twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުރިއަށް އޮތް ފަސް އަހަރުތެރޭ ކޮމްޕިއުޓަރުތަކަށް ވަސްބަލަން އަދި ރަހަބަލަން ދަސްވާނެ

Dec 18, 2012

ތިމާ ގެންގުޅޭ ކޮމްޕިއުޓަރަށް ތިމާ ވިސްނާ ގޮތަށް ވިސްނޭނެ ބާއޭ ބައެއް ފަހަރު ހިތަށް އަރާ ހެއްޔެވެ؟ ނުވަތަ ކޮމްޕިއުޓަރުން ފެންނަ ތަކެތީގެ ވަހާއި ރަހަ ތިމާއަށް އެނގޭނެ ބާއޭ ހިތަށް އަރާ ހެއްޔެވެ؟ މިހެން ހިތަށް އަރާ ފަރާތްތަކަށް، އެންމެ ދުވަސްވީ އެއް ކޮމްޕިއުޓަރ ކުންފުނި އައިބީއެމް އިން ވަނީ މިއަދު “ސަޅި” ހަބަރެއް ގެނެސްދީފައެވެ. އެކުންފުނިން ބުނާގޮތުން 2018 ވަނަ އަހަރު އަންނަ އިރު ކޮމްޕިއުޓަރަށް ފަސް ހިއްސު ލިބިގެންދާނެއެވެ. އަދި އިންސާނުންނަށް ކޮމްޕިއުޓަރުން ފެންނަ އެއްޗެހީގައި އަތްލާ، ވަސްބަލާ، ރަހަ ބަލާ ވެސް ހެދޭނެއެވެ.

އަހަރެމެން ގެންގުޅޭ ކޮމްޕިޓަރަށް ކުރިން އެނގެނީ ކޮމްޕިއުޓަރުގެ ކީބޯޑުގައި ލިޔާ އެއްޗެއްސާއި މައުސް ބޭނުންކޮށްގެން ކްލިކް ކުރާ އެއްޗެއްސެވެ. ނަމަވެސް މިހާރު އަހަރެމެން ދައްކާ ވާހަކަ ވެސް ކޮންޕިއުޓަރަށް އެނގެއެވެ. ރައްޓެއްސަކަށް މެސެޖެއް ފޮނުވުމަށް ފޯނު ކައިރީ އަނގަބަހުން ބުނުމުން މެސެޖް އަމިއްލައަށް ލިޔެލާ ފޮނުވާލާ ފޯނާއި އެޕްލިކޭޝަން މިހާރު އެބަހުއްޓެވެ. އަދި އަހަރެމެން ތިބޭ ތަނެއްގައި ޖަހާފައި ހުރި ލަވަ އެއީ ކާކު ކިޔާފައިވާ ކޮން ލަވައެއްކަން ވެސް މިހާރުގެ ފޯނުތަކަށް ދެނެގަނެވެއެވެ.

ނަމަވެސް ފޯނު އޮތްތަނުގައި ނުވަތަ ކޮމްޕިއުޓަރު ހުރިތަނުގައި ދުވަނީ ކޮންވަހެއްތޯ ނުވަތަ ލަނީ ކޮން ރަހައެއްތޯ ބެލޭނެބާއޭ ހިތަށް އަރައެވެ. ކައްކަން ބަދިގޭގައި ހުންނަ އިރު ރަހަމީރު ކޮށްލަން ހަދަންވީ ގޮތް ތިމާ ގެންގުޅޭ ފޯނުން ބުނެލާ ދުވަސް ވަރަށް އަވަހަށް އަންނާނެއެވެ.

އޭގެ އަނެއް ކޮޅަށް ބަލާއިރު ކޮމްޕިއުޓަރުން ފެންނަ ތަކެތީގެ އިހުސާސް އިންސާނުންނަށް ވެސް ކުރެވޭނެއެވެ. އައިބީއެމް ކުންފުނިން ބުނާގޮތުން ކައިރި މުސްތަގްބަލެއްގައި، ކައިވެނީގެ ހަފްލާއަށް ގަންނަން ބޭނުންވާ ވެޑިން ޑްރެސް ގެ މެޓީރިއަލް ތިމާ ގެންގުޅޭ ޓެބްލެޓްގެ ސްކްރީނުގައި އަތްޖައްސަލައިގެން އެނގޭނެއެވެ.

އަހަރެމެން އެއްޗެއްގައި އަތްލުމުން ނުވަތަ އެއްޗެއްގެ އިހްސާސް ވުމުން އަހަރެމެންގެ ހަންގަނޑަށް އަންނަ ވައިބްރޭޝަންތައް ސިކުނޑީގައި ރައްކާކުރެއެވެ. އަދި އެއީ އޮމާން އެއްޗެއްކަން ނުވަތަ ރާޅު އެއްޗެއްކަން ނުވަތަ ނުވަތަ ތޫނު އެއްޗެއްކަން ސިކުނޑިން ނިންމައެވެ. ކޮންޕިއުޓަރުތަކުގައި ބޭނުންކުރާ ސެންސަރުތައް އެފެންވަރަށް ގެންދެވޭނެ ކަމަށް އައިބީއެމް އިން ބުނެއެވެ. އަދި ސްމާޓްފޯނުތަކުގެ ސްކްރީންތަކުގެ ވައިބްރޭޝަން އެފެންވަރަށް ތަރައްގީ ކުރެވުމުން ބިއްލޫރި ސްކްރީނެއްގައި އަތްޖައްސާލި ކަމުގައި ވިޔަސް، ސްކްރީނުން ފެންނަ އެއްޗެއްގެ އިހްސާސް ކުރެވޭވަރަށް ސްކްރީންތައް ތަރައްގީ ވާނެއެވެ.

ވައިބްރޭޝަން ބޭނުންކޮށްގެން މިހާރު ވެސް ބައެއް އިލެކްޓްރޯނިކްސް އަށް ވަނީ އަސްލު އިހުސާސް ގެނެވޭތޯ މަސައްކަތް ފަށާފައެވެ. މިސާލަކަށް ބަލާލާނަމަ، ކާރު ދުއްވާ ވީޑިއޯ ގޭމެއް ކުޅެން އިންނަ އިރު، ކާރު މަގުން ކައްސާލުމުން ކޮންޓްރޯލަރ އަށް އެއަންނަ ވައިބްރޭޝަން އަކީ މިފަދަ ކަމެކެވެ. އަދި 2018 ވަނަ އަހަރު އަންނަ އިރު އެ ވައިބްރޭޝަން ތަރައްގީކޮށް އެއީ އަސްލު ކާރެއް ދުއްވަން އިންދާ ވާކަމެއްހެން އިހްސާސް ވާވަރު ކުރާނެކަމަށް ބުނެއެވެ.

ސިއްހީ ދާއިރާގައި ބޭނުންކުރާ ބައެއް އާލާތްތަކުގައި މިހާރު ވެސް ޓަޗް ސްޓިމިއުލޭޓް ކުރުމަށް މިފަދަ ޓެކްނޮލޮޖީތައް އައިބީއެމް އިން ބޭނުންކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355