.
ފާތުމަތު ޝުހައިދާ
ގަޑިން ދެގަޑި ބައިވަނީ އެވެ. މެންދަމުގެ ހަމަހިމޭން ވަގުތުގައި ނަވާޒް އެއިނީ ނިންޖެއް ކަމެއް ނެތިއެވެ. ނިދި ނާންނަނީ ކަމެއް ނުވަތަ ނިދަން ބޭނުން ނުވަނީ ކަމެއް ނޭނގެއެވެ. ކޮޓަރި ތެރެއިން ސީދާ ނުކުމެވޭ ގޮތަށް ހުރި ބެލްކަނީގައި ނަވާޒު އެއިނީ މާދަމާ އޭނާގެ އޮފީހުގައި ދޭން ޖެހޭ “ޕްރެޒެންޓޭޝަނަކަށް” ތައްޔާރު ވާށެވެ. ހަނދުވަރުގެ ހިތްގައިމު އައްޔާއި ވިދާ ބަބުޅަމުންދާ ތަރިތައް އޭނާގެ މިމަސައްކަތުގައި ވަރަށް ފުރިހަމައަށް ބައިވެރިވަމުން ދެއެވެ. މެންދަމުގެ މި ހިތްގައިމު ވަގުތުގައި އެޖެހޭ މަޑު ފިނިރޯޅިން ނަވާޒުގެ ހެދިހުރި ހަށިގަނޑަށް ފިނިކަން އިޙްސާސް ކުރުވަމުން ދިޔަކަމުގައި ވިޔަސް އެފިނިކަމާދެކޮޅަށް ހަނގުރާމަ ކުރުމަށް އޭނާ ބޭނުން ކުރަމުން ދިޔަ ހަތިޔާރަކީ އިރުއިރު ކޮޅުން އޭނާ އިންސާފު ކުރަމުންދިޔަ ކަޅު ކޮފީތައްޓެވެ. މާދަމާގެ “ޕްރެޒެންޓޭޝަނަށް” ފުރިހަމައަށް ތައްޔާރު ވުމަށްފަހު ގަޑި ސޯނާ ކޮށްފައި އޭނާ ނިދަން އޮށޯވެއްޖެއެވެ.
އަރަމުންއައި އިރާއެކު ގަޑި ސޯނާ ވުމުން ނަވާޒު ތެދުވެ އޮފީހަށް ދާން ތައްޔާރު ވެލައިގެން ސައި މޭޒު ދޮށަށް ގޮސް ކުމާރު ގާތުގައި ނަޖާ ކޮބައިތޯ އަހާލިއެވެ. އެވަގުތު ނަޖާ ފަހަތުން އައިސް ނަވާޒު ގައިގައި ބައްދާލިއެވެ.
“ބޭބޭ! ނަޖާއަށް ކަމެއް ކޮށްދީބަލަ. މާފްކުރާށޭ ކިޔާ ވާހަކަ ފޮތެއް ގަނެ ދީބަލަ. ނަޖާގެ އެކުވެރިން ބުނޭ އެވާހަކަ ވަރަށް ރީއްޗޭ. އެހެން ނޫނަސް އަހަރެން ކޮލެޖުން އައިސް މިއޮށްބޮޑު ގޭގައި އެކަނި އިންނަން ވަރަށް ފޫހިވޭ. އެގަޑީގައި އޭރުން އެވާހަކަ ކީދާނެ. މި ކުމާރު ވެސް މަޖަލެއް ނުކުރޭ ވިއްޔާ. އަބަދު ވެސް އުޅޭނީ ކޮންމެ ވެސް މަސައްކަތެއްގައި. ބޭބެ ވެސް ދެން ފަހަރި އެއް ހޯދަން ވީނު. އޭރުން އަހަރެން ވެސް ފޫހި ފިލާނެއްނު.” ނަވާޒުގެ ކައިރީގައި އިށީންނަމުން ނަޖާ ބުންޏެވެ.
“ތިޔަ ހުރިހާ ވާހަކަ އެއް ނުދެއްކިޔަސް ގަނެދީފާނަމޭ. ދެން ސައިބޯން އުޅޭ.” ނަވާޒް ޖަވާބު ދިނެވެ.
ދެމީހުން ނާސްތާކޮށްގެން ގެއިން ނުކުތީ އެކުއެކީގައެވެ. ނަވާޒު ދިޔައީ އޮފީހަށެވެ. ނަޖާ ދިޔައީ ކޮލެޖަށެވެ.
އިރު އޭގެ ވާޖިބު އަދާކުރަމުން ގޮސް މިހާރު އެހެރަ 5 ޖަހަނީއެވެ. ނަވާޒު އޮފީސް ނިންމާލުމަށްފަހު ބުކްޝޮޕަށް ވަދެ “މާފްކުރާށެވެ” ވާހަކަ ފޮތް ގަނެގެން ގެޔަށް ދިޔަ އިރު ގޭގައި ނަޖާ ނެތުމުން ނަޖާގެ ފޯނަށް ގުޅާލިއެވެ.
“ހަލޯ! ބޭބޭ ނަޖާ މިއުޅެނީ އެކުވެރިން ކޮޅަކާއެކު ދެދުވަހަށް ވިލިގިއްޔަށް އައިސް.” ނަޖާ މިހެން ބުނުމުން ނަވާޒު ފޯނު ބޭއްވުމަށްފަހު ކޮޓަރި އަށް ވަދެ ފެންވަރާލައިގެން އޮށޯވެލިއެވެ.
ނަވާޒަށް ވަރުބަލިކަން އިޙުސާސްވި ނަމަވެސް ނިދޭގޮތެއް ނުވިއެވެ. އޭނާގެ ސިކުނޑީގައި ވަނީ ހެނދުނުގެ ނާސްތާ ގަޑީގައި ނަޖާ ބުނި ޖުމްލައެވެ.
“ބޭބެ ވެސް ދެން ފަހަރި އެއް ހޯދަންވީނު.” މި ޖުމްލަ ނަވާޒްގެ ކަންފަތް ދޮށުގައި ގުގުމަމުން ދިޔައެވެ. އެވަގުތު އޭނާގެ ލޯމައްޗަށް ސިފަ ވަމުންދިޔައީ މީގެ ފަސް އަހަރު ކުރިން އޭނާގެ އުމުރުން 20 އަހަރުގައި އޭނާ ލޯބިވި ނާސިހާގެ ހަނދެއްފަދަ ރީތި މޫނެވެ. އޭނާގެ ހިތަށް އަރަމުން ދިޔައީ ނުހަނު ލޯބިން އެކުގައި އުޅެ ވަގުތުތައް ހޭދަކުރި ކޮލެޖްގެ ދުވަސްވަރެވެ. ނަމަވެސް ނަވާޒު އެ ބޭވަފާތެރިޔާގެ މޫނު ދެކޭކަށް ބޭނުމެއް ނުވެއެވެ. ނަވާޒު ގާތަށް ރުޅިއަންނަން ފަށައިފިއެވެ. ލޮލަށް ނިދި ނައިސްގެނެވެ. ހޭލާ ހުރުމުން އެ ބޭވަފާތެރިޔާގެ މޫނު ފެންނާތީ އެވެ. ބޭއިޚްތިޔާރުގައި އެކަމާ ވިސްނޭތީއެވެ.
ނަވާޒް ކުރާނެ ކަމެއް ނޭނގިގެން އޭނާގެ ކޮއްކޮއަށް ގަނެދިން ވާހަކަ ފޮތް ނަގައިފިއެވެ. އަދި ކަރުނަތައް ދެލޮލަށް ޖަމާވެފައިވާ ރީތި އަންހެން ކުއްޖެއްގެ ތަސްވީރު ކުރަހާފައިވާ ވާހަކަ ފޮތުގެ ބޭރުގަނޑަށް ބަލާލިއެވެ. އެވަގުތު އޭނާގެ ހިތަށް އެރިއެވެ. ނާސިހާ ވެސް ރޮމުން މައާފަށް އެދެމުން އަންނާނެ ނަމައެވެ. އަނެއްކާވެސް އޭނާގެ ހިތަށް އެރިއެވެ. ނޫނެކެވެ. ކޮށްފައިވާ ވަޢުދާއި އަޙުދުތައް އުވާލާފައި ލޯބި ނުވާކަމަށް ބުނެ ދިޔަ މީހަކު އެނބުރި ނުވެސް އަންނާނެތާއެވެ. މިހެން ހިތަށް އެރުމުން އެއް މިޔަކަނުން ވަރަށް އަސަރުން ފުރިގެންވާ ގޮތަކަށް ހީލާފައި ވާހަކަ ކިޔަން ފެށިއެވެ.
ވާހަކައިގެ ފުރަތަމަ ދެ ޞަފްޙާ ކިޔުމަށްފަހު އެ ވާހަކަ ލިޔުނު ލިޔުންތެރިޔާގެ ނަން ނަވާޒު ހޯދަން ބޭނުންވީ ސަބަބެއް ނެތިއެއް ނޫނެވެ. އޭނާ އެފޮތުގެ ލިޔުންތެރިޔާގެ ނަން ހޯދުމަށް ފޮތުގެ ފަހަތު ބޭރުގަނޑު ބަލައިލި ވަގުތު ދެލޯ ބޮޑުވެ ހުއްޓުން އެރިއެވެ. އަދި މަޑުމަޑުން ނާސިހާ އޭ ބުނެލެވުނެވެ. އޭނާ ވަރަށް އަވަސް އަވަހަށް ވާހަކަ ކިޔުން ކުރިއަށް ގެންދަން ފެށިއެވެ. ތެޅިތެޅި އޮތް ހިތަކައިގެންނެވެ. ވާހަކައިގެ ވަކި ހިސާބަކަށް ދިޔަ ތަނާ ނަވާޒުގެ ދެލޯ ބޮޑުވެ ރޮވޭގޮތްވެ އަރުބެދޭގޮތް ވިއެވެ. ވާނީ ވެސް އެހެންތާއެވެ. މިހުރިހާ ދުވަހު އޭނާގެ ހިތުގައި ޝައްކު އޮޅުންފިލައި ސާފު ވީއެވެ. 233 ޞަފްޙާގެ ހަގީގީ ވާހަކަ ކިޔައި ނިމުނުއިރު ނަވާޒުގެ ހިތްވަނީ ހަލާކު ވެފައެވެ. އޭނާ ހުއްޓުން އަރާފައި އެހުރީ ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހެއްގެ ބީދައިންނެވެ.
އެވާހަކައި ގައި އުޅޭ ދެލޯބިވެރިންގެ ނަން ބަދަލު ކޮށްފައި ވީނަމަވެސް މިވާހަކައިގެ އަސްލު ތަރިންނަކީ ނަވާޒާއި ނާސިހާއެވެ. ނަވާޒުގެ ލޯމަތީގައި ވާ ފަރުދާ ކެހިގެން އެދިޔައީ އެ ވާހަކައިގެ ސަބަބުން ނެވެ. ނަވާޒުގެ ހިތް ހަލާކުވެފައި އެވަނީ ނާސިހާއާމެދު އޭނާ ދެކުނުގޮތް ގޯސްވީމައެވެ. ނާސިހާ ނަވާޒަށް ބޭވަފާތެރިވީ ނޫން ކަމާއި ހަގީގަތުގައި ވެސް ނާސިހާ ނަވާޒު ދެކެ ލޯބިވީ ކަމާއި ނަވާޒަށްޓަކައި އަދި ނަވާޒުގެ ހަޔާތަށްޓަކައި ނާސިހާގެ ލޯބި ގުރުބާން ކުރީކަން އެނގުމުންނެވެ. ނަވާޒު ދެކެ ލޯބި ނުވާކަމަށް ބުނެ ނާސިހާ ދިޔައީ އޭނާއަށް ޖެހިގައިވާ ބައްޔެއްގެ ސަބަބުންކަން އެނގުމުންނެވެ. ލޭގެ ކެންސަރުގެ ޝިކާރައަކަށް ވެފައިވާ ނާސިހާ އަކީ ކުށްވެރިއެއް، އަދި ބޭވަފާތެރިއެއް ނޫންކަން އެނގި ހަގީގަތުގައި ކުށްވެރިއަކީ ނަވާޒުކަން އޭނާއަށް ވިސްނުމުންނެވެ.
ނަވާޒުގެ ދެލޯ ފުހެލުމަށްފަހު ގަޑި ބަލާލިއިރު ނުވަގަޑި ބައިވެއްޖެއެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް ސިޑިން ފައިބައިގެން ގޮސް ސައިކަލަށް އަރާ ބާރު ސްޕީޑުގައި ދުއްވާލީ މީގެ ފަސް އަހަރު ކުރިން އެދެމީހުން ލޯބިން ބައްދަލުކުރި ނާސިހާގެ ގެއަށެވެ. އެގެއަށް ގޮސް ބެލް ޖަހާލުމުން ދޮރު ހުޅުވާލީ ނާސިހާގެ މުސްކުޅި މަންމަ އެވެ. ނަވާޒު ފެނުމުން ނާސިހާގެ މަންމަ އަށް ރޮވިއްޖެއެވެ. ނަވާޒު ނާސިހާގެ މަންމަ ގޮވައިގެން ގޭތެރެއަށް ވަދެ ސޯފާގައި ބޭންދުމަށްފަހު ނާސިހާ ކޮބައިތޯ ދެފަހަރަކު ސުވާލު ކުރިއެވެ. ނަމަވެސް ނާސިހާގެ މަންމަގެ ރުއިން އިތުރުވެ ޖަވާބެއް ނުލިބުމުން ވަރަށް ބާރަށް ނާސިހާއޭ ގޮވާލިއެވެ. އެވަގުތު ނާސިހާގެ މަންމަ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.
“އަހަރެންގެ ނާސިހާ… މިހާރު މިދުނިޔެއަކު ނެތް. އޭނާ އަހަރެން ދޫކޮށްލާފައި ދިޔަތާ ދެމަސް ދުވަސް ވެއްޖެ. އޭނާ ނަވާޒަށް ވަރަށް އިންތިޒާރު ކުރި. ނަވާޒުގެ މައާފަށް އިންތިޒާރު ކުރި. އޭނާ ނިމިގެން ދިޔައީވެސް ނަވާޒުދެކެ އިންތިހާއަށް ލޯބިވާ ހާލު.” މަންމަ ކިޔައިދިނެވެ.
މިވާހަކަތައް އަޑުއަހަމުން ދިޔައިރު ނަވާޒު އިނީ ފާރުކައިރީގައި ބިއްޖެހި ރޯން ވެސް އަދި ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. އެހެން އެތައް އިރަކު އިނުމަށްފަހު “މަންމާއޭ މާފްކުރާށޭ” ބުނެފައި ނުކުމެގެން ދިޔައީ މަސްތުވެފައިވާ މީހަކު ހިނގާފައި ދާ ބީދައިންނެވެ.
މަޑު ހިނގުމެއްގައި އެއްވެސް ހަރުދަނާ ކަމެއް ނެތް ފިޔަވަޅުތަކެއްގައި ނަވާޒު ހިނގަމުން އެދަނީ އޭނާ ނާސިހާގެ ގެއަށް ދިޔައީ ސައިކަލުގައި ކަންވެސް ހަނދާނުގައި ނެތީތީއެވެ. ދެވެނީ ކޮން ދިމާލަކަށް ކަންވެސް ނޭނގޭ ހާލު މަގުމެދުން ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައިރު އޭނާގެ ލޮލުން ވެއްޓެމުންދިޔަ ކޮންމެ ކަރުނަ ތިއްކެއް ބުނަމުން އެދަނީ އޭނާގެ ދުލުން ބޭރުކުރަމުން އެދާ ބަސްތަކެވެ. ނާސިހާއެވެ! މާއާފު ކުރާށެވެ! އެނބުރި އަންނާށެވެ! މި ކުށްވެރިޔާ އަށް މައާފު ކުރާށެވެ! މައާފު ކުރާށެވެ!
ނިމުނީ
ނޯޓު: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 2 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ފާތުމަތު ޝުހައިދާ، ގްރޭޑް 12 އޭ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަސް ނިމުމުން ނެވެ. މި ރަމަޟާން މަހުގެ ތެރޭގައި މުބާރާތުގެ އެންމެ މޮޅު 15 ވާހަކަ ގެނެސްދެވޭނެ އެވެ.