފީހުގައި ހޭދަކުރާ މީހެކެވެ. ނުވިތާކަށް ދެންލިބޭ އިތުރު ވަގުތުތައް އޭނާ ހޭދަކުރާނީ ބޭރުގައެވެ. މިސްކުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ހަފްތާއެއް ވެދިޔައިރު މިސްކުއާއި ވާހަކަދައްކާލުމުގެ ފުރުސަތެއް ޒާނައަކަށް ނުލިބުނެވެ. ކުރިއާއި ހިލާފަށް ގިނަވަގުތު އެކުވެރިންނާއިއެކު ބޭރުގައި ހޭދަކޮށްފައި ދެން އޮތްބައި ކިޔެވުމާއިގެން މިސްކު އުޅެންފެށީ ޒާނައަށް އެފުރުސަތު ނުދޭން ކަހަލައެވެ. ޒާނަ ވާހަކައެއް ދެއްކިއަސް މިސްކު ކަންތައް ކުރާގޮތަކީ އަޑުނީވޭކަމަށް ހެދިގެން ފޮތްބަލަހައްޓައިގެން އިންނަނީއެވެ. ދެދުވަހަކު އެކޮޓަރިއަށް ވަދެ ވާހަކަދައްކަން މަސައްކަތްކުރިފަހުން ދެން ހުންނަނީ ކޮޓަރިވެސް ތަޅުލައިފައެވެ. ރާކިންގެ ނަން ބުނާއިރަށް ޒާނަގެ އަނގަބަންދުކޮށްލަން މިސްކު ބުނެލާ އެއްޗަކީ ދެމަފިރީންގެ ދޭތެރޭގައި ހިނގާ ކަންތައްތަކާއި ބެހޭ ގޮތުން ދައްކާ ވާހަކައެއްވިއްޔާ އަހަން ބޭނުން ނުވާކަމަށެވެ. އެއްގޮތަކުން ބުނިއްޔާ ރަށުން އައިފަހުން ޒާނަ ދެކެމުންދިޔައީ މުޅިން އެހެން މިސްކުއެކެވެ. ކޮންމެހެން ދައްކަންޖެހިއްޖެ ވާހަކައެއް ބުނަން ނޫނީ ރާކިންގެ ކުރިމަތީގައި ނޫންގޮތަކަށް ޒާނައަށް މިސްކު ގޮވާނުލައެވެ. ގިނަފަހަރަށް އެމޫނުން ފެންނާނީ ބީރަށްޓެހިކަމެވެ. އަނެއްކޮޅުން ޔޫން ބަލިވެއުޅޭތީ ރާކިން އެއްގޮތަކަށް އެކުއްޖާ ނުގެނެއެވެ. ރޫބީ މަސައްކަތުގައި އުޅޭއިރު އޭނާގެ ފަހަތުން ވާހަކަދައްކަމުން ހިނގުން ޒާނައަށް ވަނީ އަދި މާބޮޑު ކަމަކަށެވެ.
ރޭގަޑުގެ ވަގުތެވެ. ނައިޓް ކުލާހުން ނިކުމެގެން އައި ޒާނައަށް މީހަކު ގޮވާއަޑު އިވިގެން ބަލާލިއިރު އާތިފާ ހިނިއައިސްފައި ހުރެ އާދެއެވެ. ޒާނަ ހުއްޓުނެވެ. އޭރު މަގުގެ އަނެއްފަރާތުގައި އޮތް ކާރުގެ ދޮރުފަތުގައި ލެނގިލައިގެން ޑްރައިވަރ ހުއްޓެވެ. ކިޔެވުމުގެ ބަހަނާދައްކާފައި މިސްކު އައުން ހުއްޓާލިފަހުން ޒާނަ ގެއަށް ދަނީ ޑްރައިވަރާއެކު ކާރުގައެވެ.
“ކޮބާތަ މިސްކު؟ ކީއްވެ މިހާރު އޭނާ ބަލައި ނާންނަނީ؟ މިއަދު ފޯނެއްވެސް ނުނަގާ.” އާތިފާގެ ވާހަކައިން ޒާނަ އަޅައިގަތީ ފަހު ޖުމްލައިގައެވެ. އޭނާ ވާހަކަދެއްކީވެސް އެޖުމްލައާއި ގުޅުވައިގެންނެވެ.
“މިސްކުގެ ނަންބަރުވެސް އެނގޭތަ؟” ޒާނައަށް އަހައިލެވުނެވެ. އެމޫނުމަތީގައި ވަނީ ހައިރާންކަމެވެ.
“އައްދެ އަހަރެން ހީކޮށްގެން މިހުންނަނީ ޒާނަކަމަށް މިސްކުއަށް މަގޭ ނަންބަރު ދިނީ.” އާތިފާ އެއްކޮނޑު އަރުވާލިއެވެ.
“އޯހ. ޔިއަރ. އަހަރެން ހަނދާން ނެތުނީ.” ޒާނަ ކުއްލިއަކަށް އެއްބަސްވިއެވެ. އޭނާ ބޭނުންވީ އާތިފާގެ ކުރިމަތީގައި ގަދަކޮށްލާށެވެ. ގެއަށް ވަދެފައި ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއިރު މިސްކު ސިޑިން ފައިބަނީއެވެ. ޒާނަގެ ހިތުތެރޭގައި އެތައް ވާހަކައެއް ދެކެވެމުން ދިޔަނަމަވެސް އޭނާ ނިންމައިގެން ހުރީ އެއްޗެކޭ ނުބުނާށެވެ. އެހެނަސް ދޫމައިތިރި ކުރެވޭގޮތެއް ނުވިއެވެ. މިސްކުއަށް އެންމެ ތިރީ ހަރުފަތަށް ފޭބުނުއިރަށް ޒާނަ ގޮސް ކުރިމައްޗަށް ހުއްޓިއްޖެއެވެ. މިސްކު ދެންވެސް އަނގައިންނުބުނެއެވެ. އެއްފަރާތަކުން ރެކިގަންނަން އުޅެންފެށުމުން ޒާނަ ދެއަތް ދަމާލާފައި އެކަމަށް ހުރަސްއެޅިއެވެ.
“ވަޓް ދަ…” މިސްކު ބުނަން އުޅުނު ޖުމްލަ މެދުކަނޑާލިއެވެ.
“ޒާނަ ކިހިނެތްވެގެން ތިއުޅެނީ؟ އަހަރެން ބޭނުމެއްނުވޭ މިމަންޒަރު ރާކިންއަށް ފެނިގެން ކަންނުވެ ނަންވާކަށް.” ޖީބުން ފޯންނަގާ ސްކްރީނަށް ބަލާލާފައި މިސްކު ވައިއަޑުން ބުނެލިއެވެ. ކިތަންމެ މަޑުން ބުނެލިނަމަވެސް އެއަޑުގައި އިންތިހާ ދަރަޖައިގެ ހަރުކަށިކަން އެކުލެވިފައިވިއެވެ.
“އާތިފާގެ ކިތައް މިސްކޯލު އެބައިންތަ؟” ޒާނަ ބަލަހައްޓައިގެން ހުރީ ސީދާ މިސްކުގެ މޫނަށެވެ. މިސްކު ހަތަރުކަޅި ހަމަކޮށްލުމާއެކު އެދެލޮލުން އޭނާއަށް ފެނުނީ ހަސަދައިގެ އަލިފާނެވެ. އޭނާއަށް ވިސްނުނެވެ.
“މައްސަލައެއްތަ؟ ޝީ އިޒް ސިންގަލް. އައިމް ސިންގަލް. ދެން އެހެންވީއިރު ކޮބާ އޭގަ ގޯހަކީ؟ ޒާނަ ނޫނަސް އަހަރެމެންވެސް ދިރިއުޅުމެއް ފަށަންޖެހޭނެއެއްނު.” މިސްކު ކުއްލިއަކަށް ޒާނަގެ އަތުގައިހިފާ ކުރިމަތިން ދުރަށް ޖައްސާލާފައި ހިނގައިގަތެވެ. އެހިސާބުން ޒާނަގެ އަނގަ ބަންދުވީއެވެ. ބުނަން ބޭނުންވި އެތައްވާހަކައެއް ވީނަމަވެސް ހިތަށް ލިބުނު ހިތާމައިން ދޫހަރަކާތެއް ނުކުރިއެވެ. މިސްކުގެ ފިޔަވަޅު އަޑު ކެނޑޭންދެން އެހުރިތަނުގައި ހުރެފައި އޭނާ ސިޑީގެ ހަރުފަތްތައް ގިރާކުރަން ފެށިއިރު ދެލޯވަނީ ފެންކަޅިވެފައެވެ.
ހަނީފާ މާލެއަންނަން އުޅޭކަން ޒާނައަށް އެނގުނީ އެރޭ ނިދަން އުޅެނިކޮންނެވެ. ދޮރުފަތުގައި ޓަކިޖަހާއަޑަށް ޒާނަ ގޮސް ހުޅުވާލިއިރު ރާކިން ހުއްޓެވެ. އިސްއުފުލާލުމާއެކު ޒާނަ ފެނުނުލެއް ތަފާތުކަމުން ކަންނޭނގެއެވެ. ރާކިންގެ ނަޒަރު ކުޑަހިނދުކޮޅަކަށް ނަމަވެސް އެމޫނަށް ހުއްޓުނެވެ. ސެޓިންފޮތީގެ ކުރު ނިދާހެދުމުގައި ހުރިއިރު އޭނާގެ ދިގު އިސްތަށިގަނޑު އެއްފަރާތު ކޮނޑުމަތިން ގެނެސް ކުރިމައްޗަށް ވައްޓާލާފައި އޮތެވެ. ބޮޑުބައި ހާމަވެފައިވާ ދެފަޔާއި އެހަށިގަނޑުގެ ކޮންމެ ހިސާބަކުންމެ އަންހެންވަންތަކަން ފާޅުވޭވޭ ހުއްޓެވެ. ޒާނަ އެސިފައިގައި ފެންނައިރު ހަޤީޤަތުގައިވެސް އަޅައިގަންނަ ގޮތެއް ހުންނަކަމުގައި ރާކިން ހިތާއިހިތުން ބުނެލިއެވެ. ޚުދު ޒާނައަށްވެސް ރާކިންގެ އެބެލުމުގައި ވި ތަފާތުކަން ފާހަގަކުރެވުނެވެ. އިސްތަށިގަނޑު އަނެއްފަރާތަށް އެއްލާފައި އޭނާ އަވަސްއަވަހަށް ގޮސް ރާކިންއަށް ފުރަގަސްދީގެން ޑްރެސިންޓޭބަލް ކުރިމަތީ ހުއްޓުނެވެ. އެތެރެއަށް ވަދެ ދޮރުލައްޕާލާފައި ކުރިއަށް ހިނގައިގަތުމުގެ ކުރީން ރާކިން ދެޖީބަށް އަތްޖަހާލިއެވެ. އޭނާ ކުރިއަށް އެޅީ ދެފިޔަވަޅެވެ. ދެން އަނެއްކާވެސް ހުއްޓިފައި ވާހަކަދައްކަން ފަށައިފިއެވެ.
“ޒާނަގެ މަންމަ މާލެގެންނަން މިއުޅެނީ.” ރާކިންގެ ޖުމްލަ ނިމޭއިރަށް ޒާނަ ސިހިފައި އެނބުރި ބަލަން ފެށިއެވެ.
“އަހަރެން ކުރީދުވަހަކު ގުޅާލިތަނާ ބުނި ބަލިވެ އުޅޭވާހަކަ. ދެން އެހެންވެގެން ހިތަށްއެރީ މިކޮޅަށް ގެނެސް ދައްކާލަން. މަންމަވެސް ހިތްހަމަޖެހޭނެއެއްނު. އަނެއްކޮޅުން ބަލާއިރު މަންމަވެސް ބޭނުންވާނެ ކަންނޭނގެ ޒާނައާއި ބައްދަލުކޮށްލަން. ކައިވެނީގެފަހުން އަދި އެފުރުސަތެއް ނުލިބެއެއްނު.” ރާކިން އިތުރަށް އޮޅުންފިލުވައިދިނެވެ. ޒާނަގެ ޝަކުވާއެއް ނެތެވެ. ލުއި ހިނިތުންވުމަކާއިއެކު އޭނާ އެނިންމުމާއި އެއްބަސްވެ ބޯޖަހާލިއެވެ. ޚުދު ޒާނަވެސް އެހުންނަނީ އެފަދަ މީހެއްގެ ގާތްކަމަށް ބޭނުންވެފައެވެ.
ރާކިން އެނބުރިއައިސް އޮފީހަށް ނިކުންނަން ފެށިއިރުއިރު އާރިއާ ހުރީ އަނެއްކާވެސް ހަމައަކަށް އެޅިފައެވެ. އެކަމަކު ކުރިއާއި ހިލާފަށް މިހާރަކަށް އައިސް އޭނާގެ ކިބައިން ރުޅިވެރިކަމެއް ފާހަގައެއް ނުކުރެވެއެވެ. ކުޑަދުވަސްކޮޅެއްގެ ވަކިވުން ، މިފަހަރު އާރިއާގެ ހިތަށް ކުރުވީ މުޅިންތަފާތު އަސަރެކެވެ. އޭނާގެ ބަހާއި އަމަލާއި ކުރިއާއި ހާސްބައި ތަފާތެވެ. ދެން ހުރީ ރާކިންއެވެ. ޔޫންގެ ކުރިމަތީގައި އަމިއްލަ އިހްސާސްތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރުމުގެތެރޭގައި އެކަންވަނީ މާބޮޑަށްވެސް ބާރުގެ ދަށަށް ގެނެވިފައެވެ. އޮފީސްތެރޭގައި ރާކިންގެ ހުރިހާ ސަމާލުކަމެއް ވަނީ މަސައްކަތަށް ހުއްޓާލެވިފައެވެ. އިތުރު އެހެންކަމަކާއި ވިސްނަންވެސް މިހާރު އޭނާ ބޭނުމެއްނުވިއެވެ. ރާކިންއަށް ވިސްނެއެވެ. އާރިއާގެ މައްސަލަގަނޑުގެ ތެރެއަށް ވަދެގެން ކަންތައްތައް އިތުރަށް ގޯސްވުނުން ނޫންކަމެއް ނުމެވާނެއެވެ. އަދި ޔޫންގެ އެއްވާހަކަ އޮތީއެވެ. އެނބުރިއައިފަހުން ރާކިން ގިނަވަގުތުތަކެއް އެދެމައިންގެ ކައިރީގައި ހޭދަކުރަން ފެށިފަހުން ޔޫންއަށް ހީވެފައިވަނީ ރާކިން އުޅެނީ އެމީހުންނާއިއެކު އެގޭގައި ކަމުގައެވެ. އެކަން އެގޮތަށް ހިނގަން ފެށުމުން ގެއަށް ދިއުމުގެ ވާހަކަދެއްކުން ހުއްޓިއްޖެއެވެ.
ހެނދުނުއްސުރެ އިންތިޒާރުގައި ހުރި ޒާނަގެ ހިތް އުފަލުން ނަށާލީ ދޮރުވަދެގެން އައި ހަނީފާ ދެކެފައެވެ. އަތުގައި އޮތް ފޮތް މޭޒުމައްޗަށް ދޫކޮށްލަމުން އޭނާ ފުންމައިގެން ތެދުވެފައި ދުވެގޮސް މަންމަގެ ދެއަތުގައި ހިފާލިއެވެ. ޑްރައިވަރއަށް ހަނީފާގެ ސާމާނުތައް ގެންދާނެތަނެއް އަންގާފައި އެނބުރިލި ރާކިންއަށްވެސް އެމަންޒަރު ފެނުމުން ކުޑަކޮށް ހިނިތުންވެލިއެވެ. ޒާނަ ހިނގައިގަތީ ކާކޮޓަރި އާއި ދިމާއަށެވެ. މާކުރިއްސުރެ ހަނީފާއަށްޓަކައި ތައްޔާރުކުރެވިފައިވާ ކާނާތައް ފެނިފައި އެންމެ އުފާވިމީހަކީވެސް ހަނީފާއެވެ. ފަހަތުން އައި ރާކިން އަނެއްކާވެސް އޮފީހަށް ދާވާހަކަ އަންގާލާފައި ނިކުތުމުން އެދެމައިން އެކަނިވީއެވެ. މަންމަގެ އަމަލުތައް ހުރިގޮތުން ޒާނައަށް ހެވުނެވެ. ދުވަހަކު ކާއެއްޗެއް ނުދެކޭމީހެއްހެން އަވަސްއަރުވާލާފައި ހަނީފާ ކާންފެށިއެވެ.
“ޒާނަގެ މަންމަތަ؟” ދޮރާއި ދިމާއިން މީހަކު ވާހަކަ ދެއްކިއަޑަށް ދެމީހުން އެއްފަހަރާ ބަލާލިއެވެ. އޭރު ހިނިތުންވެފައި ހުރެ މިސްކު އެދިމާއަށް އަންނަނީއެވެ. އެތައް ދުވަހަކު މިސްކުގެ މޫނުން އުފާވެރިކަން ފެނުމުން ޒާނަ އިނީ ބަލާށެވެ. މިސްކު އައިސް އިށީންދެލީ އެދެމައިންނާއި ކުރިމަތިވާގޮތަށް ހުރި ގޮނޑިއެއްގައެވެ.
“އަސްލު ބުނަން. މަންމައަކަށްވުރެ ދައްތައަކާއި ވައްތަރީ؟ މިހިތަށްއަރަނީ ޒުވާންއިރުގަ ފެނުނުނަމައޭ.” މިސްކު ހިނިއައިސްފައިހުރެ ވާހަކަ ދެއްކިއެވެ. އޭނާ ހުރީ ސަލާމަށް އަތްދިއްކޮށްލައިގެންނެވެ. ހަނީފާއަށް އެކަން މަޖާވިއެވެ. ތައުރީފްގެ އަޑުއަހާފައި ހިތްހަމަޖެހުނެވެ. ހަމައެހެންމެ މިސްކުގެ ރީތިކަމާއިމެދު ހިތާއިހިތުން ތައުރީފްކޮށްލިއެވެ. ހީގެންފައި އޭނާ މިސްކުގެ އަތުގައި ހިފާ ސަލާމް ބަލައިގަތެވެ. އެހުރިހާއިރު ޒާނަ އިނީ ކަޅިވެސްޖަހާ ނުލާ މިސްކުއަށް ބަލާށެވެ. އެކަމަކު މިސްކުގެ ނަޒަރު އެންމެފަހަރަކުވެސް ޒާނައަކަށް ނުހުއްޓެއެވެ. އެތާގައި އިތުރުމީހަކު އިންކަން ނުވެސް އެނގޭކަހަލައެވެ.
ރާކިން ގޮސް ގޮނޑީގައި ހަމަޖެހިލިތަނާ ފޯން ރިންގްވާން ފެށިއެވެ. އާޒިމްއާއި އޭނާގެ ދެ ބައިވެރިން މީޓިންހޯލަށް ފޮނުވުމަށް ބުނެފައި އޭނާ ތެދުވެގެން ހިނގައިގަތެވެ. ހޯލަށް އެންމެން ހަމަވިއިރު ރާކިންގެ އިތުރަށް އާރިއާ އަދި ޕީއޭ އަހުމަދުވެސް ތިއްބެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި ލިއުމުގައި ސޮއިކުރެވިއްޖެއެވެ. ޝޮޕިން ސެންޓަރ އެޅުމަށް ހުޅުމާލެއިން ބެލި ބިން ރާކިންމެންގެ ކޮމްޕެނީއަށް މިލްކުވީއެވެ.
ނިކުމެގެން ދިޔައިރު އާރިއާ އާއި އާޒިމްގެ މެދުގައި ވާހަކައެއް ދެކެވެމުން ދިޔަތަން ރާކިން ދުށްޓެވެ. އޭނާ އަޅައެއްނުލައެވެ. އެކަމަކު އޭގެ އިރުގަނޑެއްފަހުން ބަލާލިއިރު އާރިއާގެ ކެބިންގައި އާޒިމް އިނުމުން މަސައްކަތް ހުއްޓާލާފައި އެދިމާއަށް ބަލަން ފެށިއެވެ. އާރިއާ އިނީ ކޮމްޕިއުޓަރުން އެއްޗެއް ޓައިޕްކުރާށެވެ. އާޒިމް ކުރިމަތީ އިނދެގެން އާރިއާގެ ސީދާ މޫނަށް ބަލަމުން އަނގަހުއްޓާ ނުލައި ވާހަކަތަކެއް ދައްކައެވެ. މަސައްކަތުގެ ތެރެއަށް ވަދެއިން ނަމަވެސް އާޒިމްގެ ވާހަކައިގައި އާރިއާވެސް ދިޔައީ ބައިވެރިވަމުންނެވެ. އެމޫނަށް ނުބެލިނަމަވެސް އިރުއިރުކޮޅާ ކޮންމެވެސް އެއްޗެއް ބުނެލާތަން ފެނެއެވެ. ރާކިން އިނީ އަދިވެސް ބަލާށެވެ. އެވަގުތު ކުއްލިއަކަށް މަންޒަރު ބަދަލުވެގެން ދިޔައެވެ. ވަގެއްހެން ފަރާތްފަރާތް ބަލާލާފައި އާޒިމް އާރިއާގެ އަތުގައި ހިފެހެއްޓިތަނާ އާރިއާ އެއަށް ފޮޅުވާލިއެވެ. ދެން ފެނުނީ އާރިއާ ކޮޅަށް ތެދުވެފައި ގަޔާނުވާ ގޮތަކަށް އާޒިމްއަށް ބަލަހައްޓައިގެން ހުރެ އެއްޗެކޭ ބުނެލިތަނެވެ.
ރާކިންއަށް ކެތްކުރެވުނީ އެހާ ވަންދެންނެވެ. ފުންމައިގެން ތެދުވެފައި ކެބިންއިން ނިކުމެއްޖެއެވެ. އާޒިމް ދެވަނަ ފަހަރަށް އާރިއާގެ އަތުގައި ހިފާލީ ރާކިން ގޮސް ދޮރާއި އަރާހަމަވިފަހުންނެވެ. އޭނާ ދޮރުހުޅުވާލިލެއް ބާރުކަމުން ދޮރުވަކިކޮށްލަން އުޅުނުކަހަލައެވެ. ސިހިގެންދިޔަ އާޒިމްއާއި އާރިއާއަށްވެސް ބަލާލެވުނެވެ. ރާކިން އޭރު އެތެރެއަށް ވަންނަނީއެވެ. ވެގެން އުޅޭގޮތް އޮޅުންފިލުވުން ރާކިންއަށް މުހިންމެއް ނުވިއެވެ. ބަހަކުން ބަހެއްނުބުނެ އޭނާ ދިމާކުރީ އާޒިމްއާއެވެ. އެވަގުތު އެމޫނުމަތިން ފާޅުވަމުންދިޔަ ކުލަވަރު ފާހަގަކުރެވުނު އާރިއާ ރާކިންއޭ ކިޔާ ހަޅޭތްލަވައިގަތެވެ.
އާރިއާގެ އަޑުގައިވި އިންޒާރު އާޒިމްއަށް ނަގައިގަނެވުނުއިރު ރާކިންއައިސް އޭނާގެ ގިރުވާނުގައި ހިފައިފިއެވެ. އާރިއާ އާއި އާޒިމް، ދެމީހުން އެއްއަޑުން ދޫކުރާށޭ ގޮވަގޮވާ އޮތްވާ ރާކިން އޭނާގެ މޫނަށް ގޮށްމުށުގެ ތިންއެތިފަހަރު ދޫކޮށްލިއެވެ. އާރިއާއަށް ހަޅޭތްލަވައި ގަނެވުނެވެ. ދެލޯބޮޑުކޮށްފައި އަނގަމަތީ އަތްއަޅާލެވުނެވެ. އަދި ސިކުންތެއްވެސް ނަގާނުލައި އައިސް އެދެމީހުންގެ ކައިރިއަށް ޖެހިގެންފައި ރާކިންގެ އަތުގައި އޭނާ ހިފެހެއްޓިއެވެ. އަލިފާންކަނި ބުރަމުން ދިޔަ ދެލޮލުން ދެފަހަރު ދެމީހުންނަށް ބަލާލާފައި ރާކިން އާޒިމް ދުރަށް ކޮށްޕާލައިފިއެވެ. ހަމައެއާއެކު ބާރުބާރަށް ހިނގާފައި އޮފީހުން ނިކުންނަން ދިޔައެވެ. އޭރު އެތަން މިތަނުގައި މަސައްކަތްކުރަމުން ދިޔަ މުވައްޒިފުންތައް އާރިއާގެ ކެބިންކައިރިއަށް ބޮނޑިވެއްޖެއެވެ.
ނުނިމޭ