twitterviber whatsapp telegramfacebookyoutube instagram
3rd December 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (2)

Feb 12, 2013

ފެބްރުއަރީ 5 ވަނަ ދުވަހުގެ ބަޔާގުޅޭ

”ތިހާ ރީތި އަންހެން ކުއްޖަކު ބުނީމައި އެހީ ނުވާނެ މީހަކު މި އުޑު ދަށަކު ނުހުންނާނެ.” ސަލަފް ގެ މޫނަށް ބަލާލުމަށްފަހު ޝާޔާ އިސްޖަހާލިއެވެ. އެ ބެލުމުގައި ހުރި ތޫނުކަމެއްގެ ސަބަބުން އޭނާގެ ކުރިމަތީ ގައި އިށީދެ އިނުންވެސް ވީ ތަކުލީފަކަށެވެ.

ނުރޯން ހިތްވަރުކޮށްގެން އިންދައި ލޮލުން ފާއްދާލި ކަރުނަތައް ނުހިފެހެއްޓިގެން ލޯފުރި ބަންޑުންވިއެވެ. ނޭނގޭފަދަ ބާރުމިނެއްގައި ހިތް ތެޅިލިއެވެ. ސަލަފް ޝާޔާއަށް ބަލާލީ ފުންބެލުމަކުންނެވެ. ޝާޔާލައިގެން އިންހެދުން ބަލާލަން ރީތި ނޫނަސް އެނާ ފަތްމިންޏެއްހާ ރީއްޗެވެ. ހުރިހާ ގޮތަކުންވެސް ރީތި އަންހެން ކުއްޖެކެވެ. ސަލަފް ހޭވެރިވީ ޝާޔާގެ ގިސްލުމުގެ އަޑުންނެވެ. ނުބައި ޚިޔާލުތަކުން ހިތް ވަށާލުމުގެ ކުރިން ނަފްސް ކޮންޓްރޯލް ކޮށްލިއެވެ.

”އެއީ ސަމާސާއަށް ބުނި އެއްޗެއް. އެކަހަލަ ނިޔަތެއް އަހަރެންގެ ނެތް. ނުރޮއި ހުއްޓާލާފައި ވެގެން އުޅޭ ގޮތެއް އަހަންނަށް ކިޔައިދޭންވީނު. އަހަރެން މޮޅެއް ނުވާނެ މީހުންގެ ހިތުގެ ނިޔަތް ދެނެގަންނާކަށް.” ސަލަފް ހީލަމުން ބުނެލިއެވެ.

ޝާޔާގެ ހިތުގެ ތެޅުން މަޑުވިއެވެ. ސަލަފްގެ މޫނަށް ބަލާލިއިރު އެ މޫނުމަތިން ފެނުނު މާތްކަމުން ޝާޔާއަށް ކަރުނައިގެ މައްޗަށް ހިނިތުންވުން އިސްކުރެވުނެވެ.

”މަންމަގެ މުސާރަ ބަލާ މިއައީ. މަންމައަށް އާދެވެން ނެތުމުން އަހަރެން ފޮނުވީ. މިވަގުތު ފައިސާ ބޭނުންވާތީ މާދަމާއަށް ލަސްނުކޮށް މިއައީ.” ޝާޔާ ދެއަތުން މޫނު ފޮހެލިއެވެ.

”ތިއީ އަނީސާގެ ކުއްޖެއްތަ؟ އަނީސާގެ މުސާރަ ހަވާލުނުކުރެވިފައި މިއޮތީ އަނީސާ ވަޒީފާއަށް ނުދުރުވާތީ. އަނީސާ ކޮބާ؟” ސަލަފް މޭޒުގެ ވަތްގަނޑެއް ދަމާލުމަށްފަހު ސިޓީއުރައެއް ނެގިއެވެ.

އެ ސިޓީއުރަ ޝާޔާއަށް ދިއްކޮށްލަމުން ޝާޔާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ސަލަފްގެ މޫނުމަތިން ފެންނަމުން ދިޔަ ހިތްހެޔޮކަމެއްގެ ސަބަބުން ޝާޔާގެ ހިތުގައި އުފެދުނު ނަފްރަތުގެ ހުޅުކޮޅު ކަނިވިއެވެ. އެންމެން އެއްގޮތެއް ނުވާނެއޭ ބުނެ ހިމޭނުން އިނދެ ހިތަށް ވިސްނައިދެމުން ދިޔައެވެ. ސަލަފް އިންތިޒާރުކުރަމުން ދަނީ އޭނަގެ ޖަވާބަކަށްކަން އެނގުމުން ޖަވާބު ދިނުމަށް އަވަސްވެގަނެވުނެވެ.

”މަންމަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި.” ޝާޔާ އެ ސިޓީއުރައިގައި ހިފިއެވެ.

ޝުކުރު އަދާކުރުމަށްފަހު ގޮނޑިން ތެދުވި ވަގުތު ސަލަފް އޭނަގެ ނަމުން ގޮވާލިއެވެ.

”ކޮން ހޮސްޕިޓަލެއްގައި މަންމަ އެޑްމިޓްކޮށްފައި އޮތީ؟ މިހެން މިބުނީ އަނީސާއަކީ އަހަރެމެންގެ ގޭގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފަކަށްވެފައި އަނީސާ ބަލިވެ އުޅޭ ވާހަކަ އިވުމުން ޒިޔާރަތްކޮށްލަންވެގެން.” ސަލަފް ބަލަހައްޓައިގެން ހުންނަ ގޮތުން ޝާޔާއަށް ސަލަފްގެ މޫނަށް ބަލަން އުދަނގޫވެއެވެ. ސަލަފްގެ ބެލުމުގެ ހުންނަ ތޫނު ނަޒަރެއްގެ ސަބަބުން ހީވަނީ އެ ދެލޮލުގެ ތެރެއަށް ގެނބި މަރުވެދާނެހެންނެވެ.

ޝާޔާ ހޮސްޕިޓަލުގެ ނަން ބުނެފައި ދާން ހިނގައިގަތެވެ. ޝާޔާ ދާކަށް ސަލަފްގެ ހިތެއް ނޭދުނެވެ.

”ޝާޔާ ނުދަންތަ ވަޒީފާއަކަށް.” ސަލަފް ޝާޔާ ހުއްޓުވި އެވެ.

”ވަރަށް މަސައްކަތް ކުރަން. އަދި ނުލިބޭ”

”އަހަރެން ޝާޔާއަށް ވަޒީފާއެއް ހަމަޖައްސައި ދިނިއްޔާ ޤަބޫލު ކުރާނަންތަ؟”ސަލަފް އަހާލި އެވެ.

މަންމަގެ ބަލިހާލަތު ހުރިގޮތުން ވަޒީފާއަށް ނުނިކުމެވޭނެކަން ޝާޔާއަށް އެނގެއެވެ. ޝާޔާއަށް ވަޒީފާއެއް މުހިއްމެވެ. މަންމަ އެ ހާލުގައި އޮއްވާ ވަޒީފާއަށް ނިކުތުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެ ހުރިހާ ކަމެއް ސިކުނޑީގައި އެނބުރިގަތުމުން އެ ސުވާލަށް ސާފު ޖަވާބެއް ދޭން އުދަނގޫވި އެވެ.

”މަންމަ ހޮސްޕިޓަލުގައި އޮތީމައި ވަޒީފާއަށް ދާން އުދަނގޫވާނެއޭ ދޯ ތި ހިތަށް އެރީ؟” ސަލަފް ޖަވާބުދިން ސީދާކަމުން ޝާޔާއަށް ހީވީ އޭނަގެ ހިތުތެރެއަށް ސަލަފް ފީނައިގަތްހެންނެވެ.

”އަހަރެން ގޮތެއް ވިސްނާނަން. ޝާޔާއަށް ގުޅޭ ނަންބަރެއް ދީ. ގުޅާލާނަން.” ޝާޔާ ނަންބަރު ކިޔަމުން ދިޔައިރު ސަލަފް ދިޔައީ ނޯޓްކުރަމުންނެވެ.

ޝާޔާ އަނެއްކާވެސް ދާން ހިނގައިގަތެވެ. މިފަހަރު ޝާޔާ ހުއްޓުވާކަށް ސަލަފް މަސައްކަތެއް ނުކުރެއެވެ. ޝާޔާ ގޮސް ލޯމަތިން ގެއްލުމުން ސަލަފް ޖީބުން ފޯނު ނަގައި ނަންބަރަކަށް ގުޅާލިއެވެ. ފޯނު ނިންމާލުމަށްފަހު ގޮނޑީގައި އިށީދެ އަތުން ބޮލުގެ އިސްތަށިގަނޑުގައި އަތްފުނާއަޅާލިއެވެ. އެންމެ ސިކުންތެއްގެ ތެރޭގައި ޝާޔާ ފެނި އޭނަގެ ހިތަށް އައި ތޫފާން އަދިވެސް ތިރިވާގޮތެއް ނުވެއެވެ. ދުވަހަކުވެސް އަންހެން ކުއްޖެއް ދެކެފައިނުވާ މީހެއް ފަދައިން ޝާޔާގެ މޫނަށް ބަލަހައްޓައިގެން އިނދެވުނު ގޮތް ހަނދާންވުމުން ލުއި ހިނިތުންވުމެއް އޭނަގެ ތުންފަތްމަތީ ދުވެލިއެވެ.

ގޭޓުން ބޭރަށް ނިކުމެ އުޑުމައްޗަށް ބަލާލެވުނެވެ. އިރާކޮޅު ވެހުނު ވާރޭ ހުއްޓާލާފައި ވިއަސް ފުސްވިލާތަކުން ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސާލާފާނެހެންނެވެ. ޝާޔާ އެގެއިން ނިކުމެ ޓެކްސީއެއް ލިބޭތޯ އަތް ހޫރަން ފަށައިފިއެވެ. ދެތިން ޓެކްސީ ފަސްދީފައި ދިޔަފަހުން ރަތްކުލައިގެ ކާރެއް އައިސް ޝާޔާ ހުރި ފަޅީގައި މަޑުކޮށްފިއެވެ. ޝާޔާ އަވަސް އަވަހަށް ކާރަށް އަރައި ދާންވި ހޮސްޕިޓަލުގެ ނަން ބުނެލައިފިއެވެ. ކާރު ދުއްވަން އިން ޔޫއާން އެއަޑަށް ސިހިފައި ބަލާލިއެވެ. ޝާޔާ ފެނުމުން ޔޫއާންގެ ނޭވާ ކުޑައިރުކޮޅަކަށް ހުއްޓުނު ފަދައެވެ.

”އަހަންނަށް އެބަ ލަސްވޭ.” ޝާޔާއަށް ޔޫއާން ބަލާ ގޮތުން އުދަނގޫވި އެވެ. މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. ޔޫއާން ހީލަމުން ކާރު ދުއްވަން ފަށައިފި އެވެ.

”ޓެކްސީއެއް ކަމަށް ދޯ ހީކުރީ. މިއީ ޓެކްސީއެއް ނޫން. އެކަމަކު މައްސަލައެއްނެތް. ތިހާ ރީތި ކުއްޖެއް ބުނީމައި ވާނެ ގެންގޮސްދޭން. މީހަކަށް ކޮށްދޭ ހެޔޮކަމެއް ގެއްލިގެން ނުދާނެ. އަހަރެން ވާހަކައެއް އަހާލަންތަ؟ ހޮސްޕިޓަލަށް އަވަސް އަރުވާލާފައި ދާންޖެހެނީ ކީއްވެ؟ ފިރިމީހާ އެޑްމިޓްކޮށްފައި އޮތީތަ؟” ކާރުގެ ކުރީގައި އިންނަ ކުޑަ ލޯގަނޑުކޮޅު ސީދާ ޝާޔާ މޫނުފެންނާނެހެން އަނބުރާލަމުން ޔޫއާން އަހާލިއެވެ.

ޔޫއާން ބޭނުންވީ ނުސީދާ ކޮށް އަހައިގެން ވިއަސް ޝާޔާ އަކީ ހުސް އަންހެން ކުއްޖެއްތޯ ޔަޤީންކުރާށެވެ.

”…އަހަރެން ނުޖެހޭނެ ހުރިހާ މައުލޫމާތުތަކެއް ފެންނަ ކޮންމެ މީހަކާއި ހިއްސާކުރާކަށް. ކާރު މަޑުކުރޭ. އަހަރެން ޓެކްސީއެއް ހޯދައިގެން ހިނގައިދާނަން.” ނިތަށް ރޫތަކެއް އަރުވާލަމުން ޝާޔާ ހިތްހަމަނުޖެހުނުކަން އަންގާލިއެވެ.

ޔޫއާން ކާރު މަޑުކުރަން ހިޔާލެއް ނުކުރިއެވެ. ހިތްއެދޭ އަންހެން ކުއްޖާ އާއި އެކު އުމުރު ދުވަހު އެ ކާރުގައި ދަތުރުކުރަން ޖެހުނަސް އޭނައަށް ހެވެވެ.

”މިހާރު ޔަޤީންވެއްޖެ. ފިރިމީހާ ބާއްވާފައި އޮތީމައި ޓެންޝަނުގައި ދޯ. އެހެންވެސް ވާނެ. ލޯބިވާ މީހަކު ބަލިވީމައި ވަރަށް ޓެންޝަނަށް އަރާނެ. އައި އަންޑަސްޓޭންޑް ދެޓް.” ޔޫއާން ބޭނުންވާ ޖަވާބު ނުލިބުން ނަމަވެސް ހުއްޓާލަން ބޭނުމެއް ނުވިއެވެ. ޝާޔާގެ ފަރާތުން ހަނުހުރުން ފިޔަވާ އިތުރު ޖަވާބެއް ނުލިބުނެވެ.

ކާރު ގޮސް ހޮސްޕިޓަލު ދޮރުމަތީގައި ޕާކު ކުރުމާއެކު ޝާޔާ ކާރުން ފައިބަމުން ވިހި ރުފިޔާ ޔޫއާންއަށް ދިއްކޮށްލިއެވެ.

”ތި ބާއްވާ. އަގެއް ބޭނުމެއް ނޫން. އޭގެ ބަދަލުގައި ބޭނުންވަނި ސަޅި ހިނިތުންވުމެއް. އެނގޭތަ އަންހެން ކުދިން ހީލީމައި ވަރަށް ލޯބިވާނެ.” ޔޫއާންގެ ނަޒަރު ޝާޔާގެ މޫނަށް ހުއްޓާލިއެވެ.

ޝާޔާއަށް އިޚްތިޔާރަކާއި ނުލައި ހިނިތުންވެވުނެވެ. ޔޫއާންއަށް ހީވީ އެ ހިނިތުންވުމާއެކު ފަޒާވެސް ސަނާ ކިޔާލިހެންނެވެ. ތައުރީފްގެ ބަސްތައް ހުސްވިއަސް ތައުރީފްކޮށް ނުނިމޭނެހާ ރީތި އަންހެން ކުއްޖެއް މި ނޫނީ ޔޫއާން ދެކިފައެއް ނުވެއެވެ.

ޝާޔާ ހޮސްޕިޓަލަށް ވަދެ ކައުންޓަރުގެ ކައިރިއަށް ހުއްޓި ފައިސާ ދައްކާ ރަސީދާއި ފައިސާކޮޅު ކައުންޓަރުމަތީގައި ބޭއްވުމުން ރިސެޕްޝަނުގައި އިން ކުއްޖާ އެ ރަސީދުކޮޅަށް ބަލާލިއެވެ.

”ފައިސާގެ ހުރިހާ ކަމެއް ވަނީ ހަމަޖެހިފައި. ބަލިމީހާ ދާދި ދެންމެ އަކު ޕްރައިވެޓް ރޫމަކަށް ވަނީ ބަދަލުކުރެވިފައި.” ރަސީދާއި ފައިސާކޮޅު ޝާޔާގެ ކައިރިއަށް ޖައްސާލަމުން އެކުއްޖާ ހިނިތުންވެލިއެވެ.

ޝާޔާ ހިތަށް އެރިއެވެ. އެ ކުއްޖާއަށް އޮޅުނީ އެވެ. މަންމަގެ ފައިސާ ދައްކަން އޭނަ ނޫން އެހެން މީހަކު ނުހުންނާނެ އެވެ.

”ތިއީ އޮޅުމެއް. އަޅުގަނޑުމެން އަދި ފައިސާއެއް ނުދައްކަން.” ޝާޔާ ހައިރާންވިއެވެ. އެތައް ހާސް ބަލިމީހުންނަށް އެއްފަހަރާ ޚިދުމަތްދޭތަނެއްގައި ކުޑަ އޮޅުމެއް އެރުމަކީ ވެދާނެކަމެކެވެ.

”އަނީސާ އަހްމަދު ދެއްތޯ ބަލިމީހާއަކީ. އަނީސާއަށް ފައިސާ ދައްކާފައިވަނީ. ސަލަފް ގުޅުއްވާފައި ބުނުމުން މިތަނުން އެކަންތައް ހަމަޖައްސާފައި ޕްރައިވެޓް ރޫމަކަށް ވަނީ ބަދަލުކުރެވިފައި.” އެ ކުއްޖާ ކިޔައިދިނެވެ.

”ސަލަފްތޯ ގުޅުއްވީ؟” ޝާޔާއަށް އަދިވެސް ޤަބޫލުކުރަން ފަސޭހައެއް ނޫނެވެ.

“ލައްބަ.” އެ ކުއްޖާ ބުނެލިއެވެ.

އަނީސާ އޮތް ޕްރައިވެޓް ރޫމްގެ ނަންބަރު އެ ކުއްޖާގެ ފަރާތުން އޮޅުންފިލުވުމަށްފަހު އެ ކޮޓަރިއަށް ޝާޔާ ހިނގައިގަތެވެ.

ކާރު ޕާކު ކުރުމަށްފަހު ޔޫއާން އެތެރެއަށް ވަންއިރު ރިސެޕްޝަނުގައި ހުރި ޝާޔާ ފެނުނެވެ. އެދިމާލަށް ހިނގައިގަތް ވަގުތު މުސްކުޅިއަކު ޔޫއާންގެ ގައިގައި އަޅައިގަތެވެ. އެމީހާ ވެއްޓުނަ ނުދީ ހިފަހައްޓާލުމަށްފަހު ގޮނޑިއެއްގައި އިށީނުމަށް އެހީވެދިނުމަށްފަހު ބަލާލިއިރު ޝާޔާ ފެންނާކަށްނެތެވެ. ޝާޔާ ދާނެހެން ހީވާދިމާ ލަފާކުރުމަށްފަހު ޔޫއާން އެދިމާލަށް ހިނގައިގަތެވެ. ކައުންޓަރު ހުރަސްކޮށް ހޮސްޕިޓަލުގެ ކޯރިޑޯއަށް ދެވުނު އިރު ޝާޔާ ފެންނާކަށްނެތެވެ. އެ ކޯރިޑޯގެ އެއްފަރާތުގައި ހުރި ވޯޑަށް ނޫނީ ބަރިބަރިއަށް ހުރި ޕްރައިވެޓް ރޫމަކަށް ވަނީކަމަށް ނިންމައި ޔޫއާން ހިފާފައި ހުރި ޕްރައިވެޓް ރޫމަށް ވަނެވެ.

އެ ކޮޓަރީގެ އެނދުގައި އެޑްމިޓްކޮށްފައި އޮތް ޒަވީންގެ ކައިރީ އިށީނެވެ.

”ޔޫއާން. ހާދަ ފާޑަކަށް.” ޒަވީން ޔޫއާންގެ ކޮނޑުގައި އަތްބާއްވާލަމުން އަހާލިއެވެ.

ޒަވީން އަކީ ޔޫއާންގެ ހަމައެކަނި ޅިޔަނެއް ނޫނެވެ. ކުޑައިރުން ފެށިގެން އެކުވެރިއެއްވެސް މެއެވެ. ހުރިހާ ކަމެއް ހިއްސާކުރަމުން އަންނަ ގާތްމިތުރެކެވެ. ޒަވީން އެޑްމިޓްކޮށްފައި އޮތުމުން ޔޫއާން ހޮސްޕިޓަލުގައި ހޭދަކުރާތާ ދެދުވަހެއްވަރުވެއްޖެ އެވެ.

ހަނދު އޮއްސޭނެތާ. އެ ކުއްޖާ ފެނުނީ އެންމެ ދެފަހަރު. އެކަމަކު މަގޭ ހިތްވީ އެ ކުއްޖާގެ އަތުގައި.” ސަމާސާ ރާގަކަށް ޔޫއާން ބުނެލީ ހިނިތުންވަމުންނެވެ.

”އެންމެ ފަހުން ތި ހިތުގައި ލޯބި ޓަކިޖަހަން ފަށައިފިދޯ.” ޒަވީން ސަމާސާކޮށްލިއެވެ.

”ލޯބި” ދެ އަކުރުގެ މި ލަފްޒަކީ ބާރުގަދަ އެއްޗެއްކަން ޔޫއާންއަށް މިއަދު ވިސްނިއްޖެއެވެ.

ސްކޫލު ދައުރުން ފެށިގެން އޭނަގެ ހިތް ފަތަހަ ކުރަން މަސައްކަތްކުރަމުން އައި ހުރިހާ އަންހެން ކުދިންނަށް ލިބުނީ ނާކާމިޔާބު ކަމާއި މާޔޫސްކަމެވެ. އެދުވަސްވަރު އޭނަ އަށް ހިތްކިޔާވަރު ކުއްޖަކާ ދިމާވިކަމަކަށް ނުވިއެވެ.

”ތިއަށް އަހަރެމެން ކިޔާ އުޅެނީ ލަވް އެޓް ފަސްޓް ސައިޓް.” ހީލަމުން ޒަވީން ބުނެލި އެވެ.

”ހެހެ. އެ ކުއްޖާ ފެނި ހުރިހާ ކަމެއް ހަނދާންނެތިފައި މި ހުންނަނި. ޒަވީން ގެއަށް ދާން ޑޮކްޓަރު ހުއްދަ ދީފި. ބޭސް ނަގައިގެން އެބަ އަންނަން. ޑޮކްޓަރު ބުނުއްވީ ބަލައިގެން ސައިކަލު ދުއްވައްޗޭ.” ޔޫއާން ބުނެލިއެވެ.

”ޑޮކްޓަރުގެ ތި އިރުޝާދު ޔޫއާން ހަނދާން ބަހައްޓާ. ޔޫއާންގެ ސަބަބުންމި އެކްސިޑެންޓް ވީ. މާލެ އައިސް ފުރަތަމަ ސައިކަލަށް އަރާފައި ހީވީ އުދުހިގެން ދާން އުޅުނުހެން. ސައިކަލު ކޮންޓްރޯލް ނުކުރެވުނީމައި ވީގޮތެއްނު މިއީ.” ޒަވީން ހީލިއެވެ.

”ދެން ހެޔޮ. ވީންއަށް އެނގޭނެ އަހަރެން ސައިކަލު ދުއްވަން ބޭނުންވާ ވަރު. ޔަޤީން މަންމަ އަހަރެން ސައިކަލަށް އެރިއަކަ ދެން ނުދޭނެ. ރޭގައި ކާން އިންދަވެސް ވަރަށް އެއްޗެހި ކީ. ވީންއަށް ތިހެން ދިމާވީމައި ވަކިން ރުޅިއައިސް ހުރީ.”  ޔޫއާން ހެމުން ހެމުން ބޭސްނަގަން ހިނގައިގަތެވެ.

ޝާޔާ ޕްރައިވެޓް ރޫމަށް ވަތްއިރު އީރާ އޮތީ އަނީސާ އޮތް އެނދުގައި ބޯ އަޅާލައިގެން ރޮވިފައެވެ.

”އީރާ…” އީރާގެ ބޮލުގައި ފިރުމާލަމުން ޝާޔާ އެނދުގެ މަގަތުގައި އިށީނެވެ.

މަންމަ އޮތް ހާލަށް ހަމްދަރުދީވެ އީރާ ރޮމުން ދިޔައިރު ޝާޔާއަށް ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. އެންމެ ކުޑަމިނުން އީރާއަށް ހިތްވަރު ދިނުމުގެ ގޮތުން އެންމެ ލަފްޒެއް ބުނަންވެސް ދޫ ޙަރަކާތްތެރިއެއް ނުވިއެވެ. އީރާގެ ބުރަކަށީގައި ފިރުމަމުން މަޑު ގިސްލުމެއްގެ އަޑުން ރުއިމުގެ އަޑު ބޭރުކޮށްލެވުނެވެ.

އޮކްސިޖަންގެ އެހީގައި ނޭވާލަމުން ދިޔަ އަނީސާ ގަދަކަމުން ލޯ ހުޅުވައިލީ އޭނަގެ ދާދި ކައިރިން ރުއިމުގެ އަޑު އިވުމުންނެވެ. އޭނަގެ ދެ އަންހެންކުދިން އޭނަގެ ކުރިމަތީ ހިތާމަކުރާތަން ފެނި މައިލަގޮނޑިއަށް ކެތެއް ނުވިއެވެ. ރޮއިރޮއި ތިބި ޝާޔާ އާއި އީރާއަށް އަނީސާ ލޯ ހުޅުވައިލިތަނެއް ނުފެނެއެވެ. އަނީސާއަށް އަންނަމުން ދިޔަ ބަދަލާއި އީސީޖީ މެޝިނުގެ ރީޑިންތަކަށް އަންނަމުން ދިޔަ ބަދަލު އެމީހުންނަށް ފާހަގަ ކުރެވޭ ވަރެއް ނުވިއެވެ. އީސީޖީ މެޝިނުން ސިގުނަލެއް އިއްވުމަށްފަހު ރީޑިންތައް ތިރިވަމުން ގޮސް ތެދު ރޮނގަކަށް ބަދަލުވިއެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355