މާރިއޯ ބަލޮޓެއްލީ އޭ ބުނުމުން ބައެއް ފަރާތްތަކަށް ނޭނގުނު ކަމުގައި ވިޔަސް، ފުޓުބޯޅަ އަށް ލޯބި ކުރާ ހުރިހާ އެންމެންނަށް ވެސް އޭނާ އެނގޭނެއެވެ. އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީއަށް ކުޅޭ އިޓަލީގެ ފޯވަޑް ބަލޮޓެއްލީ އަކީ އުމުރުން 22 އަހަރުގެ ހުނަރުވެރި ކުޅުންތެރިއެކެވެ. ނަމަވެސް ބަލޮޓެއްލީ އަކީ އޭނާގެ ހުނަރުގެ އިތުރުން ކުރާ އެހެން ކަންތައްތަކުގެ ސަބަބުން ވެސް ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދާ މީހެކެވެ. އަދި އޭނާގެ ފޮޓޯތަކަކީ ތަފާތު ގޮތްގޮތަށް އެޑިޓްކޮށްގެން ސޯޝަލް މީޑިއާތަކުގައި ގިނަ ބައެއްގެ މެދުގައި ދައުރުވާ ފޮޓޯތަކެކެވެ. މިގޮތުން މިދިޔަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލްގައި ޖަރުމަނު ކޮޅަށް ގޯލު ޖަހާ ޖޯޒީ ބޭލުމަށްފަހު އޭނާގެ ހަށިގަނޑު ދައްކާލާ މަންޒަރުގެ ފޮޓޯއަކީ ފާހަގަ ކޮށްލެވޭ ފޮޓޯއެކެވެ.
އިއްޔެ އަކީ އަނެއްކާވެސް ބަލޮޓެއްލީގެ ނަން ފަލަ ސުރުހީތަކަށް އެރި ދުވަހެކެވެ. ބުރާސްފަތި ދުވަހު އޮތް މެންޗެސްޓަރ ސިޓީގެ ފަރިތަކުރުމުގައި އެޓީމުގެ ކޯޗު ރޮބާޓޯ މަންޗީނީއާ ދެމީހުންގެ ދެމެދުގައި ތަޅާފޮޅުމެއް ކުރިއަށް ދިޔަ މަންޒަރު އެސަރަހައްދުގައި އުޅުނު ފޮޓޯގްރާފަރުންނަށް ފެނުމުން ކޯޗާއި ބަލޮޓެއްލީއާ ދެމެދު ބޮޑު މައްސަލަގަނޑެއް އުޅޭކަން ވަނީ ކަށަވަރުވެފައި އެވެ. ނަމަވެސް ސިޓީގެ ވެބްސައިޓުގައި މަންޗީނީއާ ހަވާލާދީ ބުނެފައިވަނީ އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި އެއީ ފަރިތަކުރުމުގައި ބަލޮޓެއްލީ ކުޅުންތެރިއަކަށް ނުރައްކާތެރި ޓެކްލް އެއް ކުރުމުން އެވާހަކަ ބުނުމުން ހިނގި ކަމެއް ކަމަށެވެ. އަދި އެއީ މާބޮޑު މައްސަލައެއް ކަމަށް ނުދެކޭ ކަމަށް އޭނާ ބުނެފައި ވެއެވެ.
ދަނޑުމަތީގައި އަދި ދަނޑުން ބޭރުގައި ވެސް ބަލޮޓެއްލީ އަކީ އަބަދުވެސް އެންމެންގެ ލޮލުގައި އަޅައިގަންނަ ކުޅުންތެރިއެކެވެ. މިހާރު މިބަލާލަނީ ބަލޮޓެއްލީ ކޮށްފައިވާ ފާހަގަ ކޮށްލެވޭ ބައެއް ކަންތައްތަކަށެވެ.
ފާހާނާ ފެންލައިޓުން ހަވާ އެރުވުން
ބަލޮޓެއްލީ އާއި އޭނާގެ 4 ރައްޓެއްސަކު 2011 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި ފާހާނާ ފެންލައިޓުން ހަވާއެރުވި ވާހަކައަކީ މަޝްހޫރުވި ވާހަކައެކެވެ. ހަވާއެރުވުން ބޮޑުކަމަށް ވެގެން ދިޔައީ އެއް ރެއަކު ފާހާނާގައި ހުރި ތުވާއްޔެއްގައި އަލިފާން ރޯވެ ފާހާނާ އަނދާ ހުލިވުމުންނެވެ. ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑް އާ ބައްދަލު ކުރަން އޮތް ދުވަހެއްގެ ކުރީ ދުވަހު ބަލޮޓެއްލީ ކުރި ކަންތަކުގެ ސަބަބުން އޭނާއަށް އެރޭ ނިދަން ޖެހުނީ ހޮޓެލްއެއްގަ އެވެ. އޭގެ އަނެއް ދުވަހު މެންޗެސްޓަރ ޔުނައިޓެޑް ކޮޅަށް ގޯލު ޖެހުމަށްފަހު ޖޯޒީގެ އެތެރެއިން ލާފައިހުރި ޓީޝާޓުގައި “ވައި އޯލްވޭސް މީ؟” އޭ ޖަހާފައި ހުރިތަން ދައްކާލުމުން ވެސް އެތައް ބައެއްގެ މެދުގައި ސުވާލު އުފެދިގެން ދިޔައެވެ.
ބަލޮޓެއްލީ ކާރު ތެރެއިން ކުނިމަސް ކޮތަޅެއް
ބަލޮޓެއްލީ އަކީ އޭނާގެ ކްލަބްގެ ކުޅުންތެރިންނާ ސަމާސާކޮށް ބައެއް ފަހަރު ލަނޑުދީ ހަދާ މީހެކެވެ. ނަމަވެސް އޭނާއަށް އެފަދަ ލޮޓިއެއް އައިސްދާނެ ކަމަކަށް ހިއެއް ނުކުރެއެވެ. 2011 ވަނަ އަހަރުގެ އޯގަސްޓްގައި ކޮންމެވެސް މީހަކު ވަނީ ބަލޮޓެއްލީއަށް ވަރުގަދަ ލަނޑެއް ދީފައެވެ. ކުނިވެ ދެ ހަފްތާ ވެފައިވާ މަސްކޮތަޅެއް ބަލޮޓެއްލީ ދުއްވާ 250000 ޑޮލަރުގެ އަގުހުރި މަސަރެއްޓީ ކާރުގެ ތެރެއަށްލައި ކާރުގެ ވަސްނުބައި ކޮށްލުމުން އޭނާ ހުރީ ކޮސްވެފައެވެ.
މޮޅަށް ގޯލު ޖަހަން އުޅެނިކޮށް ލަނޑުލިބުން
ބަލޮޓެއްލީއަކީ ދަނޑުމަތީގައި އޭނާގެ ހުނަރު ބޭނުންކޮށްގެން ތަފާތު މޮޅު ގޮތްގޮތަށް ގޯލު ޖަހަން ބައެއް ފަހަރު މަސައްކަތް ކުރާ ކުޅުންތެރިއެކެވެ. ނަމަވެސް 2011 ވަނަ އަހަރު ޖުލައި ގައި މެންޗެސްޓަރ ސިޓީ އިން ސަމަރބްރޭކަށް އެމެރިކާ އަށް ގޮސް އެލް.އޭ ގެލެކްސީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ބަލޮޓެއްލީއަށް ވަނީ ރީތި ލަނޑެއް ލިބިފައެވެ. ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލަން ބަލޮޓެއްލީއަށް ފުރުސަތު ލިބުމުން މޮޅުކޮށްލަން ނުބަލާހުރެ ފުންނާބުން ބޯޅަ ފޮނުވާލުމުން ގޯލާ ސީދާ ނުވެ ދިޔައީ ބޭރަށެވެ. ކޯޗުވަނީ އޭނާ ވަގުތުން ބަދަލުކޮށްފައެވެ.
ބަލޮޓެއްލީގެ ޖޫރިމަނާތައް
ބަލޮޓެއްލީ ކުރާ ކަންތައްތަކުގެ ސަބަބުން ސިޓީއަށް އޭނާ ދައްކަންޖެހޭ ޖޫރިމަނާއަކީ ވެސް ކުޑަ އަދަދުތަކެއް ނޫނެވެ. ނިމުނު 2012 ވަނަ އަހަރުގެ މާޗުމަހުގައި ލިވަޕޫލާއި ދެކޮޅަށް ސިޓީ މެޗަކަށް ތައްޔާރު ވަމުންދިޔަ ދަނޑިވަޅެއްގައި މެޗު ކުޅުމުގެ އެއްރޭ ކުރިން ސްޓްރިޕް ކްލަބަށް ދިއުމުގެ ސަބަބުން އޭނާވަނީ 400000 ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ. އޭނާ ކޮށްފައި ހުންނަ ގަވައިދާ ހިލާފު ކަންތައްތަކުގެ ސަބަބުން ކޮންމެ ސީޒަނެއް ނިމޭއިރު ކްލަބަށް ދައްކަންޖެހޭ ޖޫރިމަނާ މިލިޔަނަށް އަރައެވެ. ނަމަވެސް ބަލޮޓެއްލީ އަށް ހަފްތާއަކު މުސާރައިގެ ގޮތުގައި 100000 ޑޮލަރު ލިބެއެވެ. އެހެންކަމުން އެއީ މާބޮޑު ކަމަކަށް އޭނާއަކަށް ނުވެއެވެ.
މީގެ އިތުރުން ވެސް ބަލޮޓެއްލީ ވަނީ ވަރަށް މަޖާ ކަންތައްތައް ކޮށްފައެވެ. ސިޓީގެ ޓްރެއިނިންގ އެއްގައި ޖޯޒީގެ މަތިން ބިބްލާން ނޭނގިގެން އުޅޭ މަންޒަރެއް ވެސް ވަނީ އިންޓަނެޓްގައި މަޝްހޫރު ވެފައެވެ. ބަލޮޓެއްލީ ވަނީ ކުޑަކުއްޖެއް އޭނާގެ ކައިރީ ސްކޫލުގައި ބުލީ ކުރާ ވާހަކަ ބުނުމުން ވަގުތުން ސްކޫލަށް ގޮސް އެބުނާ ބުލީ ހޯދައިގެން އެމައްސަލަ ބޮޑުކޮށްލާފައެވެ. އަދި ފުޓުބޯޅަ މެޗެއްގެ ތެރެއިން މެޗު ކުޅުނު ދަނޑުގައި ހުރި ވިނައިން އެލާޖިކް ވާކަމަށް ބުނެ ދަނޑުން ވެސް ފައިބާފައި ވެއެވެ. ބަލޮޓެއްލީ އަކީ ހުރިހާ ގޮތަކުން ބެލިކަމުގައި ވިޔަސް އާދައިގެ މީހެއް ނޫނެވެ. ބައެއް މީހުން އެއީ ބޯހަމަނުޖެހޭ މީހެކޭވެސް ބުނެފާނެއެވެ.