twitterviber whatsapp telegramfacebookyoutube instagram
24th April 2024

ސައިފް ރަސްގެފާނު ވާހަކަ (8)

Dec 1, 2012

.

ނޮވެމްބަރ 24 ވަނަ ދުވަހުގެ ބަޔާ ގުޅޭ

އެކަމަނާދެކެ އެރަސްގެފާނު ވެވަޑައިގަންނަވާ ލޯބިފުޅުން އެކަމަނާއަށް ޚާއްސަ ބާލުޚާނާއެއް ރަށްބޭރުގައި ވަރަށް އުސްކޮށް ތައްޔާރުކޮށްދެއްވައި އެތަނަށް ޚައްދާމުންނާއި ނޯކަރުން ލައްވާ އެކަމަނާގެ ހުރިހާކަމެއް ބަރާބަރަށް ހިނގަމުންދާނޭ ގޮތައް ތައްޔާރުކޮށްދެއްވާފައި ވެއެވެ.

 

އަދި ކަރުކާރު ރަސްގެފާނު ހެނދުނާއި ހަވީރު އެ ގަނޑުވަރަށް ޒިޔާރަތް ކުރެއްވުމަކީ އެރަސްގެފާނުގެ އާދަފުޅެކެވެ. މިގޮތުގައި އެކަމަނާ އެގަނޑުވަރުގައި ދުވަސްތައް ހޭދަކުރައްވަން އުފާފާގަތިކަންމަތީ އިންނެވި ޒަމާނުން އެއްދުވަހަކު ރަށްބޭރު ބޮޑުމަގާއި ދިމާޔަށް ބައްލަވާން އިންނަވަނިކޮށް އެގަނޑުވަރާއި ދިމާއަށް ޙާމް ވަޑައިގަންނަވަނިކޮށް އެކަމަނާ ދެކެވަޑައިގެންފިއެވެ. އަދި ކުއްލިއަކަށް އެކަމަނާގެ ހިތްޕުޅުގައި އިޝްޤްގެ އަލިފާން ރޯވެ އޭގެ އަސަރު މުޅި ހަށިކޮޅަށް ކޮށްފިއެވެ. ދެން ހަމަ އެވަޤުތު ހައްދާމަކަށް އަމުރުފުޅު ކުރައްވައިފިއެވެ. އެހެރަ ވަޑައިގަންނަވާ ކަޅު ހިލަގަނޑެއްފަދަ ކުލަވަރު ރީތި މަނިކުފާނު ގޮވައިގެން އަވަހަށް އަންނާށެވެ. ދެން ވަރަށް ކުޑަކުޑަ އިރުކޮޅެއްގެތެރޭގައި އެޚައްދާމަކު ގޮސް ޙާމްއަށް ދަންނަވައިގެން އެމަނިކުފާނު ގަނޑުވަރަށް ވަޑައިގަންނަވައިފިއެވެ. އަދި އެކަމަނާ އެމަނިކުފާނަށް ތަރުހީބުދެއްވައި މާތްކޮށް ހިއްތަވައި އެގަނޑުވަރުގެ އެންމެ އިއްޒަތްތެރި މަސަންދުގައި އެމަނިކުފާނު ވަޑުވައިގެން އެކަމަނާ އުފާފުޅުން އިންނަވައިފިއެވެ. އަދި އެކަމަނާ ބައްޕާފުޅުގެ އަރިއަހަށް މީހަކު ފޮނުއްވައި ދެންނެވުމުން ވަރަށް އަވަހަށް ކަރުކަރު ރަސްގެފާނުވެސް އެކަމަނާގެ ގަނޑުވަރަށް ވަޑައިގަންނަވައިފިއެވެ.

 

ދެން އެކަމަނާ އެޙާމްގެ މައްޗަށް އެކަމަނާގެ ހިތްޕުޅުގައި އުފެދުނު ލޯބީގެ ބާއްޖަވެރިކަމަށްޓަކައި ހަމަ އެދުވަހުގެ އިރުއޮއްސުމުގެ ކުރިން އެކައިވެނިފުޅު ކޮށްދެއްވުމަށް އެދިވަޑާއިގެންފިއެވެ. ދެން ރަސްގެފާނު އެމަނިކުފާނު ދެކެވަޑައިގެން ގައިކޮޅުގެ ކުލަވަރު ކަޅުކަމުން ޙައިރާންފުޅުވެ، ނަމަވެސް ހަމަ އެވަޤުތުގައި އެކަމަނާ އެދިވަޑައިގަތުން ޤަބޫލުފުޅު ކުރައްވައިފިއެވެ. ދެން ދަޢުލަތުގެ އަމީރުން ވަޒީރުން، ނައިބުން ފަނޑިޔާރުން އެއްކުރައްވައި އެބައިމީހުންގެ ޝަރީއަތުގައިވާ ގޮތުގެމަތީން އެވަޤުތު އެކައިވެނިފުޅު އަޤުދުކުރައްވައި ދެއްވައިފިއެވެ. ދެން އެރޭ ޙާމް އެކަމަނާގެ އަރިއަހުގައި ރޭކުރައްވުމަށްފަހު ތަޤްދީރުގައިވާ ގޮތުގެމަތީން ހަމައެރޭ އެކަމަނާ އާލާސްވެ އިންނަވައިފިއެވެ. އެކަމަނާގެ ނަންފުޅަކީ ޤަމަރު ޝާހަޤް އެވެ. އެދުވަސްވަރުގެ ދުނިޔޭގައި ރީތިކަމުން އެކަމަނާ 1 ނަންބަރަށް ހޮވޭކަމުގައި ވެއެވެ. އޭގެފަހުން ހަތްމަސް ވީތަނާ ޤަމަރު ޝާހަޤްގެ ބައްޕާފުޅު ކަރުކާރު ރަސްގެފާނު މިދުނިޔެ ދޫކުރައްވައި ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމުގެ ވަޤުތު ގާތްވެއްޖެ ހިނދު ދައުލަތުގެ އެންމެހައި ބޮޑުން އެއްކުރައްވައި ވިދާޅުވިއެވެ. އޭ ޤައުމުގެ އިއްޒަތްތެރީން ނޭވެ. ތިޔަބައިމީހުންނަށްވެސް ރަނގަޅަށް އެނގޭނޭ ފަދައިން އަހަރެންގެ ދަރިކަނބަލުންނާއި އެ ދަރިކަނބަލުންގެ ފިރިކަލުން ފިޔަވައި މިރަސްކަމުގެ އެއްވެސް ވާރިސެއް ނެތެވެ. މިހެންވެ ތިމަން ރަސްގެފާނު ތިޔަބައިމީހުންގެ މައްޗަށް އެދެކަނބަލުން އިސްކޮށް ވެރިކޮށްފީމެވެ. ދެން ޤައުމުގެ ބޮޑުން އާދޭހޭ ދަންނަވާފައި ދެންނެވިއެވެ. މަނިކުފާނުގެ އަމުރުފުޅު ދަންމަވައި ގިނަދުވަހު ދުނިޔޭގައި ލަހައްޓަވާށިއެވެ.

 

ދެން އޭގެފަހުން ކަރުކާރު ރަސްގެފާނު ވަރަށް ކުޑަކުޑަ ދުވަސްކޮޅަކު ދުނިޔޭގައި ހުންނެވުމަށްފަހު، މި ހުވަފެނެއްފަދަ ދުނިޔެ ދޫކުރައްވައި ދުވަހަކު ފަނާވެނުދާނޭ އާލަމަށް ދަތުރުކުރައްވައިފިއެވެ. ދެން އެރަސްގެފާނު ފަސްދާނުލައި އެކަމުގެ ހިތާމައިގައި ކުޑަދުވަސްކޮޅެއް ވޭތުކުރައްވާފައި މާލިކަތު ޤަމަރު ޝާހަޤު ދައުލަތުގެ ބޮޑުން އެއްކުރައްވައި ވިދާޅުވިއެވެ. އަދު އަހަރެން ތިޔަބައިމީހުން މިއެއްކުރީ އަހަރެންގެ ބައްޕާފުޅު ވިދާޅުވެފައިވާ ބަހެއް ތިޔަބައިމީހުންނަށް އިއްވުމަށްޓަކައެވެ. ތިޔަބައިމީހުން އަހަރެން މިއަންގާގޮތަށް ކަންތައްކުރާށެވެ. އެއާ ޚިލާފައް އެއްވެސްކަމެއް ކޮށްގެން ނުވާނެއެވެ.އަހަރެން ތިޔަބައިމީހުންގެ މައްޗަށް ވެރިއަކު ކަމުގައި އަހަރެންގެ ފިރިކަލުން ޙާމް އިސްކޮށްފީމެވެ. އެމަނިކުފާނު ތިޔަބައިމީހުންނަށް މަގުދައްކަވާނެއެވެ. ތިޔަބައިމީހުން އެމަނިކުފާނުގެ ބަސްފުޅު އަހައި ކިޔަމަންވާ ހުށިކަމެވެ. ދެން އެބައިމީހުން ދެންނެވިއެވެ. ކަމަނާއަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަންތައް ކުރައްވަމުން ގެންދަވާށެވެ. އަޅުގަނޑުމެންގެ ތެރެއިން ހަމަ އެކަކުވެސް ކަމަނާގެ ބަސްފުޅަކާ ޚިލާފެއް ނުވާހުށީމެވެ. ދެން އެބައިމީހުން ޙާމް ރަސްކަމުގެ ތަހުތުގައި ދައުލަތުގެ ކަންތައްތައް ހިންގުމުގައި ކުރިއެކޭވެސް އެއްފަދައިން ހަރަކާތްތެރި ވެގެންފޫއެވެ.

 

ދެން މާލިކަތު ޤަމަރު ޝާހަޤު އާލާސްވެ އިންނެވިތާ ނުވަމަހާ ނުވަދުވަސްފުރައި ކަޅު ހިލަގަނޑެއްކަހަލަ ކަޅު ފިރިހެން ބޭފުޅަކައިގެން ރައްކާވެއްޖެއެވެ. އޭގެފަހުން އަނެއްކާ އާލާސްވެ އިންނަވައި ދުވަސް ފުރިހަމަވުމުން ކަޅު ރޭގަނޑެއްކަހަލަ ކަޅު އަންހެން ބޭފުޅަކައިގެން ރައްކާވެއްޖެއެވެ. މިކަމާ މާލިކަތު ޤަމަރު ޝާހަޤު ވަރަށްބޮޑަށް އުފާފުޅު ކުރެއްވިއެވެ. ދެން ޒަމާނުން ކުޑަދުވަސްކޮޅެއް ވޭތުވެދިޔަފަހުން މިދެބޭފުޅުންވެސް ބޮޑުފުޅުވެ އެތަނުން ފިރިހެން މަނިކުފާނު ކައިވެނިފުޅު ބައްލަވައިގަތީ ދޮންކުލައިގެ އަންހެން ސާހިބަކާއެވެ. ހަމަ އެފަދައިން އަންހެން ކަމަނާވެސް ކައިވެނިފުޅު ބައްލަވައިގަތީ މިރަށުގެ ފިރިހެން ބޭފުޅަކާއެވެ. ދެން އެއްކައުވަންތަ ކަލާނގެ އަމުރުފުޅަށް އެދެބޭފުޅުންގެ ދަރިކޮޅުން ދުނިޔެއަށް އައިހާބަޔަކު ތިބީ ކަޅުކުލައިގައެވެ. ދެން ޒަމާންތައް ބަދަލުވެ މައްސަރުތަކާއި ދުވަސްތައް ތަކުރާރުވެ ދިއުމަށްފަހު އެންމެފަހުން އެރަށުގެ އެންމެންނަކީ ކަޅުމީހުން ކަމުގައިވަނީ ވެފައެވެ. ދެން ދުރު ރަށްރަށުންވެސް މީހުންއައިސް ރަށުގައި ދަރިމައިވެ ވަޒަންވެރިވެ ދަރިމައިވުމުގެ ސަބަބުން މިހާރު މުޅި މިސަހަރުގެ އެންމެންނަކީ ކަޅުމީހުންނެވެ.

 

މިވާހަކަތައް ދަންނަވާފައި އަނެއްކާވެސް ސަޤަރުދޫސް ޙަކީމް ދެންނެވިއެވެ. އޭ ބުއްދިވެރި ރަސްގެފާނެވެ. މިހިރަ މިހިރަ ކަންތައްތަކާއިހުރެ ނޫޙު އަލައިހިއްސަލާމުގެ ދުޢާފުޅުގެ އަސަރު އޭނާގެ އަތްމަތީގައި ހިނގާފާނޭކަމަށް އަޅުގަނޑު ބިރުގަނެއެވެ. މިހެންވެ އަޅުގަނޑަށް ފެންނަނީ އަވަހަށް މިކުއްޖާ ޤަތުލުކޮށްލެއްވުމެވެ. އަދި އަޅުގަނޑަށް ފެންނަގޮތުގައި މިއީ ޙަރާމް ކުއްޖެކެވެ. އަވަހަށް ޤަތުލުކޮށްލައްވައި ނެތިކޮށްލައްވާށެވެ. އަޅުގަނޑު މިދެންނެވި ގޮތާއި އެއްގޮތަކަށްވެސް ޚިލާފުވެވަޑައި ނުގަންނަވާށެވެ.

 

ދެން ރަސްގެފާނުގެ ދަރުބާރުގައި މިކުއްޖާފުޅާއި ބެހޭގޮތުން މިވާހަކަތައް ދެކެވެމުންދާއިރު އެއްކަލަ ކެޔޮޅު ބޭބެވެސްހުރީ އަޑުއަހާށެވެ. އެވަޤުތު ރަސްގެފާނު އެ ކެޔޮޅުކަލޭގެއަށް ވިދާޅުވިއެވެ. އޭ ކެޔޮޅު ބޭބެއެވެ. ކަލޭ މިކުއްޖާ އެތަނުން ހޮވިއިރު އެހެން އެއްޗެއް އެތާގައި ވަނިކޮށް ދުށީމުހެއްޔެވެ. ދެން އެކެޔޮޅު ކަލޭގެ ދެންނެވިއެވެ. އިއްޒަތްތެރި ސާހިބާއެވެ. އަޅުގަނޑު އެކުއްޖާގެ ބޯދަށުގައި ވަނިކޮށް ފައިސާގެ ކީސާއެއް ދުށީމެވެ. އަދި އެކޮއިގެ ކަރުގައި އަޅާފައިވާ އަޅުގަނޑު ދުވަހަކުވެސް އޭގެކުރިން ދުވަހަކުވެސް ނުދެކޭފަދަ މިރީތި ޖަވާހިރުގެ އަބާރަނަވެސް ވެއެވެ. އެކީސާގެ ބޭނުން ކަލޭކުރިޔަސް އެންމެ ރަނގަޅެވެ. އަދި ކަލޭގެ އަޙުލުވެރިންގެ ކައިރިއަށް ދެން ދިޔަޔަސް އެންމެ ރަނގަޅެވެ.

 

މިކަންތައްގަނޑު ގަނޑުވަރު ތެރޭގައި ހިނގަމުންދަނިކޮށް ގަނޑުވަރުގެ މަތިގެއިން އުފާވެރިކަމުގެ ޑަޑޫރާ ޖެހޭއަޑު ރަސްގެފާނު އައްސަވައިފިއެވެ. އަދި އެކަމާއި ސުވާލުކުރައްވަނިކޮށް ހަނދޭގިރިތަކުން އެތަނަށް ވަންނަވައި އަދަބުއަދާކޮށް ބިމުގައި ނިތްކުރިޖަހާފައި ދެންނެވިއެވެ. މަނިއްޕުޅަށް އުފާވެރިކަން ހުއްޓެވެ. އަޅުގަނޑު މިއައީ މަނިކުފާނުގެ ހުރިހާ ހިތާމައެއް ފިލައިގެންދާފަދަ އުފާވެރިކަމުގެ ޚަބަރަކާއިގެންނެވެ. ރަސްގެފާނު ވިދާޅުވިއެވެ. ކޮންފަދަ ކަންތައްގަނޑެއް ހިނގައިގެން ނުވަތަ ކޮންފަދަ ޚަބަރަކާއިގެން ހެއްޔެވެ. ދެން ހަނދޭގިރިން ދެންނެވިއެވެ. ދުނިޔޭގެ ވެރިރަސްގެފާނެވެ. މަނިއްޕުޅުގެ އަނބިކަނބަލުން މާލިކަތު މިހްޝާނާ ރައްކާވެއްޖެއެވެ. ރަސްގެފާނު މިއަޑު އައްސަވާ އުފާފުޅުން ހިނިފުޅު ވަޑުވައި އަވަސްއަވަހަށް ވަޑައިގެން އަނބިކަނބަލުން ވަޑައިގެން އޮންނެވި ކޮޓަރިކޮޅަށް ވެދެވަޑައިގެންނެވިއިރު އެކަމަނާ ރައްކާވެފައިވަނީ ސާދަވިލޭރޭގެ ހަނދުފަދަ ރީތިކަމާއި ފުރިހަމަކަމުގައި ލާމަސީލް އަންހެން ބޭފުޅެކެވެ. އެކަމަނާގެ ކޯތާފަތްޕުޅު މަތީގައިވެސް އެމަނިކުފާނު ކޯތާފަތްޕުޅު މަތީގައިވާކަހަލަ ލަފެއް ހުއްޓެވެ. ރަސްގެފާނު މިކަމުގެ ސަބަބުން އިންތިހާ ދަރަޖައަށް އުފާފުޅުވެ އެތުއްޕުޅު ދަރިކަނބަލުންނާއިގެން ސަޤަރުދޫސް ޙަކީމްގެ ކައިރިއަށް ވަޑައިގެން އެމަނިކުފާނުގެ އަރިއަހުގައި އެކަމަނާ ބާއްވައިފިއެވެ. އޭރު މީސްތަކުން އެތާނގައި އެމީހެއްގެ މާޤާމަކާއި އެކަށީގެންވާ ގޮތުން ތިބޫއެވެ. ދެން ރަސްގެފާނު ވިދާޅުވިއެވެ. މިދެކުދީންގެ ކޯތާފަތްމަތީގައި މިވާ ދެލަފުންކުރެ ރީތީ ކޮންލަފެއް ހެއްޔެވެ؟ އެވަޤުތު ސަޤަރުދޫސް ޙަކީމް އޭނާގެ ބޮލުގައި ދެއަތުން އަމިއްލައަށް ތަޅައިގަނެ ފޭރާންތައް ވީދާ، ތުނބުޅި ލުހެ ދަތްތައް ވެރިއްޖައުމަށް ދާންދެން ދަތްކުޑި ވިކައިގެންފައި އަޑުގެ ކޮޅަށް ގޮވާލިއެވެ. އެއަށްވުރެ މަތިވެރި ތަރިއެއްނުވާ ޒަހަލް ގަންދީފައި ބުނަމެވެ. މިދެލަފުންކުރެ އެއްލަފު އަނެއްލަފާ ގުޅިދާނެތީ އަހަރެން ވަރަށްބޮޑަށް ބިރުގަނެއެވެ. ދެން އަފްރާހް ރަސްގެފާނު ވިދާޅުވިއެވެ. އޭ ބަލަ ޙަކީމްއެވެ. ކަލޭތިޔައީ ކޮންކަހަލަ ޙަކީމެއްހޭ؟ އަދި ކަލޭގެފުށުން އަހަރެމެންނަށް މިއެނގުނީ ކޮންއެއްޗެއް ހެއްޔެވެ؟ ޙަކީމް ދެންނެވިއެވެ. މިކަމުގެ ސަބަބުން އަންނާންހުރި ހުރިހާ ނުރައްކަލެއް ހުރީ މަނިކުފާނަށާއި މަނިކުފާނުގެ ފަހުން އަންނާންތިބިހާ ބަޔަކަށެވެ. ވީމާ އަވަހަށް އެކުއްޖާ ޤަތުލުކޮށްލައްވާށެވެ. އަޅުގަނޑު އެކުއްޖާ ދެކޭކަށްވެސް އަދިއޮތީ ކޮން ސޫރައެއްގައިތޯ ބަލާކަށްވެސް ބޭނުމެއް ނޫނެވެ. އަޅުގަނޑަށް އެނގިފައިވާގޮތުގައި މިދެލަފު އެއްލަފު އަނެއްލަފާ ގުޅިއްޖެއްޔާ އެބައެއްގެ އަތްމަތިގައި ނޫޙުގެފާނުގެ ދުޢާގެ އަސަރު ހިނގާނޭކަމީ ޝައްކެތްވެސްނެތް ކަމެކެވެ. އަދި ސޫދާންކަރައިގެ އެންމެން ސާމްގެފާނުގެ ދަރިކޮޅުގެ މީހުންގެ އަޅުންނާއި ނޯކަރުންކަމުގައި ވާނެއެވެ. އަދި އެގޮތުން ހަބުޝްކަރައިގެ ރަށްތައް ހަލާކުކޮށް ނެތިކޮށްލާނެއެވެ. މަނިކުފާނު މިކުއްޖާ ޤަތުލު ނުކުރައްވައިފިނަމަ މަނިކުފާނާއި މަނިކުފާނުގެ ލަޝްކަރު ޚަރާބުވެ ނެތިދިއުމަށް މަނިކުފާނު އެދިވަޑާއި ގަންނަވަނީއެވެ. ނޫންނަމަ މަނިކުފާނުގެ ދަރިކަނބަލުން ޤަތުލު ކޮށްލައްވާށެވެ. ދެން އަޅުގަނޑުގެ ވާހަކަ މިނިމުނީއެވެ.

 

(ނުނިމޭ)

ނޯޓް: ވާހަކައަކީ ހ.ވައިޖެހޭގޭ އަޙުމަދު ރަޝީދު، ސ.ހިތަދޫ އިބްރާހީމް ޝާކިރު، ގ.ކިޔަވާގޭ އަބްދުއްޝުކޫރު: 18 ޑިސެމްބަރ 1966 ގައި ދިވެހިބަހަށް ތަރުޖަމާކޮށް އަތުލިޔުމުން ލިޔެފައިވާ ވާހަކައެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355