ފޮނިތޮއްޓަކީ ލައުރަލް ނަމަކަށް ކިޔާ އާއިލާއެއްގެ ގަހުގެ ތޮއްޓެވެ. އިހުޒަމާނުންސުރެ ދުނިޔޭގެ އެހެން ހިސާބުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ކާތަކެތި ތައްޔާރު ކުރުމުގައި ރަހަލެއްވުމަށް ފޮނިތޮށި ބޭނުންކުރެއެވެ. އަދި އަނގަ މީރުކޮށްލުމުގެ ގޮތުން ހުހަށްވެސް ފޮނިތޮށި ކައިއުޅެއެވެ. ތަފާތު ގިނަ ކާނާތައް ތައްޔާރު ކުރުމުގައި ބޭނުންކުރަމުން އަންނަ ފޮނިތޮއްޓަކީ ހައިރާން ކުރުވަނިވި ފައިދާތަކެއް އޭގައި އެކުލެވޭ އެއްޗެކެވެ.
ތިމާގެ މޫޑާއި ހަކަތައިގެ މިންވަރު އެއްވަރެއްގައި ބަހައްޓަން ބޭނުންވާ ފަރާތްތަކަށް ފޮނިތޮއްޓަކީ ވަރަށް ބޭނުންތެރި އެއްޗަކަށް ވާނެއެވެ. އެހެނީ ފޮނިތޮއްޓަކީ ބްލަޑް ޝުގަރ ބެލެންސް ކޮށްދޭ އެއްޗެއް ކަމަށް ދިރާސާ ތަކުން ދައްކައެވެ. އެހެން ކަމުން ހަކުރުބަލި ފަދަ ބަލިތަކުން ދުރުވުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.
ފޮނިތޮއްޓަކީ ހިތަށްވެސް ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. ސަރުބީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ ލޯ.ޑެންސިޓީ.ލިޕޯޕްރޮޓީން ދަށްކޮށްދޭ އެއްޗެއް ކަމުގައި ފޮނިތޮށި ވެއެވެ. އެހެން ކަމުން މިއީ ހިތުގެ ބަލިތަކަށް މަގުފަހި ކޮށްދޭ ހުރިހާ ނުރައްކަލަކުން މީހާ ސަލާމަތްކޮށްދޭނެ އެއްޗެކެވެ.
ޔުނިވަރސިޓީ އޮފް ޓެކްސަސް އިން ނެރެމުންދާ މަޖައްލާއެއް ކަމަށްވާ ނިއުޓްރިޝަން އެންޑް ކެންސަރ ގައި ބަޔާންކޮށްފައިވާ ގޮތުން ފޮނިތޮށި ބޭނުން ކުރުމަކީ ކެންސަރު ސެލްތައް އުފެދުމަށް ހުރަސްއަޅާ ކަމެކެވެ. އެހެން ކަމުން ކެންސަރުގެ ބަލި ތަހައްމަލު ކުރަމުންދާ މީހާއަށްވެސް މިކަމުން ލުޔެއް ލިބިގެންދާނެއެވެ.
ފޮނިތޮއްޓަކީ ފައިބާ އާއި ކެލްސިއަމް އަދި ދަގަނޑުގެ މާއްދާތަކުގެ އިތުރުން މެގްނީޒިއަމް ވެސް އޭގައި އެކުލެވޭ އެއްޗެކެވެ. ފޮނިތޮށީގެ ކިތަންމެ ކުޑަ މިންވަރެއްގައިވެސް މިތަކެތި ހިމެނިފައިވުމުން އެއީ ހަށިގަނޑަށް ބާރު ލިއްބައިދޭނެ ކަމެކެވެ.
މައްސަރު ކަންތަކުގައި ދިމާވާ ތަދާއި ދަރިމައިވުމުގައި ދިމާވާ މައްސަލަ ތަކުގައި އެހީވެދޭނެ ކެމިކަލެއް ފޮނިތޮށީގައި އެކުލެވިގެންވެއެވެ. ސިނަމަލްޑިހައިޑް ނަމަކަށްކިޔާ މި މާއްދާއަކީ އަންހެނުންގެ ޕްރޮގެސްޓްރޯން އިތުރުކޮށްދޭ އަދި ޓެސްޓެސްޓެރޯން އުފެދޭ މިންވަރު ދަށް ކޮށްދޭ އެއްޗެކެވެ. އެހެންކަމުން ފޮނިތޮށި ކެއުމުން ހަށިގަނޑުގެ ހޯމޯން އެއްވަރެއްގައި ހިފެހެއްޓިފައި ހުންނާނެ އެވެ.
އަލްޒީމާ އާއި ތުރުތުރުއަޅާ ބަލި، އަދި ސިކުނޑީގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުގެ ބާރު ދެރަކޮށްދޭ އެއްޗެއްކަމުގައި ފޮނިތޮށި ވާކަމަށް ދިރާސާ ތަކުން ދައްކައެވެ. މިގޮތުން ނާރު ތަކަށް ދިމާވާ ދިގުމުއްދަތުގެ ގެއްލުންތައްވެސް ފޮނިތޮށިން ކުޑަކޮށްދެއެވެ.
ފޮނިތޮށީގެ މީރުވަހާއި ރަހައިގެ އިތުރުން ގުދުރަތީ ގޮތުން ފޮނިތޮއްޓަކީ އޭގެ ޒާތުގައި ކާނާ ރައްކާތެރިކަމާއެކު ގިނަދުވަހަށް ބެހެއްޓޭ ފަދަ އިންތިޒާމެއް ހަމަޖެހިފައިވާ އެއްޗެކެވެ.
ނޯޓް: މިލިޔުމުގައި ހިމަނާފައިވާ މަޢުލޫމާތު ތަކަކީ ޓްރެޑިޝަނަލް ނެޓުރަލް މެޑިސިންގ ޑޮކްޓަރ އަދި މަޝްހޫރު ފޮތް ލިޔުންތެރިޔާ ޑރ. މިޝޭލް ޝޮފްރޯ ކުކް އޭނާގެ އަމިއްލަ މެގަޒިންގ ވޯލްޑް ހެލްތިއެސްޓް ޑައެޓްގައި ލިޔެފައިވާ ލިޔުމަކުން ނަގާފައިވާ މަޢުލޫމާތު ތަކެކެވެ.