twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކޮލެޖް ނުވަތަ ޔުނިވާސިޓީއާ ކުރިމަތި ލެވޭވަރަށް ކުދިންގެ އިނގިރޭސި ފެންވަރު ރަނގަޅުތަ؟

Feb 3, 2013

2002 ވަނަ އަހަރު ޖަލާލުއްދީން ސްކޫލުގައި އޯލެވެލް އިމްތިހާނު ހެދި އިރު، އެއަހަރު އޯލެވެލް ހެދި ދުއިސައްތައެއްހާ ކުދިންގެ ތެރެއިން އިނގިރޭސިން ފާސްވީ (ސީ ފާސް ލިބުނީ) އެންމެ ތިން ކުދިންނެވެ. އޭރު އިނގިރޭސި ފެންވަރު ހުރީ އެހާ ދަށު ދަރަޖައިގައެވެ. ނަމަވެސް އޭގެ ދިހަ އަހަރު ފަހުން 2012 ވަނަ އަހަރު އޯލެވެލް އިމްތިހާނުގެ ނަތީޖާ ލިބުނު އިރު، އިނގިރޭސި މާއްދާއިން 37 ކުދިން ވަނީ ފާސްވެފައެވެ. ދިހަ އަހަރުން ކޮންމެ ވެސް ވަރެއްގެ ކުރިއެރުމެއް އެވަނީ ލިބިފައެވެ. ނަމަވެސް އިނގިރޭސިން ފާސްވާކުދިން ގިނަ ވިކަމުގައި ވިޔަސް، އެކުދިންގެ އިނގިރޭސި ފެންވަރަކީ މަތީތަޢުލީމަށް ދިއުމަށް ކޮލެޖަކަށް ނުވަތަ ޔުނިވާސިޓީއަކަށް ވަނުމަށް އެންމެ އެކަށޭނެ ފެންވަރު ހެއްޔެވެ؟

ބައެއް ކުދިންނަކީ ހަމައެކަނި ޓެސްޓުން ފާސްވުމަށް ކިޔަވާ ކުދިންނެވެ. ބޭނުންވަނީ ފާހެކެވެ. ނުވަތަ ކުލާހުން އެއްވަނަ އެވެ. އެއީ އަދި އިނގިރޭސި މާއްދާ ނޫން ކަމުގައި ވިޔަސް އެކަން އޮންނަނީ އެހެންނެވެ. އާއްމު ދިރިއުޅުމުގައި ނުވަތަ މަތީތަޢުލީމު ހާސިލް ކުރާއިރު ނުވަތަ ވަޒީފާގައި ކިޔެވިއެއްޗެއް ބޭނުންކުރާނީ ކިހިނެތްތޯ ވިސްނާނީ ވަރަށް މަދު ކުއްޖެކެވެ. އިނގިރޭސި މާއްދާއިން ފާސް ވިޔަސް ނުވަތަ އޭގެ ފަހަތުން އަދި ޑީ ފާސް އެއް ލިބުންކަމުގައި ވިޔަސް، ގިނަ ކުދިން ތިބެނީ ކޮލަޖަށް ތައްޔާރު ވެފައެއް ނޫނެވެ.

ޔުނިވާސިޓީ ނުވަތަ ކޮލެޖްގައި އިނގިރޭސި މީޑިއަމް އިން ކިޔަވައިދޭއިރު، ކުދިންނަށް އަންޑަސްޓޭންޑް ވުމުގައި ދަތިތަކެއް ހުންނަކަން ނެޝަނަލް ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަސްގައި ކިޔަވައިދެއްވާ ލެކްޗަރަރ އެއް ފާހަގަ ކުރިއެވެ.

“އިނގިރޭސި ފެންވަރު ވަރަށް ދަށް. ކުދިންނަށް ބައެއްފަހަރު އަންޑަސްޓޭންޑް ވެސް ނުވޭ އިންގްލިޝް އިން ވާހަކަ ދެއްކީމަ. ޔުނިވާސިޓީތަކުގައި ކިޔެވޭނީ އިންގްލިޝް ފެންވަރު ރަނގަޅު ކުރެވިގެން.”

ތެދެކެވެ. އޯލެވެލް ނުވަތަ އޭލެވެލް ނިންމާފައި ޔުނިވާސިޓީއަށް އަންނައިރު އިނގިރޭސިބަހުން ވާހަކަ ދައްކަން އެނގެން ޖެހޭނެއެވެ. ލެކްޗަރަރ އާއި ކުލާހުގެ އެހެން ކުދިންނާ އިނގިރޭސިން މުޚާތަބްކޮށް ވާހަކަ ދައްކާ އިންޓްރެކްޓް ވާން އެނގެންޖެހޭނެއެވެ. އަދި ވާހަކަ ދެއްކުމަށް އެނގުމުގެ އިތުރުން ވާހަކަ ދައްކަން ކެރެން ވެސް ޖެހޭނެ އެވެ. ނަމަވެސް ސްކޫލު ދައުރުން ސުރެ އެކަން އެގޮތަށް ނުވުމުގެ ސަބަބުން ކުދިން މަތީތައުލީމަށް ކުރިމަތި ލާއިރު އެހުނަރު ތަރައްގީ ކުރެވިފައެއް ނުހުރެއެވެ.

“ސްކޫލުގައި އުޅުނު ދުވަސްވަރު، ކްލާސްތެރޭގައި އިނގިރޭސިން ވާހަކަ ދައްކަން އިންގްލިޝް ޓީޗަރު ބާރު އަޅާ. ނަމަވެސް އެއީ ކުރަން އެހާ ފަސޭހަ ކަމެއް ނޫން. އެއީ އިނގިރޭސިން ދެތިން ޖުމްލައެއް ބުނެލާއިރަށް ކްލާހުގައި ދެން ތިބޭ ކުދިން މަލާމާތްކުރާތީ.” މިދިޔަ އަހަރު ޖަލާލުއްދީން ސްކޫލުގައި އޯލެވެލް ހެދި ދަރިވަރަކު ބުންޏެވެ.

ކުދިންގެ އިނގިރޭސި ފެންވަރު ދަށްވުމުގެ އެއްސަބަބަކީ އިނގިރޭސި ބަހުން ވާހަކަ ދައްކަން މަސައްކަތް ނުކުރުމެވެ. ކުށެއް ކިއިދާނެތިން ބިރުން ބައެއް ކުދިން ތިބެނީ ވާހަކަ ދައްކަން ނުކެރިފަ އެވެ. ނުވަތަ އަނެއްބައި ކުދިން ތިބެނީ ވާހަކަ ދައްކަން އެފަދަ ފުރުސަތެއް ނުލިބިފައެވެ. އެއްކޮށް އުޅޭ ރައްޓެހިން އެއްގޮތަކަށް ވެސް އިނގިރޭސި ބަހުން އިންޓަރެކްޓް ނުކުރާތީ އިނގިރޭސިން ވާހަކަ ދެއްކުމުގެ ފުރުސަތު އޮންނަނީ ނުލިބިފަ އެވެ.

ކުދިންގެ އިނގިރޭސި ފެންވަރު ކުރިނާރާ އަނެއް ސަބަބެއް ކަމަށް ބައެއް ޓީޗަރުން ބުނަނީ ފޮތްތައް ނުކިޔުމެވެ. އިނގިރޭސި ވާހަކައެއް ނުވަތަ މަޢުލޫމާތެއް ކިޔާލުމަށް ގިނަ ކުދިންނަށް ވަނީ ކުޑައިރުންސުރެ އާދަ ނުކުރެވިފައެވެ. ފޮތްކިޔުމަށް އާދަކުރެވޭނަމަ ކުދިންގެ ފެންވަރު ރަނގަޅުވާނެކަމަށް ޓީޗަރުން ބުނެއެވެ.

ކުދިންގެ އިނގިރޭސި ފެންވަރު ދަށްވާ ބައެއް ސަބަބުތަކާމެދު ކުރިން ވާހަކަ ދެއްކި ލެކްޗަރަރ ވިދާޅުވީ ކުދިން ފޮތްތައް ނުކިޔުމުގެ އިތުރުން ކޮމްޕިއުޓަރާއި ފޯނު ބޭނުންކުރާއިރު ރަނގަޅު އިނގިރޭސި ބޭނުން ނުކުރާތީވެސް ކުދިންގެ ފެންވަރު ދަށްވެއެވެ. ހާއްސަކޮށް ލިޔުމުގެ ފެންވަރު ދަށްކަން އޭނާ ފާހަގަ ކުރިއެވެ.

“ފޭސްބުކުން ޗެޓް ކުރާއިރު ވެސް ކުދިން ލިޔަނީ ލެޓިނުން. ކޮމެންޓެއް ކުރިޔަސް ލެޓިނުން. ފޯނުން އެސްއެމްއެސް އެއް ކުރާއިރު ވެސް ރަނގަޅު އިސްޕެލިންނެއް ބޭނުމެއް ނުކުރޭ. އެހެންވެ އެގްޒާމްތައް އަދި އެސައިންމެންޓްތައް ހަދާއިރު ކުދިންގެ ލިޔުމުން އެކަންކަން ފާހަގަ ކުރެވޭ.”

އޯލެވެލް ނުވަތަ އޭލެވެލް އިމްތިހާނު ނިންމުމަށްފަހު ޔުނިވާސިޓީ ނުވަތަ ކޮލެޖަކަށް ވަންނައިރު، އެތަނަށް ވަދެވޭވަރުގެ އިނގިރޭސި ފާހެއް އޮވެދާނެ އެވެ. ނަމަވެސް ފާސްވެފައި އޮތުމަކުން އަދި ނުފުދޭނެ އެވެ. ކްލާސްތަކަކީ އިންޓަރެކްޓިވް ކްލާސްތަކަކަށް ވާއިރު، ކުލާހުގެ ޑިސްކަޝަންގައި ބައިވެރިވެވޭނީ އެކަމަށް ތައްޔާރު ވެގެން ހުރުމުންނެވެ. އެހެންނޫންނަމަ ޔުނިވާސިޓީގައި ކިޔެވުމެކޭ ސްކޫލުގައި ކިޔެވުމެކޭ ވާނީ ހަމަ އެއްވަރެވެ. ޓީޗަރު ދޭ ނޯޓްސް ނަގައިގެން ހިތުދަސްކުރުން ނޫންކަމެއް ނުވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355