twitterviber whatsapp telegramfacebookyoutube instagram
25th April 2024

ސައިފް ރަސްގެފާނު ވާހަކަ (6)

Nov 17, 2012

.

ނޮވެމްބަރ 10 ވަނަ ދުވަހުގެ ބަޔާ ގުޅޭ

ޒީޔަޒަން ރަސްގެފާނާއި ވަޒީރުމިވާހަކައިގެ ހިޔާލުގައި ތިއްބަވަނިކޮށް ރަސްގެފާނުގެ ހާޒިބަކުއައިސް އެދެބޭފުޅުންގެ ކުރިފުޅުމައްޗަށް ހުއްޓި ދެންނެވިއެވެ. އޭ މާލިކުއްޒަމާނެވެ. ގަނޑުވަރުގެ ދޮރުކޮޅުމަތީގައިހުރި ސޫދާނުގެ އަޅަކު ބުނަނީ އޭނާއަކީ ބަހުރު ޤަފްޤާނުއްރީފްގެ އަރިއަހުން މަނިކުފާނަށް ސިޓީފުޅަކައިގެން އައިމީހެއް ކަމަށާއި އަދި އޭނާގެ އަތުން އެސިޓީފުޅު މަނިކުފާނުގެ އަތްޕުޅަށް އެރުވުމަށް އެދޭކަމަށެވެ. ދެން އޭނާ އެތެރެއަށް ވެންނެވުމުގެ އަމުރުފުޅު ދެއްވުމުން މިއަޅުކަލޭގެ ވަދެގެން އައިސް އަދަބުއަދާކޮށް ރަސްގެފާނަށް ދުޢާކުރުމަށްފަހު އެއްކަލަ ސިޓީފުޅު އަރުވައިފިއެވެ. ދެން ރަސްގެފާނު ވަޒީރުގެ އަތަށް ސިޓީ ފޯރުވައިލެއްވުމުން އެސިޓިގައި ހިއްޕަވައި ކިއުއްވުމަށްފަހު ރަސްގެފާނަށް ދެންނެވިއެވެ. މިސިޓީއަކީ މާތްވެގެންވާ ބަހުރު ޤަފްޤާނުއްރީފް ވަޒީރުގެ ފަރާތްޕުޅުން މަނިކުފާނަށް ފޮނުވި ސިޓީފުޅެކެވެ. އެ ބަހުރު ޤަފްޤާނުއްރީފް އަކީ، މާލިކު ސައިފް އަރުއަދުގެ ވަޒީރެވެ. ސައިފް އަރުއަދު އަކީ ޙަބުޝްކަރައާއި ސޫދާން ކަރައިގެ ހުރިހާ ރަށްތަކަށް އަމުރުކުރައްވާ ވެރިޔާއެވެ. އަދި މި ބަހުރު ޤަފްޤާނުއްރީފް އަކީ، އާލަމްތައް ހައްދަވާ ބޮޑުކުރެއްވި ކަލާނގެ ކިބަފުޅަށް އީމާންވެގެންވާ މީހުންގެތެރެއިން ހިމެނޭ މީހެކެވެ. މިސިޓީއާއިގެން މިކަލޭގެ ފޮނުއްވީ އަޅުގަނޑު ކުރީގައިވެސް ދެންނެވިފަދައިން މިހާރު އައިސްގެން މިއުޅޭ ޖާރިޔާ ޤަމަރިއްޔާ، އެރަސްގެފާނު ފޮނުއްވާފައިވާގޮތުގެ ޚަބަރު އަޅުގަނޑުމެންނަށް އެންގެވުމަށެވެ. މިހާރު ސާފުކޮށް ކަންހުރިމަގު އޮޅުންފިލީއެވެ. މަނިކުފާނަށް ކުރިމަތިވާނޭ ނުރައްކަލަކާމެދު ދެން ތަދުބީރު ކުރައްވާށެވެ.

 

ޒީޔަޒަން ރަސްގެފާނަށް މި ހަޤީގަތް ފިލައިވަޑައިގެންނެވިހިނދު ކޯފާވެގެން މޫނުފުޅު ރަތްވެގެން ދިޔައެވެ. އަދި އަޖާއިބުފުޅު ވުމާއިއެކު ވިދާޅުވިއެވެ. ތިޔަ ޚަބަރުދިން ވަޒީރެއްގެ ކަންތައްވެސް މާތްރަސްކަލާނގެ ދެނެވޮޑިގެން ވާނެއެވެ. އަދި މިކަންތަކުގެ ފަހުކޮޅުގައި ވާގޮތެއްވެސް ފެނިދާނެތާއެވެ. ކަލެއަކީ އަހަރެންގެ ދައުލަތުގައި އެންމެހާ ކަންތައްތައް ތަދުބީރުކުރާ މުދައްބަރެވެ. އަދި އަހަރެންގެ ފަހުރުވެރިކަމުގެ ތާޖަކީވެސް ތިޔައީއެވެ. ވީމާ މިހާރުޖެހިގެން މިއުޅޭ ބިރުވެރި ކަންތަކުގެ ތަދުބީރަކީ ކޮބައިހޭ؟ ދެން ވަޒީރު ދެންނެވިއެވެ. މަނިއްޕުޅު މިހާރު ގަނޑުވަރަށް ވަޑައިގަންނަވާ އެ ޖާރިޔާ ގެންނަވައި އޭނާ ކޮށްގެން އުޅެކަންތައް ފައުޅުކުރުމަށް އަމުރުކުރައްވާވެވެ. ދެން އެކަމަނާ އެކަން މަނިކުފާނަށް ސާފުކޮށް ނުދެއްވައިހިއްޔާ އޭނާ ޤަތުލު ކުރާނީއެވެ.

 

ދެން ރަސްގެފާނު ޚާއްޞަ ކޮޓަރިކޮޅަކަށް އަތްޕުޅިން ކަނޑި ހިއްޕަވައިގެން ވަޑައިގަންނަވާފައި އެއްކަލަ ޖާރިޔާ ބަލާފޮނުއްވައިފިއެވެ. އެކަމަނާ އެތަނަށް ވަޑައިގެންނެވިއިރު ހީވަނީ އަލިވެގެންވާ ހަނދެއްހެންނެވެ. އެމަނިކުފާނު ފެނުމާއިއެކު ބިމުގައި ނިތްޖަހާ އަދަބުވެރިކަން ފާޅުކުރިއެވެ. ނަމަވެސް ރަސްގެފާނު މޫނުފުޅު ފެނުމާއިއެކީ އިހަށް ރަސްގެފާނަށް އެނގިވަޑައިގެންފައިނުވާ އެތައް ސިއްރެއް އެމަނިކުފާނަށް އެނގިވަޑައިގެންފިކަން އެކަމަނާއަށް އިހްސާސް ކުރެވުނެވެ. ނަމަވެސް އެކަމުގެ އަސަރު އެއްގޮތަކަށްވެސް އެކަމަނާގެ މޫނުމަތިން ފައުޅުވިޔަކަ ނުދިނެވެ. އަދި ރަސްގެފާނަށް ހެޔޮދުޢާ ކުޅައެވެ. ނަމަވެސް ރަސްގެފާނު އެކަމަނާގެ މައްޗަށް އެއްވެސްކަހަލަ ނަޒަރަކުން ބައްލަވާވެސް ނުލެއްވިއެވެ. އެމަނިކުފާނުގެ ތޫނުކަނޑި ކޮޅު ދަންމަވައި ގަންނަވާފައި ވިދާޅުވިއެވެ. ކަމަނާގެ އަތުގައިވަނީ ކޮންއެއްޗެއް ހެއްޔެވެ؟ އެއެއްޗެއް އަވަހަށް ތިމަން ރަސްގެފާނަށް ދޭށެވެ. ޤަމަރިއްޔާ ދެންނެވިއެވެ. އޭ ލޯތަކުގެ އަލިކަންފަދަ މާތްރަސްގެފާނެވެ. އަޅުގަނޑު ގެނައި އެއްޗަކީ ސައިފް އަރުއަދު މަނިއްޕުޅަށް ފޮނުއްވި ވެދުމެކެވެ. އެމަނިކުފާނަކީ މިހުރިހާ ރައްތަކުގެވެރި ރަސްގެފާނެވެ. އެމަނިކުފާނު އަޅުގަނޑު ފޮނުއްވާފައިވަނީ ތިޔަމާތް މަނިކުފާނުގެ އަރިއަހަށް ވެދުމަކަށެވެ. ޒީޔަޒަން ރަސްގެފާނު ވިދާޅުވިއެވެ. އާއެކެވެ. އެރަސްގެފާނު ކަމަނާގެ އަތަށް ދެއްވާފައި އަހަރެން އެއިން ހަލާކުކޮށްލުމަށް ފޮނުވި ޒަހަރުފުޅި ކޮބައިހޭ؟ ކަމަނާ ދިރިއުޅުން ބޭނުންކަމުގައި ވަނީނަމަ އެތަކެތި އަވަހަށް އަހަންނާއި ހަވާލުކުރާށެވެ. ނޫންނަމަ މިކަނޑިން ގަތުލުކޮށްލާނޭ ކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ.

 

އެވަޤުތު އަކަމަނާ ހިނިފުޅު ވަޑުވައިލައްވާފައި މަކަރާއި ހީލަތުން ފުރިގެންވާ ބަސްތަކަކުން ދެންނެވިއެވެ. މަނިކުފާނަށް ޒަހަލްގެ ބަރަކާތްތެރިކަން ހުއްޓެވެ. އޭ މާތްވެގެންވާ ރަސްގެފާނެވެ. އަދި ގަދަފަދަ ސިންގާއަކަށް ވުރެވެސް ބާރުގަދަ ރަސްގެފާނެވެ. މަނިކުފާނަކީ ބޮޑެތި ކަންތައްތައް ތަޙްޤީގު ކުރައްވާ ޝާން ޝައުކަތު ބޮޑު ރަސްކަލަކީމުއެވެ. މިހެން ދަންނަވާފައި މިހެން ދަންނަވާފައި އެކަމަނާގެ ބޮލުގެ ހުޅިފުޅުތަކުގެ ތެރެއިން އެއްކަލަ ޒަހަރުފުޅި ނަންގަވައި ރަސްގެފާނު އަތްޕުޅަށް އަރުވައިފިއެވެ. މިގޮތުން މިވަޤުތަށް ދމާވެފައިވާ ނުރައްކާތެރިކަމުން ޒީޔަޒަން ރަސްގެފާނު ސަލާމަތްވެ ވަޑައިގަންނަވައިފިއެވެ. ނަމަވެސް އެކަމަނާގެ ހިތް އެކަމަނާއަށް ބުނެއެވެ. ކޮންމެވެސް އެއްދުވަހަކުން އަހަރެން އެމަނިކުފާނު ޤަތުލުކޮށްލާ ހުށީމުއެވެ. ދެން ޒީޔަޒަން ރަސްގެފާނު ވިދާޅުވިއެވެ. ކަމަނާގެ ތިޔަހަރަ ރީތިކަމާއި ފުރިހަމަކަން ނެތްނަމަ އަހަރެން ކަމަނާ މަރާލާހުށީ ބާވަތްބާވަތުގެ އަޒާބުތައް ދެއްވުމަށްފަހު ނުބައިވެގެންވާ މަރަކުންނެވެ. މިހާރު އަހަރެން އެދުނު ކަންތައްތައް ކަމަނާ ވަންހަނާނުކޮށް ފައުޅުކޮށްފިހިނދު ކަމަނާގެމައްޗަށް އަހަރެން މައާފުކޮށްފީމެވެ. ދެން ރަސްގެފާނު އެފުޅިގައިވާ ޒަހަރުތައް އުއްކަވައި ލައްވައި އެފުޅިވެސް ތަޅުއްވައި ލައްވައިފިއެވެ. އަދި ރަސްގެފާނުގެ ހިތްޕުޅުގައި އެކަމަނާގެ ރީތިކަމާއި ޒުވާންކަމުގެ މައްޗަށްހުރި ގަދަ ލޯބީގައި ގަނޑުވަރަށް ގެންދަވައި އެހެނިހެން އަނބިކަނބަލުންގެ މައްޗަށް އެކަމަނާ އިސްކުރައްވައިފިއެވެ. މިގޮތުގައި ގަނޑުވަރުގައި ވާހާއެއްޗަކަށް ހުކުމް ކުރައްވާ ވެރިއެއްގެގޮތުގައި އެއްވެސްކަހަލަ ކިލަނބުކަމެއްނެތި ޒަމާންތަކެއް ވެއަތުވެ ހިނގައްޖެއެވެ. އަދި ބަހުރު ޤަފްޤާނުއްރީފްގެ ސިޓީފުޅަކައިގެންއައި އަޅުކަލޭގެއަށް ރަސްގެފާނު ވަރަށް މާތްކޮށް ހިއްތަވައި އެވަޒީރު ދެއްވި ނަސޭހަތުގެ މައްޗަށް ޝުކުރުކުރައްވައި އޭނާގެ ސާހިބާގެ އަރިހަށް އެކަލޭގެ ފޮނުއްވަވައި ލައްވައިފިއެވެ.

 

ޙަބުޝް ކަރައާއި ސޫދާން ކަރައިގެވެރި މާލިކު ސައިފް އަރުއަދު، ޒީޔަޒަން ރަސްގެފާނުގެ އަރިއަހަށް ފޮނުއްވިކަމަށް ދެންނެވި ޖާރިޔާ ޤަމަރިއްޔަތު ފޮނުއްވުމަށް ތައްޔާރު ކުރެއްވިއިރު އެކަމަނާ ސިއްރިޔާތުގެ ކޮޓަރިއަކަށް ގެންދަވާފައި އެރަސްގެފާނު ވިދާޅުވިކަމުގައި ވެއެވެ. އަހަރެން ކަމަނާ ޒީޔަޒަން ރަސްގެފާނުގެ އަރިހަށް މިފޮނުވަނީ އެމަނިކުފާނު ޤަތުލު ކުރުމަށްހޭ؟ ނުވަތަ އެރަސްގެފާނާ ގުޅުން ބަހައްޓައިގެން އަރާމުގައި އެތާނގައި އިންނަންހޭ؟ ދެން އެކަމާ ދެންނެވިއެވެ. އަޅުގަނޑު މަނިކުފާނު އެދިވަޑައިގަންނަވާ ފަދަޔަކުން އެކަންތައް ކޮށްގެން ވަރަށް އަވަހަށް އެނބުރި އަންނާނަމެވެ. އަޅުގަނޑަށް އެމަނިކުފާނު ޤަތުލުކުރާނޭ ފުރުޞަތެއްލިބި އެކަން ކުރެވެންދެން މަނިކުފާނު ކެތްކުރައްވާށެވެ. އެމަނިކުފާނުގެ ލަސްކަރާއި ވެރިކަންވެސް ހަމަކަށަވަރުން މިބިންމަތިން ނެތިކޮށްލާނަމެވެ.

 

ދެން މިފަދަ ރޭވުންތެރިކަމެއްގެމަތީން މަދީނަތުލް ހަމްރާއަށް މިޤަމަރިއްޔަތު އައިސް އިންނަތާ ޒަމާނުން ދުވަސްތަކެއް ވެއަތުވެ ދިއުމަށްފަހު އެކަމަނާ އާލާސްވެ އިންނަވައިފިކަން އެކަމަނާއަށް އެނގިވަޑައިގެންފިއެވެ. އަދި އޭގެ 6މަސްދުވަސް ފަހުން އެރަސްގެފާނަށް ވަރަށްބޮޑު އާލާސްކަންފުޅެއް ޖެހިއްޖެއެވެ. އަދި މިއާލާސްކަންފުޅުގައި އެރަސްގެފާނު ދީވާނަށް ނުކުމެވަޑައިގަތުމުންވެސް ވަކިވެވަޑައިގަންނަވައިފިއެވެ. އަދި ހާލުކޮޅު ބޮޑުވާން ފެށުމުން ޔަޝްރިބު ވަޒީރާއި ދަޢުލަތުގެ އެންމެހާ ބޮޑުން އެއްކުރައްވައި ވިދާޅުވިއެވެ. އަހަރެން މިއަދު ކަލޭމެން މިއެއްކުރީ ކަލޭމެންނަށް ރަނގަޅު ވަސިއްޔަތެއް ކުރުމަށެވެ. އަދި އަހަރެން މިކުރާ ވަސިއްޔަތުގައި ހިފަހައްޓައިގެން އެއާއި ޚިލާފްނުވެ ތިބޭނޭކަމަށް އަހަރެން ޔަޤީންކުރަމެވެ. ދެން އެބައިމީހުން ދަންނަވައިފިއެވެ. އޭ ބާއްޖަވެރި ރަސްގެފާނެވެ. އެ ވަސިއްޔަތަކީ ކޮބައިތޯއެވެ؟ ދެން ރަސްގެފާނު ވިދާޅުވިއެވެ. އެއީ ކަލޭމެން އެންމެން އަރަހުށި މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެގެން އެކަލާންގެ ޙަލީލް އިބްރާހީމް އަލައިހިއްސަލާމްގެ ދީން ޤަބޫލުކޮށްގެން ތެދުވުމެވެ. އޭ ޤައުމުގެ މީހުންނޭވެ. ތިޔަބައިމީހުންނަށްވެސް އެނގޭނޭފަދައިން މިއިންނެވި ޤަމަރިއްޔަތު ވަނީ އަހަރެންގެ ކުއްޖަކަށް އާލާސްވެއެވެ. އަހަރެން ދުނިޔޭގައި ނެތުމަށްފަހު ކަލޭމެންގއ މައްޗަށް ހުކުމްކުރާނޭ ހާކިމަތަކީ އެކަމަނާއެވެ. އެކަމަނާ ފިރިހެން ބޭފުޅަކައިގެން ރައްކާވެއްޖެނަމަ ކަލޭމެންގެ ވެރިޔަކީ އެބޭފުޅެކެވެ. އަންހެން ބޭފުޅަކައިގެން ރައްކާވެއްޖެނަމަ، އެބޭފުޅަކު ކައިވެނިފުޅު ބައްލަވައި ގަންނަމީހަކު އެއީ ކަލޭމެންގެ ހާކިމްއެވެ.

 

ރަސްގެފާނު މިދެންނެވި ވާހަކަފުޅުގެ މާނަ އެބައިމީހުންނަށް ދޭހަވީހިނދު އެބައިމީހުންގެ ހިތްތައް ހަލާކުވާފަދަ އަސަރެއްކޮށްގެން އަޖާއިބުވެތިބެ ދެންނެވިއެވެ. އަޅުގަނޑުމެންނަކީ މަނިކުފާނުގެ އަމުރުފުޅަށް ކިޔަމަންވާ މަނިކުފާނަށް ޚިދުމަތް އަދާކުރާންތިބި ބަޔަކީމުއެވެ. މަނިކުފާނު ކުރެއްވި އަމުރުފުޅެއް އަޅުގަނޑުމެންނަށް އުވާލާން ކެރޭނީ ކޮންފަދައަކުން ތޯއެވެ؟ ވިދާޅުވި ކޮންމެ ގޮތަކަށް ކިޔަމަންތެރިކަމާއެކީ ބޯލަނބާނަމެވެ. ދެން އެބައިމީހުން އެދުވަހު އެތަނުން ވަކިވެގެން ދިޔައީ އެމީހުންގެ ލޯބިވާ ރަސްގެފާނު ދެން ރަސްކަލަކަށް ހުންނެވުމުގެ މުއްދަތު މާދިގެއް ނޫންކަން ސާފުކޮށް އެނގިތިބެ ހިތާމަކުރާ ހާލުގައެވެ.

 

ދެން މާގިނަ ދުވަސްތަކެއް ވޭތުވެގެން ނުދަނީސް އިއްޒަތާއި ޝަރަފުގެވެރި ޒީޔަޒަން ރަސްގެފާނު މި ހުވަފެނެއްފަދަ ފަނާވެދަނިވި އާލަމް ދޫކުރައްވައި މާތްﷲ ގެ ހަޟްރަތައް އެސުވާމީންގެ އެރަސްގެފާނައްޓަކައި މިންވަރު ކުރައްވާފައިވާ ނިޢުމަތައް ދަތުރުކުރައްވައިފިއެވެ. ރަސްގެފާނު އަވަހާރަވެއްޖެހިނދު އެކަމުގެ ހިތާމަ މުޅި މަދީނަތުލް ހަމްރާ އަށް ފެތުރިގެން ހިގައްޖެއެވެ. އަދި އެރަށުގެ އެންމެހާ އަޙުލުވެރީން ރޮއި ހިތާމަކޮށް އެންމެފަހުން ރަސްރަސްކަލުން ފަސްދާނުލާ ރަސްމީ އިއްޒަތުގައި ޒީޔަޒަން ރަސްގެފާނު ފަސްދާނުލައި މަރުމަރު ހިލައިން ގުއްބުހަދައި ރަތުރަނުން އެ ގުއްބުގެ ވަށައިގެން އިބުރަތުގެ ޅެންބައިތުތައް ލިޔުނެވެ.

 

ޒީޔަޒަން ރަސްގެފާނު އވަހާރަވެއްޖެހިނދު ރަސްގެފާނު ވަސިއްޔަތް ކުރައްވާފައިވާ ފަދައިން ސަހަރުގެ ރައުޔީން ޤަމަރިއްޔަތު ރަސްކަމުގެ ތަހުތުގައި ވަޑުވައިފިއެވެ. ދެން އެކަމަނާ އެ ޝަހަރަށް ހުކުމް ކުރައްވާ އަސްރުކުރައްވާ ވެރިއެއްގެގޮތުގައި ހުންނަވާތާ ކުޑަދުވަސްކޮޅަކަށްފަހު އެކަމަނާ ރައްކާވުމުގެ ދުވަސްވަރު ކައިރިވެއްޖެއެވެ. އަދި ޙާލިޤުވަންތަ ރަސްކަލާނގެ އިރާދަފުޅަށް ދުވަސްފުރާ އެކަމަނާ ފިރިހެން ބޭފުޅަކައިގެން ރައްކައު ވެއްޖެއެވެ. އެދަރިކަލުންގެ ރީތިކަމާއި ފުރިހަމަކަން ސާދަވިލޭރޭގެ ހަނދުފަދައެވެ. އަދި އެދަރިކަލުންގެ ބައްޕާފުޅުގެ ކޯތާފަތްފުޅު މަތީގައިވާފަދަ ލަފެއް އެދަރިކަލުންގެ ކޯތާފަތް ޕުޅުގައިވެސް ވެއެވެ. މިލަފަކީ ޒަމާނުއްސުރެ ތަބާބިއާގެ ރަސްރަސްކަލުންގެ ފުޅުން ވާރުތަވަމުން އައިސްފައިވާ ލަފެކެވެ. ފަހެ ޤަމަރިއްޔަތު މި ރައްކައުވީ ދަރިކަލުންގެ ފުރިހަމަކަމާއި ރީތިކަން ދެކެވަޑާއި ގަންނަވާފައި އެދަރިކަލުންގެ މައްޗަށް ހަސަދައާއި ރުޅިވެރިކަން އެކަމަނާގެ ހިތްޕުޅުގައި އުފެދިގެންފިއެވެ. އަދި އެކަމަނާގެ ހިތްޕުޅަށް އަރައެވެ. މިދަރިކަލުން ދުނިޔޭގައި ހުންނަވައިގެން ބޮޑުފުޅު ވެއްޖައީވިއްޔާ އަހަރެންގެ އަތުން މިވެރިކަން ބީވެގެން ހިނގައިދާނެއެވެ. އަދި އަހަރެން ނުބައިވެގެންވީ މަރަކުން މަރާނެއެވެ. މިކަމައްޓަކައި އެކަމަނާ ޒަހަލު މެދުވެރިކޮށް އެދަރިކަލުން އަވަހާރަވުމަށް އެދިގެންފިއެވެ. އަދި އެމަނިކުފާނު ބަނޑުފުޅު ބޮޑުވެ އަލާކެނޑޭދެން ކިރުފޮދު އަރުވާކަމަކަށްވެސް ނުވެއެވެ. އަދި އެއްވެސް އަރާމުހުރިގޮތެއްގައި އަވަހާރަފުޅު ލެއްޕެވިޔަކަވެސް ނުދެއެވެ. އެކަމަނާ ގަސްތުކުރައްވަނީ އެގޮތުން އެދަރިކަލުން އަވަހަށް އަވަހާރަކޮށްލުމެވެ. ނަމަވެސް މާތްރަސްކަލާނގެ އަޒަލުގައި މިންވަރު ކުރައްވާފައިވަނީ އެއާއި މުޅީން ޚިލާފަށްކަމުން އެއްދުވަހުން އަނެއްދުވަހަށް އެމަނިކުފާނުގެ ފުރިހަމަކަމާއި ރީތިކަން ދިޔައީ އިތުރު ވަމުންނެވެ.

 

ޒީޔަޒަން ރަސްގެފާނަށް ދަރިކަލަކު ލިބިވަޑައިގަތުމުގެ އުފަލުގައި ފުރިހަމަވެގެންވާ ޒީނަތްތެރި ކުރުމަކުން މުޅި މަދީނަތުލް ހަމްރާ ޒީނަތްތެރި ކުރެވުނެވެ. އަދި ބަރާބަރު އެއްމަސްދުވަސް ވާންދެން އަފްރާޙްގެ ކުޅިވަރުތައް ބާއްވާ ވަލީމާތައް ތައްޔާރުކުރެވި ނާޗަރަންގީގެ ކުޅިވަރުތައް ކުޅެވުނެވެ. ނަމަވެސް ޤަމަރިއްޔަތުގެ ހިތްޕުޅުގައި އެއްދުވަހުން އަނެއްދުވަހަށް އެދަރިކަލުންގެ މައްޗަށްދަނީ ރުޅިވެރިކަމާއި ހަސަދަވެރިކަން އިތުރުވަމުންނެވެ. އެމަނިކުފާނު ހަލާކުކޮށްލާނޭގޮތެއް ވިސްނާ ފިކުރުކުރުމުގައި އެންމެފަހުން ޤަމަރިއްޔަތުގެ ކެއްތެރިކަން ހައްދުފަހަނައަޅާ ހިނގައްޖެއެވެ. މިގޮތުން އެއްރެއަކު ކަނޑިއަކުން ޤަތުލުކޮށްލެއްވުމަށް ހިއްތަވައިގެން އެމަނިކުފާނު އެކަމަނާގެ އެއްކަކޫފުޅުމަތީ ބައިންދަވައިގެން ޤަތުލުކުރައްވަން ތައްޔާރުކުރެއްވިވަޤުތު އެކަމަނާ ކަނޑި ހިތްޕަވައިގެން އިންނެވި އަތްޕުޅުގެ ވާގިނެތިގެން ހިނގައްޖެއެވެ. ދެން މިހާލުގައި ޤަމަރިއްޔަތު އިންނަވަނިކޮށް އެތަނަށް އާދެވުނީ ދައީ ކަމަނާއަށެވެ. ދެން ދައީ ކަމަނާއަށް ޤަމަރިއްޔަތު މި ގަސްދުކުރެއްވިގޮތް ވިދާޅުވުމުން ދެންނެވިއެވެ. ތިޔަގޮތުގައި މިދަރިކަލުން އަވަހާރަކޮށްލައިފިނަމަ އެދެން ކަމަނާގެ ހަލާކުއައިސް ޖެހުނީއެވެ. މިހެންވެ އަޅުގަނޑު ތިޔަކަމާ ދޭތެރޭ ތިޔައަށްވުރެ މާރަނގަޅު މަޝްވަރާއެއް ކަމަނާއަށް ދަންނަވާ ފާނަމެވެ. އެގޮތަކީ ކަމަނާގެ ޚައްދާމުންކުރެ ކޮންމެވެސް މީހަކުއަތަށް ދެއްވައިގެން މިރަށާއިދުރު ކޮންމެވެސް ރަށަކަށް އެދަރިކަލުން އެއްލާލުމަށްޓަކައި ފޮނުއްވުމެވެ. އޭރުން އެމަނިކުފާނު ދުނިޔޭގައި ހުންނަވާނޭ ކަމަށްވާނަމަ އެހެން ހުންނަވައިގެން ބޮޑުފުޅުވެދާނެއެވެ. ނޫންނަމަ އަވަހާރަވެދާނެއެވެ.

 

(ނުނިމޭ)

ނޯޓް: ވާހަކައަކީ ހ.ވައިޖެހޭގޭ އަޙުމަދު ރަޝީދު، ސ.ހިތަދޫ އިބްރާހީމް ޝާކިރު، ގ.ކިޔަވާގޭ އަބްދުއްޝުކޫރު: 18 ޑިސެމްބަރ 1966 ގައި ދިވެހިބަހަށް ތަރުޖަމާކޮށް އަތުލިޔުމުން ލިޔެފައިވާ ވާހަކައެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355