twitterviber whatsapp telegramfacebookyoutube instagram
19th April 2024

ސައިފް ރަސްގެފާނު ވާހަކަ (2)

Oct 20, 2012

.

މުހައްމަދު އާދަމް

އޮކްޓޯބަރ 13 ވަނަ ދުވަހުގެ ބަޔާ ގުޅޭ

ذى يزن ގެ ރަސްގެފާނު މިފަދަބޮޑު ލަޝްކަރާއިގެން މިފަދަ އިއްޒަތުގައި ދަތުރުކުރައްވާތާ ތިންވަނަދުވަސް ފާއިތުވެ ދިޔަފަހުން ހަތަރުވަނައަށްވީ ދުވަހު މާތްވެގެންވާ ކައުބަތުﷲ ގެފުޅާހަމައަށް ވަޑައިގެންނެވިއްޖެއެވެ. އެވަގުތު ކުއްލިއަކަށް ޔަސްރިބްގެ ވަޒީރު އަސްމަތިން ފުންމާލައްވައި ގެފުޅާއި ދިމާއަށް ކުރިމަތިލައްވާ ސަޖިދަކުރެއްވިއެވެ. އަދި ބުނުއްވިއެވެ. ހުރިހާ އަޅުކަމެއް ހައްޤުވެގެންވާ ކީރިވަންތަ ރަސްކަލާނގެއަށް މެނުވީ ސަޖިދަކުރުން އެކަށީގެނެއް ނުވެއެވެ. އެކަލާނގެއަކީ ޚަލްގުތަކުން ނެތުމުގެ ތެރެއިން ވުޖޫދަށްނެރުއްވި ރަސްކަލާނގެއެވެ. ޔަސްރިބްގެ ވަޒީރުމިކުރެއްވި ކަންތައްތައް ދެކެވަޑައިގެންފައި ރަސްގެފާނު ވަރަށްބޮޑަށް ހައިރާނާންވެ ވަޑައިގެންނެވިއެވެ. ނަމަވެސް ވަޒީރު ސަޖިދައިން ތެދުވެވަޑައިގަންނަވަންދެން މަޑުން ހުންނަވައިފިއެވެ. ދެން ވަޒީރު ސަޖިދައިން ތެދުވެވަޑައިގެންނެވިހިނދު، ރަސްގެފާނު ވިދާޅުވިއެވެ. އޭ ޔަސްރިބް އެވެ. ތިޔަކުރީ ކޮންކަހަލަ ކަމެއްހޭ؟ މަށަށްވެސް ތިޔަކަމުގެ ޚަބަރު ނިކަން އަންގާދީބަލާށެވެ. އެވަޤުތު ވަޒީރު ދެންނެވިއެވެ. އޭ ހިތްވަރުގަދަ ރަސްގެފާނެވެ. ހަމަކަށަވަރުން އަޅުގަނޑުމެންނަށް މިހާރު އާދެވިފައިމިތިބީ، މާތްރަސްކަލާނގެ މާތްކުރައްވާފައިވާ ގެކޮޅުހުރި ބިމަށެވެ. އެއީ މާތްވެގެންވާ މަލާއިކަތުންނާއި، ރަސޫލުބޭކަލުންނާއި، ނަބީބޭކަލުންގެ މަންޒިލެވެ. (މާތްރަސްކަލާނގެ އެބޭކަލުންނަށް ޞަލަވާތާއި ސަލާމް ލައްވާނެތެވެ.

އެގެފުޅަކީ ހަތްއުޑު ހެއްދެވި ރަސްކަލާނގެ ގެފުޅެވެ. އެ އުޑުތައްވަނީ މާތްވެގެންވާ މަލާއިކަތް ބޭކަލުންތަކުން ފުރިބާރުވެފައެވެ. އަދި އެއީ ހަތްބިން ހެއްދެވި ރަސްކަލާނގެ ގެފުޅެވެ. އެބިންތަކުގެ ބުރަދަންވަނީ ފެތުރިފައިވާ ފަރުބަދަތަކުން ހިފެހެއްޓިފައެވެ. އަދި އެ ގެފުޅަކީ އިރާއި، ހަނދާއި އަދި ރޭގަނޑާއި، ދުވާލު ހެއްދެވި ރަސްކަލާނގެ ގެފުޅެވެ. ދުނިޔޭގެ ހުރަހަށާއި ދިގަށް ވާހާތަނެއްގައި ވާހާއެއްޗެއް ހެއްދެވީ އެކަލާނގެއެވެ. އެކަލާނގެއަކީ ކޮންމެކަމަކަށްވެސް ސަބަބު މެދުވެރިކުރައްވައި ރަސްކަލާނގެއެވެ.

ޒީޔަޒަން ރަސްގެފާނު، ވަޒީރުގެ މިވާހަކަތައް އައްސަވާފައި ވިދާޅުވިއެވެ. އޭ ވަޒީރެވެ. އަހަރެމެން އެންމެން ހެއްދެވީ އެކަލާނގެ ކަމުގައި ވަޒީރު ބުނާނަމަވެސް އަހަރެމެން އަޅުކަންކޮށް މިއުޅެނީ ލާތަ އަށާއި ޢުއްޒާއަށް ނޫންހެއްޔެވެ؟ ދެން ވަޒީރު ދެންނެވިއެވެ. ލާތަ އާއި ޢުއްޒާވެސް އަދި ދުނިޔޭގައި ވާހާއެއްޗެއްވެސް އުފެއްދެވީ ހަމަ އެކަލާނގެއެވެ. އެކަލާނގެ މެނުވީ ހައްޤުވެގެން އަޅުކަމެއްކުރެވޭ އެހެން އިލާހަކު ނުވެއެވެ. ޒީޔަޒަން ރަސްގެފާނު ވިދާޅުވިއެވެ. ތިޔަހެންވިއްޔާ މިތާގެ ވަށައިގެން އެއްވެސް ރަށެއްނެތް ފަޅުވެފައިވާ ވިރާނާބިމެއްގައި މި ގެފުޅު ބިނާކުރީ ފަހެ ކާކުހޭ؟ އަދި އޭގެ ހިކުމަތަކީ ކޮބައިހޭ؟ ރަސްގެފާނުގެ މިސުވާލަށް ސާފުވެގެންވާ ބަޔާނެއް ދެއްވިއެވެ. އަދި ނޫހުގެފާނު ޒަމާނުއްސުރެ ފެށިގެން ގެފުޅާއިމެދު ހިނގާދިޔަ ހުރިހާ ހާދިޘާއެއް ސާފުސާފުކޮށް ރަސްގެފާނަށް ދަންނަވައިފިއެވެ. އެވަޤުތު އަނެއްކާވެސް ޒީޔަޒަން ރަސްގެފާނު، ވަޒީރު ކުރެން ގެފުޅާއި ބެހޭގޮތުން ކުރަންޖެހެނީ ކޮންކޮން ކަންތަކެއްތޯ އޮޅުންފިލުވުމުގެގޮތުން ސުވާލުކުރައްވައިފިއެވެ. ދެން ވަޒީރު ދެންނެވިއެވެ. ފައިބާވަޑައިގެން ގެފުޅަށް ޠަވާފު ކުރައްވާށެވެ. ދެން ރަސްގެފާނު ފައިބާވަޑައިގެން ޠަވާފް ކުރައްވާ ހެއްދެވުމަށްފަހު، ގެފުޅާއި ދޭތެރޭ ފެނިވަޑައިގެން ކަންތައްތަކާއިމެދު ވިސްނަވައި އަދި އެ ގެފުޅާއިމެދު އަޖާއިބުވެވަޑައިގަތެވެ. އޭރު ހިތްޕުޅަށް އަރާވަޑައިގެންނެވިއެވެ. ދުނިޔޭގައިވާ އެހެނިހެން ރަސްކަލުންގެ މައްޗައް ފަހުރުވެރިވުމަށްޓަކައި މިގެފުޅު ނަގައިގެން އަހަރެންގެ ރަށަށް ގެންދާނީއެވެ. އޭރުން ދުނިޔޭގެ މަޝްރިޤުން ފެށިގެން މަޣްރިބާއި ދެމެދުގައިވެސް މަށަށްވުރެބޮޑު އިއްޒަތްތެރި ރަސްކަލަކު ނުހުންނާނެއެވެ. އެހިނދު ވަޒީރަށް ވިދާޅުވިއެވެ. ފޭލިގެއަށް ދަމާ ހިނގާށެވެ. ދެން ވަޒީރާއި ދެކަލުން ޤާފިލާއަށް ވަޑައިގެން ޞަޔިވާންގެތެރެއަށް ވެދެވަޑައިގަންނަވާ ހަމައެވަޤުތު މަޖްލިސް ތައްޔާރުކުރުމަށް ހުކުމްކުރައްވައިފިއެވެ. ރަސްގެފާނު މަޖިލިސްކުރައްވައި ޞަޔިވާންއަކީ ރަތުރަނުން ކުރެހުން އަޅާފައިވާ، ހަތަރުސަތޭކަ މުޑީގެމައްޗަށް އުފުލިގައިވާ، އަދި އޭގެއަލިކަމުން މީހުންގެ ލޯތައް ތަރަތަރަ ޖަހައިގެންދާފަދަ ޞަޔިވާންއެކެވެ. އަދި އޭގެ ދޮރުކޮޅުމަތީގައިވަނީ ޖަވާހިރުގެ ބަނޑިޔާތައް އެލުވިފައެވެ. މިފަދަ އަގުމާތް ޒުހުޔަރާއި މި ތަބާބިއާގެ ރަސްކަމަކީ ސިކަންދަރު ޒުލްޤަރީން ގެ ރަސްކަމުންފެށިގެން ވާރުތަވަމުން އައިސްފައިވާ ކަމެކެވެ.

ދެންފަހެ މިފަދަ އިއްޒަތާއި ޝާންޝައުކަތުގައި، ދަރުބާރު ތައްޔާރުވެއްޖެ ހިނދު، ޒީޔަޒަން ރަސްގެފާނު ޔަސްރިބު ވަޒީރަށް ބައްލަވައި ވިދާޅުވިއެވެ. ” އޭ ވަޒީރެވެ. އަހަރެން ޤަސްދުކުރަނީ މިގެފުޅު ރޫޅާލައިގެން އޭގެހިލަތައް އަހަރެންގެ ރަށަށްގެންގޮސް އެތާގައި އަލުން ބިނާކުރުމަށެވެ. އެއީ ދުނިޔޭގެ އެހެނިހެން ރަސްރަސްކަލުންގެ މައްޗަށް އެކަމުގެސަބަބުން އަހަރެންގެ މަތިވެރި ކުރުމަށްޓަކައެވެ. އެވަޤުތު ވަޒީރު ދެންނެވިއެވެ. މާތްވެގެންވާ ރަސްގެފާނެވެ. މަނިކުފާނު ތިޔަ މަސައްތަތް ކުރެއްވުމުގައި ވަރުބަލިފުޅުވެ ވަޑައި ނުގަންނަވާށެވެ. އެހެނީ ތިޔަކަމުގެ މައްޗަށް މަނިކުފާނު ބުރަވެވަޑައިގެންފިނަމަ، އެކަމުގައި އެތައްދުވަސްތަކެއް ހޭދަވެގެން ހިނގައިދާނެއެވެ. އަދި މަނިކުފާނަށް މިހާރު ލިބިވަޑައިގެންފައިވާ ނަޞްރާއި ނަޞީބުގެ ބަދަލުގައި، ބަދުނަސީބުގެ ދުވަސްތަކަކާއި ކުރިމަތިލައްވަން ޖެހިދާނެއެވެ. ދެން ރަސްގެފާނު ވިދާޅުވިއެވެ. ނަމަވެސް މިކަން ނުކޮށެއް މިފަހަރަކު ހުއްޓައެއް ނުލާނަމެވެ. އަދި ރަސްގެފާނު ކޯފާއިސްވެގެން މޫނުފުޅު ރަތްވެގެން ދިއުމާއެކީ ވިދާޅުވިއެވެ. ފާޑުވެރިންނާއި މަސައްކަތްތެރިން ހާޟިރު ކުރާށެވެ. ދެން މިބައިމީހުން ހާޟިރު ކުރެވުނުއިރު، މިބައިމީހުންގެ ޢަދަދު ދިހަހާހެވެ. ރަސްގެފާނު މިބައިމީހުންނަށް ވިދާޅުވިއެވެ. ތިމަންރަސްގެފާނު ތިޔަބައިމީހުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަކީ މިގެފުޅު ނަގައިގެން އެހެންތަނަކަށް ގެންދިއުމަށެވެ. މިމަސައްކަތުގެތެރޭގައި އޭގެ ހިލައެއް އެއްޗެއް ބިންދައި ހަލާކުކޮށްފި މީހަކީ، އެމީހެއްގެ ހަށިގަނޑު ހަލާކުގެތެރެއަށް އެއްލާލިމީހެއްކަން ދަންނާށެވެ. ދެން މިބައިމީހުން އާދޭހޭ ދަންނަވާފައިދާއިރު އޭގެތެރެއިން އެކަކު އަނެކަކާ އެކަމުގެ ވާހަކަތައް ދައްކަމުން ދެއެވެ. ދެން ޒީޔަޒަން ރަސްގެފާނު އެމަނިކުފާނުގެ ޚާއްސަ ފޭލިގެކޮޅަށް ވަޑައިގެން އަމީރުންނާއި ވަޒީރުންނާއި އަދިވެސް ރަސްކަމުގެ ބޮޑުން އެއްކުރައްވައިގެން އެކަންކަމާއި ދޭތެރޭ މަޝްވަރާކުރެއްވުމުގައި އިރުއޮއްސިއްޖެއުމަށް ދާންދެން އިންނަވައިފިއެވެ. އެހާތަނުން އެމަޖިލިސް ރޫޅާލައްވައި އެމީހެއްގެ މަކާނަކަށް އެމީހަކު ފޮނުވައިލެއްވުމަށްފަހު ރަސްގެފާނުވެސް ރޭގަނޑުގެ އަވަހާރަފުޅަށް ވެދެވަޑައި ގަންނަވައިފިއެވެ. ފަތިހުގެ އުޖާލާ ނަލައަލިކަމާއެކީ ކަޅުފޮއި އަނދިރިކަމާއި ނިދާފައިއޮތް ދުނިޔެ ހޭލަމުންއައިވަޤުތު ޒީޔަޒަން ރަސްގެފާނުވެސް އަވަހާރަފުޅުން ހޭފުޅުލައްވައިފިއެވެ. ނަމަވެސް އެމަނިކުފާނަށްވަނީ ކެތްނުކުރެވޭފަދަ ގަދަވޭންތަކެއް އުފުއްލަވަން ޖެހިވަޑައިގެންފައެވެ. އެވަޤުތު ދައުލަތުގެ ބޮޑުން އެއްކުރުމަށް ރަސްގެފާނު އެދިވަޑައިގެން އެބޭބޭކަލުން ދުރުވެ، ރަސްގެފާނު އޮންނެވި ހާލުކޮޅު ދެކިލައްވައި ފިކުރުބޮޑުވެ ހައިރާންވެފައި ތިއްބަވަނިކޮށް ރަސްގެފާނު ވިދާޅުވިއެވެ. ޔަސްރިބު ވަޒީރުގޮވައިގެން އަންނާށެވެ. ވަރަށް ކުޑަކުޑަ އިރުކޮޅެއްގެތެރޭގައި މިބޭކަލުން ހާޒިރުވެއްގެހިނދު ވަޒީރު ދަންނަވައެވެ. އޭ މާތްވެގެންވާ ރަސްގެފާނެވެ. ޚަބަރަކީ ކޮބައިތޯއެވެ؟ ދެން ރަސްގެފާނު ވިދާޅުވިއެވެ. ތިމަން ރަސްގެފާނު ފަތިސްކުރެއްވިހިނދު އޮންނެވި ހާލުކޮޅަކީ މިއީއެވެ. ވަޒީރު ދެންނެވިއެވެ. ތިޔައީ އެގެފުޅުގެ ވެރިކަލާނގެ މަނިކުފާނަށް ޖެއްސެވި އާލާސްކަންފުޅެކެވެ. މަނިކުފާނު އެކަން ޚިޔާލުފުޅުން ދޫކޮށްނުލައްވައިފިނަމަ، އަވަހާރަވެދާނެކަމީ ޝައްކެއްނެތި އެނގޭކަމެކެވެ. ދެންހަމަ އެވަޤުތު ޒީޔަޒަން ރަސްގެފާނު އެޤަސްދުފުޅާއިމެދު ހިތާމަކުރައްވައި އެނުބައި ނިޔަތުގައި ގެފުޅާއި ކައިރިވެވަޑައިނުގަތުމުގެ މައްޗަށް ހުވާކުރެއްވިއެވެ. ދެން ވަޒީރު ދެންނެވިއެވެ. މަނިކުފާނު ތިޔަގޮތައް ޤަސްދުކުރައްވައިގެން ދެމިހުންނެވިކަމުގައި ވަނީނަމަ، މާދަމާއަށް މަނިކުފާނުގެ ހަށިކޮޅު އިހުހުރިފަދައިން ރުޖޫއަ ވެދާނެއެވެ. ދެން އަނެއްދުވަހު މުޅީން ފަސޭހަފުޅުވީމާ އަނެއްކާވެސް ގެފުޅުރޫޅައިގެން ގެންދެވުމަށް ހީފުޅުކުރެއްވިއެވެ. އަދި އެރޭ އަވަހާރަފުޅުން ހޭފުޅުލެއްވިއިރުވަނީ ކުރިން ޖެހިވަޑައިގެންނެވި އާލާސްކަންފުޅަށްވުރެ މާބޮޑު އެހެން އާލާސްކަންފުޅުތަކެއް ޖެހިފައެވެ. މިގޮތުގެމަތީން ތިންފަހަރަށް މާތްރަސްކަލާނގެ ޒީޔަޒަން ރަސްގެފާނަށް މިބަލިމަޑުކަން ޖެއްސެވިކަމުގައި ވެއެވެ. ކޮންމެފަހަރަކުވެސް ފަސޭހަފުޅުވަނީ ގެފުޅަށް އިހާނަތްތެރިމަގުން އެއްވެސް އަމަލެއް ނުކުރެއްވުމަށް އެތައްހުވައެއް ވިދާޅުވެގެންނެވެ. އެންމެފަހުން އާލާސްކަންފުޅު ޖެހުނުފަހަރު، އެމަނިކުފާނު އިސްލާމްވެވަޑައިގެންފިއެވެ. އަދި އެމަނިކުފާނުގެ ލަޝްކަރުވެސް އިސްލާމްދީން ޤަބޫލުކޮށް ނިމިއްޖެއެވެ. އެވަޤުތަކީ ވަޒީރު ޔަސްރިބުގެ ހިތުގައި ކުރީންސުރެ ވަންހަނާކޮށްގެންހުރި އީމާންކަން ރަސްގެފާނާއި އޭނާގެ އެކުވެރިންގެ ގާތުގައި ފާޅުކުރެއްވި ވަޤުތެވެ. މިގޮތުން އެވަޒީރުގެ އިއްޒަތާއި ޤަދަރު ރަސްގެފާނު އަރިއަހުގައި އިހުނަށްވުރެވެސް މަތިވެރެވެސް މަތިވެރިވެއްޖެއެވެ.

ދެންފަހެ، ހާއުފާވެރިކަންމަތީ ދުވާލުގެ ހަތަރުދަން ހޭދަކުރައްވައި، ރޭއަވަހާރަފުޅަށް އޮންނަވަނިކޮށް ޒީޔަޒަން ރަސްގެފާނަށް ހުވަފެންފުޅެއް ފެނިވަޑައިގަތެވެ. އެހުވަފެންފުޅުގައި މީހަކުއައިސް ދެންނެވިއެވެ. އޭ ރަސްގެފާނެވެ. މަނިކުފާނު އިސްލާމްވެވަޑައިގެންނެވުމުން ތިޔަ ލިބިވަޑައިގެންނެވި މާތްކަން އަދިވެސްބޮޑަށް އިތުރުވާހުށީ، ގެފުޅަށް ބަރަކާތްތެރިކޮށް ހިތްތެވުމުގެގޮތުން އެގެފުޅުގައި އުރަފުޅެއް ލެއްވިއްޔާއެވެ. ދެން ހޭފުޅުލައްވައިގެން ޔަސްރިބު ބަލާފޮނުވައިގެން ގެންނަވައި މިހުވަފެންފުޅުގެ ވާހަކަ ވިދާޅުވެދެއްވީމާ ދެންނެވިއެވެ. ހުވަފެންފުޅުގައި އަމުރުވެވިގެންވާފަދައިން ކަންތައް ކުރައްވާށެވެ. ދެން ރަސްގެފާނު އެގޮތް ޤަބޫލުފުޅު ކުރައްވާ ފަށުވިފޮތީގައި ރަނާއި ރިހިން ކުރެހުންއެޅި ޖަރީވެގެންވާ އުރަކޮޅެއް ތައްޔާރުކުރުމަށް ހުކުމް ކުރެއްވިއެވެ. ދެން މިކަން މިގޮތުގެމަތިން ކުރައްވައި ނިމުނުހިނދު، އެމަނިކުފާނު ހަށިކޮޅަށް އިހުހުރި ސިއްޙަތު ލިބިވަޑައިގެން އެންމެހާ އުނދަގޫފުޅުތަކަކާއި ވޭންތައްފިލާ ރަނގަޅުވެއްޖެއެވެ. މާތްރަސްކަލާނގެ ޒީޔަޒަން ރަސްގެފާނަށް މިހާކުޑަކުޑަ ވަޤުތުކޮޅެއްގެ ތެރޭގައި އެހުރިހާ ކަމަކުން ޝިފާ ދެއްވިކަމުގައި ވެއެވެ.

(ނުނިމޭ)

ނޯޓް: ވާހަކައަކީ ހ.ވައިޖެހޭގޭ އަޙުމަދު ރަޝީދު، ސ.ހިތަދޫ އިބްރާހީމް ޝާކިރު، ގ.ކިޔަވާގޭ އަބްދުއްޝުކޫރު: 18 ޑިސެމްބަރ 1966 ގައި ދިވެހިބަހަށް ތަރުޖަމާކޮށް އަތުލިޔުމުން ލިޔެފައިވާ ވާހަކައެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355