twitterviber whatsapp telegramfacebookyoutube instagram
4th May 2024

ޒަމާނީ ޚިތާނުގެތައް

Jan 13, 2013

ޚިތާނު ކުރުމަކީ ފިރިހެން ކުއްޖާ ބާލިޣު ވުމުގެ ކުރިން ކުރުމަށް އިސްލާމީ ޝަރީއަތުގައި އަންގަވާފައިވާ ކަމެކެވެ. މާތް ނަބިއްޔާގެ ނަބަވީ އިރުޝާދުތަކުން މިކަން ރަނގަޅަށް އެނގެއެވެ. ފިޠުރަތުގެ ތެރޭގައި ހިމެނޭ ފަސްކަމެއް ބަޔާންކުރައްވާފައިވާއިރު އޭގެ ތެރޭގައި ޚިތާނުކުރުން ހިމެނެއެވެ.

ޚިތާނު ކުރުމަށް ވަކި ޢުމުރެއް ކަނޑައެޅިފައެއް ނެތެވެ. ނަމަވެސް ޢިލްމުވެރިން ވިދާޅުވަނީ ކުއްޖާގެ ޢުމުރުން ހަތްދުވަސްވާ ދުވަހު ނުވަތަ އޭގެ ކުރިންވެސް ޚިތާނު ކުރުމަކީ އެދެވިގެންވާ ކަމެއް ކަމުގައެވެ. އަދި ހަތް އަހަރަށްވުރެ ބޮޑުވަންދެން ޚިތާނު ނުކޮށް ބެހެއްޓުމަކީ ރަގަޅު ކަމެއް ނޫން ކަމަށެވެ.

ރާއްޖޭގައި އާންމުކޮށް ކުއްޖާގެ އުމުރުން 7 އަހަރުވާއިރަށް ޚިތާނުކުރެެއެވެ. މިކަން ވެފައިވަނީ އެ އާއިލާއަކަށް ބޮޑު އީދަކަށެވެ. ކުޅުދުއްފުށީގައި ޚިތާނު ކުރުމުގެ ކަންތައް ކުރިއަށްގެންދަނީ ވަރަށް ފޯރިއާއި ޖޯޝާއި އެކުއެވެ. ޚިތާނު މޫސުމުގައި “އީދުގެ”ތައް ފުލުފުލުގައި އަޅަމުންދާއިރު މިކަމުގައިވެސް މިހާރު ވާދަވެރިކަން މިވަނީ ފެންނަން ފަށާފައެވެ.

އެގޮތުން އެއްބަޔަކަށްވުރެ އަނެއް ބަޔަކު މޮޅުވުމަށްޓަކައި “ދެއްކުންތެރިކަމުގެ” ގޮތުންނާއި ތިމާގެ ދަރިފުޅު ޚިތާނުކޮށްފައިވާ އީދުގެ ޒީނަތްތެރިކުރުމުގެ ގޮތުން ބޮޑެތި ޚަރަދުތައް ކުރުން މިވަނީ އާއްމު ކަމަކަށް ވެފައެވެ. އެކަކު މަސް ފެންގަނޑެއް ހަދައިފި ނަމަ އަނެކަކު ފެން އަރުވާ ވަޑާމެއް ހަދާނެއެވެ. ކުރިމަގުގައި ޚިތާނު ކޮށްފައިވާ ކުއްޖާގެ ބޯލާކޮޅުގައި ސްޓޭޖެއް ހަދާ އެކުއްޖާއާއި އެކު ޕޮޓޯނެގޭނެ އިންތިޒާމެއްގެ މަތިން މިކިޔާ އީދުގެ ތައް ފެނުން އެކަށީގެން ވެއެވެ. މައްސަލަ އަކީ ފެންއަރުވާ ވަޑާމެއް ނުވަތަ މަސް ފެންގަނޑެއް ހެދުމެއް ނޫނެވެ. މައްސަލަ އަކަށް ވަނީ މީހުންގެ އަތުން ދަރަންޏަށް ފައިސާ ނަގައި، ބޮޑެތި ލޯނުތައް ނަގައިގެން ނުފޯރާ ފޮތިން ފޫގަޅަން މަސައްކަތް ކުރުމުވެ

މުނިފޫހިފިލުވުމަކީވެސް އޮންނަންޖެހޭނެ ކަމެކެވެ. އެހެން ނަމަވެސް ވަކި ހައްދެއްގެ ތެރޭގައެވެ. މިހާރުގެ އީދުގެ ތަކުގައި ކޮންމެ ރެއަކު ރަށުގެ ކޮންމެވެސް މިޔުޒިކު ގްރޫޕެއް ނޫންނަމަ ބޮޑުބެރު ގުރޫޕެއް ގެނެސް “ނާޗަރަންގީ” ކުޅޭ މަންޒަރު ތުއްތު ދަރިންނަށް މިދަނީ ދައްކަމުންނެވެ. މިކަމުން އެކުދިންނަށް ކުރާނެ އެދެވޭ އަސަރަށް ވުރެ ކުރާނެ ނޭދެވޭ އަސަރު ބޮޑުވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ތަނުގައި ތިބޭ މީހުންގެ އިތުރުން އަޑުބާރުކޮށް ލަވަޖަހައި ހެދުމަކީ ކައިރި ގޭގޭގެ އަވައްޓެރިންނަށްވެސް މިކަމުގެ އުނދަގޫ ފޯރާނެ ކަމެކެވެ. މިކަމުގެ ވާދަވެރި ކަމުގެ ތެރެއިން ރަށުގެ 2 ބޮޑުބެރު ގުރޫޕު ކަމަށްވާ މިޝްގާލް  އާއި ދައްސޫރައިގެ މަޝްހޫރުކަން މިދަނީ އިތުރުވަމުންނެވެ. އެހެންނަމަވެސް އެއް ގުރޫޕު ވަންނަ ގެއަކަށް އަނެއް ގުރޫޕަށް ނުވަދެވޭ ދަރަޖައަށް ވާދަވެރިކަން މިވަނީ ބޮޑުވެފައެވެ.

ދެން އޮތީ މުޅިން އެހެން ވާހަކައެކެވެ. މިދާކަށްދުވަހު ދިމާވި ކަމެކެވެ. އަޅުގަނޑުގެ ރައްޓެއްސަކު އީދުގެއަކަށް ދިޔައީ އެތަން ނިންމުމަށް ފަހު ދާންޖެހޭ ބައްދަލުވުމަށްވެސް ތައްޔާރުވެގެންނެވެ. އެހެން ނަމަވެސް އެތަނުން ނުކުމެވުނު އިރު ހުރިގޮތަށް ދާން ކެރޭވަރަށްވުރެ ހާލަތު ވަނީ ގޯސްވެފައެވެ.  މުޅި މީހާ ފުށުން ޖަރީވެފައިވާއިރު އޭނާއާއި އެކު އެ ޚިތާނުގެއަށް ދިޔަ އެންމެންގެ ހާލަކީވެސް މިއެވެ.  ފެނުން ނުވަތަ ކުލައިން ފޯވެގެން މަގުމައްޗަށް ނުކުންނަންޖެހޭ ފަހަރުތައް މިދަނީ ތަކުރާރު ވަމުން ނެވެ. އެދުވަހުގެ ބައްދަލުވުމަށް ގަޑި ޖެހުނު ނަމަ އެކަމުގެ ޒިންމާ އީދުގެތެރޭގައި އެއަމަލު ކުރި ބަޔަކު ނަގާނެބާއެވެ؟ ނުވަތަ އެ ޒިންމާ ނަގަންޖެހޭނީ އީދުގެއަށްދިޔަ މީހާ ބާއޭ ސުވާލު އުފެދެއެވެ؟

ފިރިހެން ދަރިއަކު ހުރި ދެމަފިރިއަކަށް ލިބޭނެ އެންމެ ބޮޑު އެއް އުފަލަކީ އޭނާގެ ދަރިފުޅު ޚިތާނު ކުރެެވުމުން އެ ލިބޭ އުފާ ކަމަށް މީހުން ބުނެއުޅެއެވެ. މިހާރުގެ މުޖްތަމައުންވެސް އެކަން މިދަނީ އެނގި ކަށަވަރުވަމުންނެވެ. އެހެން ނަމަވެސް ޤަބޫލު ކުރަންވީ ހަޤީގަތަކީ ތިމާ އުފާ ކުރަންޖެހޭނީ އަނެކާގެ އުފާ ފޭރިގަނެފައި ނޫންކަމެވެ. ތިމާއަށް ލިބިފައިވާ މިނިވަންކަމުގެ ފައިދާ އަނެކާ އަޅުވެތިކޮށްފައި ނަގައިގެން ނުވާނެކަމެވެ. ޚިތާނު ކުރުމަކީ ފިޠުރަތުގެ ތެރެއިން ހިމެނޭ ކަމަކަށް ވާއިރު މިކަމުގެ މަޤުޞަދު އެބަ ހާސިލްވޭބާއެވެ؟ އަގުބޮޑެތި ޚަރަދުތައްކޮށް މިޔުޒިކު ގްރޫޕުތައް ގެނެސް ޕާޓީ ބާއްވާ ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ބާއެވެ؟ މިއީ މިބުނާ މިޒަމާނުގެ އީދުގެތައް ބާއެވެ؟ މިއީ އިސްރާފަކަށް ނުވޭތޯއެވެ؟

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355