twitterviber whatsapp telegramfacebookyoutube instagram
26th April 2024

ސައިފް ރަސްގެފާނު ވާހަކަ (9)

Dec 15, 2012

.

ޑިސެމްބަރ 01 ވަނަ ދުވަހުގެ ބަޔާ ގުޅޭ

އަފްރާހް ރަސްގެފާނު ޙަކީމްގެ މިވާހަކަތައް އައްސަވާފައި، އެމަނިކުފާނުގެ މޫނުފުޅުގެ ކުލަވަރު މުޅީން ބަދަލުވެގެން ހިނގައްޖެއެވެ. އަދި ކޯފާގެ ރާގުގައި ވިދާޅުވިއެވެ. އޭނުލަފާ ޙަކީމްއެވެ. ހަމަކަށަވަރުން ކަލެޔަކީ އިބްލީހުގެ ދަރިކޮޅުން އައިސްހުރި މީހެކެވެ. އެޔަށްވުރެ، މަތިވެރި ތަރިއެއް ނުވާ ޒަހަލު ގަންދީ ބުނަމެވެ. ހަމަކަށަވަރުން އަހަރެންގެ ދަރިފުޅު ޤަތުލުކޮށް ނެތިކޮށްލުމަކީ އެއީ އަހަންނަށް ވެވޭނޭކަމެއް ނޫނެވެ. އަދި މިކުއްޖާ ޤަތުލުކުރުމަށް ކިތަންމެވަރަކަށް މަޖުބޫރު ކުރިކަމުގައިވިޔަސް އެކުއްޖާ ޤަތުލުކުރުން އަހަންނަށް ވާޖިބެއް ނޫނެވެ. ވީމާ، އަހަރެން އެކުދީން ވަކިވަކީން ދެގަނޑުވަރުގައި ބައިތިއްބައިގެން ބޮޑުކުރާނީއެވެ. ދެން ރަސްގެފާނު ތެދުވެވަޑައިގެން އެތުއްޕުޅު ދެބޭފުޅުންނާއިގެން އަނބިކަނބަލުންގެ ގަނޑުވަރަށް ވަޑައިގެން އެދަރިކަނބަލުންނަށް ރެއާއި ދުވާލު، ހެނދުނާއި ހަވީރު ޚިދުމަތް އަދާކުރެވޭނޭ ގޮތުގެމަތީން ކިރުމައިންނާއި، ނޯކަރުން ލައްވައި ހުރިހާ ކަންތައްތަކެއް ހަމަޖައްސަވައިފިއެވެ. އަދި އެތުއްޕުޅު މަނިކުފާނަށްވެސް ކިރުމައިން ހޯއްދަވައި، ހެނދުނާއި ހަވީރު ޚިދުމަތް އަދާކުރެވޭނޭ ގޮތުގެމަތީން ހުރިހާކަމެއް ހަމައެފަދައިން ހަމަޖައްސަވައި ދެއްވިއެވެ. އަދި އެމަނިކުފާނުގެ ނަމެއްކަމުގައި ވަހުސުލް ފުލާހް އޭ ވިދާޅުވެ ނަންދެއްވިއެވެ. އެއީ އެމަނިކުފާނު ކެޔޮޅުކަލޭގެ ދުށީ ޖަންގަލީން ކަމުގައި ވާތީއެވެ.

ދެން މިގޮތުގައި ކުޑަދުވަސްކޮޅެއް ވެއަތުވެ ދިޔަފަހުން އެއްދުވަހަކު ވަހުސުލް ފުލާހް ކިރުމައި ކަމަނާއާއިއެކީ ބަގޯޗާތެރޭގައިހުރި ލޯ ބިލިގާކޮޅަކަށް ފެން ފުރުއްވަން އުޅެނިކޮށް، އަންހެނަކު ބުނިއަޑު އިވުނެވެ. ވަހުސުލް ފުލާހް އަހަންނަށް ދޭށެވެ. ކުޑަދުވަސްކޮޅަކު އަހަރެން އޭނާ ތަރުބިއްޔަތުކޮށް ބޮޑުކޮށް އޭނާ އުމުރުން ތިންއަހަރުވީމާ އަނބުރާ ގެނެސްދީފާނަމެވެ. ނަމަވެސް ކިރުމައިކަމަނާ މިއިވުނު އަޑަކަށް އެއްވެސް ޖަވާބެއް ނުދިނެވެ. ތިންފަހަރަށް މިއަޑުއިވުނުއިރުވެސް އެއްވެސްއަޑެއް އިވޭކަމަކަށްވެސް އެކަމަނާ ނުހެއްޖެވެ. ދެން އެންމެފަހުން ބުނިއަޑުއިވުނީ ކަމަނާ މިކޮއިފުޅު އަހަންނަށް ނުދީފިނަމަ، ކަމަނާ ޤަތުލު ކޮށްލާފާނަމެވެ. މިހެންނެވެ. ދެންކިރު މައިކަމަނާ އެމަނިކުފާނުގެއާއި އެމަނިކުފާނުގެ ނަފްސްގެމައްޗަށް ބިރުން އެމަނިކުފާނު އެތަނަށް ދޫކޮށްލާފައި ގަނޑުވަރުގެ ތެރެއަށް ހިނގައްޖެއެވެ. ކުޑައިރުކޮޅެއްގެ ފަހުން އައިސް ބެލިއިރު އެމަނިކުފާނުގެ އެއްވެސް އަސަރެއް، ހަބަރެއްވިޔަސް ފެންނާކަށް ނެތެވެ. ދެން ކިރުމައިކަމަނާ މިކަންތަކާއި ވަރަށް ހިތާމަކޮށް ރޮމުން އަފްރާހް ރަސްގެފާނުގެ އަރިހަށް އައިސް މިވީ ކަންތަކުގެ ވާހަކައިން ދަންނަވައިފިއެވެ. ރަސްގެފާނުވެސް މިކަމާއި ދޭތެރޭ ހިތާމަ ފާޅުކުރައްވައި ފިކުރު ކުރެއްވުމަށްފަހު ސަޤަރުދޫސް ޙަކީމަށް މިވާހަކަ އަންގަވައިފިއެވެ. ދެން ޙަކީމް ދެންނެވިއެވެ. ތިޔަކަން ތިޔަގޮތަށް ވީކަމައްޓަކައި ޒަހަލަށް ހަމްދު ހުއްޓެވެ. ދެން ސަޤަރުދޫސް ޙަކީމް ޒަހަލަށް އަޅުކަންކޮށް އެކަމަށްޓަކައި ވަރަށްބޮޑަށް ޝުކުރު އަދާކުރިއެވެ.

ދުވަސްތައް ވޭތުވަމުން އަހަރުތަކާއި މައްސަރުތައް ތަކުރާރުވަމުންގޮސް ބަރާބަރު ތިންއަހަރުވީދުވަހު، އިއްތިފާޤުން ދިމާވިގޮތަކީ އަފްރާޙް ރަސްގެފާނު އެމަނިކުފާނުގެ ގަނޑުވަރުން ނުކުމެވެޑައިގެން ވަހުސުލް ފުލާހް ގެއްލުނު ތާގައި އެމަނިކުފާނު ގެއްލުނު ގޮތުގެ ވާހަކަ ދައްކަވާން ހުންނަވަނިކޮށް މީހަކު ބުނިއަޑު އިވުނެވެ. ” އޭ މަލިކު އަފްރާހެވެ. އުފާވެރިކަމުގެ ޚަބަރުން އަޚުގަނޑު މަނިކުފާނަށް ބަޝާރަތު ދެމެވެ. އަޅުގަނޑު އެމަނިކުފާނު ގެންގޮސް ބައްރުގައި ތަރުބިއްޔަތު ކުރީމެވެ. އަޅުގަނޑު އަމިއްލައަށް ތިންއަހަރުފަހުން، އެމަނިކުފާނު ގެނެސްދިނުން ޝަރުތުކުރި ކަމުގައި ނުވާނަމަ، ހަމަކަށަވަރުން އެމަނިކުފާނާއިގެން އެނބުރި ނައީމުހެވެ. ދެން މަނިކުފާނު ދަރިކަލުން ނަންގަވާށެވެ. އަދި އެމަނިކުފާނުގެ މައްޗަށް އިންތިހާ ދަރަޖައިގެ ރައްކައުތެރިކަމާއިއެކީ ބަލަހައްޓާށެވެ. އެމަނިކުފާނަށް އެއްވެސްކަހަލަ ތުރާލެއް، އުނދަގުލެއްކުރި ކޮންމެމީހަކު ވީނުވީގޮތެއް އަނެކުންނަށް ނުވެސް އެނގޭ ފަދައަކުން ހަލާކުކޮށް އެމީހެއްގެ ވަޒަނާއި ގެދޮރުނެތިކޮށް އިންދިރާސް ކޮށްލާނަމެވެ.” އަދި ދެންނެވިއެވެ. ” އޭ މާލިކު އަފްރާހެވެ. މަނިކުފާނު ދެނެވަޑައި ގަންނަވަމުތޯއެވެ. މިއީ މާތްވެގެންވާ ރަސްކަލެއްގެ އިއްޒަތްތެރި ދަރިކަލެކެވެ. އަޅުގަނޑުގެ އަންހެން ދަރިފުޅުވަނީ މިދަރިކަލުންނާއި ކިރުގެގޮތުން އުޙުތެއް ކަމުގައި ވެފައެވެ. އަޅުގަނޑު ވަނީ އެދަރިކަލުންގެ ކިޔަމަންތެރި ބައްޕައެއް ކަމުގައެވެ.” ދެން މަލިކު އަފްރާހް އެދަރިކަލުން ނަގައިގެން އެރަސްގެފާނުގެ އަނބިކަނބަލުންގެ އަރިހަށް ވަޑައިގެން ރަސްގެފާނުގެ ލޯފުޅުން ދެކެވަޑައިގެން ކަންފަތްޕުޅުން އެއްސެވި މިހަޤީޤީ މަންޒަރުތަކާއި އަޑުތަކުގެވާހަކަ އެކަމަނާއަށް ވިދާޅުވެ ދެއްވިއެވެ. މަލިކު އަފްރާހަށް ލިބިވަޑައިގަތް ދަރިކަނބަލުންނަށް، އެމަނިކުފާނު ނަންދެއްވާފައިވަނީ ޝާމަތުއެވެ.

ދެން ރަސްގެފާނު ވިދާޅުވިއެވެ. އޭ ޝާމަތުގެ މަންމާއެވެ. ކަމަނާ މިދަރިކަލުން ނަންގަވާށެވެ. މިދަރިކަލުންގެ ނަންފުޅަކީ ވަހުސުލް ފުލާހްއެވެ. އެހެނީ އެދަރިކަލުން ގެއްލިވަޑައިގަތުމަށްފަހު އަލުން އިއާދަ ވެވަޑައިގެންފިއެވެ. ފަހެ އެކަމަނާއަށް އެދަރިކަލުން ފެނިވަޑައި ގެންނެވިހިނދު، ދާންމަތިކޮޅުން ތެދުވެވަޑައިގެން ލޯބިން ފުރިގެންވާ ހާލެއްގައި އެދަރިކަލުން އުރުވަޑުވައި ދެބުމަފުޅު ދެމެދުގައި ބޮސްދެއްވައި އުފާފުޅު ކުރެއްވިއެވެ. އެކަމަނާ އެހާބޮޑަށް އުފާފުޅުވެވަޑައިގަތީ ވަހުސުލް ފުލާހް ގެއްލިވަޑައިގެންފައި އަނބުރާ ރުޖޫއަ ވީކަމުގެ ސަބަބުންނެވެ. އަދި ވިދާޅުވެސް ވިއެވެ. މިހިރީއަކީ އާދައިގެ ކަންކަމެއް ނޫނެވެ. ސަބަބުތަކެއް އެކުލެވިގެންވާ އަޖާއިބުވާފަދަ ކަންތައްތަކެކެވެ.

ކުރީގައިވެސް ބަޔާންކުރެވުނު ފަދައިން މަލިކާ ޤަމަރިއްޔާ އެދަރިކަލުންނާއިގެން ޖަންގަލީގައި ދަތުރު ކުރައްވާފައިގޮސް ކަށިގަހެއްގެ ދޮށަށް އެމަނިކުފާނު ދޫކޮށްލައްވާފައި އެކަމަނާ ހުންނެވީ ނިކަން އުފާފުޅުންނެވެ. ހުރިހާ ހިތާމައަކާއި ބިރުވެރިކަމެއް މުޅިން ފިލާދިޔައީ ކަމުގައި ހިއްތަވައި، ހިތްޕުޅު ހަމަޖައްސަވައިގެންނެވެ. ދެން އެމަނިކުފާނު އެރޭ އެގަސްދޮށުގައި އޮންނަވަނިކޮށް އެދިމާ މަތީން ޖިންނީންގެތެރެއިން އެއްރަސްކަލެއްގެ އަނބިކަނބަލުން އެމަނިކުފާނު އާޤިސަތު ކިޔާ ދަރިކަނބަލުންނާއިއެކީ ހިތްފަސޭހަ ކުރެއްވުމަށް އުދުހި ވަޑައިގަންނަވަނިކޮށް އެމަނިކުފާނު ދެކެވަޑައިގެންފިއެވެ.މި އާޤިސަތަކީ އަލިވެގެންވާ އިރެއްފަދަރީތި އަންހެން ސާހިބެކެވެ. އެކަމަނާގެ މަންމަގެ ފިރިކަލުންނަކީ ޖިންނީންގެތެރެއިން އެތައް އެތައް ބޮޑެތި ރަސްކަލުންނަށް ހުކުމްކުރައްވާ ރަސްކަލެކެވެ. މިރަސްގެފާނުގެ ނަންފުޅަކީ މަލިކު އަބްޔަޟް އެވެ. މި އަބްޔަޟް ރަސްގެފާނަކީ ޖަބަލުލް ޤަމަރާއި މަންބިއަލް ނައިލްގައި ވަޒަންވެރިވެ ވަޑައިގެން ހުންނަވާ ބޭފުޅެކެވެ. އެމަނިކުފާނުގެ އުމުރުން އެތައް ޒަމާނެއް ވޭތުވެ ދިޔައިރުވެސް އެމަނިކުފާނަށް މިނޫން އެހެންބޭފުޅަކު ލިބިވަޑައެއް ނުގަންނަވައެވެ. ރަސްގެފާނު މިދަރިކަނބަލުންނަށް ނަންދެއްވާފައިވަނީ އާޤިޞަތުއެވެ. އެ އާޤިޞަތުގެ މަންމާ އެދަރިކަނބަލުންނާއިގެން ދުނިޔޭގެ ބައްރުތަކުގައި ދަތުރުކުރައްވަމުންގޮސް އެއްޖަންގައްޔަކަށް ފައިބާ ވަޑައިގެން އަރާމުކުރައްވައި އުފާކުރައްވަން އުޅުއްވުމުގެ ތެރޭގައި އެކަމަނާ ކަށިގަހެއްގެ ދަށުގައި އިށީނދެ ވަޑައިގެން އެތާނގައި އަވަހާރަފުޅު ލެއްޕެވުމަށް ގަސްދުކުރައްވައިފިއެވެ. މިހުރިހާ ކަމަކީވެސް ހުރިހާކަމެއް އެންމެމޮޅަށް ދެނެވޮޑިގެންވާ ކަލާނގެ މިންވަރުފުޅުން ހިނގަމުންއަންނަ ކަންތައްތައްކަމުން އެވަޤުތު އެކަމަނާއަށް ކުޑަފިރިހެން ކުއްޖަކު އެޖަންގަލީގެ ތެރެއިން ރޯއަޑު އިވިވަދައިގެންފިއެވެ. ދެން އެކަމަނާ އެއީ ކޮންއަޑެއްތޯ ބައްލަވައި ލެއްވިތަނާ އެމަނިކުފާނު ދެކެވަޑައިގެން ނަންގަވައި، އެމަނިކުފާނު އަލާކެޑޭންދެން ކިރުފޮދު އަރުވައިފިއެވެ. އޭގެފަހުގައި އެމަނިކުފާނު އެތަނަށް ދޫކުރައްވާ އެކަމަނާގެ ދަރިކަނބަލުންނައިގެން އަބްޔަޟް ރަސްގެފާނުގެ ގަނޑުވަރަށް ވަޑައިގެން އެކަމަނާ ޖަންގަލީގެތެރެއިން ދެކެވަޑައިގަތް ކަންތައްތަކާއި އެ ތުއްޕުޅު ދަރިކަލުންނަށް ކިރުފޮދު އެރުންވި ވާހަކައަށް ދާންދެން ދަންނަވައިފިއެވެ. ދެން އަބްޔަޟް ރަސްގެފާނު އެކަމަނާ މިދެންނެވި ވާހަކަތައް އައްސަވައިފިހިނދު އެކަމަނާ ކަންތައްކުރެއްވިގޮތުން ނުޤަބޫލުފުޅުވެ ކޯފާގެ ފާޑަކަށް ވިދާޅުވިއެވެ. ކަމަނާ ރޭގަނޑު ދަންވަރު އެކުޑަކުއްޖާ ޖަންގައްޔަށް ދޫކޮށްލާފައި އައިހިނދު، ކަމަނާގެ ހިތައް ހަމަ އެއްވެސް އެއްޗެއް ނާރާހޭ؟ އަދި ކަމަނާއަށް ތިޔަކަމުން ލިބޭނޭ ނިކަމެތިކަމަށް އެއްވެސް ބިރެއްނުގަނޭހޭ؟ ކަމަނާ ތިޔަކުރެއްވީ ވަރަށްވެސްދެރަ ކަމެކެވެ. މިއަދު އެކުއްޖާ ކަމަނާގެ ދަރިއަކަށް ވެއްޖެއެވެ. އެގޮތަކީ ކަމަނާ އެކުއްޖަކަށް ކިރުދީފިއެވެ. ދެން ރަސްގެފާނު އެކަމާގެ މައްޗަށް އިސްވި ކޯފާއިން އެކަމަނާގެ މޫނުފުޅު މަތީގައި އެތިފަހަރެއް ޖައްސަވައިފިއެވެ. މިކަން ހިނގިގޮތް އާޤިޞަތުގެ މަންމާ ދެކެވަޑައިގެން ހައިރާންވެ އަންތަރީސް ވެއްޖެއެވެ.ދެން އެކަމަނާ ވީދެރައާއި މޮޅިން އެމަނިކުފާނު ފެނޭތޯ ޖައްވުގައި ދަތުރުފުޅު ކުރެއްވުމަށް ހީކުރައްވައިގެން، ޖަންގަލިތަކާއި ވާދީތައް، ހުސްބިންތަކާއި އަޑިއުސްތަންތަން ކަޑައްތު ކުރައްވަމުން ދަތުރު ކުރައްވައިފިއެވެ. ނަމަވެސް އެދަރިކަލުންގެ އެއްވެސް ޚަބަރެއް ނުލިބުނެވެ. އެޚަބަރެއް ނުލިބުނުގޮތަކީ އެކަމަނާ އެތަނުން އެނބުރި ވަޑައިގެންނެވިފަހުން ކުރީން ބަޔާންކުރެވުނުފަދައިން ކެޔޮޅުކަލޭގެ އެތަނަށްއައިސް އެމަނިކުފާނު ނަގައިގެން ގެންދިޔަކަމުގެ ސަބަބުންނެވެ.

އެކަމަނާ އެވަރުންވެސް އެމަސައްކަތްފުޅު ހުއްޓާނުލައްވާ ކުރެއްވި ކަމުގެ ސަބަބުން އެންމެފަހުން އަފްރާހް ރަސްގެފާނު އަރިހުގައި އެމަނިކުފާނު ވާކަން އެކަމަނާއަށް އެނގިވަޑައިގެންފިއެވެ. ދެން އެކަމަނާ އަފްރާޙް ރަސްގެފާނުގެ ގަނޑުވަރުން އެމަނިކުފާނު އަތުލައިގެން ޖަބަލުލް ޤަމަރާއި މަންބިއަލް ނައިލްއަށް ދަތުރުކުރައްވައި އޭނާގެ ފިރިކަލުން އަބްޔަލް ރަސްގެފާނުގެ އަރިއަހުގައި އެކަން ހިނގިގޮތުގެ ވާހަކަ ދަންނަވައިފިއެވެ. ވަހުސުލް ފުލާހް، އަފްރާޙް ރަސްގެފާނުގެ ގަނޑުވަރުގައި ހުންނަވަނިކޮށް ގެއްލުނީ މިބަޔާންވެދިޔަ ފަދައިން އާޤިޞަތުގެ މަންމާ އެމަނިކުފާނު ގެންނެވިކަމަށްޓަކައެވެ. ވަހުސުލް ފުލާހް، އާޤިޞަތުގެ މަންމާގެ އަރިއަހުގައި ހުންނެވިއިރު އެކަމަނާ ކަންތައްކުރައްވާ ގޮތަކީ ކޮންމެ ދުވަހަކުވެސް އެމަނިކުފާނަށް ކިރުފޮދު އަރުވައި އެކަމަނާގެ ދަރިކަނބަލުން އާޤިޞަތާއި ދެބޭފުޅުން ތަރުބިއްޔަތު ކުރައްވަނީއެވެ. މިގޮތުގައި ބަރާބަރު ތިންއަހަރު ހަމަވުމުން އެދަރިކަލުން އަފްރާޙް ރަސްގެފާނު އަރިއަހަށް ގެނެސްދެއްވީއެވެ.

އަފްރާޙް ރަސްގެފާނުގެ އަރިއަހަށް އެމަނިކުފާނު ރައްދުކުރެއްވުމުން އެރަސްގެފާނުގެ ހިތްޕުޅުގައިވާ ހިތާމަތައްފިލައި، އުފާވެރިކަން ލިބިވަޑައިގެންފިއެވެ. ދެން އެމަނިކުފާނުގެ އަރިއަހަށް ރެއާއި ދުވާލު ޚިދުމަތް ކުރާނޭ ޚައްދާމުން ލައްވައި އަދި އަރިހުގައި ކުޅެން އުޅޭނޭ ކުޑިންނަށް ދާންދެން ލައްވައި ނުހަނުރައްކާތެރި ކަމާއިއެކީ ބެލެހެއްޓެވޭނޭ އިންތިޒާމްތައް ހަމަޖެއްސެވިއެވެ. މިގޮތުގައި 7 އަހަރު ފުރިހަމަވީފަހުން އެމަނިކުފާނު އަހަށް ސަވާރުވުމަށް އެދިވަޑައިގެން ރަސްގެފާނަށް ދަންނަވައިފިއެވެ. ދެން ރަސްގެފާނު ނުހަނު އުފާފުޅު ކުރެއްވުމާއެކު، ރަނގަޅު މޮޅުއަހެއް ހޯއްދަވައި ދެއްވައިފިއެވެ. ނަމަވެސް އެއަހަކީ އެމަނިކުފާނު ސަވާރުވެވަޑައިގަތުމަށް، އެކަށީގެންވާވަރުގެ އަހެއްކަމަކަށް އެމަނިކުފާނު ޤަބޫލެއް ނުކުރެއްވިއެވެ. ދެން އަނެއްކާ، ޢަރަބި ކަރައިގެ ރަސްރަސްކަލުންގެ އަރިއަހުން ތަރުބިއްޔަތު ލިބިފައިވާ ކަޅުއަނދިރި ރޭގަނޑެއްކަހަލަ އަހެއްދެއްވައިފިއެވެ. މިއަހާއި ވަރަށްބޮޑަށް ޤަބޫލްފުޅުވެވަޑައިގެން އެއަހަށް ސަވާރުވެވަޑައި ގެންފިއެވެ. އަދި ދިގުލޮންސިއަކާއި ތޫނު ކަނޑިއެއް ދެއްވާތޯ ރަސްގެފާނަށް ދެންނެވުމުން އެތަކެތިވެސް އެމަނިކުފާނަށް ހޯއްދަވައި ދެއްވައިފިއެވެ. ދެން އަސްމައްޗަށް ސަވާރުވެވަޑައިގެން މައިދާނަށް ނުކުންނަވާ، މީސްމީހުންނާއެކީ ކުޅިޖައްސަވައި ހައްދަވައެވެ. މިގޮތުން އަހަށް ސަވާރުވުމަށާއި، ހިތްވަރު ގަދަކަމަށާއި، މިހިރަ މިހިރަ ކަންތައްތަކަށް އެމަނިކުފާނު ފުރިހަމަވަމުން ހުރެއާދެއެވެ. އެކަން އެހެންއެވަނީ، އެމަނިކުފާނަކީ މިބާވަތުގެ ކަންތައްތަކަށް ކުޅަދާނަ ހިތްވަރުގަދަ، އަބުޠާލުންގެ ދަރިކޮޅުން އައިސްފައިވާ ބޭފުޅެއް ކަމުގައި ވާތީއެވެ. މިހާރު އެމަނިކުފާނުގެ ނަންފުޅު މަޝްހޫރުވެ މީސްތަކުންގެ ހިތްތަކުގައި ލޯތްބާއި ޤަދަރު އުފެދި ބޮޑުވަމުން ހުރެ އާދެއެވެ.

(ނުނިމޭ)

ނޯޓް: ވާހަކައަކީ ހ.ވައިޖެހޭގޭ އަޙުމަދު ރަޝީދު، ސ.ހިތަދޫ އިބްރާހީމް ޝާކިރު، ގ.ކިޔަވާގޭ އަބްދުއްޝުކޫރު: 18 ޑިސެމްބަރ 1966 ގައި ދިވެހިބަހަށް ތަރުޖަމާކޮށް އަތުލިޔުމުން ލިޔެފައިވާ ވާހަކައެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355