twitterviber whatsapp telegramfacebookyoutube instagram
4th May 2024

ގިނިހިލައެއް ވެއްޓުމަކީ ބިމުގެ ދިރުން ފުހެވިގެން ހިނގައިދާނެ ކަމެކެވެ.

Feb 18, 2013

މިދިޔަ ހުކުރު ދުވަހަކީ ވަރަށް އާދަޔާ ޚިލާފު ކަންތައްތަކެއް ހިނގާދިޔަ ދުވަހެކެވެ. ދުނިޔެއާ މިހާތަނަށް އެންމެ ކައިރިން ދަތުރުކުރި ގިނިހިލަ ދެކުމަށް ފަލަކީ އިލްމުވެރިންނާއި ސައިންސްވެރިން ތައްޔާރުވަމުން ދަނިކޮށް، ރަޝިޔާގެ މަތިން އެއަށްވުރެ ސައިޒުން ކުޑަ ގިނިހިލައެއް ގޮވުމުގެ ސަބަބުން ހާހެއްހާ މީހުންނަށް އަނިޔާވެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މިދެ ހާދިސާ އެއްދުވަހަކާ ދިމާވުމުގެ ސަބަބުން ސައިންސްވެރިންނާއި އާއްމުންނަށް ބޮޑު ސިހުމެއް ލިބިގެން ދިޔައެވެ.

ޑީއޭ 14 ގެ ނަން ދީފައިވާ ގިނިހިލަ ދަތުރު ކޮށްފައި ވަނީ ދުނިޔެއާ 17000 މޭލު ކައިރިންނެވެ. އެއީ ދުނިޔޭއިން ޖައްވަށް ފޮނުވާފައިވާ ބައެއް ސެޓެލައިޓްތައް ހުންނަ ހިސާބެވެ. ޑީއޭ 14 އަށް ވުރެ ބޮޑު ވައިޔޫ 55 ނަން ދީފައިވާ ގިނިހިލައެއް ދުނިޔެ ކައިރިން ވަނީ 2011 ވަނަ އަހަރު ނޮވެމްބަރުގައި ދަތުރު ކޮށްފަ އެވެ. ނަމަވެސް ޑީއޭ 14 ދަތުރުކުރީ އެގިނިހިލަ އަށްވުރެވެސް 10 ގިނަ ކައިރިންނެވެ.

ދުނިޔޭގެ ކައިރިން ބޮޑު ގިނިހިލަ އެއް ދަތުރުކުރުމާއި ރަޝިޔާގެ މަތިން ގިނިހިލައެއް ގޮވި ހާދިސާއާ ގުޅުމެއް ވޭބާއޭ މިއީ އެންމެންވެސް ކުރި ސުވާލެކެވެ. ގިނަ ބަޔަކު ގަބޫލުކުރި ގޮތުގައި މިއީ ގުޅިފައިވާ ދެހާދިސާ އެވެ. ނަމަވެސް ސައިންސްވެރިން އެގޮތަށް ގަބޫލެއް ނުކުރެ އެވެ. މިފަދަ ހާދިސާތަކެއް ކުރިމަތިވެގެން އުޅޭ ދަވަސްވަރެއްގައި ގިނިހިލައާބެހޭ މަޢުލޫމާތު ކޮޅެއް ހޯދާލީމެވެ.

އެސްޓްރޮއިޑްސް އާއި މީޓިއޯސް އަކީ ކޮބާ؟

އެސްޓްރޮއިޑްސް އަކީ ޖައްވުގެ ތެރޭގައި ދައުރުވަމުންދާ ގިނިހިލައަށް ކިޔާނަމެވެ. އެސްޓްރޮއިޑެއް ކުޑަވެގެން މީޓަރެއް ވަރުވެސް ވެދާނެއެވެ. އަދި ބޮޑުވެގެން އެތައް ކިލޯމީޓަރެއް ވެސް ހުރެދާނެއެވެ. ސޯލާ ސިސްޓަމްތަކުގައި ހިމެނޭ ޕްލެނެޓްތަކާ ސައިޒުން ކައިރިކުރާ ވަރުގެ އެސްޓްރޮއިޑް ވެސް ޖައްވުގައި ވެއެވެ. އަހަރެމެންގެ ސޯލާ ސިސްޓަމްގައި ހިމެނޭ ޖުޕިޓަރ އާއި މާރސްގެ ވަށައިގެން ގިނަ އަދަދަކަށް އެސްޓްރޮއިޑްސް އެނބުރެމުން ދެއެވެ.

އެސްޓްރޮއިޑަކަށް މީޓިއޯ އޭ ކިޔަން ފަށަނީ އެޓްމޮސްފިއާގެ ތެރެއަށް އެސްޓްރޮއިޑް ވަންނަ ހިސާބުންނެވެ. އެސްޓްރޮއިޑެއް މީޓިއޯއަކަށް ބަދަލުވެގެން ދާއިރު، އެޓްމޮސްފިއާތެރޭގައި ހުންނަ ރެސިސްޓެންސްގެ ސަބަބުން މީޓިއޯއަށް ހޫނުވެ އަލިފާނުގެ ނަގުލެއް ލައިފައި ހުންނަހެން ހުރެއެވެ. އެހެން ގޮތަކަށް ބުނާނަމަ ޝޫޓިން ސްޓަރ އަކަށް ބަދަލުވެއެވެ. މީގެ މީޓިއޯއެއް ބިމަށް ވެއްޓިއްޖެނަމަ ކިޔަނީ މީޓިއޮރައިޓްސް އެވެ. އަހަރެމެން މިހުރިހާ އެއްޗަކަށް ވެސް ކިޔަނީ ގިނިހިލައެވެ. މިއީ ޕްލެނެޓްތައް އުފެދި ފުރިހަމަވާއިރު ބާކީވާ ދަގުއި ކަމަށް ސައިންސްވެރިން ބުނެ އެވެ.

ގިނިހިލަ ފޭބުމަކީ ކިހާ އާއްމުކަމެއް؟

ދުނިޔެއަށް ގިނިހިލަ ވެއްޓުމަކީ ސައިންސްވެރިންގެ ބަހުރުވައިން ނަމަ ހަމަ އާއްމު ކަމެކެވެ. ސައިންސްވެރިން ބުނާ ގޮތުން ގިނިހިލަ އާއްމު ކޮށް ވެއްޓެނީ މީހުން ނޫޅޭ ސަރަހައްދު ތަކަށެވެ. އެކަން އެގޮތަށް ވާން ދިމާ ވަނީ ދުނިޔޭގެ ބޮޑުބަޔަކީ މީހުން ނޫޅޭ ސަރަހައްދު ކަމަށް ވާތީ އެވެ. ދުނިޔޭގެ ކަނޑުގެ ސަތަހައަކީ ތިންބައިކުޅަ ދެބަޔެވެ. އެހެންކަމުން ގިނައިން ގިނިހިލަ ވެއްޓިފައި ހުރީވެސް ކަނޑަށެވެ. ގިނަހިލައެއް ވެއްޓޭތަން ގިނަ ފަހަރު އޮންނަނީ ނުފެނިފަ އެވެ. ނަމަވެސް މޮސްކޯ ނުވަތަ ނިއުޔޯކަށް ގިނިހިލައެއް ވެއްޓިއްޖެނަމަ އެކަން ނޭނގި ނުދާނެ އެވެ.

ރަޝިޔާގެ ޗެލިޔަބިންސްކަށް ވެއްޓުނު ގިނިހިލައިގެ ބޮޑުމިނުގައި 50 ފޫޓު ހުރިކަމަށް ވެއެވެ. 1908 ވަނަ އަހަރު ރަޝިޔާގެ ޓުންގުސްކާ އަށް ވަނީ މިފަދަ ގިނިހިލައެއް ވެއްޓިފަ އެވެ. ނަމަވެސް އެއީ މިފަހަރު ވެއްޓުނު ގިނިހިލަ އަށް ވުރެ 3 ގުނަ ބޮޑު، އަދި 27 ގުނަ ބަރު ހިލަ އެކެވެ. އެފަހަރު ވަނީ އެއްހާސް ކޮޑިމޭލުގެ ފޮރެސްޓް ބިމާ ހަމަކޮށްލާފަ އެވެ.

ނާސާގެ ސައިންޓިސްޓުން ބުނާ ގޮތުން ހުކުރު ދުވަހު ރަޝިއާއަށް ވެއްޓުނު ފަދަ އެސައިޒުގެ ގިނިހިލައެއް ދުނިޔެއަށް ކޮންމެ ދިހަ އަހަރަކުން ނުވަތަ ވިހި އަހަރަކުން އެއް ފަހަރު ވެއްޓުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް ޓުންގުސްކާއަށް ވެއްޓުނު ފަދަ އެއްޗެއް ވެއްޓޭނެކަމަށް ބެލެވެނީ ކޮންމެ އެއްހާސް އަހަރަކުން އެއް ފަހަރު ކަމަށް ވެއެވެ.

ގިނިހިލައަށް ސަމާވެތިބުން

ސައިންސްވެރިންގެ ވާހަކަތަކުން އެނގޭ ގޮތުން ދުނިޔޭގެ ކައިރިން މިފަހަރު ދަތުރުކުރި މާސިންގާ ގިނިހިލަ ނުވަތަ 1908 ގައި ވެއްޓުނު ފަދަ ގިނިހިލަ އަކީ ކޮންމެ އެއްހާސް އަހަރަކުން އެއް ފަހަރު ކުރިމަތިވާނެ އިވެންޓްތަކެވެ. ދުނިޔޭގެ 4.5 ބިލިޔަން އަހަރުގެ ތާރީހުގައި މިފަދަ ގިނިހިލަތައް އެކި ފަހަރު މަތިން ދުނިޔެއަށާއި މާރސް އަށް އަދި ހަނދަށް ވެސް ވަނީ ވެއްޓިފަ އެވެ. ބޮޑު ގިނިހިލައެއް ބިމަށް ވެއްޓުމަކީ ބިމުގައިވާ ދިރުން މުޅިން ނެތިކޮށްލަފާނެ ފަދަ ކަމެކެވެ. މީގެ 65 މިލިޔަން އަހަރު ކުރިން ޑައިނަސޯގެ ނަސްލު ބިމުން ފުހެވިގެން ދިޔައީ ޑީއޭ 14 އަށް ވުރެ 300 މިލިޔަން ގުނަ ބޮޑު އަދި ބަރު ގިނިހިލައެއް ވެއްޓުމުންކަމަށް ސައިންސްވެރިން ބުނެ އެވެ.

ނާސާގެ ސެޓްލައިޓްތަކުން އަބަދު ވެސް އަންނަނީ ދުނިޔޭގެ ވަށައިގެން ދައުރުވާ އަދި ޖައްވުގެ ތެރޭގައި ވާ ގިނިހިލަތަކުގެ މަޢުލޫމާތު ބަލާ ހޯދަމުންނެވެ. އަދި ދުނިޔެއަށް ވެއްޓޭހާ ކައިރީގައިވާ 5000 މީޓިއޯސްއެއް މިހާރުވެސް ނާސާއިން ދަނީ މޮނިޓަރ ކުރަމުންނެވެ. އޭގެ ތެރޭގައި 100 ފޫޓުގެ ގިނިހިލައިން ފެށިގެން އޭގެ އެތައްގުނައެއް ބޮޑު ގިނިހިލަތައް ހިމެނެ އެވެ. ކުދި ގިނިހިލަތަކަކީ މޮނިޓަރ ކުރަން އެހާ ފަސޭހަ އެއްޗެއްސެއް ނޫނެވެ. މިފަދަ އެތައް ގިނިހިލައެއް ކޮންމެ ދުވަހަކު ވެސް ދުނިޔެއާ މާ ދުރު ނޫން ހިސާބުތަކުން ދަތުރު ކުރަމުންދެ އެވެ. އަދި ބިމަށް ވެއްޓެންވެސް ވެއްޓެ އެވެ.

ނޯޓް: މިލިޔުމުގައި ހިމަނާފައިވަ މަޢުލޫމާތު ނަގާފައިވާނީ އެމެރިކާގެ ޔޭލް ޔުނިވާސިޓީގެ އެސްޓްރޮނޮމީ އަދި އެސްޓްރޯފިޒިކްސް ޕްރޮފެސަރެއްކަމުގައިވާ މެގް އުރީ ލިޔެފައިވާ ލިޔުމަކުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355