.
ކެއާ ސޮސައިޓީ
އިންސާނީ ހައްގުތަކުން މަހުރޫމްވެފައިވާ ކިތައް މީހުން ދުނިޔޭގައި އުޅޭ ބާ؟ އެއްވެސް ވަރަކަށް ވިސްނޭބާ އަހަރުމެންގެ މި މުޖްތަމަތުގައިވެސް މިފަދަ ބަޔަކު ދިރި އުޅޭކަން؟ ހިތައް އަރާބާ މިކަން ބަދަލުކޮއްލެވިދާނެބާއޭ؟ މިކަމަށް އެއްވެސް އެހީތެރިކަމެއް ވެ ދިނިންތޯ؟ މިކަމުގައި އެއްވެސް އިންސާނަކަށް އެޙީތެރިކަން ފޯރުކޮށްދިނުމަށް ވިސްނެވިންތޯ؟
ދިވެހިރާއްޖޭގެ މި ކުޑަ މުޖްތަމައުގާވެސް 20000 އަށް ވުރެ ގިނަ މީހުންނަކީ ނުކުޅެދުންތެރިކަން ހުންނަމީހުންނެވެ. އަދި އެކިކަހަލަ އަސާސީ ހައްގުތަކުން މަހްރޫމްވެ އެކަހެރިވެފައިވާ އެތައް ބަޔަކު އުޅެއެވެ. މީގެތެރިންވެސް ވަރަށް އެމީހުން އުންމީދުކުރާ ފަދަ އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބެނީ މަދުބަޔަކަށެވެ. ހިތާމައަކީ މިފަދަ މީހުންނަށް ފުރުސަތު ހޯދަދިދުނުމަށް އެހީތެރިވެ މަސައްކަތް ކުރާ މީހުން މަދުކަމެވެ. ކިތަންމެ ކުޑަ އެހީތެރިކަމަކުންވެސް މިފަދަ މީހުންގެ ދިރިއުޅުމަށް ވަރަށް ހެޔޮ ބަދަލެއް ގެނެވިދާނެއެވެ.
މިއަދު ކެއަރ ސޮސައިޓީއަށް މިވަނީ މިފަދަ މީހުންގެ އެހީތެރިކަމަށް ބޭނުން ވެފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކިކަހަލަ ފުރުސަތުތަށް ހޯދައި ދިނުމަށް އެހީތެރިކަމުގެ އަތެއްދިއްކޮއްލާނެ ފަރާތްތަކަށް ބޭނުންވެފައެވެ. ކެއަރ ސޮސައިޓީގެ މެމްބަރަކަށް ވެގެން އެހީތެރިވެދެވިދާނެ ދޮރު ވަނީ ހުޅުވިފައެވެ. އަދި އެންމެން އަތުގުޅާލައި މި ބަދަލު ގެނައުމަށް މަސައްކަތް ފަށަމާ ހިންގަވާށެވެ.
ކެއަރ ސޮސައިޓީގައި ތަފާތު ވައްތަރުގެ މެމްބަރުން ތިބެއެވެ. މީގެ ތެރޭގައި ޓާރގެޓް މެމްބަރސް (ނުކުޅެދުންތެރި ކަން ހުންނަ މީހުން)، ރިސޯސް މެމްބަރުން (ވޮލަންޓިއަރސް) އަދި ފައިސާގެ ގޮތުން އެކި ކަހަލަ އެހީތައް ފޯރުކޮއްދޭ މެމްބަރުން ހިމެނެއެވެ. މީގެ ތެރޭގައި ޖެނެރަލް މެމްބަރުން، ގޯލްޑް މެމްބަރުން، އަދި ކޯޕަރޭޓް މެމްބަރުން ހިމެނެއެވެ. އަދި މި ހުރިހާ މެމްބަރުންނަކީ ވެސް ކެއަރ ސޮސައިޓީގެ ހިންގާ ގަވައިދުގެ ދަށުން ވޯޓް ދެވޭ މެމްބަރުންނެވެ.
އޯގަސްޓް މަހުގެ 5 އިން 11 އަށް ކެއަރ ސޮސައިޓީގެ މެމްބަރޝިޕް ހަފްތާ ފާހަގަ ކުރުން ކުރިއަށް އެބަ ގެންދަމެވެ. މިކަމުގައި ބައިވެރި ވުމަށް އެކިކަހަލަ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެވިދާނެއެވެ. ޖެނެރަލް މެމްބަރުންނަކީ ކޮންމެ މަހަކަ 100 ރުފިޔާ، ސިލްވަރ މެމްބަރުންނަކީ ކޮންމެ މަހަކު 500 ރުފިޔާ، އަދި ގޯލްޑް މެމްބަރުންނަކީ ކޮންމަ މަހަކު 1000 ރުފިޔާ ޑޯނޭޓް ކުރައްވާ ފަރާތްތަކެވެ.
“ބީ ދަ ހެލްޕިންގ ހޭންޑް” މި ނަމުގައި މި ހިންގޭ ކެމްޕެއިންގެ މައިގަނޑު މަގްސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ފޯރުކޮށްދެވޭ ހިދުމަތްތަކުގެ ފެންވަރު މަތި ކޮށް އެކިކަހަލަ ފުރުސަތުތަށް ހޯދައިދިނުމެވެ. މީގެތެރޭގައި މިދާއިރާގައި އަމިއްލަ ފަރުދުން ތަމްރީނުކުރެވޭނެއެވެ. އަދި އަތޮޅުތެރޭގައި މިހާރުވެސް ކެއަރ ސޮސައިޓީ ގެ ފަރާތުން ހިންގާ އެކި ޕްރޮގްރާމްތަށް ފުޅާ ކުރުމަށް މަގު ތަނަވަސްވެގެންދާނެއެވެ. އަދި މި ކެމްޕެއިން އިން ލިބޭ ފައިސާ ހަރަދުކުރާ ގޮތުގެ ތަފްސީލް މިކަމުގައި އެހީތެރިވެދެއްވާ ފަރާތްތަކާ ހިއްސާކުރެވޭނެއެވެ.