ފޭރަކީ އަނގަޔަށް މީރު ފޮނި ރަހައެއްދޭ މީރު މޭވާއެކެވެ. ގިނަ އޮއްތަކެއް އޭގައި އެކުލެވޭ ފޭރަކީ ރާއްޖޭގައި ފަސޭހަކަމާއެކު ހައްދާލެވޭ މޭވާއެކެވެ. އާއްމުކޮށް ރާއްޖޭގައި ހައްދާ އުޅޭ ދެ ބާވަތުގެ ފޭރުގެ ތެރޭގައި ރަތްފޭރާއި ހުދު ފޭރު ހިމެނެއެވެ. އަނގަޔަށް މީރު ވުމުގެ އިތުރުން ފޭރަކީ ގިނަގުނަ ފައިދާ ތަކެއްވެސް އޭގައި އެކުލެވޭ މޭވާއެކެވެ. ފޭރުން ލިބޭ ސިއްހީ ބައެއް ފައިދާތަކަށް ބަލާލާނަމެވެ.
ކެންސަރު ޖެހުމުގެ މަގު ހަނިވުން
އެނގިވަޑައިގަންނަވާނޭ ފަދައިން ވިޓަމިން ސީ އަކީ ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދޭ އެންޓި-އޮކްސިޑެންޓެކެވެ. އަދި ފޭރަކީ އޮރެންޖަށްވުރެ 4 ގުނަ އިތުރަށް ވިޓަމިން ސީ އެކުލެވޭ މޭވާއެކެވެ. އެހެންކަމުން ފޭރު ބޭނުން ކުރުމުން ކެންސަރާއި ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވާ އޮކްސިޑެންޓް ތައް ނައްތާލާނެއެވެ.
ހަކުރުބަލިން ރައްކާތެރިވެވުން
ފޭރަކީ މަތީ މިންވަރަކަށް ފައިބަރ އެކުލެވޭ މޭވާއެކެވެ. މި ފައިބާ އަކީ ހަށިގަނޑުން ހަކުރު ބޭނުންކުރާ ކުރާ މިންވަރު ދަށް ކޮށްދޭ އެއްޗެއްވެސް މެއެވެ. އެހެންކަމުން ފޭރަކީ ހަކުރުބަލި ޖެހުމުން ދުރުކޮށްދޭނެ އެއްޗެކެވެ.
ލޮލުގެ ފެނުން ރަނގަޅު ކޮށްދިނުން
އަޅުގަނޑުމެން ގިނަ މީހުންނަކީ ކުރާ މަސައްކަތުގެ ގޮތުން ލޮލަށް ބާރުބޮޑުވާ ގޮތަށް މަސައްކަތްކުރަންޖެހޭ މީހުންނެވެ. ލޮލުގެ ފެނުން ގޯސްވާނަމަ ކެރެޓް ކާން ވަރަށް ގިނައިން ބުނެއުޅެއެވެ. ނޫނީ މަހު ފަދަ އެއްޗެހި ކެއުމުން ލޮލަށް ވަރަށް ރަނގަޅު ވާނެކަމަށް ބުނެއެވެ. ހަމަ އެފަދައިން ފޭރަކީ ވެސް ލޮލުގެ ފެނުން ރަނގަޅު ކޮށްދިނުމަށް އެހީވެދޭ މޭވާއެކެވެ. ސަބަބަކީ ފޭރުގައި ވިޓަމިން އޭ ގިނަ އަދަދަކަށް އެކުލެވުމެވެ. އަދި މި ވިޓަމިން އޭ ގެ ސަބަބުން ލޯ ރައްކާތެރިކޮށްދީ ލޮލުގެ ފެނުން އިތުރުކޮށްދެއެވެ.
ދަރިމައިވުމަށް އެހީތެރިވުން
ފޭރަކީ ވިޓަމިން ބީސީ ސަޕްލައިކޮށްދޭ މޭވާއެކެވެ. ” ފޮލޭޓް” ގެ ނަމުގައި ފޭރުގައި އެކުލެވޭ މި މާއްދާ އަކީ ދަރިމައިވުން އިތުރުކޮށްދޭ ސިފައެއް ލިބިފައިވާ އެއްޗެކެވެ.
ލޭގެ ޕްރެޝަރު ހަމަ ވަރެއްގައި ހިފަހައްޓައިދީ ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް ބޭނުންކުރަން އެހީތެރިވުން
ދޮންކޭލާއި ފޭރަކީ ޕޮޓޭސިއަމް އޭގައި އެކުލެވޭ 2 މޭވާއެވެ. އަދި ޕޮޓޭސިއަމް އަކީ ލޭގެ ޕްރެޝަރު ހަމައެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ މާއްދާއެކެވެ.އަދި ހަށިގަނޑުގެ ހަރަކާތްތަކުގައި އިސް ރޯލެއް އަދާކުރާ އެންޒައިމް މެދުވެރިކޮށް ބަޔޮޓިންގ އަދި ތައިމިން ފަދަ މާއްދާތައް ހަމަ މަގަށް އެޅުވުމަށް ފޭރުގައި އެކުލެވޭ މެންގަނީސް އެހީތެރިވެދެއެވެ.
ނާރުތަކާއި މަސްތައް ހަމަޖެއްސުން
މެގްނީޒިއަމް އަކީ ހަށިގަނޑުން އަމިއްލައަށް ނުއުފެއްދޭ އަދި ކާނާއިން އެބްޒޯބް ކުރަންޖެހޭ ފައިދާ ހުރި މާއްދާއެކެވެ. ފޭރު ކެއުމުން ނާރު ތަކާއި މަސްތައް ހަމަޖެހެއެވެ. ސަބަބަކީ ފޭރަކީ ގިނަ މިންވަރަކަށް މެގްނީޒިއަމް އެކުލެވޭ މޭވާއަކަށް ވުމެވެ.
ސިކުނޑި އާއި ހަންގަނޑު ދުޅަހެޔޮކޮށް ބަހައްޓައިދިނުން
އާއްމުކޮށް ފޭރު ބޭނުން ކުރާނަމަ އޭގައި އެކުލެވޭ ވިޓަމިން އީ ގެ ސަބަބުން ހަންގަނޑު އޮމާން ކޮށް ބަހައްޓައިދެއެވެ. އަދި ވިޓަމިން ބީ3، ބީ6 ގެ ސަބަބުން އަދި ނާރު ތަކުގެ ބާރު ގަދަވެ ލޭގެ ހިނގުމާއި ސިކުނޑީގެ މަސައްކަތްތައް ފުރިހަމަވެގެންދެއެވެ.
ފޭރަކީ އެއިން ގިނަގުނަ ފައިދާތައް ލިބިގެންދާ އެއްޗަކަށް ވީއިރު ތިމާގެ ގޭތެރޭގައި އޮންނަ ހުސް ޖާގައިގައި ފޭރު ގަހެއް އިންދުމަކީ ބޭކާރު ކަމަކަށް ވެގެން ނުދާނެއެވެ. އަދި ތިމާގެ ކެއުމުގައި ފޭރު ހިމެނުމަކީ ޑަކްޓަރާއި ހަމައަށް ދިއުން ދުރުކޮށްދޭނެ ކަމެއްވެސް މެއެވެ.
ނޯޓް: މަޢުލޫމާތު ނަގާފައިވަނީ ސިއްހީ މަޢުލޫމާތު ފޯރުކޮށްދޭ ތަފާތު ވެބްސައިޓްތަކުންނެވެ.