twitterviber whatsapp telegramfacebookyoutube instagram
25th April 2024

ސައިފް ރަސްގެފާނު ވާހަކަ (5)

Nov 10, 2012

.

ނޮވެމްބަރ 03 ވަނަ ދުވަހުގެ ބަޔާ ގުޅޭ

ޒީޔަޒަން ރަސްގެފާނު ހަބުޝްކަރައިގެ ސަރަހައްދުތެރޭގައި ރަށެއް ބިނާކުރެއްވި ޚަބަރު ސައިފް އަރުއަދު އައްސަވާ، އެމަނިކުފާނުގެ ސަރުކާރުގެ ބޮޑުން އެއްކުރައްވައިފިއެވެ. އެއީ ކުރިން ދެންނެވި ދެހަކީމުންނާއި ވަޒީރު ބަހުރު ޤަފްޤާނުއްރީފް އެވެ. އަދި ރަސްގެފާނު މިބައިމީނުންނާއި ދިމާޔަށް ވިދާޅުވިއެވެ. ތިޔަބައިމީހުން މިއުޅޭ ޢަރަބީންގެ ކަންތައްތައް ނިކަން ދެކެބަލާށެވެ. އެބައިމީހުން އަހަރެންގެ ބިމަށް އަހަރެންނަށް އެނގުމަކާއިނުލައި ފައިބައިފިއެވެ. މިހެންކަމުން އަހަރެންގެ މައްޗަށް ލާޒިމްވެގެންވަނީ އެބައިމީހުންނާއި ހަނގުރާމަކޮށް އެމީހުންގެ ކުދި ޅަދަރީންނަށް ދާންދެން މަރައި ސުންނާފަތިކޮށް ރަށް ފުނޑުފުނޑުކޮށްލައި މުދަލާއި ސާމާނުތައް އަތުލައިގަތުމެވެ. ދެން ސަޤަރުދީސް ހަކީމް ދެންނެވިއެވެ. އަޅުގަނޑު އެ ޢަރަބީންނާއި ހަނގުރާމައިގެގޮތުން ހުށައެޅިވަޑައިނުގަތުމަށް މަނިކުފާނަށް ނަސޭހަތްޕުޅު އަރުވަމެވެ. އެގޮތަކީ ނޫޙުގެފާނުގެ ދުޢާފުޅުގެ ބަރަކާތަށް ޓަކައެވެ. ދެން ރަސްގެފާނު ވިދާޅުވިއެވެ. އޭ ޙަކީމް އެވެ. ނޫޙުގެފާނު ކުރެއްވި ދުޢާފުޅުވަނީ ކޮންފަދައަކުން ހެއްޔެވެ. ސަޤަރުދީސް ހަކީމް ދެންނެވިއެވެ. އޭ މާތްވެގެންވާ ރަސްގެފާނެވެ. ވޭތުވެދިޔަ ޒަމާނުގައި ދުނިޔޭގައި ނޫޙު އޭކިޔުނު ނަބީބޭކަލަކު އުޅުއްވިއެވެ. އަދި އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އެކަލޭގެފާނަށް ތަބާވުމަށް އެންގެވިއެވެ. ނަމަވެސް އެޤައުމުގެމީހުން އެކަލޭގެފާނު ބަސްފުޅު ޤަބޫލެއް ނުކުރިއެވެ. މިގޮތުގެމަތީން ސަޤަރުދީސް ހަކީމް ނޫޙު އަލައިހިއްސަލާމް ގެ ވާހަކަ ފެށުނީއްސުރެ ނިޔަލަށް ރަސްގެފާނަށް ދެންނެވިއެވެ. އަދި އޭނާގެ ދަރިކަލުން ހާމް އާއި ދޭތެރޭ ކުރެއްވި ދުޢާގެ ވާހަކަވެސް އޮޅުން ފިލުއްވައި ދެއްވިއެވެ. މިކަމައްޓަކައި އަޅުގަނޑު އެބައިމީހުންދެކެ ބިރުގަންނަނީ އެވެ. ހަމަކަށަވަރުން މިހާރު އަޅުގަނޑުމެންގެ ރަށަށް ފައިބާވަޑައިގެން އެހުންނެވި ރަސްކަލެއްގެ އަތްޕުޅުމަތީގައި އެދުޢާގެ އަސަރުތައް ފާޅުވާނެކަމީ އެއްވެސް ޝައްކެތްނެތި އެނގޭކަމެކެވެ. މިވާހަކަތައް އައްސަވައި އެރަސްގެފާނު ސިހިވަޑައިގެން އަދި އަޖާއިބުފުޅު ވެއްޖެއެވެ.

އިއްތިފާޤުން ދިމާވިގޮތަކީ އެވަޤުތު ދަތުރުކޮށްފައިދިޔަ ވިޔަފާރި ޤާފިލާއެއްގެ ބަޔަކުމީހުން އެރަސްގެފާނުގެ ދަރުބާރަށްވަދެ، އަދަބު އަދާކޮށް ބިމުގައި ބޯޖަހާފައި ދެންނެވިއެވެ. އޭ މިވަޤުތަށް ދުނިޔޭގައި ހުންނެވި އިއްޒަތްތެރި ރަސްގެފާނެވެ. އަޅުގަނޑުމެން މިދަތުރުކޮށްފައި އައިއިރު ޙަބުޝްކަރައިގެ ބިމުން އެހެންޏާ ނުދެކޭ އާ ރަށެއް ދުށިމެވެ. އެތާގައި ތާޒާ ގަސްތަކާއި ފެންހިނގާ ކޯރުތަކާއި އުފާވެރިކަންމަތީ ކުޅެންއުޅޭ ތުއްތުތުއްތު ކުދީންނާ އަޅުގަނޑުމެން ދެކެނޫޅޭ ފާޑުގެ އައަންހެނުންނާއި ދޫނިސޫފާސޫފިތައް ވެއެވެ. އެރަށުގެފާރުތައް ގަދަފަދައެވެ. ބިނާތައް އުހެވެ. ރަށްކާތެރިވެގެންވާ ދޮރާށިތައްލެވި ހަތަރުދަންފަށުން އެތާނގެ އަލިކަން ފެނެއެވެ. އަޅުގަނޑުމެން އެރަށަށް ދިޔައީމުއެވެ. އަޅުގަނޑުމެންގެ އަތުން އެރަށުގެ ރަސްގެފާނު އަޅުގަނޑުމެންގެ ވިޔަފާރި މުދަލުން ދިހަބައިކުޅަ އެއްބައި މަޢުމޫލްގެ ގޮތުގައި ނެންގެވިއެވެ. މީގެކުރިން އަޅުގަނޑުމެން ތިޔަ މާތްވެގެންވީ ރަސްގެފާނުމެނުވީ އެފަދަ ރަސްކަލަކު ނުދެކެމެވެ.

މާލިކު ސައިފް އަރުއަދު މިވާހަކަތައް އެއްސެވިހިނދު އެމަނިކުފާނުގެ މޫނުފުޅުގެ އުޖާލާކަން އަނދިރިކަމަށް ބަދަލުވެއްޖެއެވެ. އަދި ގަދަވެގެންވީ ކޯފާއިން ކޯފާ އިސްކުރައްވައި ސަޤަރުދީސް ހަކީމް އަށް ކުރިމަތިލައްވައި ވިދާޅުވިއެވެ. އޭ ހަކީމެވެ. ދެންމެ ދެކެވުނު ވާހަކައާއި އަދި އެމީހުންނާއި ބައްދަލުވީ ކަންތައްތަކުގެ ވާހަކަ ކަލޭ އަހައިފީމު ނޫންހެއްޔެވެ. މިހެންވެ އަހަރެން އޭނާއާއި ހަނގުރާމަކުރާ މީހެއްކަމުގައި ވާނަމެވެ. އަދި މިކަންތައް މަނާކުރާ މީހެއްކަމުގައި ކަލޭނުވާށެވެ. ދެން ހަކީމް ދެންނެވިއެވެ. އޭ ރަސްގެފާނެވެ. އެމަނިކުފާނަކީ ގަދަފަދަ ހިތްވަރުހުރި ރަސްކަލެކެވެ. މީސްތަކުންގެތެރެއިން ހަމަ އެކަކަށްވެސް އެމަނިކުފާނު މައްޗަށް ގަދައެއް ނުވެވޭނެއެވެ. އަދި އެމަނިކުފާނުގެ އަރިއަހުގައިވާ ލަޝްކަރުންނާއި އަބްޠާލުންނާއި ވަރުން އެޅޭނޭ ބަޔަކުވެސް ނޫޅޭނެއެވެ. މިހެންވެ އަޅުގަނޑުގެ ވިސްނުމަކީ ތިޔަކަމާ ދޭތެރޭ އެމަނިކުފާނަށް މަކަރެއް ހެދުމެވެ. އެގޮތެއްކަމުގައި ފެންނަނީ މަނިކުފާނުގެ އަރިއަހުން ޖާރިޔާ ތަކުގެތެރެއިން ރިވެތިވެގެންވާ ޖާރިޔާއަކާއި، އަދި މަނިކުފާނުގެ ޚަޒާނާއިން އެތައްގިނަ ވެދުންކޮށް ގާތްބަޔަކަށް ވެގަތުމެވެ. މިއީ ވަރަށް ރަނގަޅު ވިސްނުމެއް ކަމުގައި ވާނެއެވެ. އަދި މިކަންތަކުގައި އެއްވެސް އުނިކަމެއް ނާންނާނެއެވެ.

ޙަކީމް މިދެންނެވި ވާހަކައިގެ ސަބަބުން ރަސްގެފާނު ހިތްޕުޅުގައިވާ ހިތާމައާއި މޮޅިވެރިކަންފިލާ ހާއުފާވެރިކަމާއި ތަނަވަސްކަން ލިބިވަޑައިގެންފިއެވެ. އަދި ވިދާޅުވިއެވެ. ތިޔައީ ވަރަށްމޮޅު ތަދުބީރެކެވެ. ދެން ހަމަ އެވަޤުތުގައި ރަސްގެފާނު އަރިހަށް ޚަޒާންދާރު ގެންނަވައި އަމުރުފުޅު ކުރެއްވިއެވެ. އަހަރެންގެ ޚަޒާނާއިން އަގުމާތްވެގެންވާ ތޯފާތަށް މިތަނަށް ގެންނާށެވެ. ދެން މިސާލެއްނުވާފަދަ އަގުމާތްވެގެންވާ ތަކެތީގެތެރެއިން އެތައް ބައިވަރެއް ދަރުބާރަށް ހާޒިރު ކުރެވިއްޖެއެވެ. ދެން އެއްދަތުންވާ ގޮނޑިކޮޅެއްގައި ރަސްގެފާނު އިށީނދެވަޑައިގެން، އެމަިކުފާނުގެ ޖާރިޔާއިންގެތެރެއިން ފަހަރަކު މީހަކު ހާޒިރުކުރުމަށް އެންގެވިއެވެ. މިގޮތުގެމަތީން އެރަސްގެފާނުގެ އަރިހަށް ހާޒިރުކުރެވުނު ޖާރިޔާއިންގެތެރެއިން ރީތިކަމާއި ފަރިކަމާއި ނަލަކަމުގެ މިސާލެއްނުވާ އުނަގަނޑަށްހިމަ ކަޅިރަވައިގެކުލަގަދަ ހިމަތޮޅި އަދި އަންހެން ވަންތަކަމުގެ ހުރިހާސިފައެއް ހާސިލްވެގެންވީ ޖާރިޔާއަކު ހޮއްވަވައިފިއެވެ. ދެން އެކަމަނާއަކު ރަސްގެފާނުގެ އަރިހަށް އައުމަށް އިޝާރާތް ކުރެއްވިހާއިރުން އަރިހަށްއައިސް އަދަބު އަދާކޮށް ބިމުގައި ނިތްކުރި ޖައްސައި ރަސްގެފާނަށް މާތްކޮށް ހިތުމަށް ވިދާޅުވިއެވެ. އަހަރެން ގަސްދުކުރަނީ އަރަބީންގެ ރަސްގެފާނަށް ފޮނުވާ މިއަގުމާތްވެގެންވީ ވެދުންތަކާއިއެކު ކަމަނާވެސް ފޮނުވުމަށެވެ. އަހަރެން ކަމަނާ އެތަނަށް ފޮނުވުމަށްފަހު އެރަސްގެފާނުގެފާނުގެ ހިތްޕުޅުގައި ކަމަނާގެމައްޗަށް ލޯބިހިނގައި އެހިތްޕުޅު ކަމަނާއާއި ގުޅިއްޖެއްޔާ މިޒަހަރު އެރަސްގެފާނަށް ހިތްޕަވަން އަރުވާށެވެ. މިކަމަށްޓަކައި އެއްގޮތަކަށްވެސް ކަމަނާ ބިރުނުގަންނާށެވެ. އަހަރެން ހުރިހާ ބިރުވެރިކަމަކުން ކަމަނާ ސަލާމަތްކުރާނަމެވެ. އަދި މިޤާފިލާގެ ވެރިއެއްކަމުގައި ކަމަނާ ލައިފީމެވެ.

ސައިފް އަރުއަދު އެރަސްގެފާނުގެ އަރިހަށް ފޮނުއްވެވުމަށް ހޮއްވެވި ޖާރިޔާ އަކީ ޢަޖުމްކަރައިގެ ރަށްތަކުގެތެރޭގައިވާ ޤަމަރުކިޔާ ރަށަކުން ގެންނަވާފައިވާ ޤަމަރިއްޔާއޭ ކިޔުނު ކަމަނާއެވެ. އެކަމަނާއަށް ނަން ކިއިފައިވަނީ އެރަށުގެ ނަމުންނެވެ. ދެން ޤަމަރިއްޔާ އެރަސްގެފާނަށް ދެންނެވިއެވެ. އަޅުގަނޑުމެންގެ ފަރާތުން އިސާހިތަކުން އިވިވަޑައި ގަންނަވާނޭ ޚަބަރަކާއިމެދު މަނިކުފާނު ހިތްޕުޅު އުފާކުރައްވާށެވެ. އަދި މަނިކުފާނުގެ ލޯފުޅަށް އަރާމު ދެއްވާށެވެ. މިކަމަނާއަކީ މަކަރާއި ހީލަތުން ފުރިފައިވާ ދޮގުތައް ރާވާ ހަމަޖައްސާ ފޮނި ލަފްޒުތަކުން ބަސްތައް އަމުނާން ދަންނަ އަންހެނެކެވެ. އަދި ރަސްގެފާނު މިކަމަށްޓަކައި ދެއްވި ޚާއްސަ ޖަރީކުރެވިގެންވާ ހެދުންކޮޅެއް ތުރުކުރައްވައިގެން އިންނަވާއިރު ދެކެފި ކޮންމެ ފިރިހެނެއްގެހިތް ވަޤުތުން ޤުރުބާންވެގެންދާ ފަދައެވެ. ދެން އެކަމަނާ އެވެދުންތަކާއިއެކު ތައްޔާރުވެފައިވާ ޤާފިލާގައި މަދީނަތުލް ހަމްރާއަށް ދަތުރުކުރައްވައިފިއެވެ. މިބައިމީހުންނާއިއެކު އެރަސްގެފާނު ފަރާތްޕުޅުން ޒީޔަޒަން ރަސްގެފާނަށް މާތްވެގެންވީ ފަތްކޮޅެއްވެސް ގެންދެވިއެވެ. އެފަތްކޮޅުގައި “ހަމަކަށަވަރުން މަނިކުފާނަކީ ބިމުގެ ދިގަށާއި ހުރަހަށް އަމުރުކުރައްވާ ވެރިޔާއެވެ”. ލިޔުއްވާފައިވެއެވެ.

ކުރީންވެސް ދެންނެވިފަދައިން ބަހުރު ޤަފްޤާނުއްރީފް އަކީ ޙިޖާޒްކަރައިގެ ރައްތަކުގެތެރެއިން ރަށެއްގެ ބޭކަލެކެވެ. އޭނާގެ ރަށަށްއައި ތަދުމަޑުކަމުގެ ދުވަސްވަރެއްގައި ރަށުން ނުކުންނަވައިގެން އެކިއެކި ރަށްރަށަށް ދަތުރުކުރައްވަމުންގޮސް ހަބުޝްކަރައާއި ޔަމަން ކަރައިގެ ރަށްތަކަށް ވަޑައިގެން މީގެ ދެމައިކަނބަލުން މިތާނގައި ތިއްބެވުމުގެ ތެރޭގައި މީސްތަކުންނަށް މިބައިމީހުންގެ ހުރި ތެދުވެރިކަމާއި އަމާނާތްތެރިކަންފެނި އާޚިރުގައި މި ބަހުރު ޤަފްޤާނުއްރީފް އަށް ސަރުކާރުގެ މަތިވެރި ވަޒީފާތައްވެސް ލިބުނީއެވެ. އޭގެފަހުން އޭނާ އެތާނގެ ބައެއް ރަސްދަރިކަބަލުންނާއި ކައިވެނިފުޅު ބައްލަވައި އެކައިވެނިފުޅަށް މިވަޒީރަށް ދެއަންހެން ބޭފުޅުންވެސް ލިބިވަޑައިގަތެވެ. ފުރަތަމަ ބޭފުޅާއަށް ކިޔަނީ ޒައިފާ އެވެ. އަދި ދެވަނަ ބޭފުޅާއަށް ޠަރީފާ އެވެ. އެއީ އޭނާގެ މަންމަގެ ނަމެވެ. ކުރީންވެސް ބަޔާންކުރިފަދައިން ރަސްގެފާނު އޭނާއަށް ވަރަށްބޮޑަށް މާތްކޮށް ހިއްތަވައި ލޯބިކުރައްވަތެވެ. އެއީ އޭނާގެ ތެދުވެރިކަމާއި އަޚްލާޤް ގެ މާތްކަމަށްޓަކައެވެ. ރަސްގެފާނުގެ އަރިއަހުގައިވާ ހުރިހާ ބޮޑެތި މީސްމީހުންނަށްވުރެ މިވަޒީރުގެބަސް އެމަނިކުފާނުގެ އަރިއަހުގައި މަޤްބޫލްކަން ބޮޑެވެ. ރަސްގެފާނުގެ އަރިއަހުގައިވާ އަމުރާއި ނަހީގެ ވެރިޔާއެވެ. އަދި ސީދާ ފިކުރުގެ ވެރިޔާއެވެ. އޭނާގެ ވިސްނުމުން ކުރައްވާ ކަންތައްތަކާއިމެދު ދެކޭމީހުން ތިބެނީ އަޖައިބުވެފައެވެ. މިރަސްކަމުގެ ހުރިހާކަމެއްމެ ހިންގަމުންގެންދަނީ ވަޒީރުގެ ތަދުބީރާއި ވިސްނުމުގެ މައްޗަށެވެ. އޭނާއަކީ ފޮތްތައް މުޠާލިޔާ ކުރުމަށް ޝައުޤުވެރިކަންބޮޑު ބޭކަލެކެވެ. ގަދަ ކީރިތިވަންތަ މާތްﷲގެ ކިބަފުޅަށް އީމާންވެގެންވާ ތެދިވެރިއެކެވެ.

ދެން ސަޤަރުދީސް ޙަކީމްގެ މަޝްވަރާއަށް ސައިފް އަރުއަދު ކަންތައްކުރެއްވިގޮތް ވަޒީރު ބަހުރު ޤަފްޤާނުއްރީފް ދެކިލައްވައި އަދި އެވަޒީރުގެލަފާ މިކަމުގައި ޤަބޫލުފުޅު ކުރެއްވީތީވެ ވަރަށް ހިތާމަކުރައްވާހާލު ޒީޔަޒަން ރަސްގެފާނަށް ސިޓީފުޅެއް ލިޔުއްވިއެވެ. އެސިޓިފުޅުގައި އެމަނިކުފާނުގެ އަރިހަށްއެދާ ޤަމަރިއްޔާ އޭކިޔުނު ޖާރިޔާ ކަންތައްކުރާން އެކަށައަޅާފައިވާގޮތާއި މިހުރިހާ ކަމަކީ ރަސްގެފާނާ ސަޤަރުދީސް ޙަކީމް އާ ދެކަލުންގެ މަޝްވަރާގެމަތިން އެކަށައެޅުއްވި ކަންތައްތަކެއްކަމަށް އެނގޭނޭ ފަދައަކުން ލިޔުއްވާފައިވެއެވެ. އެސިޓީފުޅު ނިންމަވާލައްވާފައިވަނީ މިފަދައިންނެވެ. އޭ ރަސްގެފާނެވެ. އަޅުގަނޑަކީ މަނިކުފާނުގެ ނަސޭހަތްތެރިންގެ ތެރެއިންވާ މީހެއްކަމުގައި ބެއްލެވުން އެދެމެވެ. އަދި އަޅުގަނޑަކީ އާލަމްތަށް ހައްދަވާ ބޮޑުކުރެއްވި ކަލާނގެ ކިބަފުޅަށް އީމާންވެގެންވާ މީހަކީމެވެ. ދެން އެސިޓީފުޅު ބަންދުކުރައްވައި އެވަޒީރުގެ އަޅުންގެތެރެއިން އަޅަކާ ހަވާލުކުރައްވައި ބުނުއްވިއެވެ. އެއްވެސް މީހަކަށް މިސިޓީ ނުދައްކާ ޒީޔަޒަން ރަސްގެފާނުގެ އަތްޕުޅަށް މިސިޓީ ގެންގޮސް އެރުވުމައްޓަކައި ހަމަ މިހާރު ދަތުރަށް ނިކުންނާށެވެ. އަދި ޤަމަރިއްޔާ އާއި އެކުގައިވާ ޤާފިލާ މަދީނަތުލް ހަމްރާއަށް ދިއުމުގެކުރިން މިސިޓީ އެރަސްގެފާނުގެ އަތްޕުޅަށް އެރުވޭތޯ ބަލާށެވެ. ދެން މި އަޅުކަލޭގެ ރޭދުވާމަގުން ދަތުރުކޮަށްފައިގޮސް ޙަބުޝްކަރައިގެ ހަމްރާއަށް ދިޔައިރު އެއްކަލަ ޤަމަރިއްޔާ ގެ ޤާފިލާވަނީ އެތަނަށް ހިނގައްޖެކަމުގައެވެ.

ޤަމަރިއްޔާ ގޮވައިގެން ދަތުރުކޮަށްފައިދިޔަ ޤާފިލާގެމީހުން ޒީޔަޒަން ރަސްގެފާނުގެ ގަނޑުވަރުގެ ދޮރުކޮޅުމަތީ ތިއްބާ ޙާޖިބުން ދެކެގެން ސުވާލުކުޅައެވެ. ތިޔައީ ކޮންތާކުން ކޮން ބޭނުމަކާއިގެން އައި ބަޔަކީމުހެއްޔެވެ. އެމީހުން ބުންޏެވެ. އަހަރެމެންނަކީ މަދީނަތުލް މުނައްވަރުގައި ހުންނަވާ ޙަބުޝްކަރައާއި ސޫދާންކަރައިގެ ހުރިހާރަށެއްގެމައްޗަށް ހުކުމްކުރައްވާ މާލިކް ސައިފް އަރުއަދު ފޮނުވި ބައެކެވެ. އަހަރެމެން އައީ ޒީޔަޒަން ރަސްގެފާނު އަރިހަށް އެމަނިކުފާނުގެ ވެދުމައިގެންނެވެ. ދެން ރަސްގެފާނު އަރިހުގައި މިވާހަކަ ދެންނެވިއްޖެހިނދު އެބައިމީހުން އެމަނިކުފާނުގެ އަރިއަހަށް ހާޞިރުކުރުމަށް އަންގަވައިފިއެވެ. ދެން މިބައިމީހުން ޒީޔަޒަން ރަސްގެފާނުގެ އަރިއަހަށް ގެންނެވުނުހިނދު ބިމުގައި ނިތްކުރިޖަހައި އަދަބު އަދާކޮށް ސައިފް އަރުއަދުގެ ފަތްކޮޅާއި ވެދުމާއި އަދި ޖާރިޔާ ރަސްގެފާނަށް އަރުވައިފިއެވެ. ދެން ރަސްގެފާނު މިހަދިޔާތައް ޤަބޫލުފުޅު ކުރައްވައި އެމީހުންނަށް އިނާމް ދެއްވާފައި ސައިފް އަރުއަދު އަށް ސިޓީފުޅެއް ލިޔުއްވައި އެސިޓީފުޅުގައި އެފޮނުއްވި ވެދުންތަކާއިމެދު ޝުކުރުއަދާކުރައްވައި މިބައިމީހުންނާއި ހާވާލުކުރައްވައި މަދީނަތުލް މުނައްވަރާއަށް ފޮނުވާ ލައްވައިފިއެވެ. ދެން މި ޤަމަރިއްޔާއޭ ކިޔުނު ޖާރިޔާ ދެކެވަޑައިގެން ރަސްގެފާނުގެ ހިތްޕުޅުގައި އެކަމަނާގެމައްޗަށް ވަރަށްބޮޑު ލޯތްބެއް ފައިދާވެއްޖެއެވެ. މިކަމާއިއެކު އެކަމަނާ އަރިއަހަށް ގެންނަވައި ވާހަކަފުޅު ދައްކަވާން ފެއްޓެވުމުން ޔަޝްރިބް ވަޒީރަށް އެކަމަނާއާއިމެދު ޝައްކުވެއްޖެއެވެ. މި ޔަސްރިބު ވަޒީރަކީ އެރަސްގެފާނުގެ އަރިއަހުގައި ނަސޭހަތް ދަންނަވާ ތެދުމަގު ދަންނަވާ އަދި މެދުވެރިވާ ކޮންމެ ހަނގުރާމައެއްގައި ނަޞްރު ހޯއްދަވައި ވަޒަން ސަލާމަތްކުރައްވާ ވަޒީރެކެވެ. މިހެންވެ ވަޒީރު ރަސްގެފާނަށް ދެންނެވިއެވެ. މަނިކުފާނު ތިޔަ ޖާރިޔާއާއި ގުޅުން ބެހެއްޓެވުމުން ދުރުވެ ވަޑައިގަންނަވާށެވެ. މިހެނީ ސައިފް އަރުއަދު އެކަމަނާ މަނިކުފާނުގެ އަރިއަހަށް ފޮނުއްވާފައިވަނީ ހީލަތެއްގެ ގޮތުންނެވެ. މަނިކުފާނު އެކަމަނާ އަތްމަތީގައި ހަލާކުކޮށްލުމުގެ ގޮތުންނެވެ

(ނުނިމޭ)

ނޯޓް: ވާހަކައަކީ ހ.ވައިޖެހޭގޭ އަޙުމަދު ރަޝީދު، ސ.ހިތަދޫ އިބްރާހީމް ޝާކިރު، ގ.ކިޔަވާގޭ އަބްދުއްޝުކޫރު: 18 ޑިސެމްބަރ 1966 ގައި ދިވެހިބަހަށް ތަރުޖަމާކޮށް އަތުލިޔުމުން ލިޔެފައިވާ ވާހަކައެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355