twitterviber whatsapp telegramfacebookyoutube instagram
23rd November 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (1)

Feb 5, 2013

ހައްވާ ޒާހިރާ / ހއ. ދިއްދޫ

އޮއްސުނު އިރާއެކު އުދަރަސް ފުރާލީ ފުސްވިލާތަކުންނެވެ. ހަނދާއި ތަރިތަކުން ވިދުން ފަނޑުކޮށްލާ ވިއްސާރައިގެ ކުލަ ގަދަކޮށްލައިފި އެވެ. ޖެހިލާ ފިނި ވައިރޯޅީގެ ބާރުކަމުން ހީވަނީ ތޫފާނެއް ބޯމަތިކުރަން އުޅޭހެންނެވެ. ހިމަފޮދު ވާރޭއަށް ވެހެންފެށި ވާރޭ ބޯކޮށްލީ ކުއްލިއަކަށެވެ. މަގުތައް އޮތީ ހިމޭންވެފަ އެވެ. ދުއްވާ އެއްޗެހީގައި އުޅޭ މަދު ބަޔަކު މެނުވީ މަގުމަތިން ފެންނާކަށް ނެތެވެ. ވިލާތައް ވާރޭއިން ފުރި ދުނިޔޭގެ ބިމަށް އޮހެންފެށިއެވެ. މަގުތަކުގައި ފެންހެދެމުން ދިޔަ އެވެ. ވިދާލާ ވިދުވަރާއެކު ދުވާލުގެ އަލިފަދައިން ބިންމަތި އަލިވެގެންދާ ފަހަރު ގިނަ އެވެ. ގުގުރީގެ އަޑު ގަދަކަމުން ބިރުވެރިކަން ހިތަށް ވަދެއެވެ.

މަގުތަކުގައި ހެދިފައި ހުރި ފެންކޯރުތައް ކަފަމުން އެމްބިއުލާންސް ދުއްވަމުން ދިޔައިރު އެ މަގުތަކުގައި ޙަރަކާތްތެރިވަމުން ދިޔަ އެހެން އުޅަނދުތައް އެއްފަރާތްވެލާ އެމްބިއުލެންސަށް ދާނެ މަގު ދައްކަމުން ދިޔަ އެވެ. ސައިރަން އަޅަމުން އައި އެމްބިއުލެންސް ހޮސްޕިޓަލުގެ ޕޯޓިކޯގައި ހުއްޓުމުން އެޓެންޑެންޓުން ދުވެފައި އައިސް ބަލިމީހާ ބާލައިފި އެވެ. އެމްބިއުލާންސްއިން ފޭބި ޝާޔާ އައިސް އެނދުގެ އެއްކައިރީގައި ހުއްޓުނު އިރު ހުރީ ރޮވިފަ އެވެ. ޝާޔާގެ ކޮއްކޮ އީރާ އަނެއްފަރާތުގައި ހުރެ އަނީސާއަށް ގޮވަމުން ދިޔައެވެ. ބަލި އެނދުގައި އޮތީ އޭނާ ހިތާއި ފުރާނައިން ލޯބިވާ މަންމަ އެވެ. ދެލޯމަރާލައިގެން އޮތް އަނީސާ ހީވަނީ ދުވަހަކުވެސް ލޯ ހުޅުވަން ގަސްތު ނުކުރާހެންނެވެ.އަނީސާ އައިސީޔޫއަށް ވެއްދުމުން ޝާޔާ އާއި އީރާ އައިސީޔޫ ދޮރުމަތީގައި ހުރި ބެންޗު ޗެއާރ ތަކުގައި އިށީނެވެ.

”ދޮންތާ. މަންމަ ރަނގަޅުވާނެތަ؟” ޝާޔާގެ ކޮނޑުގައ ބޯއަޅާލަމުން އީރާ އަހާލީ ރޮވިފަ އެވެ.

ޝާޔާ އީރާގެ ބޮލުގައި އަތުން ފިރުމާލަމުން ބޮލުން އާއެނކޭ ބުނެލި އެވެ. އަނީސާއަށް ބަލިމަޑުކަމެއް ޖެހިގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަބަދުވެސް ވަރުބަލިވުމާއި ނޭވާހިއްލުމާއި އެކަހަލަ އެތައް އުދަނގޫތަކެކެވެ. އިރާކޮޅު ކުއްލިއަކަށް ރަނގަޅަށް ހުރެފައި އަށެއްޖަހާލާ އެހާއިރު ނޭވާލާން އުދަނގޫވެގެން ތެޅިފޮޅެން ފެށިއެވެ.

އައިސީޔޫގެ ދޮރު ހުޅުވާލުމަށްފަހު ފައިލެއް ހިފައިގެން ނުކުތް ނަރުސް ކުއްޖާ އަތުގެ އިޝާރާތުން ޝާޔާއަށް ގޮވާލި އެވެ. ޝާޔާ އެކުއްޖާގެ ކައިރިއަށް ހުއްޓުމުން ފައިލުން ނަގައި ދިއްކޮށްލީ ގަނޑެކެވެ.

”މިއީ އެޑްމިޝަން ފޯރމެއް. ޝާޔާގެ މަންމަ ވޯޑަށް ބަދަލުކުރުމުގެ ކުރިން އެޑްމިޝަން ފީ އާއި އައިސީޔޫގައި ދެވުނު ފަރުވާއަށް ފައިސާ ދައްކާލަންޖެހޭނެ.” ޝާޔާގެ އަތަށް އެކަރުދާސްގަނޑު ދެމުން އޭގެ ތަފްޞީލު ނަރުސް ކުއްޖާ ދިނެވެ. ޝާޔާ ދެލޯ ފޮހެލަމުން އެ ފޯރމަށް ބަލާލި އެވެ. ތިރީކަނުގައި ގޮޅިއެއްގައި ދައްކަންވީ ފައިސާގެ އަދަދު ލިޔެފައި އޮތެވެ.

އަނީސާ ހޮސްޕިޓަލުގައި ފަރުވާދެވުނު ދެތިން ގަޑިއިރަށް އެކަނި އަރާފައި އޮތް ފައިސާގެ އަދަދު ފެނި ޝާޔާއަށް ހިންދިރުވާލެވުނީ ގަދަކަމުންނެވެ. އެވަރުގެ ތަނަވަސްކަމެއް ނެތްކަން އެނގުމުން ދެލޯ ފުރެމުން ދިޔަ ކަރުނަތައް ބޭއިޚްތިޔާރުގައި ފައިބައިގަތެވެ.

”ޝާޔާ. ވަރަށް އަވަސްކޮށްދޭތި. ފައިސާގެ ކަންތައް ހަމަޖެހުނުހާ އަވަހަކަށް ވޯޑުގެ ފަރުވާ ކުރިއަށް ގެންދެވޭނި.” ޝާޔާ ހުއްޓުން އަރާފައި ހުރުމުން ނަރުސްކުއްޖާ ދެވަނަ ފަހަރަށް ހަނދާންކޮށްދިނެވެ.

”މި ފައިސާ ހަމަޖެއްސޭތޯ މަސައްކަތް ކުރާނަން. އެކަމަކު މަންމައަށް ފަރުވާ ދެއްވާ.” ޝާޔާ ދެއަތް ޖޯޑުކޮށްލާ ދަތްދޮޅިއާ ހަމަޔަށް އުފުލާލަމުން އާދޭސްކުރި އެވެ.

” މިއީ އަމިއްލަ ހޮސްޕިޓަލެއް. މިތަނުގައި ކަންތައް ހިނގާނި މިތަނުގެ ޤަވައިދާއި އެއްގޮތަށް. ފުރަތަމަ ފައިސާ ދައްކަވާ. ފަރުވާ ފެށެން އަންނަނީ ޕޭމެންޓަށްފަހު.” ނަރުސްކުއްޖާ އައިސީޔޫގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ.

ބެންޗު ޗެއާރގައި އިން އީރާ ކައިރީ މަޑުކޮށްލަން ބުނެފައި ޝާޔާ ހިނގައިގަތެވެ. އަވަހަށް ހޮސްޕިޓަލަށް އަންނަންވެގެން އާދެވުނީ ޕާރސް ބާއްވާފައިކަން ހަނދާންވުމުން ގެއާއި ދިމާލަށް ޝާޔާ މިސްރާބުޖެހި އެވެ.

ހޮސްޕިޓަލުގެ ދޮރުން ވަދެގެން އައި ޔޫއާންގެ ނަޒަރު ހުއްޓުނީ އެ ދޮރުން ނިކުމެގެން ދިޔަ ޝާޔާއެވެ. އާދައިގެ ނިކަމެތި ހެދުމެއްގައި ހުއްޓަސް ޤުދުރަތީގޮތުން ލިބިފައި ހުރި ރީތިކަމެއްގެ ސަބަބުން އެ ސިކުންތުގައި އޭނަގެ ހިތުން ޝާޔާއަށް ޖާގައެއް ހުސްކޮށްލެވުނެވެ. ފަހަތަށް ދޫކޮށްލެވިފައި އޮތް ޝާޔާގެ ބުޅި އިސްތަށިގަނޑު ވައިގެ ތެރޭ އެގޮތްމިގޮތަށް އުދުހެމުން ދިޔައެވެ.

ޔޫއާން ސިހިފައި ބަލާލެވުނީ ޖީބުގައި އޮތް ފޯނު ރިންގުވުމުންނެވެ. ޝާޔާ ނިކުމެގެން ދިޔަ ދޮރާއި ދިމާލަށް ބަލާލެވުނު އިރު ޝާޔާގެ ހިޔަނިވެސް އެ ހިސާބުގައި ފެންނާކަށް ނެތެވެ. ޔޫއާން ހީލަމުން ހޮސްޕިޓަލުގެ ތެރެއަށް ވަނެވެ.

ގެއަށް ވަދެ ޝާޔާ ޕާރސްހުޅުވާ ބަލާލިއެވެ. އެ ޕާރހުގައި މުޅި ޖުމްލަ އޮތީ ހަތްސަތޭކަ ރުފިޔާއެވެ. އެއީ ހޮސްޕިޓަލަށް ދައްކަންޖެހޭ ފައިސާގެ ތިންބައިކުޅަ އެއްބަޔަށްވުރެ ކުޑަ އަދަދެކެވެ.

ޝާޔާގެ ބައްޕަ އާމިރު މީގެ ދެތިން މަސް ކުރިން ކެންސަރުގެ ޝިކާރައަކަށްވެގެން މި ދުނިޔެ ދޫކުރި ހިސާބުން ފެށިގެން ޝާޔާ އާއި އީރާގެ ހުރިހާ ޒިންމާތަކެއް ނަގަމުން އައީ އަނީސާއެވެ. މާލޭގެ މަޝްހޫރުވިޔަފާރިވެރިއެއް ކަމުގައިވާ ސަލަފްގެ ގޭގައި ނޯކިރީ ކޮށްގެން ލިބޭ މަދު ފައިސާއިން ގޭތެރޭގެ ޚަރަދު ބަލަހައްޓަންޖެހިފައިވުމުން ފަހަށް ރައްކާކުރެވިފައެއް ނެތެވެ. ސްކޫލު ނިންމިގޮތަށް ޝާޔާއަށް ވަޒީފާއެއް ލިބިފައި ނެތުމުން އެގެއަށް އާމްދަނީއެއް ވަންނާނެ އިތުރުގޮތެއްނެތެވެ.

ހަތްސަތޭކަ ރުފިޔާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެފައި ދެއަތުން މޫނުގައި އަތްއަޅައި ރޮއިގަނެވުނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އިނގިލިތަކުގެ ދޭތެރެއިން ތިކިޖަހަމުން ދިޔައެވެ. ލޮލުގައި ހުރި ހުރިހާ ކަރުނައެއް ހުސްވަންދެން ރުޔަސް ފައިސާގެ ކަންތައް ހަމަނުޖެހޭނެކަން އެނގުމުން ޝާޔާ އޭނަގެ ހިތަށް ވިސްނައިދެމުން ރުއިން ހުއްޓާލެވޭތޯ ބެލިއެވެ. ޝާޔާގެ ސިކުނޑީގައި އެވަގުތު ހަނދާނެއް ޓަކި ދިނެވެ. އިއްޔެ އަނީސާ ބުނެފައިވާ ވާހަކައެއް ހަނދާންވިއެވެ. މިދިޔަ މަހުގެ މުސާރަ އަނީސާއަށް ނުލިބޭ ވާހަކަ އާއި އެގެއަށް ބަލާދިއުމަށް އަނީސާ ބުނެފައިވެ އެވެ.

ޝާޔާ ގެ އިން ނިކުމެ ފުރަތަމަ މިސްރާބުޖެހީ އަނީސާ މަސައްކަތްކުރާ ގެއާއި ދިމާލަށެވެ. ސަލަފްގެ ގެއާއި ޝާޔާގެ ގެއާއި ދުރެއް ނުވާނެއެވެ. ސަލަފްގެ ގެހުންނަ މަގަށް އެޅިއިރު ސަލަފްމެންގެ ގެއިން އެޅިފައިހުރި އަލިން މުޅި މަގު ދިއްލިފައިވެއެވެ. ފޫޓްފާރާއި ތިންބުރީގެ ބޮޑު އިމާރާތްވަނީ ނިވިދިއްލޭ ބޮކިތަކުން ޖަރީކޮށްފައެވެ. ޝާޔާ ގޭޓް ދޮރުމަތީގައި މަޑުކުރުމަށްފަހު އެތެރެއަށް ވަނުމަށް ހިނގައިގެންވަގުތު ފަހަތުން މީހަކު ގޮވާލި އަޑު އިވުނެވެ.

”ކާޑު އެބައޮތްތަ؟” ފަހަތުން ސެކިއުރިޓީ ޔުނފޯރމްގައި ހުރި ދެބައި އުމުރުގެ ފިރިހެނަކު ގޮވާލިއެވެ.

އެމީހާ މާނަކުރީ ކޮން ކާޑެއްގެ ވާހަކައެއްކަމެއް ޝާޔާއަކަށް ނުވިސްނުނެވެ. ސުވާލުން ފުރިގެންވާ ގޮތަކަށް އެމީހާގެ މޫނާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

”މިގެއަށް މިރޭ ވަދެވޭނީ ޕާރޓީއަށް ދައުވަތު ދީފައިވާ މީހުންނަށް އެކަނި. އެހެންވެ މިއަހަނީ ކާޑު އެބައޮތްހޭ.” އެމީހާ ޝާޔާގެ ކުރިމަތީގައި ހުއްޓެމުން އަހާލި އެވެ.

”ކާޑެއް ނެތް. މިއައީ ސަލަފްއާ ބައްދަލުކޮށްލަން.” ޝާޔާގެ އަޑު ނިކުތީ މަޑު ތުރުތުރަކާއެކުއެވެ. ގިނައިރުތަކެއްވަންދެން ރޮއިފައިހުރުމުގެ ސަބަބުން އެ މޫނުމަތިން ތާޒާކަމެއް ނުފެނެއެވެ.

”މިރެއަކު ނުވާނެ. މާދަމާ ރޭ އާދޭ. ސަލަފް އަންގާފައި އޮތީ މިރޭ އެއްވެސް މީހަކު ނުވައްދަން. ސަލަފްގެ ކޮންޕެނީއަށް ފަނަރަ އަހަރު ފުރުމުގެ ޚާއްސަ ރަސްމިއްޔާތު މިރޭ އޮތީމަ އެއްވެސް މީހަކާ ބައްދަލުކުރަން ބޭނުންނުވާކަމަށް އޮތީ އަންގާފައި.” އެމީހާ ހީލަމުން ބުނެލިއެވެ.

ދެވަނަ ބުރީގެ ކުޑަދޮރެއް ހުޅުވުމަށްފަހު އުމުރުން ނަވާވީސް ނޫނީ ތިރީސް އަހަރުގެ ފިރިހެނަކު ބަލާލިއެވެ. ސެކިއުރިޓީއާ ދިމާއަށް އަތުގެ އިޝާރާތުން ކިހިނެއްވީހޭ އަހާލިއެވެ. އެމީހާއަށް އެއްޗެއް ނުބުނެވި އުޅެނިކޮން އަންހެނަކު ކުޑަދޮރުން ބޭރު ބަލާލިއެވެ.

”ސަލާންޖަހަން އައި ކުއްޖެއްތަ؟ ހަމީދު. އެކުއްޖާ ކައިރީ ބުނެދީ ޕާޓީ ނިމުނީމައި އަންނާށޭ. ބާކީ ހުރިއްޔާ ކާއެތިކޮޅެއް ލިބިދާނެއޭ.” އަންހެންމީހާ އެހެން ބުނެފައި ކުޑަދޮރު ލައްޕާލި އެވެ.

”އަޑު އިވިއްޖެއެއްނު. ދޭ މިތަނުން ދޭ. ފަހުން އާދޭ.” އެމީހާ ހިނިގަނޑެއްޖަހާލިއެވެ.

ޝާޔާ އިސްއުފުލާލާ ކުޑަދޮރާއި ދިމާލަށް ބަލާލިއިރު އެދެލޮލުން ކަރުނަތައް ވިދަމުން ދިޔައެވެ.

”އެމީހުން ކައިރީ ބުނެދީ އަހަރެން މިއައީ ކާއެއްޗިއްސަށް ސަލާންޖަހާކަށް ނޫނޭ.” ޝާޔާގެ އަޑު ކުރިއަށްވުރެ ބޮޑަށް ތުރު ތުރުއަޅައިގަތެވެ.

ހިތަށް ކުރި އަސަރަށް ވުރެ ސިކުނޑިއަށް ލިބުނު ހިތްދަތިކަމާއި ރުޅިވެރިކަން ބޮޑެވެ. އޭނާ ކަހަލަ ނިކަމެތި އަންހެންކުއްޖަކު އެމީހުން ފައިފުއްސަކަށްވުރެ ދެރަކޮށްލީތާއެވެ.

”ނުވާނެ. އެއީ ސުދާ. އޭނަގެ އެންގުމާ ޚިލާފެއް ނުވެވޭނެ. ތިކުއްޖާ ރަނގަޅުވާނީ ދެން މިތަނުން ދިޔައްޔާ.” ސެކިއުރިޓީ މީހާއަށް ޚާއްސަކުރެވިފައިވާ ދިމާއަށް ހިނގައިގަތެވެ.

ޝާޔާ އެ ފިޔަވަޅުމަތީ ކުޑަދޮރާއި ދިމާލަށް ބަލަން ހުރެފައި އިސްޖަހާލިއެވެ. މުއްސަދިންނަކީ ފަޤީރުންގެ އިޙްޞާސްތައް ނުދަންނަ ހަރުހިތެއްގެ ބައެކެވެ. އެމީހުންގެ މުދަލުގައި ފަޤީރުންގެ ރިޒްޤު ލައްވާފައިވާނެއޭ މީހުން ބުނާ އަޑު އޭނާ އަހައެވެ. މިގެއަށް އޭނާ އައީ ސަލާމްޖަހާކަށް ނޫނެވެ. މަންމައަށް ދޭންޖެހޭ މުސާރަ ބަލައެވެ. ޝާޔާގެ ހިތުގައި އެމީހުންނާއި މެދު ރުޅިވެރިކަން އުފެދުނެވެ. ނަފްރަތުގެ ބިޔަ ރާޅެއް ސިކުނޑީގައި ދުވެލިއެވެ. ބަގީޗާގެ ގަސްތައް ވަކިކުރަން ޖަހާފައި ހުރި ގާތަކުން ގާބުރިއެއް ނަގައި އަތަށް ހެޔޮވަރުކޮށްލަމުން ސެކިއުރިޓީމީހާއާ ދިމާލަށް ބަލާލިއެވެ. އެމީހާ އިސްޖަހާލައިގެން ގޮނޑިއެއްގައި އިށީދެ އިނެވެ.

ބާރު އަޑުފަށްގަނޑަކާއެކު ދެވަނަ ބުރީގެ ކުޑަދޮރު ތަޅައިގެން ގޮސް ބިއްލޫރިތައް ބުރައިގެން ދިޔަ އަޑަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ. ސަލަފް ކުޑަދޮރު ހުޅުވާލާ ބޭރު ބަލާލިއިރު އެދިމާލަށް ބަލަން ހުރި ޝާޔާ ފެނުނެވެ. ސެކިއުރިޓީ މީހާ ދުވެފައި އައިސް ޝާޔާގެ އަތުގައި ހިފަހެއްޓިއެވެ.

”ވަޓް ދަ ހެލް.” ސުދާ އަތުގައި ހުރި ކޯކުތަށި މޭޒެއްގައި ބެހެއްޓުމަށްފަހު ކުޑަދޮރުން ބަލާލަމުން ޝާޔާއަށް ލޯއަޅާލިއެވެ.

”ހަމީދު. އޭނާ އެތެރެއަށް ފޮނުވާ.” ސަލަފް ފަޓްލޫނުގެ ޖީބަށް ދެއަތްޖަހާލަމުން ހަމީދުއަށް ގޮވާލި އެވެ.

”ކީއްކުރަން؟ ފަޤީރު އަންހެންކުއްޖާ ގަނޑު ފުލުހުންނާއި ހަވާލުކުރޭ. އޭނަ ސަލާންޖަހަން އައިމަ ފަހުން އަންނާށޭ ބުނީމައި އަހަރެމެން ގަޔަށް ބޮލަށްތަ އަރަންޖެހެނީ. މި ބިއްލޫރިތަކަކީ ހާދަ އަގުބޮޑު އެއްޗެކޭ. މީގެ އެންމެ ގަނޑެއްވެސް…” ސުދާ ފައްޗަކަށް އަމުނަމުން ދިޔަ ޝަކުވާގެ ގޮވެލި ފަތި ނިންމާލަންޖެހުނީ ޝީދާދް އަތުގެ އިޝާރާތުން ހުއްޓާލަން އެންގުމުންނެވެ.

ހަމީދު އާއި އެކު ސިޑިން އަރައިގެން އައި ޝާޔާއަށް އެ ޕާރޓީއަށް ހާޟިރުވެ ތިބި އެންމެންގެ ސަމާލުކަން ހުއްޓުނެވެ.

ކަޅުރަތްކުލައިގެ އުނަގަނޑާއި ހަމަޔަށް އަންނަ ކުރު މަތިކޮޅަކާއި ފައިގެ ތަނބިކައްޓާއި ހަމަޔަށް ހުރި ކަޅު ކުލައިގެ ތިރިއެއްގައި ހުރި ޝާޔާގެ ރީތިކަމަށް ސަލަފްގެ ހިތާއި ހިތުން ތަޢުރީފް ކޮށްލެވުނެވެ. ޝާޔާއަށް އެތެރެއަށް އައުމަށް އެންގުމަށްފަހު ސަލަފް ތިންވަނަ ބުރީގެ ސިޑިތަކާއި ދިމާލަށް ހިނގައިގަތުމުން އޭނަގެ ފަހަތުން ޝާޔާ ހިނގައިގަތެވެ. އެގޭތެރެއަށް ހާޟިރުވެ ތިބި ތިންސަތޭކައެއްހާ މީހުންގެ ލޯތައް އޭނައަށް އަމާޒުވެފައި ހުރީތީ އޭނައަށް އުދަނގޫވިއެވެ. ސަލަފްގެ ފަހަތުން ސިޑިތައް ހުރަސްކުރުމަށްފަހު ލައިބްރަރީއެއް ކަހަލަ ކޮޓަރިއަކަށް ވަދެވުނު އިރު އޭނަށް ހުރީ ރޮވިފައެވެ. ސަލަފް ގޮސް އިށީނީ ސްޕޮންޖުޖެހި ގޮނޑިއެއްގައެވެ. ބިއްލޫރި މޭޒުގެ އަނެއްފަރާތުގައި ހުރި އާދައިގެ ގޮނޑިއަށް އިޝާރަތްކުރަމުން އެތަނުގައި އިށީންނަން ބުނެލިއެވެ.

”އަހަރެން އޮޅުންފިލުވަން ބޭނުން މިގެއަށް އައި ސަބަބު. ރުއިން ހުއްޓާލުމަށްފަހު އަހަރެންގެ ސުވާލަށް ޖަވާބު ދީ.” ޝާޔާ ދެލޯ ފޮހެލިއެވެ.

ލޮލުން އޮހުރުނު ކަރުނަތަކަށް ނިމުން އައި ނަމަވެސް އޭނަގެ ދޫ ޙަރަކާތެއް ނުކުރިއެވެ. ނެގި މަޑުވެފައި އިނދެވުނީ އެވަގުތު ހިތަށް އެރި އެއްޗަކުންނެވެ. އިސްޖަހާލައިގެން ބަސްމަދުވެފައި އިން ޝާޔާއަށް ސަލަފްގެ ނަޒަރު ހުއްޓުނެވެ.

”އަހަރެން މިއައީ އެހީއަކަށް އެދި.” ގިސްލަމުން ޝާޔާ އިސްއޮބާލިއެވެ.

ޝާޔާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިން ސަލަފްގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ޝާޔާއަށް ވަންހަނާވެފައި ވީ އިސްއޮބާލައިގެން އިނުމުންނެވެ. ވިސްނާލުމެއްނެތި ސަލަފް ބުނެލި ޖުމްލައިން ޝާޔާއަށް ހީވީ ކަންފަތްދޮށުގައި ބޮމެއް ގޮށްވާލިހެންނެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355