.
އެލެކްޓްރޯނިކްސްގެ ވިޔަފާރީގައި އެންމެ ކުރީގައި މިހާރު އުޅޭ ސެމްސަންގ އެލެކްޓްރޯނިކްސްގެ ސްމާޓް ފޯނު ވިޔަފާރިން ލިބުނު ކުރިއެރުމުގެ ސަބަބުން އެކުންފުނީގެ ފައިދާ ރިކޯޑް މިންވަރަކަށް އިތުރު ވެއްޖެއެވެ.
ދާދިފަހުން ބާޒާރަށް ނެރުނު ސެމްސަންގ އެސްތްރީގެ ކާމިޔާބު ވިޔަފާރީގެ ސަބަބުން މިއަހަރުގެ ތިންވަނަ ކުއާޓާގައި އެކުންފުންޏަށް ފައިދާގެ ގޮތުގައި 7.3 ބިލިއަން ޔޫއެސް ޑޮލަރު (8.1 ޓްރިލިއަން ވޮން) ލިބޭނެ ކަމަށް ވަނީ އަންދާޒާ ކުރެވިފައި އެވެ. ދެކުނު ކޮރެއާގެ އެ ކުންފުންޏަށް މިދިޔަ އަހަރުގެ މިމުއްދަތުގެ ތެރޭގައި ލިބިފައިވަނީ އޭގެ ދެބައިކުޅަ އެއްބައެވެ.
“ގެލެކްސީ އެސްތްރީ އަދި މަތީފަންތީގެ ޓީވީ ތަކުގެ ވިޔަފާރި ހީކުރިވަރަށް ވުރެ ބޮޑަށް ވަނީ މައްޗަށް ގޮސްފައި.” އިންވެސްޓްމަންޓް އަދި ސެކިއުރިޓީ ދިރާސާ ކުރާ މީހެއް ކަމުގައިވާ ލީ ސަން ޓާއޭ ބީބީސީ އަށް މަޢުލޫމާތު ދީފައި ވެއެވެ.
މާކެޓް ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން މިކަމުގެ ސަބަބުން ސެމްސަންގ ގެ ހިއްސާގެ އަގުވެސް ވަރަށް ބޮޑަށް އުފުލޭނެއެވެ. ނަމަވެސް އެޕަލް ކުންފުނިން މިހާރު ވެސް ސެމްސަންގ އާ ދެކޮޅަށް ކޯޓުގައި އުފުލާފައިވާ ދައުވާގެ ސަބަބުން ހިއްސާގެ އަގުތަކަށް ވަނީ ހިޔަނި އެޅިފައެވެ.
އެމެރިކާގެ ކެލިފޯނިއާގެ ކޯޓަކުން ދާދިފަހުން ވަނީ އެޕަލް އިން ސެމްސަންގ އާދެކޮޅަށް އުފުލިދައުވާ އެޕަލް އާ އެއްކޮޅަށް ނިންމާ، 1 ބިލިޔަން ޑޮލަރު އެޕަލް އަށް ދެއްކުމަށް ސެމްސަންގ ގެ މައްޗަށް ހުކުމް ކޮށްފަ އެވެ.
ކޮރެއާގެ ސެމްސަންގ ކުންފުނިން ފޯނާއި ޓީވީ، ސްކްރީން، ސެމީކޮންޑަކްޓަރު، ގޭތެރޭ ގެންގުޅޭ ސާމާނު އަދި މީގެ އިތުރުން ވެސް ތަފާތުއެކު އެލެކްޓްރޯނިކްސް އުފައްދައެވެ.