twitterviber whatsapp telegramfacebookyoutube instagram
4th May 2024

ބޮސް ދެކެ ބިރުގަތުން ކުޑަކުރުން: މަސައްކަތަށް އާރޯކަން ލިބޭނެކަމެއް

Oct 15, 2012

.

ވަޒީފާގެ މައިދާނުގައި ހަރަކާތްތެރިވާ އިރު ކޮންމެ މުވައްޒަފަކަށް ވެސް ވެރިމީހެއް ނުވަތަ ސުޕަވައިޒަރެއް ހުރެދާނެއެވެ. މުވައްޒަފާ ހަވާލު ކުރެވޭ މަސައްކަތް ކުރަނީ ރަނގަޅަށްތޯ ބަލައި، ނުވަތަ އެމުވައްޒަފެއްގެ ހުރިހާ ކަމެއް ހަވާލުވެގެން ހުންނަ “ބޮސް” އަކީ ގިނަފަހަރު ކުރިމަތީގައި ހުންނަ ކެބިންގައި އިންނަ “ފުރޭތަ” އެއްކަމުގައި ބައެއް މުވައްޒަފުންނަށް ދެކެވެއެވެ. އެއީ ވަރަށް އާއްމު ކަމެކެވެ. ބޮސް ދެކެ ބިރުގަތުމަށް ތަފާތު ސަބަބުތައް ހުރެއެވެ. އެ ބިރުގެ ސަބަބުން ބައެއްފަހަރު ތިމާގެ މަސައްކަތައް އަސަރު ވެސް ކުރެއެވެ. އެއީ ބައެއް ފަހަރު ރަނގަޅު އަސަރުތަކަކަށް ވެސް ވެގެންދެއެވެ. އަނެއްބައި ފަހަރު އެއީ ނުރަނގަޅު އަސަރު ތަކަކަށް ވެސް ވެދާނެއެވެ.

ބޮސް ދެކެ ބިރު ގަންނަ ސަބަބުތައް ބައިވަރެވެ. މިގޮތުން ބަލާއިރު އެއްކަމަކީ ބޮސް ގެންގުޅޭ “ލީޑާޝިޕް” ސްޓައިލް އެވެ. ކޮންމެ ކަމެއްގައި ވެސް ރުޅި އިސްކޮށް މުވައްޒަފުންނާ ދޭތެރޭ ހަރުކަށިކޮށް އަމަލު ކުރާ ބޮސް އެއް ނަމަ، އެ ބޮސް ދެކެ މުވައްޒަފުން އަބަދުވެސް ތިބޭނީ ބިރުގެންފައެވެ. މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ރުޅި ގަދަ ބޮސް އަކަށް ވުމަކީ ކޮންމެހެން މުހިއްމު ކަމެއް ނޫނެވެ. ނަމަވެސް ރުޅިގަދަ ވެގެން ވެސް ބައެއްފަހަރު އުފެއްދުންތެރިކަން އިތުރު ނުވާނެ ވާހަކައެއް ނޫނެވެ.

ރުޅިގަދަ ނޫން ކިތަންމެ މަޑުމައިތިރި ބޮސް އެއްގެ ދަށުން މަސައްކަތް ކުރާ މުވައްޒަފެއްވެސް ބޮސް ދެކެ ބިރުގަނެދާނެއެވެ. އެއީ ބޮސްގެ މަގާމާއި އޭނާއަށް ލިބިފައިވާ ބާރު ދެކެ ގަނެވޭ ބިރެކެވެ. މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލާ ފޯމު ފުރަނީ ބޮސް ކަމުގައި ވަނީ ނަމަ، ބޮސް ދެކެ ބިރުގަތުމަކީ ހަމަ ވެދާނެ ކަމެކެވެ. ހަމައެހެންމެ ތިމާ ވަޒީފާގައި ދެމިހުރުން ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ބާރު ބޮސް ގެ އަތުގައި އޮންނާތީ ވެސް ބޮސް ދެކެ ބިރުގަނެވެއެވެ.

ކޮންމެ ކަމެއްގެ ސަބަބުން ވިޔަސް ބޮސް ދެކެ ބިރުގަތުމަކީ މައްސަލައެއް ނޫނެވެ. އެއީ ހަމަ ތޮބީއީ ގޮތުން އަހަރެމެންގެ ނަފްސުގައި ލައްވާފައިވާ ކަމެކެވެ. ނަމަވެސް އެ ބިރު އިތުރަށް ބޮޑުކުރުމަށް މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަދި ބޮސް ދެކެ ގަންނަ ބިރެއްގެ ސަބަބުން މުވައްޒަފުގެ މަސައްކަތަށް ނޭދެވޭ އަސަރު ކުރިޔަ ދިނުމަކީ ވެސް އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެންކަމުން ބޮސް ދެކެ އެގަންނަ ބިރު ކުޑަކޮށް މެދުމިނެއްގައި ބެހެއްޓުމަށް އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތު ކަންތައްތައް ކުރެވެން ހުރެއެވެ.

މިގޮތުން ކުރެވިދާނެ އެއްކަމަކީ އޮފީހުގެ މުވައްޒަފުންގެ މެދުގައި ޓީމް ބިލްޑިންގ އެކްސަސައިޒްތަކެއް ބޭއްވުމެވެ. މިސާލަކަށް މަހަކު އެއްފަހަރު ހުރިހާ މުވައްޒަފުން އޮފީހުން ބޭރުގެ ތަނެއްގައި ބައްދަލުކޮށްލާ، ސަޔެއް ނުވަތަ ކެއުމެއް ހަމަޖައްސާލެވިދާނެއެވެ. ނުވަތަ މުވައްޒަފުންނާއެކު ކުޅިވަރު ކުޅުން ފަދަ ކަންތައްތަކުގައި މަސްހުނިވެލައި އުޅެވޭނެ ކޮންމެ ވެސް އިންތިޒާމެއް ހަމަޖެއްސިދާނެއެވެ.

ދެވަނަ ކަމަކީ ސީނިއަރ މުވައްޒަފުން ނުހިމެނޭގޮތަށް ނުވަތަ ބޮސް ނުލައި، މުވައްޒަފުންގެ ހުރި ޚިޔާލުތައް ކޮންމެ ވެސް އިތުރު ތިންވަނަ ފަރާތަކާ ހިއްސާކޮށްލެވިދާނެ ގޮތަށް އިންތިޒާމެއް ހަމަޖައްސައިދޭށެވެ. އޭރުންވެސް މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ހަމަޖެހުން ލިބޭނެއެވެ.

ތިންވަނަ ކަމަކީ މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ބައިވެރިވެވޭ ކަހަލަ ޕްރޮޖެކްޓްތައް ރާވާށެވެ. އަދި އެޕްރޮޖެކްޓްތަކުގައި މުވައްޒުންނާއެކު ބޮސް ވެސް ބައިވެރިވާށެވެ. އޭރުން މުވައްޒަފުންނާ އެއް ގިންތިއެއްގައި ބޮސް ވެސް މަސައްކަތް ކުރާތަން ފެނުމުން މުވައްޒަފުންނާއި ބޮސް އާދެމެދު ވާ ފާރު ހަނިކުރެވޭނެއެވެ.

މިތަނުގައި މިފާހަގަ ކޮށްލެވުނީ ބޮސް އަށް އޮންނަ ބިރު ކުޑަކުރުމަށް ކުރެވިދާނެ ތިން ކަމެކެވެ. މީގެ އިތުރުން ވެސް ކުރެވިދާނެ ގިނަ ކަންތައްތަކެއް ހުންނާނެއެވެ. އަދި މި ކަންތައްތަކަކީ ބިރު ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ އިތުރުން ދުޅަހެޔޮ މަސައްކަތުގެ މާހައުލެއް ގާއިމު ކުރުމަށްވެސް މުހިއްމު ކަންތައްތަކެވެ. ކޮންމެ ވެރިއެއްވެސް ބޭނުންވާނީ ކޮންމެ އޮފީހެއްގައި އަދި ކޮންމެ ކުންފުންޏެއްގައި މަސައްކަތް ކުރިކަމުގައި ވިޔަސް މަސައްކަތުގެ އުފެއްދުންތެރިކަން އިތުރު ކުރުމެވެ. އެހެންކަމުން މަޝްހޫރު ފިލްމު “ޑެވިލް ވިއަރސް ޕްރާޑާ” ގައި މެރިލް ސްޓްރީޕް އަދާކުރި ރޯލް ކޮންމެހެން ކުޅުމަކީ މަޖުބޫރު ކަމެއް ނޫނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355