twitterviber whatsapp telegramfacebookyoutube instagram
26th April 2024

ސައިފް ރަސްގެފާނު ވާހަކަ (12)

Jan 21, 2013

.

ޖެނުއަރީ 07 ވަނަ ދުވަހުގެ ބަޔާ ގުޅޭ

ވަހުސުލް ފުލާހަށް އެ ކަނޑީގެ ހުރި މޮޅުކަން އަމިއްލަފުޅަށް ތަޖުރިބާ ކުރެވިއްޖެކަމާއިމެދަށް ނިހާޔަތަށް އުފާކުރެއްވިއެވެ. އަދި މިކަމައްޓަކައި މިހާތަނަށް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ހުރިހާ ހިތާމައަކާއި މޮޅިވެރިކަމެއް މުޅިން ފިލާހިނގައްޖެއެވެ. ދެން އަނެއްކާވެސް ޖަންގަލީގެ މަގުހިއްޕަވައި ދަތުރު ފައްޓަވައިފިއެވެ. މިގޮތަށް ދަތުރުކުރައްވާތާ ތިންވަނައަށްވީދުވަހު ދުރުން ސަހަރެއްގެ މަލަ ފެނިވަޑައިގެންފިއެވެ. ތަންކޮޅަކަށް ކައިރިއަށް ވަޑައިގެންނެވިއިރު އެއީ ވަށާފާރު ލެވިފައިވާ ވަރަށްބޮޑު ރަށެކެވެ. އެރަށުގެ ފާރުތަކާއި އިމާރާތްތައް ދެކެވަޑައިގެންފައި އެމަނިކުފާނު ހައިރާންފުޅުވެ ވަޑައިގަތެވެ. އަދި ދުނިޔެމައްޗަށް ޖެހޭ ވައިރޯޅިއަށްވެސް ނުވަދެވޭހާ ވަރުގަދަކޮށް އެރަށުގެ ދޮރޯށިތައްވަނީ ބަންދުކުރެވިފައެވެ. ނަމަވެސް ރަށުގެ އަހުލުވެރިންގެ ލޮލުން ކަރުނައަޅާހާލު ފާރުތަކުގެމަތިން ބަލަންތިއްބެވެ. ދެން މިކަމާއިމެދު ވިސްނަވައި ފިކުރު ކުރައްވަމުން ރަށާއި ކައިރިއަށް ވަޑައިގެންނެވުނުއިރު އެތާނގައި ތައްޔާރުކުރެވިފައިވާ ދެ ފޭލިގެއެއް ދެކެވަޑައިގަތެވެ. އެތަނުން ފުރަތަމަ ފޭލިގެ ބެލީމާ ހީވަނީ އެއީ އާކައިވެނީގެ އަންހެންކުއްޖާ ބޭންދުމަށް ތައްޔާރުކޮށްފައިވާ ތަނެއްހެނެވެ. އަނެއް ފޭލިގެ ހީވަނީ ހިތާމަ ލިބިގެންވާ މީހުންނަށް ތައްޔާރުކޮށްފައިވާ ތަނެއްހެނެވެ. ދެން ވަހުސުލް ފުލާހު އެތަނުން ކައިވެނިވާ އަންހެންކުއްޖާއަށް ތައްޔާރުކޮށްފައިވާ ފޭލިގޭގައިވަނީ ކޮންއެއްޗެއްތޯ ބައްލަވާ ލެއްވުމަށް ގަސްދުކުރައްވައި ވަސްވާސްތައް ހިތްޕުޅުން ފިލުވާލައްވައި ސާބިތުކަމާއެކީ ހިންގަވާ ވަޑައިގެން އެޚީމަތުގެ ތެރެއަށް ވަދެވަޑައިގެންނެވިހިނދު އެމަނިކުފާނަށް ފެނިވަޑައިގަތީ ރީތިކަމާއި ނަލަކަމުގެވެރި އަދި އަގުމާތް ހެދުންކޮޅުތަކުން ޒީނަތްތެރި ކުރެވިފައިވާ ޢަރޫސާއެކެވެ. އެކަމަނާ ކީރިތިކުރައްވާހާލު އޮހޭކަރުނުން ދެކޯތާފަތްޕުޅުމަތި ތެމިފައިވާތީ ވަހުސުލް ފުލާހު ދެކެވަޑައިގަތެވެ. އެކަމަނާއެ ކީރިތިފުޅުކުރައްވަނީ ތިމާގެމީހުންނާއި އެކުވެރިންނާއި ރަހުމަތްތެރިންނާ ވަކިވެވެޑައިގަންނަވަން ޖެހިވަޑައިގަތް ކަމަށްޓަކައެވެ. އަދި އަމާންކަމާއި ހާއުފާވެރިކަމަށްފަހު ޒަމާންގެނެސް އެކަމަނާ ހަލާކުގެތެރެއަށް އެއްލާލިކަމަށްޓަކައެވެ. އެއީ އިންސީންގެތެރެއިން ރަސްދަރިކަނބަލަކަށް ވެފައި ޖިންނީންގެތެރެއިން ސިފަހުތުރުވެގެންވާ އިފްރީތަކާއި ކައިވެނިފުޅު ބައްލަވައިގަންނަވަން ޖެހިވަޑައިގަތްކަމަށް ޓަކައެވެ. މިހިތާމައިގައި އެކަމަނާ ހިތާމަ ކުރައްވަމުން ގެންދަވަނީއެވެ.

މިފަދަ ހާލުގައި އެރީތި އަންހެން ސާހިބާ އިންނަވާފައި ހިޔަންޏެއް ވެގެން ވަހުސުލް ފުލާހު ހުންނެވި ދިމާއަށް ބައްލަވައިލެއްވިހިނދު އެކަމަނާ ދެކެވަޑައިގަތީ ސޫރަ ރީތިވެގެންވާ ފިރިހެން ސާހިބެކެވެ. އެވަގުތު ވަހުސުލް ފުލާހުވެސް އެކަމަނާގެ މައްޗަށް ލޯތްބާއި އިސްތިޙްސާނުގެ ލޯފުޅަކުން ބައްލަވައި ލެއްވިއެވެ. އެހިނދު އެމަނިކުފާނަށް އެކަމަނާގެ ކޯތާފަތްޕުޅު މަތީން އެމަނިކުފާނުގެ ކޯތާފަތްޕުޅު މަތީގައި ހުންނަކަހަލަ ފެހިކުލައިގެ ލަފެއް ފެނިވަޑައިގަތެވެ. ނަމަވެސް އެކަމަނާގެ ލޯފުޅުން އޮހޮރޭ މުތީފަދަ ކަރުނައިގެ ތިކިތަކުން އެރީތި ލަފުވެސް ވަނީ ފެވިފައެވެ. މިތަން ދެކެވަޑައިގެން ވަހުސުލް ފުލާހު ހިތާމައިން ފުރިގެންވާ ޢިޝްޤީ ދެތިން ޅެންބައިތު ވިދާޅުވިއެވެ. ފަހެ އެކަމަނާއަށް އެމަނިކުފާނު އެވިދާޅުވި ދެތިން ޅެންބައިތުގެ އަޑު އިވިވަޑައިގަންނަވައިފިހިނދު ޚާއްޞަކޮށް އެކަމަނާގެ ކުރިފުޅުމަތީގައި ފެންނާން މިހިރަ ރީތިކަމާއި ޒުވާންކަމަށްޓަކައި އެކަމަނާގެ ހިތްޕުޅުގައި ޢިޝްޤާއި މުޙައްބަތުގެ ޝައުޤުވެރިކަން އުުފެދިއްޖެއެވެ. އަދި ވިދާޅުވިއެވެ. މަނިކުފާނުގެ ހަށިކޮޅު ތިޔަފަދަ ރީތި ސިފައެއްގައި ހެއްދެވި ކަލާނގެ ޙައްޤުގައި ދަންނަވަމެވެ. ތިޔައީ ކޮންތަނަކުން ވަޑައިގެންނެވި ކޮންބޭފުޅެއްތޯއެވެ؟ ދެން އެމަނިކުފާނު ވިދާޅުވިއެވެ. އަޅުގަނޑަށް ކިޔަނީ ވަހުސުލް ފުލާހެވެ. އަޅުގަނޑު ހަމަ ހިނގަމުން އައީއެވެ. އަޅުގަނޑުވަނީ އަފްރާޙް ރަސްގެފާނުގެ އަހުލުވެރީންގެ ތެރެއިންނެވެ. ނަމަވެސް ތިޔައުޖާލާ މޫނުފުޅުގެ ވެރިކަމަނާއަކީ ކޮންބޭފުޅެއްތޯއެވެ؟ އެކަމަނާ ވިދާޅުވިއެވެ. އޭ ސާހިބު މަނިކުފާނެވެ. އަޅުގަނޑަކީ މިރަށުގެވެރި އަފްރާޙް ރަސްގެފާނުގެ ދަރިކަނބަލުން ޝާމަތުއެވެ. އެއީ ކުރިމަތީން ފެންނާން މިއޮތް ރަށުގެ ޙާކިމެވެ.

މަލަކާ ޝާމަތު މިވިދާޅުވި ވާހަކަފުޅު ވަހުސުލް ފުލާހު އައްސަވައިފި ހިނދު އެމަނިކުފާނުގެ ހިތްޕުޅުގައި އެކަމަނާއަށްޓަކައި އިހުނަށް ވުރެވެސް ލޯތްބާއި ހަމްދަރުދީ އިތުރުވެއްޖެއެވެ. އަދި އެމަނިކުފާނުގެ މޫނުފުޅުމައްޗަށް ކުޑަކޮށް އަނދިރިވާގޮތްވެސް ވެއްޖެއެވެ. އަދި އެމޫނުފުޅުމަތީން ތިމަންކަމަނާއަކީ އަފްރާޙް ރަސްގެފާނުގެ ދަރިކަނބަލުންނޭ އެކަމަނާ ވިދާޅުވިއިރު އިންނެވިސޫރަ ހުރަހަކާނުލާ ފެންނަގޮތްވިއެވެ. އަފްރާޙް ރަސްގެފާނަކީ އެމަނިކުފާނު ތުއްޕުޅުއިރުއްސުރެ ތަރުބިއްޔަތު ކުރައްވައި ގެންގުޅުއްވި އިއްޒަތްތެރި ރަސްގެފާނެވެ.

މިކަންވީގޮތަކީ ކުރީން ބަޔާންވެދިޔަފަދައިން އަފްރާޙް ރަސްގެފާނު ސަޤަރުދޫސް ހަކީމްގެ ބަހާއި ޚިލާފްވެވަޑައިގެން ވަހުސުލް ފުލާހު ޤަތުލުކޮށް ނުވަތަ ރަށުން ބޭރުކޮށްލާ ނުހެއްދެވީމައި އެކަމާ އެރަސްގެފާނުދެކެ މިޙަކީމް ރުޅިއައިސްގެން، ސައިފް އަރުއަދުގެ އަރިހުގައި ހުންނަ އޭނާގެ އަޚް ސަގަރުދީސް ޙަކީމަށް އެޚަބަރު ދިނުމަށް ގަސްދުކޮށްގެން އެރަށުން ނުކުމެއްޖެއެވެ. ދެން ދަތުރުކޮށްފައިދަނިކޮށް އޭނާގެ ރަޙްމަތްތެރިއަކާއި މަގުމަތީން ބައްދަލުވެއްޖެއެވެ. އަބްދުނާރުއޭކިޔާ ސިފަހުތުރު މަކަރުވެރިކަންބޮޑު ސިހުރުވެރިއެކެވެ. މިސިހުރުވެރި ކަލޭގެއާއި ހަކީމް ބައްދަލުކުރީ ހިތްދަތިކަމާއި ހިތާމަވެރި ކަމާއިއެކުގައެވެ. އަބްދުނާރު އޭނާކުރެން އެކަމާއި ސުވާލުކުޅަހިނދު، އަފްރާޙް ރަސްގެފާނާއި ޚިލާފްވީވާހަކައާއި، ވަހުސުލް ފުލާހު ގެވާހަކަ ރަނގަޅަށް ކިޔައިދީފިއެވެ. އަދި ބުންޏެވެ. އަހަރެން ބިރުގަންނަނީ ނޫޙް އަލައިހިއްސަލާމްގެ ދުޢާގެ އަސަރު އެކުއްޖާގެ އަތްމަތީގައި ހިނގާނެތީއެވެ. ދެން އަބްދުނާރު ބުންޏެވެ. ތިޔަހެންވިއްޔާ ކަލޭ މިހާރު އެދެނީ ކީއްކުރަން ހެއްޔެވެ. ސަގަރުދޫސް ޖަވާބުދިނެވެ. އަހަރެން އެދެނީ އަފްރާޙް ރަސްގެފާނާއި އޭނާގެ ދަރިކަނބަލުންނާއި ވަކިކުޅައުމަށެވެ. އެގޮތުން އެރަސްގެފާނަށާ އެކަމަނާއަށް ހިތާމަ ދިނުމަށެވެ. އެހެނީ މިބުނާ ވަހުސުލް ފުލާހުގެ ކޮލުގައި ހުންނަކަހަލަ ލަފެއް އެކަމަނާގެ ކޯތާފަތް މަތީގައިވެސް ހުރެއެވެ. އަހަންނަށް އެނގިފައިވާގޮތުގައި މިދެލަފު އެކުވެއްޖެއްޔާ ޙަބުސްކަރަ މުޅިން ޚަރާބުވެ އެތަނުން އަހަރެމެންގެ ވެރިކަން ނެތިހިނގައިދާނެއެވެ. އަބްދުނާރު މިވާހަކަތައް އަހާފައި ބުންޏެވެ. ކަލޭގެހިތުން ތިޔަކަމުގެ މޮޅިވެރިކަމާއި ހިތާމަތައް އަވަހަށް ފިލުވާލާށެވެ. އަދި އަހަރެންގެ މި އަޖާއިބުވާފަދަ ކަންތައްތަކުގެ ފުރިހަމަ ނަތީޖާ ދެކެން ހުންނާށެވެ. އޭ މާތްމީހާގެ ދަރިއާއެވެ. އަހަރެން ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭގެދެބަފައިން ވަކިކޮށްލަފާނަމެވެ. ދެން އަބްދުނާރު ފުންމައިގެން ތެދުވެ، އޭނާގެ ސިހުރުގެ ބާރުން ތައްޔާރުކޮށްފައިވާ ގަނޑުވަރަށް ވަދެއްޖެއެވެ. އަދި އިސްމެއް ކިޔަވާލާފައި ބިމުގައި ފައިން ޖަހައިފިއެވެ. އެވަޤުތު ބިންގަނޑު ފަޅާލާފައި ދެލޮލުން އަލިފާނުގެ ކަނިތައް ބުރުއްސަމުން ހަށިގަނޑުބޮޑު ބިރުވެރި ބަލާއެއްފަދަ މާރިދަކު ތެދުވެއްޖެއެވެ. ދެން މިސިހުރުވެރި ކަލޭގެ އެސޮރާ ދިމާއަށް ބުންޏެވެ. ކަލޯބޮޑުވެގެންވާ މާރިދެއްކަމުގައިލެއްވި ކަލާނގެ ގަންދީ ބުނަމެވެ. ހަމަމިވަޤުތު އަފްރާޙް ރަސްގެފާނުގެ ރަށަށްގޮސް ކަލޭގެތިޔަހުރި ނުލަފާކަމާއި ގަދަފަދަކަމުން އެރަށުމީހުންނަށް މިވަޤުތު ލިބިފައިވާ އުފާވެރިކަން ހިތާމަވެރިކަމާއި މޮޅިވެރިކަމަށް ބަދަލުކޮށްލާށެވެ. މިކަންކުރާނޭ މަގަކީ ކަލޭގޮސް އެންމެފުރަތަމަ މީހުންގެ ހިތްތަށް ބިރުންވިރި އޮހޮރޭފަދަ ގަދަފަދަ އަޑަކުން ހަޅޭލަވައި ގަންނާނީއެވެ. ދެން ރަށުގެ އަހުލުވެރީން ނުކުމެ ކަލޭކުރެން ކޮންތާކުން ކޮންބޭނުމަކު ކީއްކުރަންއައި ކާކުތޯ އަހާނެއެވެ. އަދި އެމީހުން ބުނާނެއެވެ. ކަލޭބޭނުން ކަމެއްގެ ވާހަކައިން ބުނާށެވެ. އަހަރެމެން އެކަމެއް ކޮށްދޭނަމެވެ. ދެން ކަލޭ ބުނާށެވެ. ތިޔަބައިމީހުންގެވެރި އަފްރާޙް ރަސްގެފާނުގެ ދަރިކަނބަލުން އާކައިވެނީގެ ހެދުންކޮޅު ތުރުކުރައްވައިގެން މާދަމާ ހެނދުނު އަހަރެން އަންނައިރަށް ރަށްބޭރުގައި ބޮޑު ފޭލިގެއެއް ޖަހާފައި އެތަނަށް ފޮނުވާށެވެ. އޭރުން އަހަރެން އެކަމަނާ ގޮވައިގެން ހިނގައިދާނަމެވެ. މިގޮތަށް ތިޔަބައިމީހުން ކަންތައް ނުކުރިނަމަ ކަލޭމެންގެ ގެދޮރު ފުނޑުފުނޑުކޮށް ރަށް ސުންނާފަތިކޮށް ދުވަހަކުވެސް ބަޔަކުމީހުން ބުނާތީވެސް ނާހާފަދަ ހިތާމަތަށް ކަލޭމެންނަށް ޖައްސާނަމެވެ.

އަބްދުނާރުގެ މިވާހަކަތައް އަހާފައި އަވަސްއަވަހަށް އެސަހަރަށް ދިއުމަށް އެމާރިދުކަލޭގެ އެދިގެންފިއެވެ. އަދި ބުންޏެވެ. ކަލޭ ހިތްއުފާވާހާގޮތަށް ކަންތައް ކުރާހުށީމެވެ. އެޒަމާނަކީ ޢަދުނާނު ވަންހައިން ވަޑައިގަންނަވާނޭ ނަބިއްޔަކު ސިހުރު ކުރުމާއި ކަހީނުކަމާއި ބުދަށް އަޅުކަންކުރުން ބާތިލު ކުރައްވައިފުމަށް ދާނދެން ޖިންނީންގެ އެއްބަޔަކު އަނެއްބަޔަކުގެ މައްޗަށް އަރާ އިންސާނުންނަށް ދުއްތުރާދީ އެބައިމީހުންވެސް އެއްބަޔަކު އަނެއްބަޔަކަށް މިބާވަތުގެ ކަންތައްތަށް ހިންގާއުޅުނު ޒަމާނެކެވެ. އެކަންތައްތަށް ބާޠިލުވީ މާތްކަލާނގެ އަމުރުފުޅަށް ޙައްޤުގެ މަގުތައް ފާޅުވުމުންނެވެ.

ދެން އެމާރިދުކަލޭގެ އޭނާގެކައިރިން ހުސްބިމަކަށް ނުކުމެ މަތީ ޖައްވަށް އަރައްޖެއެވެ. އެމާރިދުކަލޭގެ ނަމަކީ ސަހާބުން ނުހުތިޠަފެވެ. އޭނާ އެ ރީނދޫކުލައިގެ ގުއްބުގެ މައްޗަށް އަރާ ފުންމާލާ ވައިރޯޅީގެ ކުރީގައި ހުރެގެން ދަތުރުރުކޮށްފައިގޮސް މަލިކު އަފްރާހުގެ ރަށުގެ ރަށްބޭރަށް ހިނގައްޖެއެވެ. އަދި ރަށުގެ ވަށައިގެން ހަޅޭލަވަމުން މީސްތަކުން ބިރުގަންނަވަމުން ދުވާންފަށައިފިއެވެ. ހީވަނީ ފަރުބަދަތައް ރޫޅިގެން ބިމަށްފައިބާ ހެންނެވެ. އަންހެނުންނާއި ފިރިހެނުން، މުސްކުޅިންނާއި ޅަކުދީން، ޒުވާނުންނާއި ކުޑަކުދީން ރޮއެ ހަޅެލަވައި އަޑުފައްގަނޑު ގަދަކުރާން ފަށައިފިއެވެ. އެސޮރު ހަޅޭލަވަމުން ދުވާއިރު އެއިވޭ އަޑުފަށް ހޮނުގުގުރީގެ އަޑުފަދައެވެ. އެގަދަފަދަ އަޑަށް ވާދީތަކާއި ފަރުބަދަތަށް ގުޑައިގަތުމުން ރަށުގެ ފާރުތަކާއި އިމާރާތްތައްވެސް ވެއްޓިދިއުމާއި ގާތްވެއްޖެއެވެ. އެންމެފަހުން ރަށުގެ އަހުލުވެރީންނަށް ނުކުޅަދާނަވެގެން އަސްވާރުންނާއި އަބްޠާލުން ކުރިއަށް ލައިގެން އޭގެފަހަތުގައި އަންހެނުންނާއި ކުޑަކުދީން ބައިތިއްބައިގެން އެންމެން ރަށްބޭރަށް ނިކުމއެއްޖެއެވެ. ދެން އެމާރިދު ކަލޭގެއާދިމާއަށް ބުނާންފަށައިފިއެވެ. ކަލޭގެ އެދުމަކީ ނުވަތަ ކަލޭ ތިޔަހެން ހެދުމަކީ ކޮބައިހެއްޔެވެ؟ ދެން އެސޮރު ބުންޏެވެ. އަހަރެން އެދޭހާވެސްކަމަކީ ކަލޭމެންގެ ރަސްގެފާނުގެ ދަރިކަނބަލުން މަލަކާ ޝާމަތު ޒީނަތްތެރިކުރުވައިގެން އާކައިވެނީގެ ހެދުންކޮޅު އަޅުއްވައިގެން ގެނެސް އަހަރެންގެ އަނތްބަކަށް ހެދުމެވެ. މާދަމާ އަހަރެން މިތަނަށް އަންނައިރަށް ރަށްބޭރުގައި ފޭލިގެއެއްޖަހައި އެފޭލިގޭގައި އެކަމަނާ ބައިންދާށެވެ. އޭރުން އަހަރެން އެކަމަނާ ގޮވައިގެން ހިނގައިދާނަމެވެ. އޭގެފަހުން ކަލޭމެން އުޅޭނޭގޮތަކަށް އުޅެވިދާނެއެވެ. އަހަރެން މިއަންގާގޮތަށް ތިޔަބައިމީނުން ނުކޮށްފިނަމަ ތިޔަބައިމީހުންގެ އެންމެ ފަހުމީހާއަށް ދަންދެން ހަލާކުކޮށް ކަލޭމެންގެ ބޯމައްޗަށް ބޮޑެތި ފަރުބަދަތަކަށް ދާންދެން ގެނެސް އޮއްސާލާނަމެވެ.

ދެން ރަށުގެ އަހުލުވެރީން މިމާރިދުކަލޭގެ ދެއްކިވާހަކަ އަޑުއަހާފައި އަނބުރާ ރަށަށްވަދެ ރަސްގެފާނުގެ އަރިހަށް ހިނގައްޖެއެވެ. އޭރު އެބައިމީހުން އަޑުގެކޮޅަށް ގޮވައެވެ. އޭހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އަހަރެމެންނަށް މިމެދުވެރިވީ ކިހާބޮޑު މުސީބާތެއްހެއްޔެވެ؟ މިހެން ކިޔާފައި ރޮއިހޭރެމުން ދަރުބާރަށްގޮސް ރަސްގެފާނަށް ދެންނެވިއެވެ. އޭ މާތްވެގެންވާ ރަސްގެފާނެވެ. އެނުލަފާވެގެންވާ ޝައިޠާން މާރިދު އެގޮވާއެއްޗެއްގެ އަޑު އައްސަވައިފިންތޯއެވެ؟ ދެން ރަސްގެފާނު ވިދާޅުވިއެވެ. ތިޔަ އެންމެހާ އަޑުތައް ތިމަން މަނިކުފާނަށްވެސް އެބަ އިވިވަޑައިގަންނަވައެވެ. ދެން މަލިކު އަފްރާޙް އެރަސްގެފާނުގެ ދަރިކަނބަލުން ޝާމަތުގެ މައްޗަށް ހުރި ހިތާމައެއްގެ ބޮޑުކަމުން ކީރިތިފުޅު ކުރައްވާން ފައްޓަވައިފިއެވެ. ދެން ރަށުގެ އަހުލުވެރިން ދެންނެވިއެވެ. އޭ އިއްޒަތްތެރި ރަސްގެފާނެވެ. އެންމެހާ ތަރިތައްފިޔަވައި މަތިވެރިވެގެންވާ ޒަހަލު ގަންދީ ދަންނަވަމެވެ. މަނިކުފާނުގެ ދަރިކަނބަލުން އެނުލަފާ މާރިދަށް ދިނުމަށް ރަށްބޭރަށް ނުނެރި އަޅުގަނޑުމެން ތިބެއްޖެއްޔާއި، އެސޮރު އަންނަރުޅީގައި އަޅުގަނޑުމެންގެ މުޅިރަށާއި ގެދޮރު ނެތިކޮށް ސުންނާފަތިކޮށްލާފާނޭކަމީ ޝައްކެއްވެސްނެތި އެނގޭ ކަމެކެވެ. ދެން އަފްރާޙް ރަސްގެފާނު ތެދުވެވަޑައިގެން ހަމައެވަޤުތުގައި އެރަސްގެފާނުގެ އަނބިކަނބަލުންނާއި ބައްދަލުކުރައްވައިފިއެވެ. އޭރު އެކަމަނާވެސް އިންނެވީ ކީރިތިފުޅު ކުރައްވާށެވެ. ދެން ރަސްގެފާނު އެމާރިދުކަލޭގެ ދެއްކެވި ވާހަކަފުޅުތައް ވިދާޅުވުމުން ޝާމަތުގެ މައިކަމަނާގެ މޫނުފުޅުގައި ތަޅުއްވައި ފޭރާންކޮޅުތައް ވީއްދަވައި އެކަމަނާގެ ހިތާމަފުޅު ބޮޑުކުރައްވައިފިއެވެ.

 

 

(ނުނިމޭ)

ނޯޓް: ވާހަކައަކީ ހ.ވައިޖެހޭގޭ އަޙުމަދު ރަޝީދު، ސ.ހިތަދޫ އިބްރާހީމް ޝާކިރު، ގ.ކިޔަވާގޭ އަބްދުއްޝުކޫރު: 18 ޑިސެމްބަރ 1966 ގައި ދިވެހިބަހަށް ތަރުޖަމާކޮށް އަތުލިޔުމުން ލިޔެފައިވާ ވާހަކައެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355