.
“ލަދުގަތީތަ؟” މިހެން ބުނާ އަޑު އަޅުގަނޑުމެންނަށް އިވެމުންދަނީ މަދެއްކޮށެއްނޫނެވެ. ދުރުތާ ތިމާގެ މީހުންނާއި ގާތްތިމާގެ މީހުންގެ ފަރާތުން ނެވެ. އެކުވެރި ރަޙްމަތްތެރިންނާއި ލޯބިވެރިޔާގެ ފަރާތުންވެސް މެއެވެ. އެހެންނަމަވެސް މިއިން ކޮންމެފަހަރެއްގައިވެސް “ލަދު” މިމީހުން ނިސްބަތްކުރަނީ މަލާމާތުގެ ގޮތުގައެވެ. ހައިރާންވާންޖެހޭ ކަމަކީ ލަދުވެތި ކަމަކީ ކިހާ މުހިއްމު ސިފައެއްކަން އެމީހުންނަށް ނޭނގޭތީއެވެ. ލަދުރަކިވުމުން ފައިދާއެއް ލިބިދާނެކަމަށް ބައެއް މީހުންނަށްވިސްނިފައި ނުވާތީއެވެ.
އާންމުގޮތެއްގައި ލަދުރަކިވުމަކީ އެމީހެއްގެ ޠަބީއަތުގައި ލައްވާފައިވާ ސިފައެކެވެ. އެކިމީހުންގެ ކިބައިގައި މިސިފަ އަށަގެންފައިވަނީ އެކި މިންވަރަށެވެ. ބައެއް މީހުން ދެކޭގޮތުން ލަދުވެތިކަމަކީ ތިމާއަށް ކަންކަން ނާކާމިޔާބު ވެގެންދާ ކަމެކެވެ. ނަމަވެސް ލަދުވެތިވުމުގެ ފައިދާތައް ވެސް ގުނާ ހުސްނުވާހާ ގިނައެވެ. އޭގެތެރެއިން ބައެއް ކަންތައްތަކަށް ބަލާލާނަމެވެ.
ލަދުރަކިވުމަކީ އަޅައިގަންނަ ސިފައެއް
އަޅުގަނޑުމެންގެ ތެރެއިން ލަދުރަކި ގިނަ މީހުންނަކީ ކާމިޔާބީއަށް ވާސިލްވުމުގައި ކުޅަދާނަ ބައެކެވެ. އެމީހުންގެ ހުނަރުތައް މުޅިދުނިޔެއަށް ހާމަކުރުމުގައި އެފަދަ ދެވަނައެއްނެތް ބައެކެވެ. ލަދުވެތިވުމުގެ ފައިދާ ވަރަށް ގިނަ ފަހަރު މިބީދައިން ލިބޭނެއެވެ. އެހެން ނަމަވެސް އިންތިހާއަށް ލަދުވެތިކަން ހުރުމަކީ ތިމާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލޭ ކަމެކެވެ.
ކަމެއް ކުރުމުގެ ކުރިން ދެކޮޅުބަލާ ހޯދުން
އާއްމުގޮތެއްގައި ލަދުރަކިމީހުން ކަމެއް ކުރުމުގެ ކުރިން އެކަމާމެދު ވަރަށް ނިސްނާނެއެވެ. “ހަލާ ދަނޑީގެ ދެކޮޅު ބަލާށޭ” ބުނާ އުސޫލުން މިބައިމީހުން އެކަމެއްގެ ފައިދާ އާއި ގެއްލުމާމެދު ވިސްނުމުގައި ވަގުތު ހޭދަކުރާނެ އެވެ. މިކަމަކީ ދިރިއުޅުމުގައި ނިންމަންޖެހޭ ބޮޑެތި ނިންމުންތައް ނިންމުމުގައި ވަރަށް ފައިދާ ކުރާނޭ ކަމެކެވެ.
އެހެންމީހުންނާއި ރަޙްމަތް ތެރިކަން ބާއްވާ ގުޅުން ބަދަހިކުރުން
ލަދުރަކިކަން އާދައިގެ މިންވަރަކަށް ހުންނަ މީހެއްނަމަ، ތިމާގެ ވެށީގައި ދިރިއުޅޭ ފަރުދުންނާއި ގުޅުން ބަދަހިކުރަން ވަރަށް ފަސޭހަވާނެ އެވެ. އަދި ގުޅުންތައް ދަމަހައްޓަން ބާރުއަޅާނެއެވެ. ހަމަ އެއާއެކު މިކަމަކީ އެމުޖުތަމައެއްގައި ތިމާގެ ދިރިއުޅުން ކުރިއަރައިގެން ދާނޭކަމެއްވެސް މެއެވެ.
އެހެންމީހުންގެ ހިތްހަމަޖައްސައި ދިނުމާއި އެހެންމީހުންނަށް ބޭނުންވާ ޚިދުމަތްތައް ފުރިހަމައަށް އަދާކޮށްދިނުން
ތިމާއަކީ ލަދުރަކިމީހަކަށް ވެއްޖެނަމަ، އަނެކާގެ އިހްސާސްތައް ވަރަށް ރަނގަޅަށް ދެނެގަނެވޭނެއެވެ. މިގޮތުން މައްސަލަތައް އަޑުއެހުމަށާއި، އެއަށް ހައްލު ހޯދަން މިބައިމީހުން ވަރަށް އަވަސްވާނެއެވެ. އަދި މިމީހުންނަކީ އިންސާނިއްޔަތުކަންވެސް ވަރަށް ބޮޑަށް އެކުލެވޭ ބައެކެވެ.
އިތުބާރުކުރެވި އަމިއްލަ މަސައްކަތްތައް ކުރުމުގައި ކާމިޔާބުވުން
ބައެއް ވަޒީފާ ތަކަކީ އެކަހެރި މާހައުލެއްގައި، އަމިއްލަ ވިސްނުން ވަރަށް ބޮޑަށް ބޭނުންކުރަންޖެހޭ ވަޒީފާތަކެވެ. މިފަދަ ލަދުރަކި ގޮތެއް ހުންނަ މީހެއްނަމަ، އެހެން މީހުންގެ ފަރާތުން ލިބިދާނެ ހުރަހަކުން ރައްކާތެރިވެ، އެމީހެއްގެ ހުނަރާއި ޤާބިލިއްޔަތު މިފަދަ މަސައްކަތަކުން ވަރަށް ފުރިހަމަ އަށް ހާމަކޮށްލާނެއެވެ.
ގޮންޖެހުން ތަކުން އަރައިގަނެވުން
އާއްމުގޮތެއްގައި ތިމާއަކީ ލަދުރަކި މީހެއްނަމަ ގިނަ ގޮންޖެހުން ތަކާ ކުރިމަތިވުން އެކަށީގެންވެއެވެ. އެހެންނަމަވެސް މިފަދަ އުނދަގޫ އިހްސާސް ތަކުން އަރައިގަންނަން މިމީހުންނަށް އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ލަދުރަކި ކަމާދެކޮޅަށް މަސައްކަތް ކުރުމެވެ. އޭރުން ދަތި އުނދަގޫ ހާލަތް ތަކުގައި އަމަލް ކުރާނެގޮތް އެނގިގެން ދަނެއެވެ.
ތަޖުރިބާ ކާމިޔާބަށް ވާސިލްކޮށްދިނުން
ދިރާސާތަކުން ދައްކާ ގޮތުގައި، ލަދުރަކި މީހުންގެ ސިކުނޑި ރަނގަޅާއި ނުބައި “ސްޓިމިއުލައި” އަށްވެސް ނުހަނު އަވަހަށް މަސައްކަތް ކުރެއެވެ. މީގެ މާނައަކީ އުނދަގޫ މަރުހަލާ އަކާއެކު ހީނުކުރާ ކަހަލަ ރަނގަޅު ކާމިޔާބީއެއްވެސް ލިބުން ގާތެވެ. ވުމާއެކު ތިމާގެ ލަނޑުދަނޑިއަށް ވާސިލްވުމަކީ ނުހަނު ކައިރިގައި ވާ ކަމެކެވެ.
މަތީގައި ބަޔާންކޮށްފައި އެވަނީ ލަދުރަކިކަމުން ލިބިދާނެ ބައެއްފައިދާތަކެވެ. ލަދުވެތިކަމަކީ ރީތި ސިފައެކެވެ. ލަދުރަކި ކޮންމެ މީހަކީ އަޅުގަނޑުމެންގެ މުޖްތަމައުން އެކަހެރިވެފައިވާ މީހެއްކަމުގައި ނުދެކެމާތޯއެވެ. އެބައިމީހުންނަށް ފުރުސަތުތައް ހޯދައިދީ ކުރިއަށްގެންދަމާތޯއެވެ. ލަދުރަކި ކަމުގެ ސިފަ އަޅުގަނޑުމެންގެ ކިބައިގައި ހުރީ ކިހައި މިންވަރަކަށްތޯ ބަލައި އެކަމުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް އަވަސްވެގަންނަމާ ހިނގާށެވެ.
ނޯޓް: އެބައުޓް ޑޮޓްކޮމް ގައި އާލިން ސުންސިޗް ލިޔެފައިވާ ލިޔުމަކުން މަޢުލޫމާތު ނަގާފައި. އޭނާ އަކީ ކެނެޑާގެ ޔޯކް ޔުނިވަރސިޓީގައި ކްލިނިކަލް ސައިކޮލޮޖީ އިން މާސްޓަރސް ހަދާފައިވާ މީހެކެވެ.