.
ޒިޔާދާ އާދަމް
“ޔޫހާ. ދެން ތެދުވެބަލަ! އަހަރެން އޮފީހަށް ދާގަޑި ޖެހެނީއޭ. ބަދިގޭގަ ނެތޭ ކާނެ އެއްޗެއް.” ޒިހާމް ގޮވަމުން ދިޔައީ އޭނާގެ ލޯބިވާ އަންހެނުން ޔޫހާ އަށެވެ.
“ޒިހާމް ދެން އަހަރެން ނިދިޔަ ދީބަލަ. އޮފީހަށް ދަމުން ކޮންމެވެސް ހޮޓަލަކުން އެއްޗެއް ކާލާ.” ޔޫހާ މިހެން ބުނުމަށްފަހު އެނދުގެ އަނެއް ފަރާތަށް އެނބުރުނެވެ.
މިއީ ކޮންމެ ދުވަހެއްގެ އާދައެވެ. ޒިހާމް އޮފީހަށް ދިއުމުގެ ކުރިން ޔޫހާ އަށް ގޮވާ ސައި ހެދުމަށް ބުނާނެ އެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ދާންޖެހެނީ ހުސްބަނޑާއެވެ.
“އަނހާ ޒިހާމް. މިއަދުވެސް…” ޒިހާމް އޮފީހަށް ގޮސް ވަތްތަނާ ޒިހާމްގެ މިލާ މޯޅިވެފައިވާ މޫނު ފެނުމުން އޭނާގެ އެންމެ ގާތް އެކުވެރިޔާ ރާހިލް ބުންޏެވެ.
“އާނ ރާހިލް. މިއީ އަހަރެންނަށް ހުރި ގޮތް ހަމަ. ކީއްކުރާނީ.” ޒިހާމް ބުންޏެވެ.
“ޒިހާމްގެ ކައިވެންޏަށް މިހާރު ދެ އަހަރު ވަނީ. އަދިވެސް ޔޫހާގެ އުޅުމަށް އެއްވެސް ބަދަލެއް ނާދޭ. އަނތްބެއްގެ ވާޖިބުތައް އޭނާ އަދައެއް ނުކުރޭ. އެކަން ރަނގަޅު ކުރަން ޒިހާމް އެއްވެސް ކަމެއް ކުރަނީކީވެސް ނޫން.” ރާހިލް ފަތިވަރަކަށް ވާހަކަތައް އަމުނާލިއެވެ.
“އަހަރެން ވަކި ކިހިނެތް ހަދާނީ؟ އަހަރެން އެއްޗެކޭ ބުންޏަސް ޔޫހާ އަހަރެން ބުނާ އެއްޗެއް ގަބޫލުވެސް ކުރަނީކީ ނޫން ވިއްޔާ.” ޒިހާމް ދެރަވެލާފައި ބުންޏެވެ.
“ތިހެން ފިނޑިވެގެން އެއްވެސް ކަމެއް ނުވާނެ.” ރާހިލް މިހެން ބުނުމަށްފަހު ޒިހާމް ކަންތައް ކުރަންވީ ގޮތް ކިޔާދިނެވެ.
“ރާހިލް އަށް ހަމަ ޔަގީންތަ ތިނޫން ގޮތެއް ނެތްކަން؟” ޒިހާމް ހުރީ ފަސްޖެހިފައެވެ.
“އާނ ޒިހާމް. މިއީ ހަމަ އެންމެ ރަނގަޅު ގޮތް. އޭރުން ޔޫހާގެ ސިކުނޑިއަށް އެއްޗެއް ވަންނާނީ.” ރާހިލް ބުންޏެވެ. ޒިހާމް ވިސްނާލުމަށްފަހު އެކަމާ އެއްބަސްވިއެވެ.
މަހެއްހާ ދުވަސް ފަހެވެ.
“ޔޫހާ!” ޒިހާމް އޮފީހުން އައިސް ގެއަށް ވަންނަމުން ޔޫހާ އަށް ގޮވާލިއެވެ. ޔޫހާ ނުކުތް އިރު ރާހިލްގެ ފަހަތުގައި އަންހެން ކުއްޖަކު ހުއްޓެވެ. ޔޫހާ އުފަލުން ގޮސް ގޮތެއް ނެތެވެ.
“ޒިހާމް. ޒިހާމް ހާދަ ރަނގަޅޭ. މިއީ މިގެޔަށް މަސައްކަތް ކުރަން ގެނައި ކުއްޖެއް ދޯ! އަހަރެންނަށް މަސައްކަތް ކުރަން ޖެހޭތީ ދޯ ތިގެނައީ!” ޔޫހާ ޒިހާމްގެ ގައިގައި ބައްދާލަމުން ބުންޏެވެ.
“ޔޫހާ ހަމަޖެހޭ. މިއީ މިގެއަށް މަސައްކަތް ކުރަން ގެނައި ކުއްޖެއް ނޫން. މިއީ ރޫޔާ. ރޫޔާ އަކީ ވެސް މިހާރު ޔޫހާ އެކޭ އެއްފަދައިން އަހަރެންގެ އަނތްބެއް.” ޒިހާމް ގެ މިޖުމްލަ އަޑުއިވުމާއެކު ޔޫހާގެ ފައިދަށުން ބިންގަނޑު ކެހިގެން ދިޔަ ކަހަލައެވެ. އަދި އަޑުން އަޑުނަގާ ރޮއިގަތެވެ.
“ޒިހާމް. ކީއްވެ އަހަރެންނަށް ތިހެން ތިޔަހެދީ؟ އަހަރެންގެ ކުށަކީ ކޮބާ؟” ޔޫހާ ރޮމުން ވާހަކަ ދެއްކިއެވެ.
“ކޮންމެ މީހަކުވެސް ކައިވެނި ކުރަނީ ރަނގަޅު ދިރިއުޅުމެއް އުޅެން. އަހަރެން ޔޫހާ އާ ކައިވެނި ކުރީ ވެސް އެފަދަ ފޮނި ހުވަފެން ތަކަކާއެކު. ނަމަވެސް އަނތްބެއްގެ ފަރާތުން ފިރިއަކަށް އަދާކުރަން ޖެހޭ ހައްގުތައް ދުވަހަކުވެސް ޔޫހާ އަދާކުރިންތަ؟ ނުކުރަމެއްނު.” ޒިހާމް ޔޫހާއާ ދިމާއަށް އިނގިލި ދިމާކުރުމަށްފަހު ބުންޏެވެ. ޔޫހާ ލަދުން އިސްޖަހާލިއެވެ. ނަމަވެސް ޔޫހާ އަދިވެސް ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ.
“ތިހިރަ ރޫޔާއަކަށް ލާހިކެއް ނޫން އަހަރެންނާ އެއްފުރާޅެއްގެ ދަށުގައި މިގޭގައި އުޅޭކަށް. ރޫޔާ ޖެހޭނީ މިގެއިން ނުކުންނަން.” ޔޫހާ އެހެން ބުނުމަށްފަހު ރޫޔާގެ އަތުގައި ހިފިއެވެ.
“ޔޫހާ! ހަމަ މިހާރު ރޫޔާގެ އަތުން ދޫކޮށްލާ. ޔޫހާ ބޭނުމެއް ނޫނެއްނު ރޫޔާ މިގޭގަ ހުންނާކަށް. މައްސަލައެއް ނެތް. އަހަރެން ހިނގައިދާނަން ރޫޔާ ގޮވައިގެން މިގެއިން.” ޒިހާމް މިހެން ބުނުމަށްފަހު ރޫޔާ ގޮވައިގެން އެގެއިން ނުކުތެވެ. ޔޫހާ ނުދާށޭ ބުނެ އާދޭސް ކޮށްކޮށް ހުއްޓައެވެ.
“ޝިފާ. އަހަރެން ދެން ކިހިނެތް ހަދާނީ؟ ޒިހާމް ގެއިން ނުކުމެގެން ދިޔަފަހުން މިހާރު ތިން ހަފްތާވީ. އަހަރެން ފޯނު ކުރިޔަސް ފޯނު ނަގަނީކީ ނޫން. މެސެޖަކަށް ޖަވާބެއް ނާދޭ. ދިޔަތަނެއް ވެސް އެނގެނީކީ ނޫން.” ޔޫހާ ފޯނުން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ޝިފާއާއެވެ.
“ތިއޮތީ އަހަރެން ބުނި ދުވަސް އައިސްފައި. އަހަރެން އޭރުވެސް ބުނިން ތިގޮތަށް އުޅެންޏާ ޒިހާމް ގެއްލޭނޭ. ޒިހާމް ޔޫހާ މަތިން ފޫހިވާނޭ. އަހަރެން ބުނާގޮތެއް ހަދާނެނަމަ ދެންވެސް ޔޫހާގެ ތިއުޅުން އިސްލާހު ކުރޭ.” ޝިފާގެ މި ބަސްތަކުގެ ސަބަބުން ޔޫހާގެ ހިތަށް އަސަރު ކުރިއެވެ. އަދި ޝިފާ ދެއްކީ ތެދު ވާހަކައެއްކަން ވިސްނުނެވެ.
ޔޫހާ އަނެއްކާވެސް ޒިހާމް އަށް ގުޅިއެވެ. ފަނަރަވަރަކަށް ފަހަރު ގުޅިފަހުން ޒިހާމް ފޯނު ނެގިއެވެ.
“ޒިހާމް. އަހަރެންނަށް އަދި އެއް ފުރުޞަތުދީ. އަހަރެން މީ ރަނގަޅު އަނތްބެއްކަން ޒިހާމަށް ސާބިތު ކޮށްދޭނަން.” ޔޫހާ އާދޭހުގެ ރާގެއްގައި ބުންޏެވެ.
“ލާސްޓް ޗާންސް.” މިހެން ބުނުމަށްފަހު ޒިހާމް ފޯނު ކަނޑާލިއެވެ.
ޔޫހާ އުފަލުން ފޮޅުނެވެ. ޒިހާމް ގޮސް ގެއަށް ވަތްއިރު ކާއެއްޗެހީގެ މީރުވަހުން ގޭތެރެ ވަނީ އެއްވަސް ވެފައެވެ. ގޭތެރެވަނީ ފޮޅާ ސާފުކޮށްފައެވެ. މިއީ ކުރިން ވީކަމެއް ނޫނެވެ.
“ހާދަ ވަސް ރަނގަޅޭ.” ޒިހާމް ބަދިގެޔަށް ވަނުމަށްފަހު ބުންޏެވެ. އެވަގުތު ކާން ހަދަން ހުރި ޔޫހާ ޒިހާމްއާ ދިމާއަށް ބަލާލިއެވެ.
“އާދޭ ކާން.” ޔޫހާ ލަދުވެތިކަމާއެކު ބުންޏެވެ. ޒިހާމް އަތްދޮވެގެން އައިސް ކާންއިށީނެވެ.
“މީހަމަ ޔޫހާ ކެއްކި އެއްޗެހިތަ؟ ހާދަ ހީނުވެއޭ. ޔޫހާ ތީ ކުރިން ބަދިގެއަށް ނުވަންނަ މީހެއް ވިއްޔާ.” ޒިހާމް ބުންޏެވެ.
“ޒިހާމް ޕްލީޒް. ކުރީގެ ވާހަކަތައް ދެން ނުދައްކާ. އަހަރެން ބޭނުންވަނީ އަހަރެމެންގެ ދިރިއުޅުން އާ ފެށުމަކުން ފަށަން. ލިބެން އުޅޭ ދަރިފުޅަށްޓަކައި އަހަރެން ބޭނުން އަހަރެމެންގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެންނަން. ޒިހާމް އެދޭފަދަ ގެވެހި އަނތްބަކަށް ވާން.” ޔޫހާ ޒިހާމްގެ މޭގައި ބޯ އަޅައިލިއެވެ.
“އަސްލުވެސްތަ؟ އަހަރެން ބައްޕައަކަށް ވަނީ؟” ޒިހާމް އުފަލުން ގޮސް ޔޫހާ އުރާލިއެވެ. ގޭތެރެއިން މިހާރު އިވެމުންދަނީ ޒިހާމް އާއި ޔޫހާގެ ހުނުމުގެ އަޑެވެ.
“ލިބެން އުޅޭ ދަރިފުޅަށްޓަކައިވެސް ރޫޔާ ދޫކޮށެއް ނުލެވޭނެތަ؟” ޒިހާމް ޔޫހާ ބިންމަތީގައި ބެހެއްޓުމުން ޔޫހާ އެހިއެވެ.
“އަހަރެން ކިހިނެތް ރޫޔާ ދޫކޮށްލާނީ. އަހަރެން ކިހިނެތް ރޫޔާ ވަރިކުރާނީ؟ އެއީ އަހަރެންގެ ހައްގެއް ނަމަތާ ދޫކޮށްލާނީ ވެސް.” ޒިހާމް ހެމުންހެމުން ބުންޏެވެ.
“ޒިހާމް ކީކޭ ތި ކިޔަނީ؟ އަހަރެންނަކަށް ނުވިސްނުނު ޒިހާމް ތި ކިޔާ އެއްޗެއް.” ޔޫހާ ހައިރާން ވެފައި ހުރެ ބުންޏެވެ.
“އަހަރެން މިބުނީ އަހަރެންނާ ރޫޔާއާ ކައިވެންޏެއް ނުކުރެވެއޭ. ރޫޔާ އެއީ އަހަރެންގެ އަނތްބެއް ނޫނޭ.” ޒިހާމް ބުންޏެވެ.
“އެކަމަކު އެދުވަހު ޒިހާމް އައިސް ބުނީ ރޫޔާއާ ކައިވެނި ކުރީއޭ. އަހަރެންނަކަށް އަދިވެސް ނޭނގޭ.” ޔޫހާ ހުރީ ވާނުވާ ނޭނގިފައެވެ.
“އާނ. އަހަރެން އެހެން ބުނިން. އެއީ ރާހިލްގެ ރޭވުމެއް. ޔޫހާއަށް ވިސްނައިދިނުމަށް ރާހިލް އަހަރެންނަށް ދިން އައިޑިއާއެއް އެއީ. ރޫޔާ އަކީ އަސްލު ރާހިލްގެ ކޮއްކޮ. ރާހިލްގެ އެދުމުގެ މަތިން ރޫޔާ އަހަރެންނަށް އެހީވާން އެއްބަސްވީ. ވޭތުވެދިޔަ ތިން ހަފްތާ އަހަރެން އުޅުނީ ރާހިލްގެ ގޭގަ. ޔޫހާގެ ފޯނު ކޯލުތަކާއި މެސެޖުތަކަށް ޖަވާބު ނުދިނީ ޔޫހާއަށް ވިސްނޭތޯ. މިއަދު އަހަރެން ވަރަށް އުފާވެއްޖެ ޔޫހާ އަށް ވިސްނުނީތީ. މިއީ އަހަރެންގެ ދިރިއުޅުމުގެ އެންމެ އުފާވެރިދުވަސް. ޔޫހާ އަށް ވިސްނި އަހަރެން ބައްޕައަކަށް ވުމުގެ އުފާވެރި ޚަބަރު ލިބުން ދުވަސް.” ޒިހާމް ކަންތައް ވީގޮތް ޔޫހާއަށް ކިޔާދިނެވެ.
“އަހަރެންވެސް ވަރަށް އުފާވެއްޖެ. އަހަރެންނަށް ތިހާ ރަނގަޅު، އަހަރެން ދެކެ ތިހާ ލޯބިވާ ފިރިއަކު ލިބުނީތީ އަހަރެން ޝުކުރުކުރަން. ތޭންކްސް ޒިހާމް.” ޔޫހާ އުފަލުން ގޮސް ލޮލުން ކަރުނަ އައެވެ.
“އެކަމަކު ޔޫހާ. އަހަރެން މިހިރީ ވަރަށް ދެރަވެފައި. ޔޫހާ އަހަރެންނަށް އިތުބާރު ނުކުރީމަ. ޔޫހާ އަށް އެނގެން ޖެހޭނެއެއްނު އަހަރެން ޔޫހާ ދެކެ ކިހާ ލޯބި ވާކަން.” ޒިހާމް އަނގައަށް ވައްތަރެއް ޖައްސާލަމުން ބުންޏެވެ.
“ދެން ޒިހާމްވެސް ދޯ. ސޮރީ މައި ޑިއާ.” ޔޫހާ އެހެން ބުނުމަށްފަހު ޒިހާމްގެ ގައިގައި ބައްދާލިއެވެ.
“އިޓްސް އޯކޭ.” ޒިހާމް ގެ ދިރިއުޅުން އާފެށުމަކުން ފަށާ ދަރިފުޅަށް ލޯބިދީ ރަނގަޅު ތަރުބިއްޔަތެއް ދިނުމުގެ އަޒުމުގައި ޔޫހާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަނެވެ.
ނިމުނީ
ނޯޓު: މިއީ ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ބޭއްވި 2 ވަނަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ޒިޔާދާ އާދަމް، ގްރޭޑް 11 ބީ، ލިޔެފައިވާ، އަދި މުބާރާތުގެ އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަސް ނިމުމުން ނެވެ. މި ރަމަޟާން މަހުގެ ތެރޭގައި މުބާރާތުގެ އެންމެ މޮޅު 15 ވާހަކަ ގެނެސްދެވޭނެ އެވެ.