.
މުރަކައިގެ ފަރުތަކަކީ ކަނޑުގައިވާ ދިރުމުގެ ހަތަރު ބައިކުޅައެއްބައި ދިރިއުޅޭ ގޮވައްޗެވެ. ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ ރަށްތަކުގެ ގޮނޑުދޮށްތަކުގެ ހިމާޔަތުގައި މުހިއްމު ދައުރެއް އަދާކުރާ ފަރުތަކަކީ މިފަދަ އެތައް ޖަޒީރާ ގައުމުތަކެއްގެ މަސްވެރިކަމުގެ ސިނާއަތާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ވެސް މުހިއްމު އަސާސެކެވެ. ފިނިހޫނުމިން އިތުރުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުން އަދި ލޮނުގަނޑު ހޫނު ވުމަކީ ދިވެހިރާއްޖެ ފަދަ ގައުމަކަށް ކިހާ ނުރައްކާތެރި ކަމެއްކަން އަހަރެމެން ދަންނަމެވެ. އެކަންކަމުގެ ސަބަބުން ފަރުތަކަށް ލިބޭ ގެއްލުމަކީ މުސްތަޤްބަލަށް ހުރި ބޮޑު ބިރެކެވެ. މިފަދަ ހާލަތެއްގައި ތިބި ބަޔަކަށް އަނެއްކާ ވެސް މިވަނީ ހިތާމަވެރި ހަބަރެއް ލިބިފައެވެ.
ފެކްޓަރީތަކުން ބޭރުކުރާ ގްރީން ހައުސް ގޭސްތައް އިތުރުވަމުން ދިއުމުގެ ސަބަބުން ދުނިޔޭގެ ނާޒުކުރު ފާރުތައް ހިމާޔަތް ކުރުމަށް އޮތް ފުރުސަތު ހަނިވަމުންދާ ކަމުގައި އިނގިރޭސިވިލާތުގެ ސައިންޓިސްޓުންތަކެއް މިހަފްތާގައި ވަނީ ބުނެފައެވެ.
އިނގިރޭސިވިލާތުގެ ނެޝަނަލް ކްލައިމެޓް ޗޭންޖް ޖާނަލްގައި އާދީއްތަ ދުވަހު ޝާއިއު ކުރި ދިރާސާ ރިޕޯޓެއްގައި ބުނެފައިވަނީ ނުރައްކާތެރި ގޭސްތައް ބޭރުކުރުން ހުއްޓުވުމަށް ސީރިއަސް ފިޔަވަރުތަކެއް ނޭޅިއްޖެނަމަ 2030 ވަނަ އަހަރު އަންނައިރު ދުނިޔޭ 70 އިންސައްތަ މުރަކައިގެ ފަރުތަކަށް އަލުން އާލާނުވެވޭވަރަށް ހަލާކުވާން ފަށާނެއެވެ.
“ގުދުރަތީ ރީތިކަން ލިބިފައިވާ ދުނިޔޭގެ ނާޒުކު ފަރުތައް ހިމާޔަތްކުރުމަށް ހުރި ދޮރުމިހާރު ވަރަށް ހަނި. ކުރިއަށް މިއޮތް ދިހަވަރަކަށް އަހަރު ތެރޭ މިހާރު ބޭރުކުރާވަރަށް ކޮންޓްރޯލެއް ނެތި ގޭސްތައް ޖައްވަށް ބޭރުކުރާނަމަ އެދޮރު މުޅިން ބަންދު ވެގެންދާނެ.” މޫސުމަށް އަންނަ ބަދަލުތައް ދިރާސާކޮށް ޝާއިއު ކުރާ ނެޝަނަލް ކްލައިމެޓް ޗޭންޖް ޖާނަލްގައި ސައިންޓިސްޓް މޯލްޓޭ މެއިންޝޯސެން ލިޔެފައި ވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ 2160 ފަރެއްގެ މޮޑެލްތައް ނަގައިގެން މި ދިރާސާ ކޮށްފައިވަނީ ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާ އާއި އިނގިރޭސިވިލާތުގެ ޕޮޓްސްޑަމް އިންސްޓިޓިއުޓް ފޮރ ކްލައިމެޓް އިމްޕެކްޓްގެ އިތުރުން އޮސްޓްރޭލިއާގެ މެލްބަން ޔުނިވާސިޓީ އަދި ކްއީންސްލޭންޑް ޔުނިވާސިޓީ ގުޅިގެން ނެވެ.
ދިރާސާގައި ފާހަގަ ކޮށްފައިވާ ގޮތުގައި މިދިޔަ އެއްއަހަރު ދުވަސްތެރޭ ދުނިޔޭގެ އެކިގައުމުތަކުން ކާބަންޑައިއޮކްސައިޑް ބޭރުކުރި އަދަދު ވަނީ 3 އިންސައްތަ އިތުރު ވެފައެވެ. ވޭތުވެދިޔަ ގަރުނުގެ ތެރޭ ދުނިޔޭގެ ފިނިހޫނުމިނުން އެވަރޭޖްކޮށް ވަނީ 0.8 ޑިގްރީ ސެލްސިއަސް މައްޗަށް އުފުލިފައެވެ. އަދި މޫދު ލޮނުގަނޑު ހޫނު ވަމުން ދިއުމުގެ ސަބަބުން މުރަކަތައް ހަލާކުވުމާއި ގާ ހުދުވުމުގެ މައްސަލަ ވަނީ އިތުރު ވާން ފަށާފައެވެ.
ގާ ހުދުވުމަކީ މުޅިން މުރަކަ މަރުވާކަމެއް ނޫންކަމުގައި ވިޔަސް، ލޮނުގަނޑު މާހޫނުކޮށް ގިނަދުވަސް ވެއްޖެނަމަ މުރަކަ މަރުވުމަށް މަގުފަހިވާ ކަމެކެވެ. 1998 ވަނަ އަހަރު ވަނީ ދުނިޔޭގެ އެތައް ފަރުތަކަކަށް ގާހުދުވުމުގެ މައްސަލަ ދިމާވެ، ފަރުތަކުގެ ތެރެއިން 16 އިންސައްތަ ހަލާކުވެގެން ގޮސްފައެވެ. ކަނޑުގައި އެސިޑުގެ މިންވަރު އިތުރުވުމަކީ ވެސް މުރަކަތައް ހަލާކުވާ ކަމެކެވެ.
މިދިޔަ ހަފްތާ ތެރޭގައި ކުރި ތިމާވެއްޓާބެހޭ އެހެން ދިރާސާއެއްގައި ވެސް ވަނީ ފަރުތަކަށް ހުރި ނުރައްކަލުގެ ވާހަކަ ފާހަގަ ކޮށްފައެވެ. އިންޓަނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗާ އިން ކުރި އެދިރާސާގައި ކެރީބިއަން ސަރަހައްދުގެ ފަރުތަކަށް ހުރި ނުރައްކަލުގެ ވާހަކަ ގެނެސްދީފައި ވެއެވެ. 1970 ވަނަ އަހަރު އެސަރަހައްދުގައި މުރަކައިގެ ފަރުތައް ހުރިގޮތާއި މިހާރުގެ ހާލަތު ހުރިގޮތް ބަލައި ބޮޑެތި ތަފާތުތަކެއް ސައިންސްވެރިން ވަނީ ފާހަގަ ކޮށްފައެވެ.
ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ ތިމާވެށީގެ ނާޒުކަން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ސަމާލުކަމަށް ގެނައުމަށް ދިވެހިރާއްޖެއިން ވެސް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ކުދި ގައުމުތައް ސަލާމަތް ކުރުން ބޮޑެތި ގައުމުތަކުގެ އަތްމަތީގައި އޮތް އިރު، ކުދި ގައުމުތަކަށް މިކަމުގައި މާގިނަ ކަންތައްތަކެއް ކުރެވެން ނޯންނާނެކަމަށް ބައެއް މީހުން ބުނެފާނެއެވެ. ނަމަވެސް އަހަރެމެންނަށް ކުރިމަތިވަމުން ދާ ނުރައްކަލަކީ ކިހާވަރެއްގެ ކަމެއްކަން އެނގިތިބުމަކީ ކޮންމެ މީހަކަށް ވެސް މުހިއްމު ކަމެކެވެ.