twitterviber whatsapp telegramfacebookyoutube instagram
29th March 2024

ސައިފް ރަސްގެފާނު ވާހަކަ (7)

Nov 24, 2012

.

ނޮވެމްބަރ 17 ވަނަ ދުވަހުގެ ބަޔާ ގުޅޭ

ދައީކަމަނާ މިދެންނެވި މަޝްވަރާއާއި ޤަމަރިއްޔަތު ވަރަށްބޮޑަށް ރުހި ވަޑައިގެންފިއެވެ. އަދި އެކަމަނާގެ މިލަފާގެ މޮޅުކަމާއިމެދު އަޖާއިބުފުޅުން ވިދާޅުވިއެވެ. ތިޔައީ ވަރަށް މޮޅު ބުއްދިއެކެވެ. އަހަރެން ކަމަނާގެ ބަސްއަހާއިގެން ތިޔަގޮތައް ކަންތައްކުރުމަށް ގަސްދުކޮށްފީމެވެ. ދެން އެކަމަނާ މިގޮތުގެމަތީން އަމަލުކުރެއްވުމަށް ހީފުޅުކުރައްވައިގެން ހުންނަވަނިކޮށް އެރޭ އިރުއޮއްސި އަނދިރިވުމުން ދައީކަމަނާ ޤަމަރިއްޔަތުގެ އަރިހަށް އައިސް ދެންނެވިއެވެ. ތިންހާސް ދީނާރުގެ ކީސާއަކާއި އަގުމާތްވެގެންވީ އަބާރަނަކޮޅެއް ދެއްވާށެވެ. ދެން ޤަމަރިއްޔަތު އެތަކެތި ދެއްވުމުން އެއަބާރަނަކޮޅު އެމަނިކުފާނުގެ ކަރުފުޅުގައި ތުރުކުރައްވައި އެދަރިކަލުން ގައިކޮޅުގައި ފަށުއި ސާލެއް އޮޅާލައްވައިގެން ޤަމަރިއްޔަތާއި އެތުއްޕުޅު ދަރިކަލުން އެއް ސަވާރީގައި ދައީކަމަނާ އާއި ޖަވާހިރު ކީސާ އަނެއް ސަވާރީގައި ލައްވައިގެން ރޭގަނޑު ކަނުއަނދިރި ކަމުގެތެރޭގައި ދަތުރުކޮށްފިއެވެ. އަދި ދަތުރުކުރަމުންގޮސް ވާދީއެއްގެ އަނގަމައްޗަށް ނުކުމެވިއްޖެއެވެ. އެތަނުން އެކަމަނާދުއް ކަށިގަހެއްގެ ކައިރީގައި އެއްކަލަ ފަށުއި ސާލު ފަތުރާފައި އެތުއްޕުޅު މަނިކުފާނު އޭގެމަތީގައި ވަޑުވާފައި އިސްތަށިފުޅު ދަށަށް އެއްކަލަ ޖަވާހިރު ކީސާ ލައްވާފައި މީގެ ދެމީހުން އުފާވެރިކަމާއިއެކީ އެތަނުން އެނބުރި ރަށަށް އަތުވެއްޖެއެވެ. އަދި ޤަމަރިއްޔަތުގެ ހިތުން އެދަރިކަލުންގެ ލޯބި މާތްﷲ އުފުއްލަވައިފިއެވެ. ދެން މީގެ ދެއަންހެނުން ވަރަށް އަވަސް ދަތުރެއްގައި ދަތުރުކޮށް އިރު އެރުމުގެ ކުރިއަށް މަދީނަތުލް ހަމްރާއަށް އައިސް ނުވެސް ދެނަހުރިކަމަށް ހަދައިގެން ތިބެއްޖެއެވެ.

 

ޒީޔަޒަން ރަސްގެފާނުގެ މިތުއްޕުޅު ދަރިކަލުން މިއެއްލާލެވުނު ވާދީއަކީ ކުރީޒަމާނެއްގައި މީހުންއުޅެ މިހާރު ފަޅުވެފައިވާ ސަހަރެއްގެ ބައެކެވެ. އެތަންވަނީ އިމާރާތްތައް ވީރާނާވެ މުޅިން އުވިގޮސްފައެވެ. ނަމަވެސް އެތާނގެ ދާދި ކައިރީގައި މީހުންއުޅޭ ބައެއް ރަށްރަށް ވެއެވެ. ޒަމާނެއްގައި އެރަށްތަކުގެ އަހުލުވެރީންނަށް ޖެހުނު ތަދުމަޑު ހާލެއްގައި މީހުން މަރުވެ ފަނާވެދާން ފެށުމުން އެތާނގެ އަހުލުވެރީން ކުރީން ދެންނެވި ވީރާނާވެފައިވާ ސަހަރަށް ތަކެތި ހޯދަން ދިއައީއެވެ. ދެން އެބައިމީހުން އެތަނުން ބޭނުންހާ އެއްޗެއް ނަގާހެދުމަށްފަހު، އެތަންވަނީ ހުސް ފަރުބަދަ ބިމަކަށް ވެފައެވެ. މިހާރު އެތާނގައި ފަޅާފައިވަނީ ހުސް ކަށިގަސްތަކެވެ. މިތަނުން ކަށިގަހެއްގެ ދަށުގައި އަންހެން ފުއްލާއެއް އޭގެ ކުޑަކުޑަ ދަރިފުޅު ގޮވައިގެން އެއީ އޭގެ ޖަގަހަކަމުގައި ހަދައިގެން ދިރިއުޅެއެވެ. ދުވާލު ހަތަރުދަމު ފުއްލާގެ ދެމައިން އެ ވާދީގެ ތެރޭގައި ކުޅިވަރު ކުޅެ އުފާ ހޯދަން ހިނގާހަދައެވެ. އެއްދުވަހަކު އައި ފުއްލާ ކެޔޮޅަކު މިދެންނެވި މައިފުއްލާގެ ދަރި އަތުލައިގެންފިއެވެ. ދެން މިކަމާ މޮޅިން އެފުއްލާ ދުވެފައި އޭގެ ޖާގައަށް އައިހިނދު މިގަސްދަށުން އެފުއްލާއަށް ފެނުނީ ނިކަން ރީތި ތުއްތު ކުއްޖެކެވެ. އެވަޤުތު ފުއްލާގެ ހިތުގައި މިކޮއިފުޅުގެ މައްޗަށް ލޯތްބާއި ޤަދަރު ހިނގައިގެން ދުވެފައި ކައިރިއަށް އައިސް އެކުއްޖާއަށް ކިރުދޭން ފަށައިފިއެވެ. އަދި ދެދުވަހުން އެއްދުވަހު ކިރުދިނުމަކީ އާދައަކަށް ހަދައިފިއެވެ.

 

މިހެން މިކަން ހިނގާފައިވަނިކޮށް އެއް ދުވަހަކު އެފުއްލާ ވާދީގެ ތެރޭގައި އުޅެނިކޮށް އޭގެ ދަރި އަތުލައިގަތް ކެޔޮޅު ކަލޭގެއާ ދިމާވެއްޖެއެވެ. އެވަޤުތު ފުއްލާއަށް އެކެޔޮޅު ކަލޭގެ އެނގިގެން ދުވެ ބަޑިބަޑި ޖަހާފައިގޮސް އެމަނިކުފާނު އޮންނެވިތަނަށް ވަދެއްޖެއެވެ. ދެން އެ ކެޔޮޅުކަލޭގެ އެފުއްލާ ދިޔަމަގު ބަލަމުންގޮސް އެމަނިކުފާނާއި ފުއްލާ ތިބިތަނަށް ދެވިއްޖެއެވެ. އަދި އެމަނިކުފާނު ދެކެފައި އެކެޔޮޅުކަލޭގެ ހިތަށް އެރިއެވެ. ހަމަކަށަވަރުން މިމަނިކުފާނު ވާނީ ކޮންމެވެސް ރަސްކަލެއްގެ ދަރިކަލަކަށެވެ. ދެން މީނާ މި މަނިކުފާނު ނަގައިގެން ގެޔަށްގޮސް މިކަން ހިނގި ގޮތުގެ ވާހަކަ އަންހެނުން ގާތުގައި ބުނެދީފިއެވެ. ކެޔޮޅު ކަލޭގެ އަންހެނުން މިވާހަކަ އަހާފައި އަޖާއިބުވެގެން ބުންޏެވެ. ތިޔައީ ހައިރާންވާ ކަހަލަ ކަމެކެވެ. އެގޮތަކީ ފުއްލާއެއްގެ ބަނޑުން އާދަމުގެ ދަރިއަކު ވިހެއުމަކީ ވުން އެކަށީގެންނުވާ ކަމެކޭ ހީވާވަރުންނެވެ. ދެން ކެޔޮޅު ކަލޭގެ ބުންޏެވެ. އަހަންނަށް ހީވަނީ މިކުއްޖަކީ ދުނިޔޭގެ ރަށްތަކުގެ ތެރެއިން ކޮންމެވެސް ރަށެއްގެ ބޮޑު ރަސްދަރިކަލެއް ހެންނެވެ. އެގޮތަކީ އަހަރެން މިކުއްޖާފުޅު ނެގިއިރު، މީނާގެ ބޯދަށުގައި ތިންހާސް ދީނާރުގެ ކޮތަޅެއްވެސް އޮތެވެ. ދެން ކެޔޮޅުކަލޭގެ އެމަނިކުފާނުގެ ކަރުފުޅުގައި އޮތް އަބާރަނަކޮޅު ނަގާ ރައްކާކުރާން އަންހެނުންގެ އަތަށް ދީފައި ބުންޏެވެ. މިފައިސާކޮޅުން އަހަރެމެން ޚަރަދުކުރާނީއެވެ. މިއިން އެތައް ޒަމާނަކަށް ފުދޭނެއެވެ. އެމަނިކުފާނު ހޮވި ކެޔޮޅަކީ ހަމަ މިރަށުގެ ރަށްވެއްސެކެވެ. މިރަށަކީ ވަރަށް ރީތިކޮށް ރައްކައުތެރި ގޮތުގައި ހަދާފައިވާ ރަށެކެވެ. އެރަށަށް ކިޔަނީ މަދީނަތުލް ޚަޞީނާއެވެ. މިރަށާ ޖެހިގެން އޮންނަނީ މަދީނަތުލް ދޫރު އެވެ. އެރަށުގެ ރަސްގެފާނުގެ ނަންފުޅަކީ މާލިކު އަފްރާޙް އެވެ. އެމަނިކުފާނަކީ ގަދަފަދަ ހިތްވަރުގަދަ ރުޅިގަދަ ސިންގާއެއް ފަދަ ހަނގުރާމަވެރި ނަމަވެސް ކާފިރު ރަސްކަލެކެވެ. ކީރިތިވަންތަ މާތްﷲ ފިޔަވައި ޒަހުލަށް އަޅުކަންކުރައްވާ ބޭފުޅެކެވެ. އެމަނިކުފާނަކީވެސް ހަބުޝްކަރައާއި ސޫދާން ކަރައިގެ ރަސްގެފާނު ސައިފް އަރުއަދުގެ ދަށުން ވެރިކަން ކުރައްވާ ރަސްކަލެކެވެ. ކުރިން މިދެންނެވި މަދީނަތުލް ޚަޞީނާ ވަނީވެސް އަފްރާޙު ރަސްގެފާނުގެ ހުކުމުގެ ދަށުގައިވާ ތަނެއްކަމުގައެވެ. މާލިކު ސައިފް އަރުއަދުގެ އަރިއަހުގައި މި އަފްރާޙު ރަސްގެފާނަށްވުރެ ވަކީން ޤަދަރުބޮޑު ދަރަޖަ މަތިވެރި އެހެން ރަސްކަލަކު ނުވެއެވެ. މިމަނިކުފާނުގެ ލަޝްކަރުގެ ތެރޭގައި ހަމައެކަނި އަސްވާރުންވެސް ވިހި ހާހުން ޢަދަދު ކުރެވެއެވެ.

 

ދެން ކެޔޮޅުކަލޭގެ އެރޭ ރޭކޮށްފައި ފަތިހު އަލިވުމުން އޭނާގެ އަންހެނުންނަށް ބުންޏެވެ. އަހަރެންނަށް މާރަނގަޅު ގޮތެއް ވިސްނިއްޖެއެވެ. އެގޮތަކީ މިކުއްޖާ ގެންގޮސް އަފްރާޙް ރަސްގެފާނަށް ވެދުން ކުރާނީއެވެ. އޭރުން އެމަނިކުފާނު މިކަމާމެދު ކޮންމެވެސް ތަދުބީރެއް ކުރައްވާފާނެއެވެ. އެމަނިކުފާނަކީ މިބާވަތުގެ ކަންތައްތަކުގެ ސިއްރުތައް ރަނގަޅަށް ދެނެވަޑާއިގެން ހުންނަވާނޭ ބޭފުޅެކެވެ. އަދި އަހަރެމެންނަށްވުރެ މިކުއްޖާ ގެންގުޅުން އެކަށީގެންވަނީވެސް އެމަނިކުފާނެވެ. ދެން މިފައިސާކޮޅުން އަހަރެމެން ފުއްދާލައިގެން ތިބޭނީއެވެ. އަނބިކަނބުލޭގެ ބުންޏެވެ. ކަލެއަށް ފެންނަގޮތަކަށް ކަންތައްކުރާށެވެ. އަހަރެންގެ އެއްވެސް އުޒުރެއް ނެތެވެ. ދެން ކެޔޮޅުކަލޭގެ އެތުއްޕުޅު މަނިކުފާނައިގެން ދަތުރުކޮށްފައި މާލިކު އަފްރާޙް ރަސްކަންކުރައްވާ ގަނޑުވަރަށް ހިނގައްޖެއެވެ. އަދި ރަސްގެފާނުގެ ކުރިފުޅުމަތީ ބިމުގައިން ނިތްޖަހައި އަދަބު އަދާކޮށްފައި އެތުއްޕުޅު ދަރިކަލުން އެމަނިކުފާނުގެ ކުރިފުޅުމަތީ ބާއްވައި އެވާހަކަ ފެށުނީއްސުރެ ނިޔަލަށް ރަސްގެފާނަށް ދަންނަވައިފިއެވެ. އަފްރާޙް ރަސްގެފާނު މިވާހަކަތައް އައްސަވައިފި ހިނދު އުފާފުޅުން ހިނިފުޅު ވަޑުވާލައްވައި އެތުއްޕުޅު ދަރިކަލުން ނަންގަވައިފިއެވެ. އަދި އެތުއްޕުޅު މަނިކުފާނުގެ މޫނުފުޅަށް މާލިކު އަފްރާޙް ބައްލަވައިލެއްވި ހިނދު އެމަނިކުފާނު ހިނިފުޅު ވަޑުވައިލެއްވިއެވެ. އަދި އަފްރާޙް ރަސްގެފާނުވެސް ހިނިފުޅު ވަޑުވައިލެއްވިއެވެ. އަދި އެވަޤުތު ގަދަ ކީރިތިވަންތަ މާތްރަސްކަލާނގެ އަފްރާޙް ރަސްގެފާނުގެ ހިތްޕުޅުގައި އެމަނިކުފާނުގެ މައްޗަށް ގަދަވެގެންވާ ލޯބިވެރިކަމެއް އުފައްދަވައިފިއެވެ. އަދި އެރަސްގެފާނަށް އެމަނިކުފާނުގެ ކޯތާފަތްޕުޅު މަތީގައިވާ ލަފު ފެނިވަޑައިގެން ހިނދު އަޖައިބުފުޅުވެ އެއާއިމެދު ވިސްނަވާން އިރުކޮޅަކު އިންނަވާފައި އެމަނިކުފާނުގެ ދީވާނުގެ ބޮޑުންގެ ކައިރިއަށް އެތުއްޕުޅު ދަރިކަލުންނާއިގެން ނުކުމެވެޑައިގެން މިވާހަކައިން ސުވާލުކުރައްވައިފިއެވެ. ދެން އޭގެތެރެއިން މީހަކު ދެންނެވިއެވެ. ސަޤަރުދީސް ޙަކީމްގެ އަޚު ސަޤަރުދޫސް ޙަކީމް ބަލާފޮނުއްވެވުން ކީއްތޯއެވެ. ދެން މިގޮތުގެ މައްޗަށް އެއްބަސްވެވިއްޖެ ހިނދު ޚާއްސަ މައުކަބެއް ތައްޔާރުކުރައްވައި އެޙަކީމް ބަލައި ފޮނުއްވައިފިއެވެ. ދެން މިބައިމީހުން ދަތުރުކޮށްފައި ގޮސް މި ޙަކީމާއި ބައްދަލުކޮށްފިއެވެ.

 

މިޙަކީމަކީ ސައިފް އަރުއަދު ރަސްގެފާނުގެ ޙަކީމެކެވެ. އަދި މަކަރުވެރި ސިހުރުވެރިއެކެވެ. އެޙާކިމުގެ ކޮއްކޮ ވަނީ ސޫދާން ކަރައާއި ހަބުޝްކަރައިގެ ރަސްރަސްކަލުންގެ ޙަކީމުން ކަމުގައެވެ. އެޒަމާނުގައި އެތަންތާނގެ ރަސްރަސްކަލުން ބޮޑެތި ކންތައްތަކާއިމެދު މި ޙަކީމުންގެ މަޝްވަރާ ހޯއްދަވައި އުޅުއްވައެވެ. ދެން ރަސްގެފާނު ފޮނުއްވި މައުކަބުގައި ދަތުރުކޮށްފައި މިޙަކީމް ސަޤަރުދޫސް އައިސް ދަރުބާރަށް އައިސް ވަދެއްޖެ ހިނދު އަފްރާޙް ރަސްގެފާނުގެ އެއްފަރާތުގައި ބައިންދަވާފައި ވިދާޅުވިއެވެ. އޭ އިއްޒަތްތެރި ޙަކީމެވެ. ނިކަން ކަލޭގެފާނު މިތުއްޕުޅު ދަރިކަލުންނަށް ބަލާބަލާށެވެ. މިކުއްޖާފުޅު ގެނައީ މިހިރަ ކެޔޮޅުކަލޭގެ ވަލުތެރެއިން ހޮވައިގެންނެވެ. އަދި މިކަމާއިބެހޭ ހުރިހާ ވާހަކައެއް މާލިކް އަފްރާޙް ސަޤަރުދޫސް ޙަކީމަށް ވިދާޅުވެ ދެއްވައިފިއެވެ. ފަހެ މި ޙަކީމް މިވާހަކަތައް އަހައިފިހިނދު ވަރަށް ވަރުގަދަ ބިރުވެރިކަމާއި ހައިރާންކަމެއް އޭނާގެ މޫނުމަތީން ފާޅުވެގެން ދިޔައެވެ. އަދި އެމޫނުފުޅު އަލިވެގެންވާ ހަނދެއްފަދަ ތުއްޕުޅު ދަރިކަލުންގެ ކޯތާފަތްޕުޅު މަތީގައިވާ ލަފު ފެނުނުހިނދު އެހަކީމުގެ ހިތުގައި އެމަނިކުފާނުގެ މައްޗަށް ރުޅިވެރިކަމާއި ހަސަދަވެރިކަން އުފެދިގެންފިއެވެ. އޭ އިއްޒަތްތެރި ރަސްގެފާނެވެ. މަނިކުފާނު ދުވަހަކުވެސް އާދަމުގެ ދަރިއަކު ފުއްލާއެއްގެ ބަނޑުން ފައިދާވެ ޖަންގައްޔަށް ދޫކުރެވިފައިވާ ވާހަކައެއް އެއްސެވީމުތޯއެވެ؟ ހަމަ އެއްވެސް ޝައްކެއް ނެތްގޮތުގައި އެކުއްޖާފުޅަށް ހުރި އިޙްސާންތެރި ކަމަކުން މިކެޔޮޅު ކަލޭގެއަށް ފެނިގެން ގެނައީއެވެ. މިކަންތަކުގައި އަޅުގަނޑުގެ ވިސްނުން ކުށްކުކުރާނޭކަން ޔަޤީނެވެ. އަދި އަޅުގަނޑަށް ޒަހަލު އެނގޭފަދައިން މިކަމުގެ ބަޔާންކަން އެނގި ފައުޅުވެއެވެ. މިކުއްޖަކީ އިންސާނީ އަސްލުންވާ ކުއްޖެކެވެ. އަޅުގަނޑަށް ވިސްނޭގޮތުގައި މީނާވާހުށީ ކޮންމެވެސް ބޮޑު ރަސްކަލަކު އޭނާގެ މަންމާއަށް ބުނެދީގެން އެއްލާލި ކުއްޖެއް ކަމުގައެވެ. އަދި އެމަންމަ ބޭޒާރުވެ ފަޟީހަތް ވެދާނެތީ އެކުއްޖާ ފުއްލާގެ ބަނޑުދަށަށް ޖަންގައްޔަށް އެއްލާލީއެވެ. މަނިކުފާނު ވާނީ ތިޔަކުއްޖާ ދޫކޮށްލައްވާށެވެ. އެގޮތަކީ އެކުއްޖާގެ ޖިންސްވެސް އަޅުގަނޑުމެނާއި ތަފާތެވެ. އޭނާގެ ގައިގެކުލަ ދޮނެވެ. އަޅުގަނޑުމެން ކަޅެވެ. އަޅުގަނޑަށް ފެންނަ އެންމެ މޮޅުގޮތަކީ އޭނާ ޤަތުލުކޮށްލައްވައި، އޭނާގެ އަސަރުވެސް މުޅީން ނެތިކޮށްލުމެވެ. އަޅުގަނޑުމެންނަށް އެންމެ އަރާމާއި ފައިދާބޮޑު ގޮތެއްކަމުގައި ފެންނަނީ އެހެން ހެއްދެވުމެވެ. އޭ މާތްވެގެންވާ ރަސްގެފާނެވެ. ތިޔަކުއްޖާ ދުނިޔޭގައިހުރެ ބޮޑުވުމަކީ އަޅުގަނޑުމެންނަށް ވަރަށް ބިރުވެރިކަންބޮޑު ކަމެކެވެ. އެހެނީ އޭނާގެ އަތްމަތީގައި ނޫޙް އަލައިހިއްސަލާމްގެ ދުޢާގެ އަސަރު ހިނގާނޭކަމީ އެއްވެސް ޝައްކެއްނެތި އެނގޭކަމެކެވެ. އެހެނީ އޭނާ ވާހުށީ މީސްތަކުންގެ މެދުގައި ދުޢާ އިޖާބަވެވޭ މީހަކުކަމުގައެވެ. އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުމެންގެ މަޝްހޫރު ފޮތްފޮތުން ރަނގަޅަށް އެނގި ފާޅުވާ ވާހަކަތަކެވެ. އެމީހަކު ފާޅުވާހުށީ ސޫދާންގެ ސާމްގެ ނަސްލުންނެވެ. އެމީހުންނަކީ ބުދަށް އަޅުކަންކުރާ މީހުންނަށް އެއްޗެތިގޮވާ އެދީން ދުނިޔޭން ފުހެލުމަށް މަސައްކަތްކުރާ މީހުންނެވެ. އަދި ސާމްގެ ދަރިކޮޅުން ސައްޔިދު ލުބައިދު ކިޔާމީހަކާއި، ޖާރުލް ފަޒާރު ކިޔާ މީހަކު ފާޅުވާނެއެވެ. އަދި މިމީސްމީހުންގެ ސަބަބުން އަޅުގަނޑުމެންނަށް އެތައްއެތައް ދުއްތުރާތަކަކާއި އުނދަގޫތަކެއް ފާޅުވާނެއެވެ. އަދި ހަމަ އެ ނަސްލުން ސައިފް ބުން ޒީޔަޒަން ކިޔާ މީހަކުވެސް ފާޅުވާނެއެވެ. އޭނާގެ ބައްޕައަކީ ޔަމަން ކަރައިގެ ރަށްތަކުގެ ތެރޭގައިވާ މީހެކެވެ. އޭނާ ފާޅުވާހުށީ ޙަބުޝްކަރައިގެ ޙަމްރާއިންނެވެ. އެމީހަކު ޙަބުޝްކަރައާއި ސޫދާން ކަރައިގެ މައްޗަށް ވެރިވެ އޭނާގެ އިއްޒަތާއި ސާންއާއި ޝައުކަތު ނުހަނު މަތިވެރި ދަރަޖައަކަށް ފާޅުވާނެއެވެ. އަދި ސުލައިމާން އަލައިހިއްސަލާމުގެ ވަޒީރު އާސިފް ބުން ބަރްޙަޔާގެ ކަނޑީގެ ބާރުން އިންސީންނާއި ޖިންނީންގެ މައްޗަށް ހުކުމް ކުރާނެތެވެ. މި އާސިފް ބުން ބަރްޙަޔާ ފާޅުވެފައިވާ ބިމެއްގައި ގަނޑުވަރެއް ހައްދަވާފައި ވެއެވެ. އެގަނޑުވަރު ހައްދަވާފައިވަނީ ކުލަކުލައިގެ ހިލައިންނެވެ. އެތާނގެ ޚައްދާމުންނަކީ މުޅީންވެސް ޖިންނީންނެވެ. އަދި ގަނޑުވަރުގެތެރޭގައި ވަކީން ޚާއްޞަ ގޮތަކަށް ތައްޔާރުކުރެވިފައިވާ ގުއްބެއް ވެއެވެ. އެގުއްބުގެ ތެރޭގައި އެތް ދަތުން ހަދާފައިވާ ދާނެއްވެއެވެ. އެދާނުގައި ދޫލަ އެޅިފައިވަނީ ސާފު ރަނުންނެވެ. ދެން އެވަޒީރުގެ އަޖަލު ކައިރިވެގެން އައިހިނދު އެކަނޑި އެގުއްބާއި ދޭތެރޭގައިވާ އެއްކަލަ ދާނުގައި ވަޒީރު އޮންނަވާއިރު އޭނާގެ ބޮލާ ދިމާވާހެން އެލުވާފައި ގަނޑުވަރުގެ ޚައްދާމުންނަށް ވަޞިއްޔަތް ކުރެއްވިއެވެ. ޔަމަން ކަރައިގެ ރަސްރަސްކަލުންގެ ތެރެއިން ސައިފް ބުން ޒީޔަޒަން ކީގެންވާ މީހަކުފިޔަވައި ދުނިޔޭގެ ކޮންމެތަނަކުން ކޮންމެ މީހަކު އައިކަމުގައިވިޔަސް އެމީހަކަށް މިމިސާލެއް ނެތްފަދަ ކަނޑި މިލްކުވިޔަ ދީގެންނުވާނެއެވެ. މިކަނޑިއަކީ އެމީހަކަށް ލިބޭ ވަރަށްބޮޑު ބާރެއްކަމުގައި ވާނެއެވެ. މިހިސާބަށް މިޙަކީމު ގެންދަވާފައި ދެންނެވިއެވެ. އޭ މާތްވެގެންވާ މާލިކް އަފްރާޙް އެވެ. މިއީ އެމީހަކު ފާޅުވާނޭ ދުވަސްވަރެވެ. ވީމާ އަޅުގަނޑު މިދެންނެވިގޮތަށް ކަންތައްކުރެއްވުމަށް އަވަސްވެ ވަޑައިގަންނަވާށެވެ. ދެން އަފްރާހު ރަސްގެފާނު ހިނިފުޅު ވަޑުވާލައްވަވާފައި ވިދާޅުވިއެވެ. އޭ ބުއްދިވެރި ޙަކީމެވެ. ހަބުޝް ކަރައާއި ސޫދާންކަރައިގެ އަހުލުވެރީން ކަޅުވުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ. އަނެއްކާވެސް ސަޤަރުދޫސް ޙަކީމް ދަންނަވާން ފެށިއެވެ. ޒަމާނުންސުރެ ހަބުޝް ކަރައާއި ސޫދާންކަރައިގައި ކަޅުމީހުން އުޅުމުގެ އަސްލަކީ ނޫޚް އަލައިހިއްސަލާމް އަވަހާރަވުމަށްފަހު އެކަލޭގެފާނުގެ ތިއްބެވި ދެދަރިކަލުންގެ މެދުގައި ޚިލާފްތަކެއް ހިނގިއެވެ. އެއީ ޝާމް އޭނާގެ އަޚު ހާމް އަށް ކޯފާވުމުންވެވެ. ދެން އެކަމާ ހާމް އޭނާގެ ބޭބެއަށް ބިރުން ޖަންގަލިތަކާއި ވާދީތައް ކަޑައްތުކުރައްވަމުން އަޅުގަޑުމެން މިހާރު މިތިބަ މަންޒިލާހަމައަށް ވަޑައިގަންނަވައިފިއެވެ. އޭރު މިރަށުގައި ވަރަށް ގަދަފަދަ ރަސްކަލަކު ހުންނަވައެވެ. އެރސްގެފާނުގެ ނަމަކަށް ކަރުކާދު ރަސްގެފާނޭ ކިއިގެން ވެއެވެ. އެމަނިކުފާނަށް ރީތިކަމާއި ފުރިހަމަކަމުން މިސާލެއްނުވާފަދަ އަންހެން ދަރިކަނބަލަކު ލިބިވަޑައިގެންފައި ވެއެވެ. އަދި އެކަމަނާނޫނީ ދެވަނައެއްވެސް ބޭފުޅަކު ލިބިވަޑައގެންފައެއް ނުމެވޭމެއެވެ. ވީމާ އެކަމަނާގެ ކައިވެނި އެރަސްގެފާނުވަނީ އެކަމަނާ އަމިއްލަ އިޚްތިޔާރުން ޚިޔާރުކުރާ މީހަކަށް ދޫކުރައްވާފައެވެ. އެކަމަނާދެކެ އެރަސްގެފާނު ވެވަޑައިގަންނަވާ ލޯބިފުޅުން އެކަމަނާއަށް ޚާއްސަ ބާލުޚާނާއެއް ރަށްބޭރުގައި ވަރަށް އުސްކޮށް ތައްޔާރުކޮށްދެއްވައި އެތަނަށް ޚައްދާމުންނާއި ނޯކަރުން ލައްވާ އެކަމަނާގެ ހުރިހާކަމެއް ބަރާބަރަށް ހިނގަމުންދާނޭ ގޮތައް ތައްޔާރުކޮށްދެއްވާފައި ވެއެވެ.

 

(ނުނިމޭ)

ނޯޓް: ވާހަކައަކީ ހ.ވައިޖެހޭގޭ އަޙުމަދު ރަޝީދު، ސ.ހިތަދޫ އިބްރާހީމް ޝާކިރު، ގ.ކިޔަވާގޭ އަބްދުއްޝުކޫރު: 18 ޑިސެމްބަރ 1966 ގައި ދިވެހިބަހަށް ތަރުޖަމާކޮށް އަތުލިޔުމުން ލިޔެފައިވާ ވާހަކައެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355