twitterviber whatsapp telegramfacebookyoutube instagram
27th April 2024

ސައިފް ރަސްގެފާނު ވާހަކަ (10)

Dec 29, 2012

.

ޑިސެމްބަރ 15 ވަނަ ދުވަހުގެ ބަޔާ ގުޅޭ

ދެން މިގޮތަށްގޮސް 14 އަހަރު ފުރިހަމަވީއިރު، އެމަނިކުފާނު ބޮޑުފުޅުވެ ޒުވާންކަން ފުރިހަމަ ވެއްޖެއެވެ. އޭރު އެމަނިކުފާނުގެ ކޯތާފަތްޕުޅު މަތީގައިހުރި، ލަފުގެ ވަށައިގެން މީސްތަކުންގެ ހިތްތައް ދަމައިގަންނަފަދަ އަސަރުގަދަ ލޯލިފުޅުތަކެއް ފަޅާފައި ވެއެވެ. މިހާރު އެމަނިކުފާނު ޝިކާރަ ހިއްޕެވުމަށާއި، ކަންތައްތައް ކުރެއްވުމުގައި އެންމެ ވަޤުތެއްވެސް ހުހަށް ދުލެއް ނުކުރައްވައެވެ. އެމަނިކުފާނުގެ ދިރިއުޅުއްވުމުގެ ކަންތައްތައް މިދުވަސްވަރުހުރީ މިފަދައަކުންނެވެ.

އަފްރާޙް ރަސްގެފާނު އެއްދުވަހަކު ދަރުބާރުގައި ދަޢުލަތުގެ އަމީރުން ވަޒީރުންނާއިގެން އިންނަވަނިކޮށް މިތަނަށް ސަޤަރުދޫސް ޙަކީމް އތުވެއްޖެއެވެ. އަދި ރަސްގެފާނަށް އަދަބު އަދާކޮށްފައިގޮސް އެޙަކީމްގެ ގޮނޑީގައި އިށީނުމުން ރަސްގެފާނު ވިދާޅުވިއެވެ. އޭ ޙަކީމެވެ. އަހަރެމެންނަށް ފާޅުކޮށްލާނޭ އެއްވެސްކަހަލަ ޚަބަރެއް ލިބިފައި ވޭހެއްޔެވެ. ސަޤަރުދޫސް ޙަކީމް ދެންނެވިއެވެ. އަޅުގަނޑުގެ ކިބައިގައި މިވަގުތު އެއްވެސް ކަހަލަ އާ ޚަބަރެއް ނެތެވެ. ނަމަވެސް މަނިކުފާނު އަޅުގަނޑަށް ކޮންމެވެސް ޚަބަރެއް ދެއްވުން އެދެމެވެ. އަދި މިހެން ދަންނަވާފައި ދެންނެވިއެވެ. އަޅުގަނޑުމެން އެއްކަލަ ވާހަކަދެއްކި ކުއްޖާއާއި މަނިކުފާނުގެ ދަރިކަނބަލުންގެ ކަންތައްތައް މިހާރު ކިހިނެތްތޯއެވެ؟ ދެން ރަސްގެފާނު އެ ދެ ބޭފުޅުންގެ ވާހަކަ މީނާއަށް ފެށުނީއްސުރެ ނިޔަލަށް ވިދާޅުވެ ދެއްވައިފި އެވެ. މިވާހަކަތައް ޙަކީމް އައްސަވައިފިހިނދު އެމަނިކުފާނާއިމެދު، މީނާގެ ހިތުގައި ކިލަނބުކަން ހިނގައިފިއެވެ. އަދި ދެންނެވިއެވެ. އޭ މާތްވެގެންވާ ރަސްގެފާނެވެ. ތިޔަކުއްޖާ މަނިކުފާނުގެ ދަރިކަނބަލުންނާ ދުރުކުރުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. މަނިކުފާނު އެކަން އެގޮތަށް ނުކުރައްވައިފިނަމަ ޒަހަލުގެ ކޯފާ މަނިއްޕުޅަށް ލިބިވަޑައި ގަންނަވާނެއެވެ. އަދި ސަވާދުން އާއި ސޫދާންގެ ރަށްތަކާއި ފަރުބަދަތައްވެސް ފަނާވެ ނެތި ހިނގައިދާނެއެވެ. މިކަހަލަ ހީލަތާއި މަކަރުވެރިކަމުގެ ވާހަކަތައް ދައްކަމުން އެއީ ބަހަނާއެއްކަމުގައި ހަދައިގެން، ރަސްގެފާނު ކަލޭތިޔަބުނާގޮތަށް ކަންތައް ކުރައްވާނަމޭ ވިދާޅުވަންދެން އޭނާގެ ވާހަކަ ކުރިއަށް ގެންދިއައެވެ.

އެއްދުވަހަކު އަފްރާޙް ރަސްގެފާނު ދަރުބާރުގައި އިންނަވަނިކޮށް ވަހުސުލް ފުލާހް ދަރުބާރަށް ވެދެވަޑައިގެން ރަސްގެފާނު އަތްޕުޅުގައި ބޮސްދެއްވާފައި ރަސްގެފާނުގެ އަރިއަހުގައި އިށީނދެ ވަޑައިގެންފިއެވެ. މި މަނިކުފާނުގެ މިހާރުގެ އާދައެއްކަމުގައި ވެފައި އޮންނަނީ އަސްމައްޗަށް ސަވާރުވެވަޑައިގެން ރޭގަނޑާއި ދުވާލު އަސްދުއްވަވައި ކުޅިވަރުތައް ކުޅެއުޅުއްވުމެވެ. އަދި ކޮންމެ ދުވަހަކު ރަށްބޭރަށް ނުކުމެވަޑައިގެން އެމަނިކުފާނާއި ވާދަކުރާމީހަމު ދެރަކޮށްލައްވައެވެ. އަދި އެމަނިކުފާނަށް ކިތަންމެ ކުޑަނަމަވެސް އުނދަގުލެއް ކޮށްފިނަމަ، ބޮޑުމީހަކަސް ކުޑަކުއްޖަކަސް މޮޅުމީހަކަސް ނިކަމެއްޗަކަސް ޤަތުލު ކޮށްލައްވަނީއެވެ. ދެންފަހެ ރަށުގެ އަޙުލުވެރީން މިކަމުގެ ޝަކުވާއާއިގެން މިދުވަހު އަފްރާޙް ރަސްގެފާނުގެ އަރިހަށްގޮސް އެ ވަހުސުލް ފުލާހްގެ ވާހަކައިން ދަންނަވައިފިއެވެ. އެވަޤުތު ރަސްގެފާނު ވިދާޅުވިއެވެ. މިއީ އަދި ކުޑަކުއްޖެކެވެ. އޭނާއާއި ތިޔަގޮތަށް ދިމާކުރުމުގައި އެއްވެސް ފައިދާއެއް ނެތެވެ. ރަސްގެފާނު މިހެން ވިދާޅުވީމާ ވަހުސުލް ފުލާހް ގަދަވެގެންވާ އުފާފުޅުން އުފާކުރެއްވިއެވެ. އަދި މި އާދަމަތީގައި ދެމިހުންނަވައިފިއެވެ. އެންމެފަހުން ރަށުގެ އަހުލުވެރިންނަށް އެމަނިކުފާނާހެދި އުނދަގޫވެ ނުކުޅަދާނަވާވަރަށް ކަންތައް ހިނގައްޖެއެވެ. މިގޮތަށް ކަންތައް ދިޔަހިސާބަކީ ހަމަ އެކަކުވެސް އެމަނިކުފާނު ވަޑައިގަންނަވާ މަގެއްގެމަތީގައި ހުއްޓިލައި ހުރެއްޖެނަމަ، ނުވަތަ އެމަނިކުފާނާއި ހުށަހޮޅިލައިފިނަމަ އެމީހަކު އެދެން ދިރިއުޅުމުން އަތްދޮވެލަން ޖެހުނީއެވެ. ނުވަތަ އެތައް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނީއެވެ.

ސަޤަރުދޫސް ހަކީމަށް މިކަންތައްތައް ފެނުނުހިނދު އަޖައިބުވެ އޭނާގެ ރުޅިވެރިކަން އިންތިިހާ ދަރަޖައަށް ހިނގައްޖެއެވެ. އަދި އޭނާގެ ހިތުގައި ކުރިންސުރެ ހުރި ނޭއްގާނީކަމުގެ އަސަރު އިހުނަށްވުރެ ބޮޑުވެއްޖެއެވެ. އަދު ނުހަނު ހިތްދަތިކަމާއި އެކީގައި އަފްރާޚް ރަސްގެފާނު އަރިހަށްގޮސް ދެންނެވިއެވެ. އޭ، ބުއްދިވެރި ރަސްގެފާނެވެ. މިއުޅޭ ވަހުސުލް ފުލާހް އަޅުގަނޑުމެންގެ ރަށުން ނެރެލައްވާ، މިވަޠަނުން ބޭރުކޮށް ނުލެއްވިނަމަ، ޒަހަލައްވުރެ މަތިވެރި ތަރިއެއްނުވާ، އެތަރި ގަންދީފައި ދަންނަވަމެވެ. އަޅުގަނޑު މަނިކުފާނުގެ ވާހަކަ ސަޤަރުދީސް ހަކީމްގެ ކައިރިއަށް ފޮނުވާނަމެވެ. އޭރުން އޭނާ މިޚަބަރުތައް މަލިކު ސައިފް އަރުއަދަށް ދަންނަވާ ފާނެއެވެ. އެމަނިކުފާނަކީ މިބިމާއި، މިޖަންގަލިތަކާއި، މިރަށްތަކުގެ ވެރި ރަސްގެފާނެވެ. ދެން އެމަނިކުފާނުގެ ލަޝްކަރު މަނިކުފާނުގެ ރަށަށް ފޮނުއްވަވާ ފާނެއެވެ. އެލަޝްކަރު ގަދަ އަޑެއް އުތުރޭ މިސާލުގައި މިރަށަށް އަރައިގެންފާނެއެވެ. އަދި މަނިކުފާނު އަޅުގަނޑުމެން ރަށުންނެރެ، އަޅުގަނޑުމެންގެ ގެދޮރުން ވަކިކޮށް އެންމެ ނިކަމެތި ދެރަ މީހުންގެތެރޭގައި ވެދާނެއެވެ.

ސަޤަރުދޫސް ހަކީމް މިދެންނެވިގޮތަށް އެކަން ވެދާނެކަން އަފްރާޙް ރަސްގެފާނަށް ވިސްނިވަޑައިގެން އެމަނިކުފާނު ވިދާޅުވިއެވެ. އޭ ހަކީމެވެ. ތިޔަކަމާއިގެން މީހަކު ފޮނުވާނީ ކަލޭގެ އަޚާގެ ކައިރިއަކަށް ނޫނެވެ. ދެން އަފްރާޙް ރަސްގެފާނު ހިތްވަރުގަދަ މައިދާނުގައި ދޫނުކުރާ ހަނގުރާމަވެރި ބަޠަލެއްގެ ވާހަކަ ބަޔާންކޮށް ދެއްވިއެވެ. އެއީވެސް ސައިފް އަރުއަދުގެ ހުކުމުގެ ދަށުގައިވާ ރަށްތަކުގެތެރެއިން ރަށެއްގެ ވެރިކަންކުރައްވާ ރަސްކަލެކެވެ. އޭނާއަށް ކިޔަނީ އަޠަމްޠުމް ހުއްރާޤުއްސަބަރު އެވެ. އަދި އޭނާގެ ބަގީޗާވަނީ ރަށާއި ދުރުގައި ކަނޑުގެ ލޮނުގަނޑު އެބަގީޗާގެ ދަށުން ދެމޭގޮތަށް ތައްޔާރުކޮށްފައެވެ. އެއީ ރައްކާތެރިކަމުގެގޮތުން ހެދިފައިވާ ތަނެކެވެ. އަދި އަފްރާޙް ރަސްގެފާނުގެ ކިއްލާތައްފަދައިން އޭނާގެ ކިއްލާތަކެއްވެސް އެވާދީތަކުގައި ވެއެވެ. އެ ކިއްލާތަކާއި އޭނާގެ ބަގީޗާއާއި ދެމެދުހުރި ދުރުމިނަކީ ހިތްވަރުގަދަ އަސްވާރަކަށް ތިންދުވަހުން ކަޑައްތުކުރާހާ ދުރުމިނެވެ. އޭނާއަށް ހުއްރާޤުއްސަބަރު ކިއުނުގޮތަކީ އޭނާގެ ވަރަށް ރީތި، ބޮޑު ބަގީޗާއެއް އޮވެއެވެ. ކުލަކުލައިގެ މޭވާތަކާއި ފާޑުފާޑުގެ މާތައްއަޅާ ގަސްތަކާއި ނަލަރީތި ފެންކޯރުތަކުން އެބަގީޗާވަނީ ފުރިފައެވެ. އަދި އެބަގީޗާގައި ވަކީންބޮޑު ވަރުގަދަ ދިހަގަސްވެއެވެ. މި އަޠަމްޠުމް އަހަށް ސަވާރުވެ، އޭނާގެންގުޅޭ ދަގަނޑު ތަނބެއް އަތުންހިފައިގެން އެއިންގަހެއްގައި ޖަހާކޮންމެފަހަރަކު ގަހުން އެތައްތަނެއް ހަލާކުވެ، ކުދިކުދިވެގެން ދެއެވެ. މިގޮތުން އޭނާއަށް އެނަން ދެވިގެން ވަނީއެވެ. ދުނިޔޭގެ ފަރާތްފަރާތުން އޭނާއާ ކުރިމަތިލައިގެން އަންނަ އަސްވާރުންނާއި މިގޮތުން އޭނާ މުޤާބަލް ކުރެއެވެ. އަފްރާޙް ރަސްގެފާނުގެ އަރިއަހުގައި ދަރިދަރި ކަލުންނަށްވުރެ އޭނާ އިއްޒަތް ބޮޑުވެގެންވެއެވެ.

ސަޤަރުދޫސް ހަކީމް މީނާގެ ވާހަކަ އެހިހިނދު، އެ އަޠަމްޠުމްގެ ކައިރިއަށް އަވަހަށް މީހަކުފޮނުވުމަށް ދެންނެވިއެވެ. ދެން މިގޮތުން ފޮނުވުނުމީހާ ފަޅު ސަހަރާތަކާއި، ބިޔަ ޖަންގަލީތައް ކަޑައްތުކޮށްފައިގޮސް ހުއްރާޤުއްސަބަރުގެ ބަގީޗާއަށް ވަދެއްޖެއެވެ. ދެން މީނާ އަދަބު އަދާކުރިހިނދު އަޠަމްޠުމް ބުންޏެވެ. އޭ ސަވާރާއެވެ. ތިޔައީ ކޮންތާކުން ކޮންތާކަށްދާ ކާކުހޭ ދެން އެމީހާ ބުންޏެވެ. އަފްރާޙް ރަސްގެފާނުގެ އަރިހުން ސިޓީފުޅަކައިގެން އައިމީހަކީމެވެ. ދެން އަޠަމްޠުމް އެސިޓީފުޅު ބަލައި، ހަމަ އެ ވަޤުތު އަފްރާޙް ރަސްގެފާނުގެ ރަށަށް އައުމަށް ދަތުރު ފަށައިފިއެވެ. މި އަޠަމްޠުމް އަކީ ބަލާބެލުމަށް ބޮޑު ފަރުބަދައެއްފަދަ ނުވަތަ އާދު ބާގައާއި ސަމޫދު ބާގައިން އައިސްހުރި މީހެއްފަދަ ހަށިގަނޑުބޮޑު ބިޔަމީހެކެވެ. މިދަތުރުގައި އޭނާއާއިއެކީ އޭނާގެ ޤައުމުން ހިތްވަރުގަދަ ޖަމާއަތެއްގެ މީހުންވެސް ގެނައެވެ. މިބައިމީހުން ރޭދުވާމަގުން ދަތުރުކޮށްފައި ވަރަށް އަވަހަށް އަފްރާޙް ރަސްގެފާނުގެ ރަށަށް އަތުވެއްޖެއެވެ. އަދި ރަސްގެފާނު ފައިވާންޕުޅުދެކެ އެމަނިކުފާނު ދަރަޖަ އުފުއްލަވައި އިއްޒަތް މަތިވެރިކުރެއްވުމަށްއެދި ހެޔޮދުޢާ ކުޅައެވެ. އަދި ރަސްގެފާނުވެސް މިބައިމީހުންނަށް ހެޔޮކޮށް ހިއްތަވައި އުފާ ފާޅުކުރެއްވިއެވެ.

ދެން އަރާމަށް ތިންދުވަސް ހޭދަކުރައްވައި، ހަތަރުވަނައަށް ވީދުވަހު އަޠަމްޠުމް ހުއްރާޤުއްސަބަރު، މަލިކު އަފްރާޙްގެ ދަރުބާރަށްގޮސް ދެންނެވިއެވެ. އޭ އިއްޒަތްތެރި ރަސްގެފާނެވެ. އަދު އަޅުގަނޑު ބަލާފޮނުވައިގެން ގެންނެވީ ކޮންބޭނުންފުޅަކުތޯއެވެ. ފަހެ މަނިކުފާނުގެ މައްޗަށް މީހަކު ދުޝްމަންވެ، ބަޣާވާތްތެރި ވީތޯއެވެ. ނުވަތަ ރަސްރަސްކަލުންކުރެ، ކޮންމެވެސް ރަސްކަލަކު މަނިކުފާނަށް އަދާވާތްތެރި ވެވަޑައި ގަތީތޯއެވެ. އެހެންކަމުގައި ވަނީނަމަ އަޅުގަނޑު އެތަނަކަށް ފޮނުއްވާށެވެ. އޭރުން އެމީހެއްގެ ގެދޮރު ސުންނާފަތިކޮށް އެމީހެއްގެ ވަސްވެސް މިދުނިޔެއިން ފޮހެލާނަމެވެ. އެމީހަކީ މަލިކު ސައިފް އަރްޢަދު ކަމުގައިވިޔަސް މިކަންތައް މިމަގަށް ކުރާނަމެވެ. އަޠަމްޠުމް މިދެންނެވި ވާހަކައިގެ އަޑު އައްސަވައި ރަސްގެފާނު އުފާފުޅުވެ ފޯރިއާއި ޖޯޝް އައިސްގެން ވިދާޅުވިއެވެ. އޭ ރަހްމަތްތެރިއާއެވެ. ކަލޭގެ ކުރިމަތީގައި މިއިންނެވި އިއްޒަތްތެރި މަނިކުފާނަކީ އަހަރެންގެ ދަރިންނާއި ރަސްކަމާއި އަހުލު އިޔާލުންނަށްވުރެ، އަހަރެންގެ ކައިރީގައި ލޯބިވެތިކަން ބޮޑުވެގެންވާ ބޭފުޅެކެވެ. ވީމާ ކަލެއާ އެކީގައި ކަލޭގެރަށަށް މިމަނިކުފާނު ގެންގޮސް ރައްކާތެރިކަމާއިއެކީ ބަލަހައްޓައި އެމަނިކުފާނަށް ހަނގުރާމައިގެ އެންމެހާ ހުނަރުތަކާއި ފަންނުތައް ދަސްކޮށްދީ އެގޮތުން އެމަނިކުފާނަކީ ގަދަފަދަ ފަހުލަވާނަކަށް ހަދައިދެއްވާށެވެ. އަހަރެން ކަލެއަށް މި ވަޞިއްޔަތް ކުރަނީ އަހަރެން މިއަންގާގޮތަށް ހިލާފުނުވެ ކަންތައް ކުރުމަށެވެ. އެހެނީ އަހަރެން ދަންނަގޮތުގައި ކަލެއަކީ އަޚްލާގު ރަނގަޅު، އުޅުން ބަނިއާދަން، މާތް މީހުންގެތެރެއިންވާ މީހަކީމުއެވެ. މިވާހަކަތައް އަފްރާޙް ރަސްގެފާނު އަޠަމްޠުމް ހުއްރާޤުއްސަބަރަށް ވިދާޅުވެދެއްވީ ސަޤަރުދޫސް ޙަކީމާއި ވަކީން ސިއްރިޔާތުގައެވެ. ދެން ހުއްރާޤުއްސަބަރު މިގޮތް ޤަބޫލުކޮށް އަފްރާޙް ރަސްގެފާނުގެ އަރިހުން އެމަނިކުފާނު ގެންދިއުމުގެ އަމުރުފުޅު ލިބިގެން އޭނާގެ އެކުވެރިންނާއިއެކީ ތިންދުވަސްވާންދެން ދަތުރުކޮށް ހަތަރުވަނައަށް ވީދުވަހު އެބައިމީހުންގެ ކިއްލާއަށް ހިގައްޖެއެވެ. ދެން ޤައުމުގެ މީހުންނާއި ބައްދަލުކޮށް އުފާވެރިކަމުގެ ސަލާންކުރުމަށްފަހު، ވަހުސުލް ފުލާހް ގޮވައިގެން އޭނާގެ ގަނޑުވަރަށް ހިނގައްޖެއެވެ. އޭރު އެމަނިކުފާނުގެ ރީތިކަމާއި ފުރިހަމަކަން ދުށް ކޮންމެމީހަކު ހައިރާންވާހާ ވެއެވެ. އަދި ބައެއް ބައެއްމީހުން ސުވާލުވެސް ކޮށްލައެވެ. އޭ ހިތްވަރުގަދަ ބަޠަލެވެ. ތިޔައީ ކޮންކުއްޖެއް ތޯއެވެ. އަޠަމްޠުމް ޖަވާބު ދެއެވެ. މިއީ އަހަރެންގެ ދަރިއެކެވެ. އަހަރެން ގަސްދުކުރަނީ އޭނާއަށް ހަނގުރާމައިގެ ހުނަރުތައް ދަސްކޮށްދީ ބަޠަލަކަށް ހެދުމަށެވެ. މީގެފަހުން ކޮންމެދުވަހަކުވެސް އަޠަމްޠުމް އެމަނިކުފާނަށް ހަނގުރާމައިގެ ހުނަރުތައް ދަސްކޮށްދެއްވުމަށް މައިދާނަށް ނިކުންނަވައެވެ. މިގޮތުންގޮސް ވަހުސުލް ފުލާހަށް 15 އަހަރު ފުރިއްޖައުމަށް ދާންދެން މިމަސައްކަތުގައި އަޠަމްޠުމް އުޅެ، އޭނާގެ ކިބައިގާވާ ހަނގުރާމައިގެ ހުރިހައި ފަންނުތަކާއި އުކުޅުތައް ރަނގަޅަށް ދަސްކޮށްދީފިއެވެ.

 

(ނުނިމޭ)

ނޯޓް: ވާހަކައަކީ ހ.ވައިޖެހޭގޭ އަޙުމަދު ރަޝީދު، ސ.ހިތަދޫ އިބްރާހީމް ޝާކިރު، ގ.ކިޔަވާގޭ އަބްދުއްޝުކޫރު: 18 ޑިސެމްބަރ 1966 ގައި ދިވެހިބަހަށް ތަރުޖަމާކޮށް އަތުލިޔުމުން ލިޔެފައިވާ ވާހަކައެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355