އެމެރިކާގެ ސަރުކާރުގެ އެތައްހާސް ސިއްރު ލިޔެކިޔުންތަކެއް ލީކު ކޮށްލައިގެން މަޝްހޫރުކަން ހޯދި އޮގަނައިޒޭޝަން “ވިކިލީކްސް” އާބެހޭގޮތުން ތައްޔާރު ކުރާ ފިލްމުގެ މަސައްކަތް މިދިޔަ ހަފްތާގައި ފަށައިފި އެވެ.
“ފިފްތު އެސްޓޭޓް” ގެ ނަންދެވިފައިވާ މިފިލްމުގައި ވިކިލީކްސްގެ މޭސްތިރިކަމަށްވާ ޖޫލިއަން އަސާންޖްގެ ބައިކުޅެނީ ބެނެޑިކްޓް ކަމްބަބެޗް އެވެ. އަދި ޑެނިއަލް ޑޮމްޝެއިޓްބާގްގެ ބައި ކުޅޭނީ ޑެނިއަލް ނުރޫލްއެވެ. އަދި ފިލްމު ޑައިރެކްޓް ކުރަނީ ޑްރީމްގާލްސް، ކިންސޭ އަދި ޓްވައިލައިޓް ސާގާ: ބްރޭކިންގ ޑޯން ފަދަ މަޝްހޫރު ފިލްމުތައް ޑައިރެކްޓްކުރި ބިލް ކޮންޑޮން އެވެ.
ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ދެފޮތެއްގައި ހިމަނާފައި ވާ މަޢުލޫމާތުގެ މައްޗަށެޗެ. އެއިން އެއްފޮތަކީ ޑެނިއަލް ޑޮމްޝެއިޓްބާގް ލިޔެފައިވާ “އިންސައިޑް ވިކިލީކްސް: މައިޓައިމް ވިތު ޖޫލިއަން އަސާންޖް އެޓް ދަ މޯސްޓް ޑޭންޖަރަސް ވެބްސައިޓް” އެވެ. އަނެއްފޮތަކީ “ވިކިލީކްސް: އިންސައިޑް ޖޫލިއަން އަސާންޖްސް ވަރ އޮން ސީކްރަސީ” އެވެ.
ހޮލީވުޑްގެ މަޝްހޫރު ސްޓޫޑިއޯ ޑްރީމްވޯކްސް އިން ހަދާ މިފިލްމުގައި ދައްކައިދޭނީ ވިކިލީކްސްގެ މަސައްކަތް ފެށުނު ގޮތާއި އެ އޮގަނައިޒޭޝަންގެ ފުރަތަމަ ދުވަސްކޮޅެވެ. އަދި އެމީހުން 2010 ވަނަ އަހަރު ޖުލައި މަހު ލީކުކުރި “އަފްޣާން ވަރ ޑައިރީ” ގެ މަސައްކަތާހަމައަށް އެތަނުގެ މަސައްކަތްތައް ފިލްމުގައި ދައްކައިދޭނެއެވެ.
ފިލްމުގެ މަސައްކަތް ފެށުމާއެކު ބައެއް ކްރިޓިކުން މިހާރު ވެސް ވަނީ ފިލްމަށް ފާޑުކިޔަން ފަށާފައެވެ. ނަމަވެސް ބައެއް މީހުންތިބީ ފިލްމު ބަލަން ވަރަށް ބޭނުންވެފައެވެ. މަޝްހޫރު ސޯޝަލް މީޑިއާ ފޭސްބުކާ ބެހޭގޮތުން ތައްޔާރު ކުރި ފިލްމު “ސޯޝަލް ނެޓްވޯކް” ގެ މަސައްކަތް ފެށުމާއެކު ވެސް ފިލްމު ކާމިޔާބު ވާނެކަމާމެދު ސުވާލު އުފައްދާ ފާޑުކިޔާފާވެއެވެ. ނަމަވެސް އެފިލްމު ވަނީ އޮސްކާގެ ދެ އެވޯޑެއް ވެސް ހާސިލް ކޮށްފައެވެ. އިންޑަސްޓްރީ ދިރާސާ ކުރާ ބައެއް ފަރާތްތަކުން ބުނަނީ “ފިފްތު އެސްޓޭޓް” ވެސް އެފަދަ ކާމިޔާބެއް ހޯދަފާނެ ކަމަށެވެ.