.
ސީމާ ޙަސަން
އަހަރެންނަށް އުޅެވުނު ގޮތާމެދު އަހަރެން ލަދުގަންނަމެވެ. ކުރެވުނު ކަންތަކާމެދު ދެރަވެ ހިތާމަ ކުރަމެވެ. އަހަރެންގެ ދަރިފުޅާއި އޭނާގެ ފިރިމީހާއާ އެއްފުރާޅެއްގެ ދަށުގައި އުޅުނަކަސް އަހަރެންނަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. މިކަމުގައި އަހަރެން ކުށްވެރިކުރާނީ ހަމައެކަނި އެންމެ މީހެކެވެ. އެއީ އަހަރެންނެވެ.
އެއީ މީގެ 25 އަހަރު ކުރިއެވެ. އަހަރެންގެ ޒުވާން ދުވަސްވަރު ޤުރުބާން ކޮށްލަން ޖެހުނީ، އަހަރެންނަށް ކެހިދިން ލޯބިވެރިޔާގެ ދަރިއަކަށް ބަލިވެ އިންނަން ޖެހުމުންނެވެ. ރަށް މެދަށް ވިހަން ޖެހުމުން އަހަރެންގެ މަންމަ ހުރީ ލަދުން ބޯފަޅައިގެން ގޮސްފައެވެ. މަޔަކު ދަރިއަކާ ދޭތެރޭ އުފެދޭ މައިވަންތަކަމުގެ ލޯބީގެ ބަދަލުގައި އަހަރެންގެ ދަރިފުޅު ދެކި ކުރަން ފެށުނީ އިންތިހާއަށް ނަފުރަތެވެ. ކަން އެހެން ދިމާވީ އެ ކުށެއްނެތް ފުރާނައިގެ ސަބަބުންކަން، އޭރު އަހަރެންގެ އެ ހަރު ހިތަށް ނުވިސްނެއެވެ.
ބައްޕައެއްގެ ލޯބި އުނިވިޔަނުދީ އަހަރެންގެ މަންމަ، އަހަރެން ބަލާ ބޮޑުކުރި ފަދައިން، އަހަރެންނަކަށް، އަހަރެންގެ ދަރިފުޅަށް މައެއްގެ ލޯބި ވެސް ނުދެވުނެވެ. އަހަރެން އެދަރިފުޅު ބަލާ ބޮޑުކުރީ މަޔަކު ދަރިއެއް ބޮޑުކުރަން ހެޔޮވާވަރުގެ ގޮތަކަށް ވެސް ނޫނެވެ. އަދި އެދަރިފުޅާމެދު ކަންތައް ކުރެވުނު ގޮތް ހަނދާނަކުން ނުފިލައެވެ. ކިޔުނުހާ އެއްޗެއް މިހިތަކުން ފިލައެއް ނުދެއެވެ.
ކޮންމެއަކަސް ނަފްތާ ބޮޑުވަމުން އައީ ވަރަށް ހިތާމަވެރި ހާލެއްގައެވެ. އެހެން ކުދިން ގެންގުޅޭފަދަ ރީތި ކުޅޭ އެއްޗެހި ހޯދައި ނުދޭތީ އެކަމާ ޝަކުވާ ކުރެއެވެ.
“މަ ކޮންތާކުންތަ ފާޑުފާޑުގެ އެއްޗެހި ގަންނަން ފައިސާ ނެރެންވީ. މީހަމަ ކަލެއާ ހެދި ދިމާވި ކަމެއް!” ކުޅޭ އެއްޗެއް ގަނެދޭން ބުނާ ކޮންމެ ދުވަހަކު އަހަރެން ހަޅޭއްލަވައި ގަންނަމެވެ. ހަތް އަހަރުގެ އެ ސިކުނޑިއަށް ވިސްނޭނީ ފަހެ ކޮން އެއްޗެއް ހެއްޔެވެ؟ އެފަކީރަށް ރުއިން ނޫން އެއްވެސް ކަމެއް ނުކުރެވެއެވެ.
ނަފްތާއަށް އޯގާތެރިވުމަށް އަހަރެންގެ މަންމަ ވަރަށް އާދޭސްކުރެއެވެ. ވާހަކަތަކަށް އަހަރެން ދިނީ ބީރު ކަންފަތެކެވެ. އަހަރެންގެ މަންމަ ނެތްނަމަ، ނަފްތާ، މުޅިން ނިކަމެތިވެ ދިޔައީހެވެ. އެކަމަކު، ނަފްތާއާ ދޭތެރޭ އަހަރެންގެ ހިތުގައި ކުޑަވެސް ރަހުމެއް އުފެދިފައެއް ނެތެވެ. އަހަރެންގެ ޒުވާން ދުވަސްވަރުގެ އުފާވެރިކަން ނަގާލީތީއެވެ.
ނަފްތާއާ ދިމާއަށް ތަޢުރީފުގެ ބަހެއް ދުވަހަކުވެސް ބުނެނުލާތާ، ލޯބީގެ ނަޒަރަކުން އެފަކީރަށް ބަލާލާފައިވެސް ނުވާނެއެވެ. ކޮންމެ އަހަރަކު އޭ ރިޕޯޓްތައް ނަފްތާ ގެނެއެވެ. އަހަރެންގެ އަތަށް ރިޕޯޓްފޮތް ދޭއިރަށް، ރުޅިއައިސްގެން އެ ހޫރާލަމެވެ. ޖީސީއީ އޯލެވެލް އިމްތިހާނު ވެސް ނިމިއްޖެ އެވެ. ލިބުނު ނަތީޖާ އަކީ ކޮންމެ މީހަކުވެސް ފަޚްރުވެރިވާނޭ ރަން ވަނައެކެވެ. އަހަރެން އެކަމާ ހަސަދަވެރި ވީމެވެ.
މޮޅަށް ކިޔެވިޔަ ނުދިނުމަށްޓަކައި ހަވާލު ކުރެވުނުހާ މަސައްކަތެއް ހަވާލު ކުރީމެވެ. ރަނގަޅަށް ނުކޮށްފިނަމަ އަދަބު ދެމެވެ. މިއަދު ނަފްތާގެ އަތުގައި ފިހިފައި އިން ތަނަކީ އަހަރެން އިސްތިރި ޖެއްސިތަނެވެ. އެހެން ނަމަވެސް ނަފްތާގެ ކިޔެވުމަކަށް ބަދަލެއް ނާދެއެވެ. އޭލެވެލް ވެސް ނިންމީ ހުރިހާ މާއްދާ އަކުން އޭފާސް ހޯދައިގެންނެވެ.
ދުވަސްކޮޅެއް ފަހުން ނަފްތާ އަހަރެން ގާތު ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުންޏެވެ. އެދުވަސް އަންނާނެކަން އަހަރެންނަށް އެނގެއެވެ. އެކަމަކުވެސް ހަދާނެގޮތަކާމެދު އަހަރެން ވިސްނާލީމެވެ. އުފާވެރި ޙަޔާތަކުން އަހަރެން މަޙްރޫމުކޮށްފައި، ނަފްތާއަކަށް އުފަލުގައެއް ނޫޅެވޭނެއެވެ. އުޅުނަކަ ނުދޭނަމެވެ. ކެހިވެރި މޮޅު ރޭވުމެއް ބޮލުގައި ރާވާލާފައި، ނަފްތާގެ ކައިވެންޏާމެދު ހިތްހަމަޖެހޭކަން ފާޅުކުރީމެވެ.
ނަފްތާގެ ކައިވެނީގެ ރެޔެވެ. ވަރަށް އުފާވެފައި ހުރެގެން ނަފްތާ ތައްޔާރު ކޮށްދިނީމެވެ.
“މަންމާ. ކީއްވެތަ މިއޮށް ހުރިހާ ދުވަހު އަހަރެން ދެކެ އެހާ ރުޅިއައީ.” ނަފްތާ ހައިރާން ވެފައި އެދުވަހު ސުވާލު ކުރިއެވެ.
“އެކަންތައް ދެން ހަނދާން ނައްތާލާ. މިއުފާވެރި ރޭ ތިކަހަލަ ވާހަކަ ނުދައްކާ. އާދޭ ތިރިއަށް ދާން.” އަހަރެން އޯގާތެރިކަން ދައްކަމުން ބުނެލީމެވެ.
“މަންމަ ވެސް އާދޭ.” ނަފްތާ ކޮޓަރިން ނުކުމެ ސިޑިން ފައިބަން ތައްޔާރު ވެލިއެވެ.
“މަންމަ މިދަނީ ކުޑަ އިރުކޮޅަކުން.” ނަފްތާ އެދުމުން އަހަރެން ބުނީމެވެ.
ނަފްތާ އަހަރެންނަށް ފުރަގަސްދިން ވަގުތު އަހަރެން މަޑުމަޑުން އޭނާގެ ގާތަށް ދާންފެށީމެވެ. އަހަރެން ހުރީ ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ހާލެއްގައެވެ. ބޭނުންވީ އޭނާ ކޮއްޕާލާ ސިޑިން ވައްޓާލާށެވެ. ނަމަވެސް ފަހަތުން ގޮސް އޭނާ ކޮއްޕާލަން އުޅުން ވަގުތު، ނަފްތާގެ ކައިވެނީގެ ހެދުމުގެ ފަސްބަޔަށް އަރާ އަހަރެން ކަހާލީއެވެ. އަދި އަހަރެން ފޭހި އިލޮށި އަހަރެންގެ އަމިއްލަ ލޮލަށް ހެރުނެވެ.
އަހަރެންނަށް ހޭލެވުނީ މާޔާ އައިސް ގޮވަން ފެށުމުންނެވެ.
“މާމާ! މާމާ! ނިކަން ބަލާލަ! ކޮއްކި ކޮލަށް ތަރިއެއް ލިބުނީ. އަދި ބަލާ! އެއްވަނަ ވެސް ލިބުނީ ކޮއްކިއަށް.” އަހަރެންގެ މާމަ ދަރިފުޅު މާޔާ އައިސް އަހަރެންގެ އުނގަށް ރިޕޯޓް ފޮތް ލިއެވެ. ކަރުނައިން ފުރިފައިވާ ލޮލަކުން އަހަރެން މާމަދަރިފުޅަށް ބަލާލީމެވެ.
“ދަރިފުޅާ. ހާދަ މޮޅޭ! ހަދިޔާ އޮންނާނެ އިނގޭ.” އަހަރެންގެ އަމިއްލަ ދަރިފުޅާ ދިމާއަށް ބުނެފައި ނުވާ ލަފްޒުތަކެއް މިއަދު އަހަރެންގެ މިދަރިފުޅަށް ބުނެލީމެވެ.
“އަވަހަށްދޭ ދަރިފުޅާ، އެއްޗެހި ބަދަލު ކޮށްގެން ކާން ނުކުންނަން.” ނަފްތާ އެވަގުތު ވާހަކަ ދައްކަމުން ކޮޓަރިތެރެއަށް ވަނެވެ.
މާޔާ ދިއުމުން އަހަރެން ނަފްތާ އާ ދިމާއަށް ބަލާލީމެވެ. އެމޫނުގައި ނަފްރަތުގެ އެންމެ ކުލަވަރެއްވެސް ފެންނަން ނެތެވެ.
“މަންމަ ވެސް ހިނގާ ސައިބޯންދާން.” ނަފްތާ އައިސް އަހަރެން ފުރޮޅުލީ ގޮނޑިއަށް އަރުވައިދިނެވެ. އެއޮށް ހުރިހާ ދުވަހު އިހާނެތިކޮށް ކަންތައް ކޮށްފައިވާ މީހަކަށް، މިއަދު އެދަރިފުޅު އެކަންތައް ކުރަނީ ކޮންފަދަ އަކުންތޯއެވެ.
“ދަރިފުޅާ. މަންމަ އަށް މާފް ކުރޭ. މަންމަ އަށް ހެޔޮ ތިހާ އޯގާތެރިކޮށް ކަންތައް ނުކޮށްދިނަކަސް. ދަރިފުޅާ…” އަހަރެންގެ އަޑު ކެނޑުނެވެ.
“މަންމާ. އަބަދު ތިހެން ނުކިޔަބަލަ. ކިތައް ފަހަރަށްތަ މާފް ކޮށްފީމޭ ބުނާނީ. ދެން އެކަމާ ނުވިސްނަބަލަ. އަހަރެން މަންމަ ދެކެ އަބަދުވެސް ލޯބި ވާނަން. މަންމަ އަށް އެހެން ކަންތައް ކުރެވުނީ ނުވިސްނުނީމަ. އެކަމަކު އަހަރެން ނުޖެހޭދޯ މިނެދިން ނާޅިން މިނެދޭކަށް.” ހިނިތުންވެލާފައި، ނަފްތާ އަހަރެން ގޮވައިގެން ބަދިގެއަށް ހިނގައިގަތެވެ.
ނިމުނީ
ނޯޓު: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 2 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ސީމާ ޙަސަން، ގްރޭޑް 10 އީ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަސް ނިމުމުން ނެވެ. މި ރަމަޟާން މަހުގެ ތެރޭގައި މުބާރާތުގެ އެންމެ މޮޅު 15 ވާހަކަ ގެނެސްދެވޭނެ އެވެ.