.
އޮކްޓޯބަރ 20 ވަނަ ދުވަހުގެ ބަޔާ ގުޅޭ
ދެންފަހެ، ހާއުފާވެރިކަންމަތީ ދުވާލުގެ ހަތަރުދަން ހޭދަކުރައްވައި، ރޭއަވަހާރަފުޅަށް އޮންނަވަނިކޮށް ޒީޔަޒަން ރަސްގެފާނަށް ހުވަފެންފުޅެއް ފެނިވަޑައިގަތެވެ. އެހުވަފެންފުޅުގައި މީހަކުއައިސް ދެންނެވިއެވެ. އޭ ރަސްގެފާނެވެ. މަނިކުފާނު އިސްލާމްވެވަޑައިގެންނެވުމުން ތިޔަ ލިބިވަޑައިގެންނެވި މާތްކަން އަދިވެސްބޮޑަށް އިތުރުވާހުށީ، ގެފުޅަށް ބަރަކާތްތެރިކޮށް ހިތްތެވުމުގެގޮތުން އެގެފުޅުގައި އުރަފުޅެއް ލެއްވިއްޔާއެވެ. ދެން ހޭފުޅުލައްވައިގެން ޔަސްރިބު ބަލާފޮނުވައިގެން ގެންނަވައި މިހުވަފެންފުޅުގެ ވާހަކަ ވިދާޅުވެދެއްވީމާ ދެންނެވިއެވެ. ހުވަފެންފުޅުގައި އަމުރުވެވިގެންވާފަދައިން ކަންތައް ކުރައްވާށެވެ. ދެން ރަސްގެފާނު އެގޮތް ޤަބޫލުފުޅު ކުރައްވާ ފަށުވިފޮތީގައި ރަނާއި ރިހިން ކުރެހުންއެޅި ޖަރީވެގެންވާ އުރަކޮޅެއް ތައްޔާރުކުރުމަށް ހުކުމް ކުރެއްވިއެވެ. ދެން މިކަން މިގޮތުގެމަތިން ކުރައްވައި ނިމުނުހިނދު، އެމަނިކުފާނު ހަށިކޮޅަށް އިހުހުރި ސިއްޙަތު ލިބިވަޑައިގެން އެންމެހާ އުނދަގޫފުޅުތަކަކާއި ވޭންތައްފިލާ ރަނގަޅުވެއްޖެއެވެ. މާތްރަސްކަލާނގެ ޒީޔަޒަން ރަސްގެފާނަށް މިހާކުޑަކުޑަ ވަޤުތުކޮޅެއްގެ ތެރޭގައި އެހުރިހާ ކަމަކުން ޝިފާ ދެއްވިކަމުގައި ވެއެވެ.
ދެން ރަސްގެފާނު ޤާފިލާ ނަންގަވައިގެން ހަތް ފަރުޒަހަށް ދަތުރުކުރައްވައި އަށްވަނައަށްވީ ފަރުޒަހަށް ކުރިމަތިލެއްވިހިނދު އެތަނަކީ ގަސްގަހާގެހި ރަނގަޅަށްހެދޭ، ފެހިކަންގަދަ ވާދީއެއްކަމުގައި ވިއެވެ. އަދި ދޫނިތައް ބިޔަގަސްތަކުގެ ގޮފިތައްމަތީ ތިބެގެން، މަތިވެރި މާތްރަސްކަލާނގެ ކިބަފުޅަށް ތަސްބީހަ ކިޔަމުންގެންދާއިރު އެތަނަކީ ސުވަރުގޭގެ ބަގީޗާއެކޭ ބުނެވޭފަދައެވެ. ދެން ޒީޔަޒަން ރަސްގެފާނުގެ އަމުރުފުޅަށް އެތާ ޤާފިލާ މަޑުކުރައްވައި އެރޭ އެތާ ރޭކުރައްވައިފިއެވެ.
ދެންފަހެ ފަތިސްވެ އިރުގެ އަލިކަން ދުނިޔެމައްޗަށް ފާޅުވުމާއިއެކީގައި ޔަސްރިބު ވަޒީރު ޒީޔަޒަން ރަސްގެފާނުގެ ފޭލިގެއަށް ވަންނަވައި އަދަބު އަދާކުރައްވައި ދެންނެވިއެވެ. އިއްޒަތްތެރި ރަސްގެފާނެވެ. މަނިކުފާނަށް ބަރަކާތް ހުއްޓެވެ. އަދި މަނިކުފާނަށް މާތްރަސްކަލާނގެ އުފާވެރިކަން އިތުރުކުރައްވާނެތެވެ. އަޅުގަނޑު މިބިމާއި ވަރަށްބޮޑަށް ޤަބޫލުވެއްޖައީމެވެ. އެގޮތަކީ މިތަނަކީ އާބުހަވާ ރަނގަޅު ވަސްމީރުތަނެކެވެ. މިހެންވެ އަޅުގަނޑު ޤަސްދުކުރަނީ މަނިކުފާނު އަމުރުފުޅު ދެއްވައިފިނަމަ މިތާގައި ރަށެއް ބިނާކުރުމަށެވެ. އެހެނީ އަޅުގަނޑު އިހުޒަމާނުގެ ފޮތްފޮތުން އަދުނާންގެފާނުގެ ދަރިކޮޅުން ހާޝިމްވަންހައާއި ޤުުރައިޝް ވަންހައިގެތެރެއިން ނަބީއަކު ފޮނުއްވޭނޭ ވާހަކަ ދެކެމެވެ. އެއީ އެންމެފުރަތަމަ ހެއްދެވި ނަބީކަލޭގެފާނެވެ. އަދި އެންމެފަހުން ރަސޫލުކަމާއިގެން ފޮނުއްވާނެ ސާހިބާއެވެ. އެމަނިކުފާނު މައްކާއިން ހިޖުރަ ކުރައްވާހުށީ މިމާތްވެގެންވާ ބިމަށެވެ. އަދި މިތާނގައި އެކަލޭގެފާނު ސުވަރުގެވަޑައިގެން ފަސްދާނުވެޑުވޭ ހުއްޓެވެ. މިހެންވެ މިރަށަށް އަޅުގަނޑު ނަންދޭހުށީ އަޅުގަނޑުގެ ނަމުންނެވެ. މި މާތްވެގެންވާ ނަބީކަލޭގެފާނަކީ ހެޔޮކަންތައްތަކަށް އަމުރުކުރައްވައި މުންކަރާތްތައް ނަހީކުރައްވައި، އަދި ބަޔާންވެގެންވާ ހެކިތައްދައްކަވައި ފާޅުވެގެންވާ މުއުޖިޒާތްތައް ނެރުންވާ ކީރިތިކަމުގެ ސާހިބާއެވެ.
ވަޒީރު މިދެންނެވި ވާހަކަފުޅުތަކާއި ރަސްގެފާނު ވަރަށްބޮޑަށް ރުހި ޤަބޫލުފުޅުވެވަޑައިގެން އިންނެވުމާއިއެކު ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަންރަސްގެފާނު ތިޔަކަމަށް ހުއްދަކުރައްވައިފީމެވެ. ދެން ރަސްގެފާނުގެ އިއްޒަތް މަތިވެރިކުރެއްވުމަށާއި ނިއުމަތް އިތުރުކުރެއްވުމަށް ވަޒީރު ހެޔޮދުޢާ ކުރެއްވުމަށްފަހު އެތަނުން ނިކުންނަވައި ލަސްކަރަށް އަމުރުކުރައްވައިގެން އެރަށް ބިނާކުރެއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިިވެލައްވައިފިއެވެ. ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ރަށުގެ ބިންގާ އަޅުއްވައި އޭގެމައްޗަށް ފާރުތައް ރާނުއްވައި އިމާރާތްތައް ނަންގަވައި ފުރިހަމަ ރަށެއްގެގޮތުގައި އެތަން ހައްދަވައި ނިންމަވައިފިއެވެ. އަދި އެތާގައި އަންހެނުންނާއި ފިރިހެނުން ވަޒަންވެރިކުރުވައި ފަތްކޮޅެއްލިޔުއްވައި، އެބައިމީހުންގެ އަތަށް ދެއްވައި ބުނުއްވިއެވެ. ތިޔަބައިމީހުން މިރަށުގައި ޤާއިމްވެ ތިބޭތިބުމުގައި ތިޔަ ފަތްކޮޅަށް ރައްކައުތެރިވާށެވެ. ކުރިއަށްއޮތް އަހަރުތަކުގެތެރެއިން އަހަރެއްގައި ތިޔަބައިމީހުންގެ ގާތަށް، މައްކާގެ ހަރަމްފުޅުން ހިޖުރަކުރާ މީހަކަށް ތިޔަދޭށެވެ. ދެން ރަށުގެ އަހުލުވެރީން ދެންނެވިއެވެ. އޭ މާތްވެގެންވާ ވަޒީރެވެ. މިރަށަށް މައްކާގެ ޙަރަމްފުޅުން ކޮންމެމީހަކު ހިޖުރައަށް އަޔަސް އެފަތްކޮޅު ދޭންވީތޯ އެވެ. ވަޒީރު ބުނުއްވިއެވެ. ނޫނެކެވެ. މިއަކުރުތަކުން ނަންކިއިގެންވާ މީހަކަށް އެ ރައްދުކުރާށެވެ.އެއީ އޭގެ ވެރިޔާއެވެ. އެފަތްކޮޅުގައި އެމީހެއްގެނަން މިއަކުރުތަކުން ލިޔެވިގެންވާނެއެވެ. އަދި އޭގައި ލިޔެވިފައިވެއެވެ. (هذه مد ينة يشرب الوزير المرنب )
ދެން އެމީހުން އެފަތްކޮޅު ބަލައިގެން އެފަތްކޮޅު ފޮށިކޮޅައްލައި އެފޮށިކޮޅު ޤުއްބެއްގެތެރޭގައި ރައްކާކޮށްފިއެވެ. އަދި އެބައިމީހުން އެފަތްކޮޅުގެ މައްޗަށް ރައްކާތެރިވެ އަމާނާތްތެރިކޮން ހިތުމުގެ މައްޗަށް ހުވާކޮށްގެން ތިބޫއެވެ. ދެންފަހެ މިގޮތުގެމަތީން ސައްޔިދިނާ މުޙައްމަދުގެފާނު ނަބީކަމާއިގެން ފޮނުއްވެވުމަށްދާންދެން އެއްޒަމާނަކުން އަނެއްޒަމާނަކަށް، އެއް ޤަބީލާއަކުން އަނެއް ޤަބީލާއަކަށް މިފަތްކޮޅު ހަވާލުކުރެވެމުން އައެވެ. އެންމެފަހުން އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވެވުމުން އެކަލޭގެފާނުންގެ ރަށުގެމީހުން ދެކޮޅުވެރިވެ ރަށުގައި ހުންނެވިޔަނުދީ، ދުއްތުރާކުރާންފެށުމުން މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވުމުން އެރަށުގެ އަހުލުވެރިން އެކަލޭގެފާނުގެ އަތްޕުޅަށް އެއްކަލަފަތްކޮޅު އަރުވައިފިއެވެ. އަދި އެރަށުގެ އަހުލުވެރިން މާލުންނާއި ޖާނުންފިދާވެ އެކަލޭގެފާނަށް ނަޞްރު ދިނޫއެވެ. މިފަތްކޮޅާއި ދޭތެރޭ މިހިނގި ކަންތައްތަކާއި އަދި އޭގައިވާ ލިއުމާއި މިކަންތައްތައްވަނީ ޒީޔަޒަން ރަސްގެފާނުގެ އަމުރުފުޅަށް ކުރެވުނު ކަންތައްތަކެއް ކަމުގައެވެ.
ދެން މިފަތްކޮޅުގެ އެންމެހާ ކަންކަމުން ނިމުމަށްފަހު، ތިންދުވަސްފަހުން ދަތުރަށް ފައްޓަވާނޭކަން އަންގަވައިފިއެވެ.ހަތަރުވަނައަށް ވީދުވަހު އަރަބި ލަސްކަރު ތައްޔާރުވެ ސަމާލްވީމާ، ޒީޔަޒަން ރަސްގެފާނުން އެބައިމީހުންގެ ކުރިފުޅުމައްޗަށް ނިކުމެވަޑައިގަތްހިނދު ހީވަނީ ރުޅިގަދަވެގެންވާ ސިންގާއެއްހެންނެވެ. އެއްފަރާތުގައި ޔަސްރިބު ވަޒީރެވެ. ދެން ރަސްގެފާނު ވިދާޅުވިއެވެ. ތިމަން ރަސްގެފާނު މިހާރުމި ޤަޞްދުކުރައްވަނީ ބަޢުލަބާކްގެ ކިއްލާއަށެވެ. ވީމާ އެތަނަށްދިއުމަށް ލަޝްކަރު ނަގައިގެން ދަތުރުކުރާށެވެ. ދެންފަހެ މިފަދަބޮޑު ލަޝްކަރަކާއިގެން ޒީޔަޒަން ރަސްގެފާނު ދަތުރުފުޅު ކުރައްވާތާ ކުޑަދުވަސްކޮޅެއްގެތެރޭގައި ބަޢުލަބާކްގެ ރަށުގެ ވާދީތަކާއި ހަމަވެއްޖެއެވެ. ދެން ޤާފިލާ މަޑުކުރުމަށް އަމުރުކުރައްވައި އެތަނަށް ފައިބާވަޑައިގެން އަސްތަކަށް ވިނަކާންދިނުމަށް ދޫކޮށްލައްވާފައި، ފޭލިގެތައް ޖަހާން އަންގަވައިފިއެވެ. މިގޮތުގައި މިތާނގައި އުފާފާޅުކޮށްހެދުމަށް ތިންދުވަސްވާންދެން ހުންނެވިއެވެ.
ދެން ބަޢުލަބާކްއަށް ޒީޔަޒަން ރަސްގެފާނުންގެ ލަޝްކަރު މިރަށަށް ޖަމަޢުވެއްޖެ ޚަބަރުލިބިއްޖެހިނދު އެރަސްގެފާނަށް ފަތްކޮޅެއް ފޮނުއްވުމަށް އަމުރުކުރެއްވިއެވެ. އޭގައި ލިޔެފައިވެއެވެ. މާތްވެގެންވާ ބަޢުލަބާކްގެ ފަރާތްޕުޅުން އަޅުގަނޑުމެން އެދެނީ ތިޔައީ ކޮންތާކުން ކޮންތާކަށް ދަތުރުކުރައްވާ ރަސްކަލެއްތޯއާއި އަދި އަޅުގަނޑުމެންގެ ކިބައިން ކޮންކަމަކަށް އެދިގެންއައި، ބައެއްކަން އަންގަވައި ދެއްވުމެވެ. ދެން ޚާއްޞަ ޚާދިމަކުގެނެސް އަމުރުކުރެއްވީ އޭނާއާއިއެކު ފަންސާސް އަސްވާރުން ގޮވައިގެންގޮސް، މިފަތްކޮޅުގެ ޖަވާބު އަތުލައިގެން އައުމަށެވެ. ދެން މި ޚާދިމް އާދޭހޭ ދަންނަވާފައި އަސްވާރުންގެ ފަންސާސް މީހުންނާއެކީ ދަތުރުކޮށްފައިގޮސް ޒީޔަޒަން ރަސްގެފާނު ވަޑައިގެން ހުންނެވި ހިސާބަށް ހިނގައްޖެއެވެ. އަދި ޞައިލާންގެތެރެއަށް ވަނުމުގެ އިޒްނަލިބިގެން އެތެރެއަށްވަދެ، ބިމުގައި ނިތްކުރި ޖައްސަވައި ރަސްގެފާނުގެ އިއްޒަތާއި ޤަދަރު މަތިވެރިކުރެއްވުމަށްއެދި، ހެޔޮދުޢާތައް ކޮށްފައި އެއްކަލަ ފަތްކޮޅު އަރުވައިފިއެވެ. ދެން ރަސްގެފާނު އެފަތްކޮޅުގައި ހިއްޕަވައި ޔަސްރިބު ވަޒީރުގެ އަތަށް ދެއްވައިފިއެވެ. ދެން ވަޒީރު އެފަތްކޮޅު ކިއުއްވިހިނދު އޭގައިވާއެއްޗެއް އައްސަވައި އެމީހުންނަށް ކަމޭހިއްތަވައި މަތިވެރިވެގެންވާ އިނާމުތައް ދެއްވައި މާތްވެގެންވާ ފަތްކޮޅެއް ތައްޔާރުކުރައްވައި އޭގައި ކަންފެށުނީއްސުރެ ނިޔަލަށް ހުރިހާ ވާހަކައެއް ބަޔާންކުރައްވައި މިބައިމީހުންގެ އަތުގައި ބަޢުލަބާކް ރަސްގެފާނަށް ފޮނުވައިފިއެވެ.
ދެންފަހެ މިފަތްކޮޅު ބަޢުލަބާކްގެ އަތްޕުޅަށް ލިބިވަޑައިގެންހިނދު އޭގައިވާ އިޝާރާތްތަކަށް ބައްލަވައި ވިސްނަވައި އަދި ހައިރާންފުޅުވެ އަޖާއިބުވެގެން އެންމެފަހުން ދާންމަތިކޮޅަށް ތިރިވެއްޖެއެވެ. ދެން ބަޢުލަބާކް ރަސްގެފާނުންގެ އަމުރުފުޅަށް ހަތްފަހަރު ކެވޭހާ ޖާފަތް އެތަނަށް ނެރުއްވައި ތިންދުވަސްވަންދެން ލިއާފަތް ޤާއިމްކުރައްވައި، ހަތަރުވަނައަށް ވީދުވަހު ބަޢުލަބާކް އޭނާގެ ރަށުން ނުކުމެވެޑައިގެން އަސްމައްޗަށް ސަވާރުވެވަޑައިގެންފިއެވެ. އަދި ރަސްގެފާނުގެ އަރިހުގައި އަމީރުންނާއި ވަޒީރުންނާއި ސިފައިންވެސް ސަވާރުވެގެން ޒީޔަޒަން ރަސްގެފާނާއި ބައްދަލުކުރުމަށް ދަތުރު ފައްޓަވައިފިއެވެ. ޒީޔަޒަން ރަސްގެފާނަށް މިޚަބަރު ލިބިވަޑައިގެންހިނދު ބޮޑުންގެ ޖަމާއަތަކާއިގެން ބަޢުލަބާކް ރަސްގެފާނާއި ބައްދަލުކުރެއްވުމަށް ނުކުމެވަޑައިގެން ދެރަސްކަލުން ބައްދަލުކުރައްވައި ސަލާމް ގަލާން ކުރެއްވުމަށްފަހު ދެބޭފުޅުން އެކުގައި ޒީޔަޒަން ރަސްގެފާނުގެ ޤާފިލާއަށް ވަޑައިގެންފިއެވެ. ހަމަ އިސާހިތަކު ދަސްތަރުހާން ތައްޔާރުކުރެވި ރަހަމީރުވެގެންވީ ފަރިއްކޮޅުތަކާއި ޝަރުބަތު ނަބީޒާއި، ތާޒާވެގެންވީ ފާޑުފާޑުގެ މޭވާތައް ހާޟިރު ކުރެވިއްޖެއެވެ.
ދެން ދެރަސްކަލުންނާއި ދެރަސްކަލުންގެ އަޞީރުން ވަޒީރުން ފަރިއްކޮޅަށް އިންސާފުކުރައްވައި ނިމުމަށްފަހު، އެންމެފަހުން ކުރިމަތިވެގެން މިއުޅޭ މައްސަލައާ މެދު ވާހަކަފުޅު ދައްކަވާން ފައްޓަވައިފިއެވެ. އެވަޤުތު ބަޢުލަބާކް، ޒީޔަޒަން ރަސްގެފާނާ ދިމާއަށް ބައްލަވާލައްވާފައި ވިދާޅުވިއެވެ. އޭ މާތްވެގެންވާ ރަސްގެފާނެވެ. މަނިކުފާނު އަޅުގަނޑުގެރަށަށް ފައިންޕުޅު އަޅުއްވަން ޖެހިވަޑައިގެން ސަބަބެއް އަންގަވާލަ ދެއްވިދާނެތޯއެވެ. ދެން ޒީޔަޒަން ރަސްގެފާނު ވިދާޅުވިއެވެ. އޭ ބާއްޖަވެރިކަމުގެ ވެރިސާހިބާއެވެ. އަޅުގަނޑު އެއްދުވަހަކު އަޅުގަނޑުގެ ލަސްކަރު ގިނަކަމާއި މުދާވެރިކަމާއިމެދު ވިސްނާފައި ޔަސްރިބު ވަޒީރުކުރެން މިހެން ސުވާލެއް ކުރީމެވެ. މިޒަމާނުގައި މިގޮތުގެމަތީން އަހަންނާ އެއްފަދަވެގެންވާ އެއްވެސް ރަސްކަލަކު މިބިންމަތީގައި ވޭހެއްޔެވެ. ދެން ވަޒީރު ބުންޏެވެ. ޝާމްކަރާގައި މަނިކުފާނާއެއްފަދަ ނުވަތަ މަނިކުފާނަށްވުރެ ގަދަފަދަ ރަސްކަލަކު ވެއެވެ. ވީމާ ވަޒީރުގެ ވާހަކައިގެ ހުރިނެތްގޮތް ބަލާލުމަށް އަޅުގަނޑު އެދުންވެރިވީއެވެ. އަޅުގަނޑުކުރެން މަނިކުފާނު އެދިވަޑައިގެންނެވި ސުވާލުގެ ޖަވާބު މިހާރު މިދަންނަވާ ނިމުނީއެވެ. މިނޫންކަމެއް އަޅުގަނޑުގެ ކިބާގައި ނުވެއެވެ.
ޒީޔަޒަން ރަސްގެފާނު މިވިދާޅުވި ވާހަކަތަކުގެ އަޑު ބަޢުލަބާކު އައްސަވާފައި އަޖާއިބުފުޅުވެގެން ނަމަވެސް ހިނިފުޅު ވަޑުވާލައްވާފައި ވިދާޅުވިއެވެ. އޭ މާތްވެގެންވާ ރަސްގެފާނެވެ. މާދަމާ ތިޔަގޮތެއް އެނގިވަޑައިގެންފާނެއެވެ. ދެން އުފާވެރިކަމުގެ ވާހަކަތައް ދައްކަވަން ތިއްބަވަނިކޮށް ރަތްވިލާލައި އިރުއޮއްސުމުގެ ހިތްފަސޭހަ މަންޒަރުތައް ދުނިޔެމަތީން ފެންނާން ފެށުމުން ބަޢުލަބާކު ސަވާރުވެ ވަޑައިގަންނަވައިގެން ރަށަށް ވަޑައިގެންނަވައިފިއެވެ. ދެވަނައަށްވީ ދުވަހު ބަޢުލަބާކުގެ ރަސްކަލުންގެ ތެރެއިން، ޒީޔަޒަން ރަސްގެފާނުގެ އަރިއަހަށް ހުށަހެޅުނު ޢިލްމުވެރިންގެ ޢަދަދު ރަމަލުންވެސް ހިމެނޭވަރެއް ނޫނެވެ. ތަފާތު ބައިތަކުގެ ސިފައިންނާއި، އަސްވާރުންނާއި، އަބްޠާލުންގެ ގިނަކަމާއި ހުޝިޔާރުކަމުން ޒީޔަޒަން ރަސްގެފާނު އަޖާއިބުފުޅުވެ ހައިރާންފުޅުވާން ޖެހިވަޑައިގަތެވެ. ތިންވަނައަށްވީ ދުވަހު ބަޢުލަބާކުގެ ރަށަށް ވަޑައިގެން ދެއްވުންއެދި ދިހަ ސަރުދާރުންނާއިއެކު ބޮޑުވަޒީރު ޒީޔަޒަން ރަސްގެފާނުގެ އަރިހަށް ފޮނުއްވެވިއެވެ. ބޮޑުވަޒީރު މި ޖަމާއަތާއިގެން ދުރުވެ، ޒީޔަޒަން ރަސްގެފާނަށް އަދަބު އަދާކުރައްވައި ދަންނަވައެވެ. އޭ، މަތިވެރިކަން ބޮޑުވެގެންވާ ރަސްގެފާނެވެ. މަނިކުފާނާއި މަނިކުފާނުގެ އަޢުވާނުން ބައުލަބާކްގެ ރަށަށް ޒިޔާރަތްކުރެއްވުން އެރަސްގެފާނު ވަރަށްބޮޑަށް އެދިވަޑައިގަންނަވައެވެ. ޒީޔަޒަން ރަސްގެފާނު އެކަން ޤަބޫލުކުރައްވައި ބޮޑުވަޒީރަށާއި އޭނާގެ ޖަމާއަތަށް މާތްވެގެންވާ ހަދިޔާދެއްވާ ރަސްގެފާނު އައުވާނުންނާއިގެން، އެބައިމީހުންނާއިއެކީ ދަތުރަށް ފައްޓަވައިފިއެވެ.
ކުޑައިރުކޮޅެއްގެ ފަހުން ވަޑައިގެން ވަދެވުނީ ވަރަށް ހިތްގައިމު ރީތި ބަގީޗާއަކަށެވެ. އެތާނގައި އެތައް ބުރިއަކަށް އިމާރާތްކުރެވިގެންވާ ވަރަށްރީތި ގަނޑުވަރެއް ހުއްޓެވެ. މިގަނޑުވަރުގެ ފުޅާމިނާއި ދިގުމިނުގައި ކޮންމެ ބިތެއްގައިވެސް ނުވަދިހަ ނުށްހުއްޓެވެ. އެއީ ފެހިކުލައިގެ ޒުމައްރަދު އާއި، ރަންމުތުން މަރުމަރު ހިލާގައި ކުރެހުން އަޅައިގެން ހަދާފައިވާ ގަނޑުވަރެކެވެ. އަދި އެގަނޑުވަރަށް ވަދެނުކުމެވާންހުރި ސާދަ ދޮރުކޮޅު ހަދާފައިހުރީ އަންދަލުސްގެ ރަންވަން ލޯއިންނެވެ. މިތަން ވިދާ ބަބުޅާވަރުން ދެކޭމީހާގެލޯ ތަރަތަރަ ޖަހައިގެންދާވަރުވެއެވެ. އެޒަމާނުގައި އެފަދަރީތި ފުރިހަމަކަންބޮޑު އެހެންތަނެއް ނުވެއެވެ. ދެން ޒީޔަޒަން ރަސްގެފާނު ވަޑައިގެން އެތަނަށް ވެދެވަޑައިގެންނެވުމާއިއެކީ ބައުލަބަކު ރަސްގެފާނު ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެ ކޮޅުނެތްކޮޅަށް މާތްކޮށް ހިއްތެވުމަށްފަހު އެއްދަތުގެ ތަހުތެއްގައި، ސާފުރަނުގެ ދޫލަކޮޅެއްގެމަތީގައި ދެރަސްކަލުން އިށީނދެވަޑައިގެންފިއެވެ. ދެންހަމަ އިސާހިތަކު ތަފާތު ކުލަކުލައިގެ ރަނާއި ޖަވާހިރުގެ ތަށިކޮޅުތަކުގައި މާތްވެގެންވީ ފަރިއްކޮޅުތައް ހާޒިރުކުރެވި އެންމެބޭފުޅުން ޝަރުބަތާއި ނަބީޒް ހިއްޕަވައި، ދެން ނާޗަރަންގީގެ ކުޅިވަރު ފެށިއްޖެއެވެ. މިކަމުން ނިމުނީމައި ޒީޔަޒަން ރަސްގެފާނުގެ އަތްޕުޅުގައި ބައުލަބަކު ހިއްޕަވައިގެން ވަޑައިގެން އެމަނިކުފާނުގެ ހަޒާނާއިން އަގުބޮޑުވެގެންވާ ތަކެތި އެރަސްގެފާނަށް ދައްކަވަމުން ގެންދަވައެވެ. އެތަކެއްޗަކީ އޭގެ އަގުބޮޑުކަމާއި މާތްކަމުން ދެކެފިކޮންމެމީހަކު ހައިރާންވާ ފަދަތަކެއްޗެވެ. ދެން ޒީޔަޒަން ރަސްގެފާނު ވިދާޅުވިއެވެ. އޭ، ބާއްޖަވެރި ރަސްގެފާނެވެ. އަޅުގަނޑު މަނިކުފާނުގެ ހަޒާނާއަށާއި ލަޝްކަރަށް ބަލައިފީމެވެ. ނަމަވެސް އަދި އަޅުގަނޑު ދެކެންބޭނުން އެއްކަމެއް އެބައޮތެވެ. އެއީ މަނިކުފާނުގެ ހިތްވަރުފުޅާއި ގަދަފަދަކަމުގައި ހުރިވަރެކެވެ. މިގޮތުގައި މަނިކުފާނު އަޅުގަނޑަށްވުރެ ގަދަވެވަޑައިގެންފިނަމަ އަޅުގަނޑުގެ ރަސްކަން މަނިކުފާނަށެވެ. މަނިކުފާނަށްވުރެ އަޅުގަނޑު ގަދަވެއްޖެނަމަ މަނިކުފާނުގެ ރަސްކަން އަޅުގަނޑަށެވެ. ދެން ބައުލަބަކް ވިދާޅުވިއެވެ. ތިޔަކަމަށް އަޅުގަނޑުވެސް އިޖާބަދީފީމެވެ.
(ނުނިމޭ)
ނޯޓް: ވާހަކައަކީ ހ.ވައިޖެހޭގޭ އަޙުމަދު ރަޝީދު، ސ.ހިތަދޫ އިބްރާހީމް ޝާކިރު، ގ.ކިޔަވާގޭ އަބްދުއްޝުކޫރު: 18 ޑިސެމްބަރ 1966 ގައި ދިވެހިބަހަށް ތަރުޖަމާކޮށް އަތުލިޔުމުން ލިޔެފައިވާ ވާހަކައެކެވެ.