twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުރުވާހަކަ – ލިޔުނު ސިޓީ

Jan 26, 2013

ރައުފާ އާދަމް

ދޮންވެލި ތުނޑިމަތީ ކުޅެންތިބި ކުދިންތަކުގެ ހުނުމާއި ސަކަރާތުގެ އަޑާއި، ޖެހިލާ މަޑު ވައިރޯޅި އާއި، ކުރިމަތީ އޮއްސެމުންދާ އެދާ އިރުގެ މަންޒަރަކީ ވަރަށް ހިތްގައިމު، ހިތަށް ފަސޭހަ މަންޒަރެކެވެ. އެ ހިތްގައިމު މަންޒަރު ބަލަން ނުހާ އިށީނދެލައިގެން އިނީ ގޮނޑުދޮށުގައި ހުދު ސާލެއްހެން ދެމިފައިއޮތް ދޮންވެލިގަނޑު މަތީގައެވެ. ބަލާބެލުމަށް އޭނާ އިނީ ވަރަށް ފުން ހިޔާލެއްގައެވެ. ވަށައިގެންވާ އެއްވެސް ކަމެއް ނޭނގޭހާ މިންވަރަށެވެ.

****

އޭނާއަށް އޮތް ސިޓީ ހިފައިގެން އައި ކުއްޖާއަށްވެސް ދެވަނަފަހަރު ގޮވާލަން ޖެހުނީ ތަންކޮޅެއް ބާރަށެވެ. ނުހާ ސިހިފައި ތެދުވިއެވެ. ސިޓީ ލިބުމުން ނުހާ އަވަސްވެގަތީ އެސިޓީ ކިޔުމަށެވެ. އެއީ އޭނާގެ ލޯބިވެރިޔާ އަފްޒަލްގެ ސިޓީ އެކެވެ. ސިޓީ އުރައިގެ ބޭރުގައި ލިޔެފައިވަނީ ‘ޓު މައި ލަވިން ސުވީޓް ހާރޓު’ މިހެންނެވެ. އެލަފްޒުތައް ކިޔާލުމުން އޭނާގެ ހިތް ފިނިވެގެންދިއަ އެވެ.

އަފްޒަލްއަކީ ނުހާގެ ފުރަތަމަ ލޯތްބެވެ. އެންމެ ކުޑައިރުގެ ރަހުމަތްތެރިޔާ ވެސްމެއެވެ. އުޅެ، ބޮޑުވީވެސް އެކީގަ އެވެ. ދެމީހުންވެސް އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވެއެވެ. ދެމީހުންގެ މައިންބަފައިން ވެސް އެ ގުޅުމަށް ވަރަށް ރުހެއެވެ. އަފްޒަލްގެ ބައްޕަ ބޭނުންވީ އަފްޒަލް އިތުރަށް ކިޔެވުމަށެވެ. އެހެންކަމުން އަފްޒަލްގެ އިތުރަށް ކިޔެވުމަށް ލަންޑަނަށް ފުރީ މީގެ 3 މަސްކުރިންނެވެ. ފުރައިގެން ދިއުމަށްފަހު ކޮންމެ ހަފްތާއެއްގައިވެސް މިގޮތަށް ނުހާއަށް ސިޓީ ފޮނުވައެވެ. ކިތަންމެ ދުރުގައި ހުއްޓަސް ދެމީހުންގެ ހިތްތައް ވަނީ ވަކިނުކުރެވޭހާ ކައިރީގައެވެ.

ކައިރީގައި ވި އެދެހިތަށް ދުރުކަން އަންނަން ފެށީ ޕީޓާއާ ބައްދަލުވި ހިސާބުންނެވެ. އަފްޒަލްގެ ކޮލެޖުގައި އުޅޭ ޕީޓާ އަފްޒަލްގެ އެޕާރޓުމެންޓަށް ބަދަލުވީ ދުވަސްކޮޅެއް ކުރިންނެވެ. އެހެންކަމުން ގިނަ ވަގުތު މި ދެ އެކުވެރިން ހޭދަކުރަނީ އެކުގައެވެ. ޕީޓާއަކީ މިހާރުގެ އެންމެ ޒަމާނީ މިީހެކެވެ. ޕީޓާއާ އެކުގާ އެކުއުޅުމުގެ ތެރެއިން ޕީޓާގެ އެހެން އެކުވެރިންނާ އަފްޒަލްއަށް ބައްދަލުވިއެވެ. ޕާޓީތަކަށާއި ޑިސްކޯއަށާއި، ޑުރައިވްތަކަށްވެސް ގޮސްއުޅެންފެށީ އެހިސާބުންނެވެ. މިގޮތުން ޕީޓާގެ އެކުވެރިއެއް ކަމަށްވާ ސުޒާން، އަފްޒަލްއާއެކު ގިނަވަގުތުތަކެއް ހޭދަކުރެއެވެ.

ސުޒާން އަކީ ވަރަށް ރީތި، އަދި ފިރިހެނުންގެ ހިތް އަތުލާ ފަދަ ރީތި ހަށިގަނޑަކާ، ނޫކުލައިގެ ދެލޮލާ ހިމަ ތުންފަތެއްގެ ވެރިއެކެވެ. ވަރަށް ގިނަ ފިރިހެނުން ހިތް އެދެމުންދާ ޒުވާނެއްވެސްމެއެވެ. ނަތީޖާއަކަށްވީ އަފްޒަލްގެ ހިތްވެސް ސުޒާން އަށް އެދުމެވެ. ސުޒާން އާއި އަފްޒަލްގެ ގުޅުން ފެށޭކަށް މާގިނަ ދުވަހެއް ނުނެގިއެވެ. ސުޒާންގެ އަވައިގައި ޖެހި ނުހާ މަތިން އަފްޒަލް ހަނދާން ނެތުނީ ވަރަށްވެސް ފަސޭހައިންނެވެ. ވީ ލޯތްބާ، ވައުދާ އަހުދާ ދެއްކި ހުވަފެންތައް ވެސް ވަޅުލީ އެއްވެސް ފިކުރެއް ނެތިއެވެ.

އަނެއްކޮޅުން ނުހާ ދިޔައީ އަފްޒަލްގެ ހަނދާންތަކުގައި ދުވަސްތައް ގުނަމުންނެވެ. މިގޮތަށް ކަންތައްތައް ވަމުންދާކަމުގެ އެއްވެސް ހިލަމެއް އޭނާއަކަށް ނުވެއެވެ. އަފްޒަލްގެ ސިޓީއަކަށް އިންތިޒާރު ކުރަމުން ދިޔައީ ރެއެއް ދުވާލެއެއް ނެތިއެވެ. ހެނދުނެއް ހަވީރެއް ކަމަކު އޭނާގެ އިންތިޒާރަށް ބަދަލެއް ނާދެއެވެ. އަފްޒަލްގެ ސިޓީއަކަށް އިންތިޒާރުކުރުމުގައި 4 މަސް ފާއިތުވެދިއައިރުވެސް އަފްޒަލްގެ ހަބަރެއް ނުވިއެވެ. ނަމަވެސް ނުހާގެ ހިތުގައި އަފްޒަލްއަށްޓަކާ ހިތްބުރަކަމެއް ނުބަހައްޓައެވެ. އެއަށްވުރެ މާބޮޑަށް އޭނާ އަފްޒަލް ދެކެ ލޯބިވެއެވެ. އަދި އިތުބާރުވެސް ކުރެއެވެ.

އަނެއްކޮޅުން ލަންޑަންގައި ސުޒާން އާއި އަފްޒަލްގެ ގުޅުން ދިޔައީ އެއްދުވަހުން އަނެއް ދުވަހަށް ބަދަހިވަމުންނެވެ. އަފްޒަލް ހުންނަނީ ސުޒާން އާހެދި މޮޔަވެފައެވެ. ނުގަނެދޭ އެއްޗެއް ނެތެވެ. ޚަރަދުތައް ކޮށްލަނީ އެއްވެސް ބެލުމެއް ނެތިއެވެ. އަފްޒަލްގެ ހަށިގަނޑާއި ފުރާނަ ސުޒާންއަށް ދިނެވެ. ކޮންމެ ރެއަކު އެކުގައި ލޯބީގެ ގުޅުން ހިންގިއެވެ. އަފްޒަލްގެ އުއްމީދަކީ ސުޒާންއާ އިނދެގެން ރާއްޖެ ދިއުމެވެ.

ދުވަސްތައް މިގޮތުގައި ފާއިތުވަމުން ދަނިކޮށް އަފްޒަލްއަށް އެއްދުވަހަކު ސިޓީއެއް އައެވެ. އެއީ ސުޒާންގެ ފަރާތުންނެވެ. އެސިޓީގައި އޮތީ ސުޒާން އޮސްޓުރޭލިއާ އަށް ދިރިއުޅުން ބަދަލު ކުރާ ވާހަކައެވެ. އަދި ދެން އޭނާ އަނބުރާ ލަންޑަނަށް ނާންނާނެ ވާހަކައެވެ. އަދި އަފްޒަލްގެ ފަރާތުން ލިބުނު ވަގުތީ އުފަލަށް ޝުކުރުވެރިވާކަމަށާއި އޭނާ އަފްޒަލް ދެކެ ކުރިންވެސް އަދި މިހާރުވެސް އެއްވެސް ލޯތްބެއް ނުވާކަމަށް އޭގައި ލިޔެފައި އޮތެވެ. އަދި އޭނާ މަތިން ހަނދާނައްތާލުމަށް އެދިފައިއޮތެވެ. އަފްޒަލްގެ ހިތަށް ވަރަށް ބޮޑަށް ތަދުވިއެވެ. ސުޒާންމެން ކަހަލަ ކުދިންގެ ގޮތް ދެނެނުގަނެވުނީ އަފްޒަލްއަށެވެ. އޭނާ ދީވާނާވީއިރު ސުޒާން އެހެން ހަދާފާނެކަމަށް ކުޑަކޮށް ވެސް ހީނުކުރެއެވެ.

ކުރެވުނު ކުށާއި ލޯބިވާ ނުހާގެ މަތިން ހަނދާންވީ ދެނެއެވެ. ނަމަވެސް އަފްޒަލްއަށް ސުޒާންގެ ހަނދާންތައް ފިލުވާލަން ވެސް ފަސޭހައެއް ނުވިއެވެ. ކޮންމެ ރެއަކު ސުޒާންގެ ހަނދާންތަކުގައި އަފްޒަލް ހޭލާ އޮވެއެވެ. ނުކައިނުބައި ހުރުމުގެ ސަބަބުން މީހާ އަނަރޫފަވެ ބަލިވާން ފެށިއެވެ. އޭގެ ކުޑަދުވަސް ކޮޅެއް ފަހުން އަފްޒަލް އާދަޔާޚިލާފަށް ބަލިވިއެވެ. ޑޮކްޓަރަށް ދެއްކުމަށްފަހު އަފްޒަލް ހެދި ޓެސްޓުގެ ނަތީޖާ ބަލައި ދިއައީ ހާސްކަމާއެކުގައެވެ. ނަތީޖާގެ ކަރުދާސް ހުޅުވާލީ އުންމީދާ އެކުގައެވެ. ނަމަވެސް ‘ޕޮޒިޓިވް’ މިބަހާއެކު އޭނާގެ އުންމީދުގެ ހުޅުކޮޅުވެސް ނިވުނެވެ. ސުޒާންއަކީ އެއިޑްސް ޖެހިފައިވާ މީހެކެވެ. ސުޒާންއާއެކު އެގޮތަށް ގުޅުން ހިންގުމުގެ ސަބަބުން މިއަދު އަފްޒަލްވެސް ވަނީ އެ ނުރައްކާތެރި ބަލީގެ ޝިކާރައަކަށްވެފައެވެ. މާޔޫސްކަމާއެކު އަފްޒަލް ގެއަށް ދިޔައެވެ. ވަރަށް ވިސްނުމަށްފަހު ނުހާ އަށް ހަގީގަތް ކިޔާދިނުމަށް ސިޓީއެއް ލިޔުމަށް ނިންމިއެވެ.

އަފްޒަލްގެ ސިޓީއަކަށް އިންތިޒާރުކުރަމުން ދިޔަ ނުހާއަށް މިހާގިނަ ދުވަސްކޮށްފާ އަފްޒަލްގެ ސިޓީއެއް ލިބުމުން އުފަލުން ގޮސް ނުހާ ހީވަނީ މޮޔަ ވެދާހެންނެވެ. ވާނީވެސް އެހެންތާއެވެ. އެއީ އޭނާގެ ހިތާ ހަށިގަނޑާ ސިކުނޑި އާއި ޖިސްމު އަދި އޭނާގެ ލޯބީގެ ވެރިޔާއެވެ. ސިޓީ އަވަސް އަވަހަށް ހުޅުވާލުމަށްފަހު ކިޔަންފެށިއެވެ. އެއާއެކު އޭނާގެ ދެލޮލުން ކަރުނަ ހިލުނެވެ. ސިޓީ ކިޔަން ފެށިއިރު ހުރި އެހިނިތުންވުމެއް ސިޓީ ކިޔާ ނިމުނުއިރަކު ނެތެވެ. އަފްޒަލް ދެކެ ވީލޯތްބާ، އެކީ އުޅުމަށް ދެކުނު ފޮނިހުވަފެންތަކާ ކުރި ފޮނި އުންމީދުތައް ހަމައެވަގުތު ފުނޑުފުނޑުވެގެން ދިއައީ އަފްޒަލްގެ ބޭވަފާތެރިކަމުގެ ސަބަބުންނެވެ.

****

“ލަސްވިތަ ނުހާ!” މާޒީގެ އެހަނދާނުގައި އިން ނުހާ ސިހިގެންގޮސް ބަލާލިއެވެ. އެވަގުތު ޝާހިލް އައިސް ދޮންވެލިގަނޑު މަތީގައި ނުހާގެ ކައިރީ އިށީނެވެ.

ޝާހިލްއަކީ މިހާރު ނުހާގެ ހަޔާތުގެ ބައިވެރިޔާއެވެ. އަފްޒަލްވީ ބޭވަފާގެ ހަނދާން ނައްތާލުމަށްފަހު، އޭނާގެ ހަނދާންތަކާއި ވީ ލޯބި ކަފުން ކުރުމަށްފަހު، ޝާހިލްއާއެކު އާ ދިރިއުޅުމެއް ފެށީއެވެ. އަދި އޭނާގެ ދިރިއުޅުން އެއްކޮށް ބަދަލުކޮށްލި އެސިޓީވެސް އުމުރަށް ވަޅުލަމުންނެވެ.

ނޯޓް: މިއީ އަފީފުއްދީން ސްކޫލު ގްރޭޑް 10 ގައި ތަޢުލީމު ހާސިލް ކުރަމުންދާ ދަރިވަރެއް ކަމުގައިވާ ރައުފާ އާދަމް ލިޔެފައިވާ ކުރުވާހަކައެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355