twitterviber whatsapp telegramfacebookyoutube instagram
4th May 2024

ދުވާލަކު ކިތައް ކޮފީތޯ؟

Jan 31, 2013

ކޮފީ އަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ދިރިއުޅުމުގެ މުހިއްމު އެއްބައި ކަމުގައި މިހާރު ވަނީ ވެފައެވެ. ކޮފީ އަކީ އޭގައި ފައިދާ ތަކެއް އެކުލެވުނު ނަމަވެސް ބޭނުންކުރެވޭ މިންވަރަކުން ގެއްލުންތަކެއް އެކުލެވޭ އެއްޗެއްވެސް މެއެވެ. އެހެން ކަމުން ތިމާގެ ހަށިގަނޑަށް ގެއްލުންވާނީ، ނުވަތަ މޫޑު ބަދަލު ވެގެންދާނީ ކިހާ މިންވަރަކަށް ކޮފީ ބޮއެގެންތޯ އަމިއްލައަށް ބަލާލާށެވެ.

ދުވާލަކު 1 ތަށި ކޮފީ

ކޮފީއަކީ އޭގައި ވަރުގަދަ އެންޓި އޮކްސިޑެންޓެއް އެކުލެވޭ ސިކުނޑި ހަމައަކަށް އަޅުވައިދޭ އެއްޗެކެވެ. އަދި އެއީ ލޭނާރު ތަކަށް ރަނގަޅު އަސަރެއް ކުރުވާ، ލޭގެ ޕްރެޝަރު އެއް ހަމައެއްގައި ހިފަހައްޓައިވެސް ދޭ އެއްޗެކެވެ. ދުވާލަކު 1 ތަށި ކޮފީ ބޮއެފި ކަމަށްވާނަމަ މަތީގައިވާ ފައިދާތައް ލިބިގެންދާނެއެވެ. އެހެން ނަމަވެސް 1 ތަށި ކޮފީ އިންވެސް ތިމާގެ ނިދި ހަރާބުވެދެއެވެ. ހަށިގަނޑުން ކެފެއިން ގެ އަސަރު ފިލައިގެން ދިޔުމަށް 8 ގަޑިއިރު ބޭނުންވާއިރު މެންދުރު ފަހުގެ ވަގުތުތަކުގައި ކޮފީ ބޭނުންކުރުން ދޫކޮށްލާ އާދަވެގެން ހެނދުނު ކޮފީ ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ.

ދުވާލަކު 2 ތަށި ކޮފީ

ދުވާލަކު 2 ތަށި ކޮފީ ބުއިމަކީ އަލްޒީމާ ބަލިން ރައްކާތެރިވުމަށް އެކަށޭނެ މިންވަރެއްކަމަށްވެއެވެ. އެއީ ކޮފީގެ މިންވަރު އިތުރުކުރުމުން ކެފީންގެ މިންވަރު އިތުރުވެ، ސިކުނޑީގެ ހަނދާން ކުރުމުގެ ބައި މަސައްކަތް ކުރާލެއް ފުރިހަމަވާތީއެވެ. ބުރަ މަސައްކަތެއް ކުރުމުގެ 30 މިނެޓް ކުރިން 2 ތަށި ކޮފީ ބުއިމަކީ ހަށިގަނޑުގައި ހަކަތަ އިތުރުކޮށްދޭނެ ކަމެކެވެ. އެހެން ނަމަވެސް މާބަނޑު މީހެއްނަމަ ދުވާލަކު 2 ތަށި ކޮފީ ބުއިމަކީ ހަށިގަނޑުގައި ހޯމޯން އެޑްރިނާލިން އާއި ކްރިސްޓޯލް އުފެދޭ މިންވަރު ތަފާތު ވާނެ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ކުއްލިއަކަށް ދަރިފުޅު ބައިގެން ދިޔުންފަދަ މައްސަލައެއް ކުރިމަތިވުމަކީ ގާތްކަމެކެވެ.

ދުވާލަކު 3 ތަށި ކޮފީ

އާދަވެގެން ދުވާލެއްގެ މައްޗަށް 3 ތަށި ކޮފީ ބޭނުންކުރާނަމަ އަންހެނާގެ ރަހިމަށް ޖެހޭ (އޯވަރިއަން) ކެންސަރުން ރައްކާތެރިވުމަށް އެހީ ވެއެވެ. އަދި ފިރިހެނަކު ނަމަ ގޮހޮރުގައި ހިލަ އުފެދުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. އެހެން ނަމަވެސް ކެފެއިންގެ ޑޯޒް މަތިވުމުގެ ސަބަބުން ހިތުގެ ބަލިތަކަށް މަގުފަހިވެ، ހާޓް އެޓޭކެއް ޖެހުން ކައިރި އެވެ.

ދުވާލަކު 4 ތަށި ކޮފީ

އާއްމު ގޮތެއްގައި ކޮފީ ބުއިމަށް ބޭނުންކުރާ ތަށީގެ 4 ތަށީގައި 400 މިލިގްރާމްގެ ކެފެއިން ހުންނާނެ އެވެ. މިއީ ބާރުގަދަ އެންޓިއޮކްސިޑެންޓަކަށްވުމުން ހަށިގަނޑުގެ ތެރެ ސާފުކޮށްދީ ހަކުރުބައްޔާއި ޕްރޮސްޓޭޓް ކެންސަރު ފަދަ ބަލިތަކަށް ހުރަސްއަޅައެވެ. ކަން މިހެން އޮތް ނަމަވެސް 4 ތަށި ކޮފީ ދުވާލެއްގެ މައްޗަށް ބޮއެފި ކަމަށްވާނަމަ ގިނައިން ހޮޑުލަވާ ހިތް ބިރުގަންނަ ގޮތް ދިމާވާނެ އެވެ.

ދުވާލަކު 5 ތަށި ކޮފީ

ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލަކު 5 ތަށި ކޮފީ ބޭނުންކޮށްފިނަމަ ލިވާ ކެންސަރު ޖެހުމުން ދުރުކޮށްދެއެވެ. އެހެން ނަމަވެސް ކެފެއިން އަކީ ކަށިތަކަށް ބޭނުންވާ މުހިއްމު މާއްދާއެއް ކަމަށްވާ ކެލްސިއަމް އެބްޒޯބް ކުރާ އެއްޗެއްކަމުން އޮސްޓިއޯފޮރެސިސް އަށް މަގުފަހިވެއެވެ.

ދުވާލަކު 6 ތަށި ކޮފީ

ކޮފީގައި 31 އިންސައްތަ އެކުލެވޭ އެންޓިއޮކްސިޑެންޓެއް ހަމުގެ ސެލްތައް ރައްކާތެރިކޮށްދީ އަލުން އެސެލްތައް އުފެއްދުމަށް އެހީތެރިވެދެއެވެ. އެހެން ކަމުން ދުވާލަކު 6 ތަށި ކޮފީ ބުއިމަކީ ހަމުގެ ކެންސަރުން ދުރުކޮށްދޭނެ ކަމެކެވެ. ނަމަވެސް މިހާ ގިނަ މިންވަރަކަށް ކޮފީ ބުއިމަކީ ބޭރަށްހިންގަން މެދުވެރިވާ ސަބަބަކަށް ވެދާނެއެވެ. އަދި ގިނައިން ހޮޑުލެވި ލޭގެ ޕްރެޝަރު އިތުރުވެ، ހިތުގެ ބަލިތަކަށް މީހާ ހުޅުވިގެންވެސް ދާނެއެވެ.

މަތީގައި ބުނެވި އެދިޔައީ ކޮފީގެ އެކި މިންވަރު ބޭނުން ކުރުމުގެ ސަބަބުން ލިބޭނެ ފައިދާ ތަކާއި ގެއްލުން ތަކެވެ. “ކޮފީއެއް ޖަހާލަން” ބޭނުންވާ ކޮންމެ ފަހަރަކު ތިމާގެ ހަށިގަނޑަށް ކޮފީ ބޭނުންވަނީ ކިހާ މިންވަރެއްތޯ ވިސްނާލުން ބުއްދިވެރިއެވެ.

ނޯޓް: މި ލިޔުމަށް މައުލޫމާތު ނަގާފައިވަނީ ސިއްހީ މައުލޫމާތު ފޯރުކޮށްދޭ ތަފާތު އެކި ވެބްސައިޓުތަކުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355