twitterviber whatsapp telegramfacebookyoutube instagram
26th April 2024

ސައިފް ރަސްގެފާނު ވާހަކަ (13)

Feb 16, 2013
3

.

ޖެނުއަރީ 21 ވަނަ ދުވަހުގެ ބަޔާ ގުޅޭ

މިކަމުގެ ސަބަބުން މުޅި ގަނޑުވަރުގެ ތެރެއަށް އެ ހިތާމަ ފެތުރިގެން ހިނގައްޖެއެވެ. އޭރު ރަށުގެ އެންމެހާ އަހުލުވެރީން ރަސްގެފާނަށް ދާންދެންވަނީ އެރީތި ޝާމަތުގެ މައްޗަށް ޖެހިވަޑައިގެންނެވި ހާލުކޮޅާއިމެދު ހިތާމަ ކުރެއްވުމުގައެވެ. ނަމަވެސް އެބައިމީހުނަށް މިއަދު މަޖުބޫރުވެފައިވަނީ އެކަމަނާ ޒީނަތްތެރި ކޮށްގެންގޮސް އެޖިންނި ޢިފްރީތުގެ އަނތްބަކަށް ހެދުމަށެވެ. ދެން ހިތްދަތިކަމާއި މޮޅިވެރިކަމުގައި އެރޭ ރޭކޮށް އިރުއެރިތަނާ ރަސްގެފާނު އަމުރުފުޅު ކުރެއްވީ އެމަނިކުފާނުގެ ދަރިކަނބަލުން އިންނަވާނޭ ފޭލިގެއެއް ރަށްބޭރު ފަރުބަދަގަނޑެއްމަތީ ތައްޔާރުކޮށް އަނެއް ފަރުބަދަގަނޑުގެ މަތީގައި ހިތާމަވެރީން ތިބޭނޭ ފޭލިގެއެއް ތައްޔާރުކުރުމަށެވެ. ދެން ރަސްގެފާނު އަމުރުފުޅު ކުރެއްވިފަދައިން ކަންތައްތައް ތައްޔާރުވެއްޖެހިނދު ޝާމަތުގެ މައިކަމަނާއާއި ބައްޕާފުޅާއި އަދި ރަށުގެ އަހުލުވެރީން އެކަމަނާއަށް ވަދާޢު ދަންނަވައި އެކަމަނާއާއިގެންގޮސް އެކަމަށްޓަކައި ތައްޔާރުކުރި ފޭލިގެއަށް އެކަމަނާ ލައިފިއެވެ. އެކަމަނާގެ މަންމާފުޅާއި އަރިހުގައި އައި އެހެން އަންހެނުން ދެވަނަ ފޭލިގެއަށް ވަދެވަޑައިގެންފިއެވެ. ދެން މަލިކާ ޝާމަތު އެ ފޭލިގެތެރޭގައި ހިތްޕުޅު ދަތިކަމާއި ހިތާމަވެރިކަމާއިއެކު ކީރިތިފުޅު ކުރައްވާން އިންނެވިއެވެ. މިހެން އިންނަވައިގެން އެކަމަނާ ހެއްދެވި ރަސްކަލާނގެ ކިބަފުޅުން އެދިވަޑައިގަންނަވަނީ މިމުސީބާތުން ސަލާމަތްކުރާނޭ އެހީތެރިއަކަށެވެ.

މިހާރު ރަށުގެ އަހުލުވެރީން މަލިކާ ޝާމަތާއި ދޭތެރޭ އެމާރިދު ކަންތައްކުރާނޭގޮތެއް ބެލުމަށް ރަށުގެ ފާރުތައްމައްޗަށް އަރާތިބެގެން އެކަކު އަނެކަކާއި އެކުރާ ސުވާލަކީ ހަމަ އެމާރިދު އައިސް އެކަމަނާ ޤަތުލުކުރާނީ ބާވައެވެ؟ ނުވަތަ ގޮވައިގެން ދާނީ ބާވައޭ؟  މިއެވެ. އޭރުވެސް މަލިކާ ޝާމަތު އެފޭލިގޭގައި އިންނަވައިގެން ބިންތައް ފަތުރުއްވައި އުޑުތައް އުފުއްލެވި ރަސްކަލާނގެ ކިބަފުޅަށް މިބަލާވެރިކަމުން މިންޖުކުރާނޭ އެހީތެރިއަކު ދައްކަވާތޯ ދުޢާފުޅު ކުރައްވަނީއެވެ. އެހާލުކޮޅުގައި އެކަމަނާ އިންނަވަނިކޮށް ވަހުސުލް ފުލާހަށް އެތަނަށް ވަދެވަޑައިގެންނެވުމުން އެކަމަނާ ކީރިތިފުޅު ކުރައްވާން ފައްޓަވައިފިއެވެ. އަދި ކުރީންވެސް ބުނެވުނުފަދައިން މީގެ ދެބޭފުޅުން ދެބޭފުޅުންނަށް ހާލުކޮޅުގެ ވާހަކައިން ބަޔާންކޮށް ދެއްވައިފިއެވެ. ދެން ވަހުސުލް ފުލާހު ވިދާޅުވިއެވެ. އަޅުގަނޑު ކަމަނާގެ ކިބައިން ދެވަނަ ފަހަރަށްވެސް މިއެދެނީ ކަމަނާއާއިމެދު ކަންތައްތައް ހިނގާފައިވާގޮތުގެ ތެދު ޚަބަރުން ހަބަރުކުރުމަށެވެ. ދެން އެކަމަނާ ސަޤަރުދޫސް ޙަކީމާއި މާރިދުގެ ވާހަކައިން އެމަނިކުފާނަށް ސާފުވެގެންވާ ތެދު ޚަބަރުތައް ދަންނަވައިފިއެވެ. ވަހުސުލް ފުލާހު މިކަންތައްތަކާއިމެދު އަޖާއިބުފުޅުވެވަޑައިގެން ހުންނަވާ ވިދާޅުވިއެވެ. ކަމަނާގެ ހިތްޕުޅު އުފާކުރައްވާށެވެ. ލޯފުޅަށް އަރާމު ދެއްވާށެވެ. ކަމަނާއަށްޓަކައި ތިޔަ ވިދާޅުވާ މާރިދުކަލޭގެ ޤަތުލުކޮށްލާތަން ބައްލަވަން އިންނަވާށެވެ. ހަމަކަށަވަރުން އެސޮރުގެ ނުބައިކަމުން މިއަދު ކަމަނާ މިންޖުކުރާނަމެވެ. އޭ ހިތާއި ލޮލުގެ އަރާމެއްކަމުގައިވާ ސާހިބާއެވެ. ކަމަނާއަށްޓަކައި އަޅުގަނޑު ފުރާނައިންވެސް ޤުރުބާން ކޮށްފާނަމެވެ.

މިހާރު ރަށުގެ އަޙުލުވެރީން ވަހުސުލް ފުލާހު ފޭލިގެއަށް ވެދެވަޑައިގަތްތަން ދެކެފައި އެމީހުން ހީކޮށްގެންތިބީ އެއްކަލަ މާރިދު އެކަމަނާ ބަލާއައިސްގެން އުޅެނީ ކަމަށެވެ. ދެން މިދެބޭފުޅުން އެފޭލިގެތެރޭގައި ވާހަކަފުޅު ދައްކަވާން ތިއްބަވަނިކޮށް މާދުރުން ހިރަފުހެއްގެ އަސަރު ދައްކާލައިފިއެވެ. އިރުކޮޅެއްގެފަހުން ދުނިޔެމަތި އަނދިރިވެ، ގަޑިއެއްހާއިރުގެ ފަހުން އެހިރަފުހުގެ ފަހަތުން ބަލާމީހުންނަށް އެނުލަފާ ޖައްބާރުކަލޭގެ އެނގެން ފަށައިފިއެވެ. ދެން އޭތި ބައްރުގައި ހިނގާފައި އައިގޮތަށް އައިސް އެއްއަތުން އެއްކަލަ ފޭލިގެނަގާފައި ބޯމަތިން ހޫރުވާލައިފިއެވެ. އަދި ވަހުސުލް ފުލާހު މަލިކާ ޝާމަތުގެ އަރިހުގައި އިންނަވަނިކޮށް ފެނިގެން ރުޅިއައިސް ފުފިގެންހުރެ އެމަނިކުފާނާއި ދިމާއަށް ހަޅޭއްލަވައި ގެންފިއެވެ. އޭ އިންސީންގެ މަގުފޭރޭ ކަލޭގެއާއެވެ. ކަލޭގެހުރި ވިޔާނުދާކަން ބަލާބަލާށެވެ. އަހަރެންގެ އަނބިކަނބަލުންގެ އަރިހަށް ކަލޭގެނެސް ތިޔަތާނގައި ބޭންދީ ކާކުހެއްޔެވެ؟ އަހަރެން މިއައީ އެކަމަނާ ބަލައެވެ. މިހެންވެ ހިނދުކޮޅަކުވެސް ދެންކަލޭ ދުނިޔޭގައި ނުބަހައްޓާ ދުވަސް ދުއްވާލާނަމެވެ. މިހެންކިޔާފައި ނުބައި އަޑަކުން ހަޅޭލަވައި ގެންފިއެވެ. މިއަޑުފައްގަނޑު ގަދަކަމުން ވާދީތަކާއި ފަރުބަދަތައްވެސް ތެޅިގަނެގެން ދިޔައެވެ. ވަހުސުލް ފުލާހު އަށްވެސް ހީފުޅުވީ މިއަޑުފައްގަނޑު ގަދަކަމުން ބިންގަނޑު ކުދިކުދިވެ ހަލާކުވެ ހިނގައިދާނެ ހެންނެވެ. ނަމަވެސް އެމަނިކުފާނުގެ ހިތްވަރާއި އަޒުމް ގަދަކުރައްވާ މާރިދުކަލޭގެއާ ދިމާލަށް ބައްލަވާލެއްވިއިރު އޭނާގެ ހަށިގަނޑަކީ ބަލާލަންނުކެރޭފަދަ ހުތުރު ސިފަޔަކަށްވާ ބޮޑު ބަލާވެރިކަމެއްފަދަ ހަށިގަނޑެކެވެ. ދެފައި ހީވަނީ ރާނާފައިވާ ފާރެއްހެންނެވެ. ދެއަތުކުރި ފަލަ ލަކުޑިގަނޑެއް ފަދައެވެ. އަނގަ މިނިކާވަގެއްގެ އަނގަ ކަހަލައެވެ. ނޭފަތް ގިރުބާއެއްފަދައެވެ. ދެފައިދަނޑި ވެލިފަރުބަދައަކާއި ތަފާތެއް ނެތެވެ. ދެކަންފަތް ރަށްބޭރު ބޮޑުދޮރާއްޓާއި އެއްކަހަލައެވެ. މިސިފަހުރި ބިރުވެރިފާޑަށްހުރި އިފްރީތުގެ ސިފަ ރަނގަޅަށް ބައްލަވައި ލެއްވިހިނދު، އެމަނިކުފާނުގެ މޫނުފުޅުމައްޗަށް ކުޑަކޮށް އަނދިރިވާގޮތްވިއެވެ. ނަމަވެސް ސާބިތުކަމާއިއެކީ ތެދުވެވެޑައިގެން އެއްކަލަ ހޮހަޅުން ގެންނެވި ކަނޑިކޮޅު ދަންމަވައި ގަންނަވައިފިއެވެ.

ދެން މާރިދުކަލޭގެ އެމަނިކުފާނުގެ ގައިކޮޅުގައި ހިފައިގަތުމަށް އަތްދިއްކޮށްލި ވަގުތު ވަހުސުލް ފުލާހު ފިސާރި ހިތްވަރާއިއެކީ އެއްކަލަ ކަނޑިކޮޅުން ވަރުގަދަ އެތިފަހަރެއް ބާލުއްވައިފިއެވެ. މިމަނިކުފާނަކީ އެމާރިދަށްވުރެ އިސްކޮޅުފުޅުން ތުއްޕުޅު ބޭފުޅަކުކަމުގައި ވިޔަސް އެކަނޑިކޮޅަކީ ޖިންނީންގެ ބާރުހިނގާފައިވާ ކަނޑިކޮޅެއްކަމުން އެޖެއްސެވި އެތިފަހަރުން އަތްބުރިވެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. އަދި އެއަތްބުރި ވެއްޓި ބިންމަތީގައި އޮވެގެން ބުމަރެއްހެން އެނބުރޭން ފަށައިފިއެވެ. އެވަގުތު އައްދޯތް މަގޭއަތޭ ކިޔާފައި އަޑުކޮޅަށް ހޭރިވެސްގަތެވެ. އަދި މިޖިންސް ނުބައި އިންސީންގެތެރެއިންވާ މަގުފޭރޭކަލޭގެ އަހަރެން މަރައިފިޔޭ ގޮވަމުން އަތްބުރި ނަގާޖައްސާ ބާރުކޮށް އަނެއްއަތުން ހިފަހައްޓައިފިއެވެ. އެއީ ޖިންނީންނަކީ އަލިފާނުންވާ ބައެއްކަމުން ( އިންސާނުން ފަދައިން ލޭއޮހޮރޭ ބަޔަކަށް ނުވާތީ ) އެބުރިވިތަނުން އަލިފާނުގެދުން ނުކުމެދާނެކަމަށް ބިރުންނެވެ. ދެންހަމަ އެވަގުތު ފިޔަތައް ރޫޅާލައި އެތަނުން އުދުއްސާލައިގެންގޮސް އޮބާލައިފިއެވެ. ރަށުގެ އަހުލުވެރިން ފާރުތައްމަތީ ވާނުވާގޮތް ބަލަންތިއްބާ އެބައިމީހުންނަށް މިފެނުނު އަޖާއިބު ކުރުވާފަދަ ކަންތައްތަކާއިމެދު ނިހާޔަތުގެ ދަރަޖައަށް އުފާކޮށް އުފަލުން ހަޅެލަވަން ފަށައިފޫއެވެ. އަދި މިގޮތުން ހިތާމަލިބިފައިވާ މީހުންގެހިތަށް އުފާވެރިކަންލިބި އަންހެނުންނާއި ފިރިހެނުން، މުސްކުޅީންނާއި ޅަކުދީން މި ހައިރާންވާފަދަ ކަންތައްތަކުގެ ވާހަކަ ދައްކާންތިއްބާ އެބައިމީހުންގެ ތެރެއަށް ރަސްގެފާނު ނުކުމެވެޑައި ގަންނަވައިފިއެވެ. އެހާރު އެބައިމީހުންގެ ހިތްތައް ހީވަނީ އުފަލުން ބަންޑުން ވެދާނެހެންނެވެ. ދެން މިބައިމީހުން ނަށަމުން ލަވަކިޔަމުން ޝާމަތުގެ ހިތްމަތް ހުރިތަނަށްގޮސް ވަހުސުލް ފުލާހުގެ އަރިހަށް ޖަމާވެ މުބާރަކުބާދީ ދެންނެވިއެވެ. މިދުވަހަކީ އަފްރާހް ރަސްގެފާނުގެ މުޅިހަޔާތްޕުޅުގައި އައި ދުވަސްތަކުގެތެރެއިން އެންމެ އުފާވެރިކަންބޮޑު އެންމެ ބާއްޖަވެރިކަންގަދަ ދުވަސްކަމުގައި ހިމެނުނެވެ. އަދި މަލިކު އަފްރާޙް ވަހުސުލް ފުލާހުގެ ދެލޯފުޅު ދެމެދުގައި ބޮސްދެއްވައި ސާބަސްދެއްވައި ވިދާޅުވިއެވެ. އެއްވެސް ޝައްކެއް ނެތްގޮތުގައި މަނިކުފާނުގެ މުލައްދަނޑިފުޅުގައި ތިޔަވާފަދަ ބާރުލިބިފައިހުރި ދެވަނަ މީހަކު ނުވެއެވެ. އަދި މަނިކުފާނު ބަލިކޮށްލެވޭނޭ އަދާވާތްތެރިއަކު، މަނިކުފާނުގެ ކުރިފުޅުމައްޗަށް ނާންނާނެއެވެ. ދެން އެދެބޭފުޅުންނާއިގެން ރަށަށް އަރާވަޑައިގަންނަވާ ގަނޑުވަރަށް ވަދެވަޑައިގެން ރަށުތެރެ ޒީނަތްތެރިކޮށް އެކަމާއިގުޅިގެން އުފާވެރިކަން އާންމުކުރުމަށް އިޢުލާން ކުރެއްވިއެވެ.

ދެންފަހެ ސަރަރުދޫސް ހަކީމް އެމާރިދު ސަހާބުން ނުހުތިޠަފް އެތަނަށް ފޮނުވާފައި ސިހުރުވެރި ކަލޭގެކައިރިން އެނބުރި އައިއިރު ރަށުތެރެ ޒީނަތްތެރިކުރެވި މީސްތަކުން އުފާވެރިކަން މަތީތިއްބާ މީނާއަށް ފެނިއްޖެއެވެ. ދެން ހައިރާންވެގެން ނުވެސް ދެނަހުރިކަމަށްހަދައިގެން ރަށަށް އެރިފަހުން އެމާރިދު ކަލޭގެޔާ ވަހުސުލް ފުލާހުއާއި ދެމެދުގައިހިނގި ކަންތައްތަކުގެ ހަބަރު މީނާއަށް ލިބިއްޖެއެވެ. މިކަމުގެ ސަބަބުން ރުޅިއައިސްގެން ހަލާކުވުމާއި ގާތްވިއެވެ. އަދި ކަރުނަތައް ކޯތާފަތް މައްޗަށް އޮހޭހާލު މިލިބުނު ދެރައާއި އަދި އޭނާގެބޭނުން ހާސިލްނުވިކަމާއިމެދު ހިތާމަކުރައްވަމުންގޮސް ގެއަށް ވަދެއްޖެއެވެ. އަނެއްކޮޅުން އަފްރާހް ރަސްގެފާނު ގަނޑުވަރުން ޚައްސަ ކޮޓަރިކޮޅެއް ވަހުސުލް ފުލާހަށް ތައްޔާރުކޮށް ދެއްވައި މަތިވެރިވެގެންވާ ޚިދުމަތް އެމަނިކުފާނަށް ދެއްވިއެވެ. އެވަގުތު މަލިކާ ޝާމަތު އެނުލަފާ މާރިދުކަލޭގެ އަނިޔާވެރިކަމުން މުޅިން މިންޖުވެވަޑައިގެނެވި ހާލު އުފާފުޅުން އެކޮޓަރިކޮޅަށް ވަޑައިގެން އުފާވެރިކަމުގެ ވާހަކަފުޅު ދައްކަވަން ދެބޭފުޅުން ތިއްބެވިއެވެ. ރަސްގެފާނުގެ އަމުރުފުޅަށް ސޫފިތައް ކަތިލައި އެކަމަނާ އެއިފްރީތުގެ ކިބައިން ސަލާމަތްވީކަމުގެ މުނާސަބަތުގައި ވަލީމާތައް ތައްޔާރު ކުރެވުނެވެ. އަދި ރަސްގެފާނުގެ އަމުރުފުޅަށް ގޮވާމީހުން ރަށުތެރެއަށް ނިކުމެ އަންހެނަކަސް ފިރިހެނަކަސް ކުޑަކުއްޖަކަސް ބޮޑުމީހަކަސް، މާތްމީހަކަސް ދެރަމީހަކަސް ފަސްވެނުހުރެ މި ވަލީމާއަށް ހާޒިރުވުމަށް ގޮވިއެވެ. ދެން ތިންދުވަސް ވާންދެން މިވަލީމާގެ ހަރަކާތްތަށް ދެމިއޮތުމަށްފަހު ރަސްގެފާނުގެ އަތްޕުޅުން އިނާމް ތަސްރީންތައް ބައްސަވައި ހެއްދެވިއެވެ. އަދި އެބައިމީހުން ރަސްގެފާނަށް މަތިވެރި ދަރަޖަ ދެއްވުން އެދި ދުޢާކުޅައެވެ.

މިހާރު މަލިކާ ޝާމަތު ހީވަނީ އަލިގަދަ ބައްތިއެއް ހެންނެވެ. އެކަމަނާގެ މުޅި ހިތްޕުޅުވަނީ އެމާރިދުގެ ކިބައިން އެކަމަނާ ސަލާމަތްކުރެއްވި މާތް މަނިކުފާނުގެމައްޗަށް މުޅިންލެނބިފައެވެ. އެމަނިކުފާނުގެ އުޖާލާކަން ސާދަވިލޭރޭގެ ފުރިހަމަ ހަނދުފަދައެވެ. ދެން އެރޭ މީސްތަކުން ނިދައި، ފައިހިލަވަޅު އޮބުނީމައި މަލިކާ ޝާމަތު ތެދުވެވެޑައިގެންފިއެވެ. އޭރު އެކަމަނާ ހިތްޕުޅުވަނީ ލޯތްބާއި އިޝްޤްގެ ތަފާތު ޝުއޫރުތަކުން ފުރިފައެވެ. އަދި މަޑުމަޑުން ހިންގަވަން ފައްޓަވައިފިއެވެ. މިގޮތުގައި އެކަމަނާ ވަހުސުލް ފުލާހުގެ ކޮޓަރިކޮޅާއި ހަމައަށް ވަޑައިގެންފިއެވެ. އޭރު ވަހުސުލް ފުލާހު އެކަމަނާގެ ކިބައިން ދެކެވަޑައިގަތް ރީތިކަމާއި ފުރިހަމަކަމަށް ޓަކައި އެމަނިކުފާނުގެ ހިތްޕުޅުވެސްވަނީ އެފަރާތަށް މުޅީން ލެނބިފައެވެ. އަދި އެހިތްޕުޅުގައިވަނީ އެކަމަނާގެ ލޯބި ރަނގަޅަށް ހަރުލާފައެވެ. އަދި މި މައުލޫ އާއިމެދު މަލިކު އަފްރާހްގެ އަރިހުގައި ދަންނަވާނޭ ގޮތަކާއިމެދު އެމަނިކުފާނުގެ ހިތްޕުޅުގައި ވަނީ ހިޔާލުގެ ފުން ކަނޑެއް އުފެދިފައެވެ. އެކަނޑުގެ ރާޅުތައް އެފުރަށާއި މިފުށަށް ޖަހަޖަހާ ހުއްޓެވެ. އަދި މިހާލުކޮޅުގެތެރޭ ކޮޓަރިކޮޅުތެރޭ ހުންނަވައިގެން ހިތާމައިގެ ޅެންތައް ވިދާޅުވަމުން ގެންދަވަނީއެވެ. އޭރު ޝާމަތު ހުންނެވީ އެކޮޓަރިކޮޅުގެ ބޭރު ދޮރުކޮޅު ކައިރީގައި އެމަނިކުފާނު ވިދާޅުވަމުން ގެންދަވާ ލޯބީތެ ތަރާނާ ތަކުގެ އަޑު އައްސަވާށެވެ. ވަހުސުލް ފުލާހު ވިދާޅުވަމުން ގެންދެވިޅެން ނިމުމާއިއެކު ޝާމަތު އެކޮޓަރިކޮޅަށް ވެދެވަޑާއިގެން އެމަނިކުފާނަށް ސަލާމްކުރައްވައި އަރިހުގައި އިށީނދެ ވަޑައިގެންފިއެވެ. އެމަނިކުފާނަށް އެކަމަނާ ފެނިވަޑައިގެންނެވިހިނދު ހިތްޕުޅުތެރޭގައިވާ ހުރިހާ ހިތާމަވެރިކަންފިލާ، އުފާވެރިކަމުގެ ކުލަފުޅުތައް މޫނުފުޅުގެ މައްޗަށް ވެރިވެއްޖެއެވެ. އަދި ދެބޭފުޅުން ދެބޭފުޅުންނަށް ލޯބީގެ ފަށުވި އިބާރާތްތަކުން ވާހަކަ ދައްކަވަން ފައްޓަވައިފިއެވެ. މިގޮތަށް ދެކެވުނު ވާހަކައިގެ ތެރޭގައި މަލިކާ ޝާމަތު ވިދާޅުވިއެވެ. އޭ ވަހުސުލް ފުލާހެވެ. މަނިކުފާނު ދެންމެ ޅެމުގައި ވިދާޅުވިފަދައިން އަޅުގަނޑުދެކެ ލޯބިފުޅު ވަނީކަމުގައި ވަނީނަމަ، އަދި އަޅުގަނޑުގެ ލޯބި މަނިކުފާނުގެ ހިތްޕުޅުގައި ޤަރާރުވެފައިވާނަމަ މާދަމާ ހެނދުނު ދަރުބާރަށް ވަޑައިގެން ދަޢުލަތުގެ އަމީރުންނާއި ވަޒީރުންގެ ހާޒިރުގައި ބައްޕާފުޅުގެ އަރިހުން އަޅުގަނޑުގެ ކައިވެންޏަށް އެދިވަޑައިގަންނަވާށެވެ.

(ނުނިމޭ)

ނޯޓް: ވާހަކައަކީ ހ.ވައިޖެހޭގޭ އަޙުމަދު ރަޝީދު، ސ.ހިތަދޫ އިބްރާހީމް ޝާކިރު، ގ.ކިޔަވާގޭ އަބްދުއްޝުކޫރު: 18 ޑިސެމްބަރ 1966 ގައި ދިވެހިބަހަށް ތަރުޖަމާކޮށް އަތުލިޔުމުން ލިޔެފައިވާ ވާހަކައެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355