.
މިއަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެތައް ބަޔަކު އިންތިޒާރު ކުރަމުން އައި އައިފޯނު 5 ބާޒާރަށް ނެރުނު ދުވަހެވެ. ސްމާޓް ފޯނުގެ ދުނިޔެއަށް ބޮޑު އިންގިލާބެއް ގެނައި އެޕަލް ކުންފުނީގެ އައިފޯނު 5 ނެރުނުއިރު ފޯނަށް ވަނީ ތަފާތު ބަދަލުތަކެއް ގެނެސްފައިއެވެ. މީގެ އިތުރުން އައިފޯނު 5 ބާޒާރަށް ނެރުމާދިމާކޮށް ޝައުގުވެރި ތަފާތު އެތައް ކަމެއް ހިނގާފައި ވެއެވެ.
ސައްވީސް ގަޑިއިރުތެރޭ 2 މިލިއަން ޕްރީ-އޯޑަރ
ސެޕްޓެމްބަރު 12 ވަނަ ދުވަހު އައިފޯނު 5 ދައްކާލުމަށްފަހު، ސެޕްޓެމްބަރު 14 ވީ ހުކުރު ދުވަހު އެޕަލް އިން ވަނީ އައިފޯނު 5 ގެ އޯޑަރުތައް ނަގަން ފަށާފައެވެ. އަދި 24 ގަޑިއިރުތެރޭ 2 މިލިޔަން އޯޑަރު ނަގާފައި ވާކަމަށް އެޕަލް އިން ވަނީ ބުނެފައެވެ. މިއީ އެޕަލް ތާރީޚުގައި ރިކޯޑެވެ. މީގެ ކުރިން ނެރުނު އައިފޯނު 4 އެސް އަށް ފުރަތަމަ 12 ގަޑިއިރު ތެރޭ ލިބިފައި ވަނީ ދެލައްކަ އޯޑަރެވެ.
އައިފޯނު ގަންނަން ކިޔޫ ހަދާފައި
މިމަހުގެ 12 ވަނަ ދުވަހު އެޕަލްގެ ކޮންފަރެންސްގައި އައިފޯނު 5 ދައްކާލައި މިއަދު ބާޒާރަށް ނެރޭނެކަމަށް އިއުލާނު ކުރި ދުވަހުން ފެށިގެން އައިފޯނަށް ލޯބި ކުރާ މީހުންތައް ތިބީ ކެތްމަދުވެފައި އެވެ. އައިފޯނު ގަންނަން މަރުދޭމީހުންތައް މީގެ ތިން ދުވަސް ކުރިން ފިހާރަތަކުގެ ބޭރުގައި ވަނީ ކިޔޫ ހަދަން ފަށާފައެވެ. އެމެރިކާގައި ހުންނަ އެޕަލްގެ މައި ފިހާރަ ބޭރުގައި ވެސް ތިން ދުވަސް ވަންދެން ބައެއް މީހުން ކައިބޮއި ނިދާ ހަދާފައި ވެއެވެ. ޖަޕާނުގެ ޓޯކިއޯގައި ބައެއް ފިހާރަތަކުގެ ކައިރީގައި ހަދާފައި އޮތް ކިޔޫތައް 400 މީޓަރަށް ދެމިފައި އޮތެވެ.
އައިފޯނުތަކެއް ވަގަށް ނެގުން
އައިފޯނު 5 ނެރެން ދެތިން ގަޑިއިރަށް ވެފައިވަނިކޮށް ޖަޕާނުގެ ފިހާރައަކުން ވަނީ އައިފޯނުތަކެއް ވަގަށް ނަގާފައެވެ. ފައިސާގެ އަދަދުން ބަލައިފިނަމަ އެއްލައްކަ ޑޮލަރަށް އަރާ އައިފޯނު 5 ގެ އެފޯނުތައް އަދި ވަނީ ނުހޯދިއެވެ. ނަމަވެސް ކަޅު ބާޒާރުގައި މިހާރު އައިފޯނު 5 ލިބެން އެބަހުއްޓެވެ.
ސެމްސަންގ އެސް ތްރީ އަދި ނޮކިއާ ލޫމިއާ
އައިފޯނު 5 އިއުލާނު ކުރި ދުވަހުން ފެށިގެން މީހުން ވަނީ އައިފޯނު 5 އާއި ސެމްސަންގ އެސްތްރީ އަދި ނޮކިއާ ލޫމިއާ އަޅާކިޔަން ފަށާފައެވެ. އެޕަލް ކުންފުނިންނާއި ސެމްސަންގ ކުންފުނިން އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަކޮށް އިޝްތިހާރުތަކާ އެއްޗެހި ވަނީ އާއްމުކޮށްފައިއެވެ. މި ތިން ފޯނު ސަޕޯޓަރުން ވެސް ސޯޝަލް މީޑިއާ ތަކާއި ބްލޮގް ތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް ހަޖޫޖަހަމުން އެބަދެއެވެ. ކޮންމެ ބަޔަކުވެސް ބަލަނީ އެމީހެއް ސަޕޯޓު ކުރާ ފޯނު މޮޅު ކުރެވޭތޯއެވެ.
އައިފޯނު 5 މާދަމާ މާލޭގެ ބާޒާރަށް
އައިފޯނު 5 މިއަދު ދުނިޔޭގެ އެކިކަންކޮޅުތަކުގެ ބާޒާރުގައި ވިއްކަން ފެށިއިރު، މާދަމާ ރާއްޖޭގެ ބާޒާރުގައި ހުންނާނެ ކަމަށް މިހާރު ވަނީ ހަބަރު ފެތުރިފައެވެ. ދުވަހު ނޫސް ހަވީރުގައި ރިޕޯޓު ކޮށްފައި ވާގޮތުން ރާއްޖޭގައި މޯބައިލް ފޯނުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ އެލް މޯބައިލް އިން މާދަމާ އައިފޯނު 5 ވިއްކަން ފަށާނެއެވެ.