ފެނަކީ އެއާ ނުލާ އިންސާނުންނަށް ނޫޅެވޭނެ އެއްޗެކެވެ. ދުނިޔޭގެ 70 އިންސައްތަ އަކީ ފެން ކަމުގައި ވީއިރު އޭގެ ތެރެއިން ސާފު ފެނުގެ ގޮތުގައި އެކުލެވިގެންވަނީ ވަރަށް މަދު މިންވަރެކެވެ. އެހެން ކަމުން މި އަގުބޮޑު ވަސީލަތަށް ރައްކާތެރިވުމަށް ކުރެވިދާނެ ކުދިކުދި ކަންތައްތަކަށް ވިސްނާލާށެވެ.
އެއްފަހަރު ބޭނުން ކޮށްފާވާ ފެނުން އިތުރުބޭނުމެއް ހިފޭ ކަމަށް ވާނަމަ އެފެން ބޭކާރުކޮށްނުލާށެވެ. މިސާލަކަށް މަސްޓޭންކުގައި ބޭނުންކުރާފެން ގަސްތަކަށް ފެންދިނުމަށް ބޭނުންކުރެވިދާނެއެވެ. އެއީ އެފެނަކީ އޭގައި އެތައް ފައިދާހުރި މާއްދާތަކެއް (ނިއުޓްރިއެންޓްސް ) އެކުލެވޭ އެއްޗަކަށް ވާތީއެވެ.
ފެން އިސްރާފުވުން ކުޑަކުރުމަށްޓަކައި އިސްކުރުތައް ޕްރެޝަރ ދަށްކޮށް މަޑުމަޑުން ދޫކުރާށެވެ. އާއްމުގޮތެއްގައި ގިނަ މީހުންނަށް ވުޟޫ ކުރުމުގައި ފެން އިސްރާފު ކުރެވޭތަން ދަނީ ފެންނަމުންނެވެ. އަވަސް ކުރުމުގެ ނިޔަތުގައި ނަމަވެސް މިގޮތަށް ކަންތައް ކުރާނަމަ ބޭކާރުވެގެން އެދަނީ އެތައް ފަހަރަކު ވުޟޫކުރުމަށް ބޭނުން ކުރެވިދާނެ ފެނެވެ.
ދަތްއުނގުޅާއިރާއި ތުނބުޅިބާލާ ވަގުތު ތަކުގައި އިސްކުރު ބަންދުވިތޯ ޔަގީން ކުރާށެވެ. ހަމަ އެއާއެކު ކެއުމަށް ފަހު ތަށި ދޮވުމާއި އަތް ދޮންނަ ވަގުތު ތަކުގައިވެސް އިސްކުރު ބަންދުކޮށްލައިގެން އެކަމެއްގައި މަޝްއޫލުވެ އުޅޭށެވެ. އެހެނީ މި ވަގުތު ތަކަކީ ފެން ބޭނުން ކުރުމުގައި އެންމެ ފަރުވާ ކުޑަކުރެވޭ ވަގުތު ތަކެވެ.
ފާޚާނާ ބަދަލުކުރާއިރު ލޯ ފްލަޝް ނުވަތަ ޑުއަލް ފްލަޝް ފާޚާނާ ތަކަށް އިސްކަންދޭށެވެ. ޑުއަލް ފްލަޝް ފާޚާނާ ތަކަކީ “ލިކުއިޑް ވޭސްޓް” އަދި “ސޮލިޑް ވޭސްޓް” ބައިތަކަށް ވަކިން ފްލަޝް ކުރެވޭ ގޮތައް ތައްޔާރުކުރެވިފައި ހުންނަ ފާޚާނާ ތަކެވެ. މިކަމަކީ މަދު ފެނުގެ އެހީގައި ލިކުއިޑް ވޭސްޓް ސާފްކޮށްލާނޭ ކަމެކެވެ.
ފާޚާނާ ގެ ޓޭންކުގައި މައްސަލައެއް ހުރިކަމަށް ޝައްކުވާނަމަ އެކަން ބެލުމަށް ކާކުލަކޮޅެއް ޓޭންކުގެ ތެރެއަށް އަޅާށެވެ. އަދި ގަޑިއެއްހާއިރުފަހުން ކުލަހުރިތޯބަލާއިރު ހުރިކަމަށްވާނަމަ ޓޭންކުން ލީކުވާކަން ޔަޤީން ކުރާށެވެ. ދެން ވީ އެންމެ އަވަހަށް އެމައްސަލަ ހައްލުކުރުމަށް މަސައްކަތް ފަށާށެވެ.
ފާޚާނާ ގިނަގިނައިން ފްލަޝް ހޭންޑަލް ގެ ސަބަބުން ފްްލެޝްވެ ލީކުވާނަމަ އަވަހަށް ބަދަލުކުރާށެވެ. އާއްމު ގޮތެއްގައި މިގޮތަށް ލީކުވާނީ ފްލަޝް އަތްގަނޑާއި ހަމައަށް ޓޭންކްގެ ފެންގަނޑު އެރުމުންނެވެ.
މަތީގައި ބަޔާން ކުރެވުނު ފަދައިން ވަރަށް އާދައިގެ ކަންކަނުގައި ފަރުވާ ކުޑަކުރުމުންވެސް ފެން ބޭކާރުވަމުންދެއެވެ. އެހެންކަމުންް ފެން އިސްރާފު ވާނޭހެން ތިމާގެ އަމަލުތައް ބެހެއްޓުމުގެ ކުރިން ދުނިޔޭގެ އެތައް މިތަނުގައި ސާފު ފެން ނުލިބި ދިރިއުޅޭ މީހުންގެ ހާލަތަށް ވިސްނާލާށެވެ. އަޅުގަނޑުމެންނަށް ލިބިފައިމިވާ ޤުދުރަތީ މި އަގުހުރި ވަސީލަތަށް ރައްކާތެރިވާށެވެ.