twitterviber whatsapp telegramfacebookyoutube instagram
21st November 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (3)

Feb 19, 2013

ފެބްރުއަރީ 12 ވަނަ ދުވަހުގެ ބަޔާގުޅޭ

އެވަގުތު އެކޮޓަރިއަށް ނަރުސްކުއްޖަކަށް ވަދެވުނުކަން އެއީ ނަޞީބެވެ. އަނީސާގެ ހާލަތު ފެނުމުން އެ ކުއްޖާ ދުވެފައި އައިސް އެތަނުގެ ފޯނުން ނާރސިން ޑިޕާރޓްމެންޓަށް އެކަން އެންގުމުން ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އެތަނަށް އައެވެ. ޝާޔާ އާއި އީރާއަށް ކަމެއް ހިނގައިފިކަން ރޭކާލީ ދެނެވެ.

”އިހަށް ބޭރުގައި މަޑުކޮށްލައްވާ.” ޝާޔާ އަތުގައި ހިފާ ބޭރަށް ދާށޭ ބުނާ ފަދަ ގޮތަކަށް އެ ކުއްޖާ އިޝާރަތްކޮށްލިއެވެ.

އަދަބުވެރިކަމާއި އެކު އެކުއްޖާ އެދުމަށް އިޙްތިރާމްކުރުމުގެ ގޮތުން އީރާގެ އަތުގައި ހިފައިގެން ޝާޔާ ބޭރަށް ނިކުތެވެ. ބޭރުގައި ހުރިއިރު އަނީސާގެ ހާލު އޮޅުން ފިލުވަން އޭނާ ހުރީ ކެއްތެރިކަން ކުޑަވެފައެވެ. ދޮރު ހުޅުވޭނެ އިރަކަށް ބަލަ ބަލާ ހުއްޓައި އޭގެ ބައިގަޑިއިރު ފަހުން ޑޮކްޓަރު ނިކުންނަވައި އަނީސާގެ ހާލު ރަނގަޅު ކަމަށާއި އަނީސާގެ ކުރިމަތީގައި ނުރޮއި ހިތްވަރު ކުރުމަށް ނަސޭޙަތްދިނެވެ. އަނީސާގެ ކައިރިއަށް ވަނުމުގެ ހުއްދަ ދީފައި ޑޮކްޓަރު ދިޔަފަހުން ޝާޔާ އާއި އީރާ އެ ކޮޓަރިއަށް ވަތްއިރު އަނީސާއަށް އޮތީ ނިދިފައެވެ.

އެރޭގެ މެންދަމުގެ ވަގުތެވެ. ޕްރައިވެޓް ރޫމްގައި ހުރި ހުސް އެނދުގައި އީރާއަށް ނިދިފައި އޮތެވެ. ޝާޔާ އޮތީ އަނީސާގެ އެނދުގައި ބޯއަޅާލައިގެން ނިދިފައެވެ. އަނީސާއަށް އިރާކޮޅު ދިން ނިދާ އިންޖެކްޝަންގެ އަސަރު ކެޑި ހޭވެރިވުމުން އަތް ޙަރަކާތްކޮށްލާ ޝާޔާގެ ބޮލުގައި އަތް ފިރުމާލިއެވެ. ޝާޔާ ސިހިފައި ހޭލެވިގެން އަނީސާގެ މޫނަށް ބަލާލިއެވެ. އަނީސާ ބަލަހައްޓައިގެން އޮތުމުން ޝާޔާ ތެދުވެ އަނީސާގެ އަތްތިލައިގައި ދެއަތުން ހިފަހައްޓާލަމުން އެއަތުގައި ބޮސްދިނެވެ.

”އީރާއަށް ނިދިފައި ދޯ. ޝާޔާ މިތަނުގައި ނީދެ އީރާ ކައިރީ އޮށޯވެ ނިދާލި ނަމަ.” އަނީސާ ވާހަކަ ދެއްކީ އުދަނގުލުންނެވެ.

”މަންމަ މިވަގުތު އަހަރެމެންނާއި ދޭތެރޭ ނުވިސްނާ. މަންމަ ތި ހާލުގައި އޮތްއިރު ކިހިނެއް އަހަރެން ހަމަ ނިދި ނިދާނި. މަންމާ އުފާކުރޭ. އިރާދަކުރެވިއްޔާ އަހަރެމެންގެ ނަޞީބުގެ ރަނގަޅު ޞަފްހާއަކަށް މި އާދެވުނީ. މަންމައަށް ބޭސްފަރުވާ ހަމަޖެހިއްޖެ. މަންމަ ބުނީ ރަނގަޅަށް. ސަލަފް އަކީ ވަރަށް ހެޔޮމީހެއް، ސަލަފް ބުނި އަހަންނަށް ވަޒީފާ ހަމަޖައްސައިދޭނެ ވާހަކަ. މަންމަ ރަނގަޅުވިއަސް ދެން މަސައްކަތަށް ނުގޮސް މަޑުކުރޭ.” ޝާޔާ ސަލަފްގެ ހެޔޮކަމުގެ ވާހަކަ އާއި ލިބުނު އެހީތެރިކަމުގެ ވާހަކަ ކިޔައިދިނެވެ.

”މަންމަ އަބަދުވެސް ބުނަން އެމީހުންނަކީ ރަނގަޅުބައެކޭ. މުއްސަނދި އެންމެންނަކީ ގޯސްބައެއް ނޫން. ދަރިފުޅާ. އެމީހުން ވެދޭ އެހީގެ އަގު އަހަރެމެން ދުވަހަކުވެސް ހަނދާން ނައްތާލައިގެން ނުވާނެ. އެމީހުން ކަމަކަށް އެދިއްޖެ ނަމަ އަހަރެމެންނަށް ވެވުނު ވަރަކަށް ކޮށްދެންވާނެ.” އަނީސާ މަޑުމަޑުން ހިނިތުންވެލިއެވެ. އަނީސާގެ މޫނުމަތި އުޖާލާވެގެން ދިޔަތަން ފެނި ޝާޔާގެ ހިތް އުފަލުން ފުރުނެވެ.

ތިން ދުވަހުގެ ފަރުވާއަށް ފަހު އަނީސާ ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. ހޮސްޕިޓަލުގެ ޚަރަދާއި ބޭހުގެ އަގަށް ވީ ފައިސާގެ ކަންތައް ސަލަފް ހަމަޖައްސައިދީފައި ވުމުން އެއްވެސް ކަމަކަށް ދައްޗެއް ނުވެއެވެ. ޝާޔާއަށް ވަޒީފާ ހަމަޖެހުނު ކަން އެންގީވެސް އެދުވަހުއެވެ. ޝާޔާ ގެއަށް އައިސް ސަލަފް އަށް ގުޅާ ޝުކުރު އަދާކުރި އެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ޝާޔާ އޮފީހަށް ދާން ނިކުތީ އީރާ ކޮލެޖަށް ދިޔަތާ އިރުކޮޅެއްވީ ފަހުންނެވެ. ސްކޫލު ފެށިގެން އުޅޭ ދުވަސްވަރުގައި ހެނދުނު ގަޑިއަކީ މާލޭގެ މަގުތައް އާދަޔާ ޚިލާފަށް ހަލަބޮލިވާނެ ގަޑިއެކެވެ. ދުއްވާ އެއްޗެހީގެ އަޑު މެދުކެނޑުމެއްނެތި އިވެމުންދާ ރަނގަބީލްއެކޭ އެއްފަދައިން އިވެމުން ދެއެވެ. ސަލަފްގެ މައި އޮފީސް ހުންނަ މަގުގެ އަނެއްފަރާތުގައި ޝާޔާ މަޑުކޮށްގެން ހުރީ މަގު އަމާންވެ ހުރަސްކޮށްލެވޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. ޓްރެފިކް ލައިޓް ދިއްލި ދުއްވާ އެއްޗެހި މަޑުޖެހިލި ވަގުތު ބަލައި ޝާޔާ މަގު ހުރަސްކޮށްލަން ހިނގައިގަތެވެ. އެ މަގުގައި ޓްރެފިކުގައި ޖެހިފައި އޮތް ކާރުގައި އިން ޔޫއާންއަށް ޝާޔާ ފެނުނެވެ. މަގު ހުރަސްކޮށް ޕޭމަންޓް މައްޗަށް އެރި ޝާޔާ ފެނި ޔޫއާންގެ ނޭވާ ވަގުތުކޮޅަކަށް ހުއްޓުނެވެ. ކަޅު ކުރުތާއަކާއި އައިސް ބްލޫ ޖިންސުގައި ޝާޔާ ވަރަށް ހިތްގައިމެވެ.  ޝާޔާ ހިނގާފައި ގޮސް އޮފީހުގެ ގޭޓުން ވަންތަން ފެނި ޔޫއާންގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ.

ޔޫއާން ފޯނު ނަގައި ޒަވީންއަށް ގުޅާލިއެވެ.

”މަ ބުނި ކުއްޖާ އޮފީހަށް ވަދެއްޖެ. ޒަވީން، އަހަންނަށް އެހީވެވޭނެ ފަރާތަކީ ތިއީ. އަހަރެން ވަރަށް ބޭނުން.” ޔޫއާންގެ އަޑުގައި ކެއްތެރިކަމެއް ނެތެވެ. ޒަވީންގެ ފަރާތުން އިވުނީ ހުނުމުގެ އަޑެވެ.

”ދެން އަތުގައި ނުޖެހިއެއް ނުދާނެ. ހެހެ. އެ ކުއްޖާ އެބަ ވަދޭ. ބޭއްވީ އިނގޭ” ޒަވީން ފޯނު ތިރިކޮށްލަމުން އޮފީހުގެ ދޮރުން ވަދެގެން އައި ޝާޔާއަށް ބަލާލިއެވެ.

ޔޫއާން ބުނި ފަދައިން ޝާޔާއަކީ ރީތިކަމުގެ އެއްވަނަ އެވެ. އޮފީސް ތެރެއަށް ވަދެގެން އައިރު ނުތަނަވަސްވެފައިވާކަން މޫނުމަތިން ވިދަމުން ދިޔަ ދާތިކިތަކުން ރަމްޒު ކޮށްދެއެވެ.  އެތެރެއަށް ވަދެ ޝާޔާގެ ނަޒަރު ހުއްޓާލެވުނީ އޮފީސް ތެރެއަށެވެ.

އޮފީހުގެ ދޮރުން ވަންނައިރަށް ފެންނަނީ ރިސެޕްޝަނެވެ. ރިސެޕްޝަން އޭރިއާގައ ސޯފާތަކެއް ހުއްޓެވެ. އޮފީހުގެ އެއްފަރާތުގައި ވަނީ މުވައްޒަފުންނަށް ޚާއްސަކުރެވިފައިވާ މޭޒުތަކެވެ. އެއް މޭޒު އަނެއްމޭޒާއި ވަކި ކުރެވިފައިވަނީ ޕާޓިޝަން ޖަހައިގެންނެވެ. އަނެއްފަރާތުގައިވަނީ ބިއްލޫރި ޖަހައި ވަކިކޮށްފައިވާ ދެކޮޓަރިއެވެ. އެއް ކޮޓަރީގައި ހިނގާ ކަންތައް އަނެއް ކޮޓަރިއަށް ފެންނަ ގޮތެއް ހުރެއެވެ. އޮފީހުން ފެންނަމުން ދިޔަ ހުރިހާ މުވައްޒަފުން ތިބީ ޚާއްސަކުރެވުނު ޔުނީފޯރމްގައެވެ. ޝާޔާ ގޮސް ރިސެޕްޝަނުގައި ހުއްޓި އެތަނުގައި އިން ކުއްޖާ ކައިރީ އެއްޗެއް އަހާލި އެވެ.

”އިހަށް މަޑުކޮށްލައްވާތި. ސަލަފް އޮފީހަށް ދުރުވީމައި ނަންގަނެލާނަން. އާ ކުއްޖަކު ވަޒީފާއަށް އަންނަ ވާހަކަ އަންގާފައި ނެތުމުން އޮޅުންފިލުވާލަން ޖެހޭނީ. އިށީނދެލާ.” ރިސެޕްޝަން ކުރިމަތީގައި ހުރި ސޯފާތަކަށް އިޝާރަތްކުރަމުން އެތަނުގައި އިށީނުމަށް އެންގިއެވެ.

އޮފީހަށް ހާޟިރުވަމުން ދިޔަ މުވައްޒަފުން އައިސް ނިމުނު ފަހުން ސުދާ އައިސް ވަންތަން ފެނުނެވެ. ސުދާ ކެބިން އާއި ދިމާލަށް ހިނގައިގެންވަގުތު ސޯފާގައި އިން ޝާޔާ އެއްލި ކަޅިއަކުން ފެނުމުން މޫނު ކުނިކޮށްލިއެވެ. ދެބުމަ ގޮށްޖަހާލަމުން ތުން ފިއްތާލެވުނެވެ. ޝާޔާ އާއި ދިމާލަށް ހިނގައިގަންނަން އުޅުނު ވަގުތު ސަލަފް އޮފީހަށް ވަދެގެން އަންނަ ތަން ފެނި ސުދާ ދިޔަގޮތަށްވަނީ ކެބިންއަށެވެ. ސަލަފް އޭނަގެ ކެބިންއަށްވަދެ ރިސެޕްޝަނަށް ފޯނުކޮށްފައި ޝާޔާ އެތެރެއަށް ފޮނުވުމަށް ބުނެލިއެވެ. ޝާޔާ ކެބިންއަށް ވަތްފަހުން ސަލަފް ސުދާއަށް ގުޅާފައި އެތަނަށް އައުމަށް އެދުނެވެ. ސުދާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެތަނަށް އައެވެ.

”ސުދާ. މިއީ ޝާޔާ. އޮފީހުން ހުސްވެފައި އޮތް ވަޒީފާއަށް ހަމަޖައްސި ކުއްޖަކީ މިއީ. ސުދާ. ޝާޔާއަށް ވަޒީފާގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކިޔައިދީ ޔުނީފޯމެއް ހަމަޖައްސައިދޭތި. ޝާޔާގެ ތައުލީމީ ސެޓްފިކެޓްތައް ބަލާލަން ބޭނުންވާ ވާހަކަ ބުނެފައި އޮންނާނި. ގެނައިންތަ؟” ސަލަފް އަހާލި އެވެ.

ޝާޔާ އަތްދަބަސް ތެރެއިން ފަތްޖަހާލާފައި އޮތް ބޮޑު ސިޓީއުރައެއް ނަގައި ސަލަފްގެ މޭޒުމަތީގައި އެ ސިޓީއުރަ ބާއްވާލި އެވެ.  ސަލަފް އަންގައިނުލާ އެ ވަޒީފާއަށް ޝާޔާ ކަހަލަ ކުއްޖަކު ހަމަޖެއްސި ކަމަށްޓަކައި ސުދާއަށް ހިތާއި ހިތުން ޝަކުވާކުރެވުނެވެ.  އެ ވަޒީފާ ހުސްވެފައި ވުމުން ސުދާއަށް ވަނީ އެކުވެރިއެއްގެ ކޮއްކޮއަކަށް އެ ވަޒީފާ ހަމަޖައްސައިދޭނެކަމަށް ވައުދުވެވިފަ އެވެ. ޝާޔާ ކުރިމަތީގައި އެއްޗެއް ނުބުނެ ހިތުގައި އެ ހުރިހާކަމެއް ފޮރުވާލަމުން ޝާޔާ އާއި ދިމާލަށް ގަދަކަމުން ހިނިތުންވެލިއެވެ. ޝާޔާ ގެންގޮސް ކުރަންވީ މަސައްކަތްތައް ދައްކައިދިނުމަށްފަހު އެނބުރި ސަލަފްގެ ކެބިންއަށް ވަދެ ޝަކުވާތައް އޮއްސާލި އެވެ.

”މި އޮފީހުގައި ކަމެއް ނިމިގެން ދާއިރު އަހަންނާއި ޚިއްސާ ކުރުމަކީ އޮންނަ ކަމެއް ނޫންތަ؟ އެ ވަޒީފާއަށް އަހަރެން ހުންނާނި ކުއްޖަކު ހަމަޖައްސާފައި. އަހަރެން ހިތަށް އަރާ އެމީހުންނަށް އަހަރެން ދޭނީ ކޮން ޖަވާބެއް ބާއޭ؟” ސުދާ ގޮނޑިއެއްގައި އިށީނެވެ. ސަލަފް އިނީ ކުރިމަތީގައި ހުރި ކޮންޕިއުޓަރަށް ނަޒަރު ހުއްޓާލައިގެންނެވެ.

”ޖަވާބުގައި އަންގާލާ މިވަގުތު ކުއްޖަކު ހަމަޖެއްސި ވާހަކައާ ކުރިމަތި ލީތީ އުފާކުރާ ވާހަކަ. މިތަނުގައި ހުސްވެފައި ހުރި އެހެން ވަޒީފާތަކުގެ ތެރެއިން ވަޒީފާއަށް އެ ކުއްޖާ ހަމަޖައްސާ. މިއީ އަމިއްލަ ކުންފުންޏެއް. މިތަނުގައި ހިނގާނީ އަހަރެމެންގެ އަމިއްލަ ޤަވައިދު. އަހަރެމެން ބޭނުން ކުއްޖަކަށް ވަޒީފާ ދިނުމުން އެހެން މީހުން ނުޖެހޭނެ އެކަމާ ސުވާލު އުފައްދާކަށް.” ސުދާ ހީކުރި ވަރަށްވުރެ ސަލަފްގެ ފަރާތުން އިވުނު ޖަވާބު ފިންޏެވެ. ސުދާ ބަސްބުނެ ނުނިމެނީސް ސަލަފްގެ ނިންމުން ބަދަލުކޮށް ޝާޔާ އޮފީހުން ނެރެލާނެކަމަށް ސުދާއަށް ހުރީ ހީކޮށްގެން ނެވެ.

”ޝާޔާ ނޫން އެހެން ކުއްޖަކަށް ވަޒީފާ ދިންނަމަ. އޭނަގެ ކޮންފެންވަރެއް ހުރީ. އޭލެވެލްގަނޑެއްވެސް ހަދައެއްނުލާ. އެއްވެސް ސެޓްފިކެޓެއް ނެތް. އަމަލީ ތަޖުރިބާއެއްނެތް. ” ސުދާ ޝާޔާގެ ސެޓްފިކެޓްތަކަށް ބަލަމުން ކުދި ކިޔަމުން ދިޔައެވެ.

”މިރޭ މީޓީންގެ ހުރިހާ ކަމެއް ނިމުނީތަ؟” ސުދާ  ކިޔަމުން ދިޔަ އެއްޗިސަށް ޖަވާބު ދިނުމުގެ ބަދަލުގައި ސަލަފް ދެއްކީ އެހެން ވާހަކައެކެވެ. ސުދާއަށްވެސް މީޓިންއާ ބެހޭގޮތުން އަހާލެވުމުން ދައްކަމުން ދިޔަ ވާހަކަތަކުގެ މަތިން ހަނދާންނެތުނެވެ.

”ހުރިހާ ކަމެއް ނިމިފައި. ޕްރެޒެންޓޭޝަނަށްވާ  ޑޮކިއުމެންޓްތައް ހުންނާނި ނިމިފައި. ބޭނުންތަ ބަލާލަން؟”

”ނޫނޭ. ސުދާ ކަމެއް ކޮށްފިއްޔާ އެކަމެއް ގޯހެއް ނުވާނެ. ޕްރެޒެންޓޭޝަން ސީޑީ ޝާޔާއާ ހަވާލު ކުރާތި. ފައިލުވެސް ޝާޔާ އަތަށް ދީ. މީޓިން އޮންނަ ގަޑިވެސް އަންގާލާފައި ބާއްވާ. ޝާޔާއަށް އަންގާލާތި އެގަޑިއަށް އަންނަންޖެހޭ ވާހަކަ. އަހަރެން ވިސްނަން އެބަ ސުދާގެ ބަދަލުގައި ޝާޔާ ބައިވެރިކުރަން” ސަލަފްގެ ވާހަކަ އިވިފައި ސުދާގެ މޫނުމަތި ބަނަވެގެން ދިޔައެވެ.

ރާއްޖެއިން ބޭރު ބައެއް އަންނަ ބައްދަލުވުމަށްޓަކައި ސުދާ ދުވަހަކުވެސް ނުކުރާވަރުގެ މަސައްކަތް ކުރެވުނު އިރު އެންމެ ފަހު ވަގުތު ސަލަފްގެ ނިންމުން ބަދަލުވެފައިވާކަން އެނގުމުން ސުދާ ދެރަވެސްވިއެވެ. ސަލަފްމެންގެ ކުންފުނި ރާއްޖެއިން ބޭރުގައި އިޝްތިހާރު ކުރުމުގެ މަޤްސަދުގައި ތައްޔާރުކުރެވުނު ޕްރޮޖެކްޓް މަސައްކަތްތައް ނިންމަން ސުދާ ކުރި ބުރަ މަސައްކަތް އެނގޭނީ އޭނާއަށެވެ. ސަލަފްއަށް އެކަން ނުފެނި އެ ބައްދަލުވުމުގައި ޝާޔާ ބައިވެރިކުރަން ނިންމުމުން ސުދާގެ ހިތުގައި ހަސަދައިގެ ހުޅު ފަޅައިގެން ދިޔައެވެ. ސަލަފްގެ ކުރިމަތީ އެއްބަސްވެފައި އެތަނުން ސުދާ އަވަހަށް ނިކުތެވެ.

ސުދާ ކެބިންއަށް ވަތްއިރު ސުދާގެ އިންތިޒާރުގައި ހަނާ އިނެވެ. ހަނާ ފެނުމުން ސުދާގެ މޫޑް އިތުރަށް ގޯސްވެގެން ދިޔައެވެ.

”ސުދާ ގޭގައި ޕާރޓީ އޮތް ރޭ ދިޔަ އަންހެން ކުއްޖާ ދޯ އެއުޅެނީ. އެ ކުއްޖާ އެވަރު ކޮށްލީމައިވެސް ސަލަފްބެ ހާދަ ހެޔޮވީ.” ހަނާ ގެ ރާގުގައި ވަނީ މަލާމާތުގެ ކުލަވަރެވެ.

”ހެޔޮވީކީ ނޫން މޮޔަވީ. ހަނާއަށް އެނގޭތަ ޝާޔާއަށް ލިބުނީ ކޮންވަޒީފާއެއްކަން. ސަލަފްބޭގެ ޕާރސަނަލް ސެކެޓްރީ. އެ ޖޮބަށް ހަނާގެ ކޮއްކޮ ހަމަޖައްސަން ނިންމައިގެން ހުއްޓާ. ދެން ނެތް މިއޮފީހަކު ރަނގަޅު ވަޒީފާއެއްވެސް.” ސުދާ ހޭންޑް ބޭގް ތެރެއިން ކިއުޓެކްސް ފުޅިއެއްނެގިއެވެ. އޮފް އަރައަރާ ހުރި ނިޔަފަތި ތަކުގައި ކިއުޓެކްސް ޖައްސަން ފެށިއެވެ.

”ދެން ވަޒީފާއެއް ހުސްކުރަން ހިނގާ” ސުދާ ލޯ ބޮޑުކޮށްލާ ހަނާގެ މޫނަށް ބަލާލީ ހަނާ ބުނި އެއްޗަކުންނެވެ.

”ރަނގަޅަށް ތި އަޑު އިވުނީ. ވަޒީފާއެއް ނެތިއްޔާ ވަޒީފާ ހުސްކުރާނީ. މަށަށް ޔަޤީން ސަލަފްބޭ ހިތުގައި އުފެދުނީ ކުޑަ ހަމްދަރުދީއެއްކަން. އެރޭ ސަލާންޖަހަން އައިސް ކަރުނަތަކެއް އޮއްސީމާ ހަމްދަރުދީ އުފެދޭނެއެއްނު. އެކަން ފަނޑުކޮށްލާނީ” ހަނާ އިތުރަށް ކިޔައިދެމުން ދިޔައެވެ.

”ހަނާ ބުނަން ތިއުޅެނީ ކީކޭ؟ އަހަންނަކަށް ނުވިސްނޭ” ސުދާ ގޮނޑީގައި ހަމަޖެހިލާ އެވާހަކަތަކަށް ސަމާލުކަން ދިނެވެ.

”އަހަރެން ބުނާ ގޮތަށް ހަދަން ކެރޭނެތަ؟ ސުދާއަށް އެއްވެސް ކަމެއް އުންޏެއް ނުވާނެ. އަހަރެންގެ ކޮއްކޮއަށް ވަޒީފާވެސް ލިބުނީ. އެ އަންހެންކުއްޖާއަށް އަމިއްލައަށް ކެނޑިގެން ދާވަރު ކުރަންވީ. ކުދި ކުދި ކަންތައްތަކުން ގޮސް ނޫޅެވޭ ވަރު ކޮށްލީމައި ނިމުނީ.” ހަނާ ކަންތައް ކުރަންވީ ގޮތް ކިޔައިދެމުން ދިޔައެވެ. ސުދާ އެކަމަށް އެއްބަސްވަމުން ދިޔައެވެ.

ސުދާ ކެބިން އިން ނިކުމެ ޝާޔާއަށް ޚާއްސަކުރެވުނު މޭޒުކައިރީގައި ހުއްޓުނެވެ. ސުދާ ޝާޔާއަތަށް ފައިލު ދިނީ ހިނިތުންވަމުންނެވެ. ބައްދަލުވުން ތަކުގައި ދިމާވާނެ ކަންތައްތަކާއި އޮފީހުގެ ކަންތައް ކިޔައިދިނީ ގާތްއެކުވެރިއަކާއި ވާހަކަ ދައްކާހާ ގާތްކޮންނެވެ. ކުރިމަތިން ފެންނަމުން މިދަނީ ކުރީގެ ސުދާ ނޫންކަމުގައި ޝާޔާއަށް ޤަބޫލުކުރެވުނެވެ.

”މިރޭ ބައްދަލުވުމަށް އަންނަމުން ޔުނީފޯމް ލައިގެން އަންނާނީ” ސުދާ ހިނގައިގަންނަމުން ހަނދާންކޮށްލަދިނެވެ.

ފުރަތަމަ ދުވަސް ދިޔައީ ޝާޔާ އުއްމީދު ކުރި ވަރަށް ވުރެ ރަނގަޅަށެވެ. ގިނަ މުވައްޒަފުން ޝާޔާ އާއި ވާހަކަ ދައްކާ އެކުވެރިކަން ބަދަހިކުރިއެވެ. ޝާޔާއަކީ ބަސްމަދު އެކަހެރިކަމަށް ލޯބިކުރާ މީހަކަށް ވިއަސް އެހެން މީހުންގެ ފަރާތުން ފެންނަމުން ދިޔަ އެކުވެރިކަމުގެ ސަބަބުން އެކަން ދުރުވެ އެކުވެރިވެވުނީ ވަރަށް ފަސޭހައިންނެވެ. އޮފީހުގެ ރަސްމީ ގަޑި ނިމުމުން ޝާޔާ އަވަސްވެގަތީ ގެއަށް ދިއުމަށެވެ. އޮފީހުގެ ގޭޓުން ނިކުތް ވަގުތު އޭނަގެ ނަމުން މީހަކު ގޮވާލި އަޑު އަހާފައި އެނބުރި ބަލާލިއިރު ކުރިމަތީގައި ހުރި ޒުވާނާ ފެނި ޝާޔާ ހައިރާންވިއެވެ. ޝާޔާ އާއި ދިމާލަށް އެ ޒުވާނާ އަންނަން ފެށުމުން ހިތް ތެޅިލީ ބުނެދޭންވެސް ނޭނގޭހާ ބާރަށެވެ. ދެމީހުންގެމެދުގައިވާ ދުރުމިން ކައިރިވާ ވަރަކަށް ހިތުގެ ތެޅުން ގަދަވަމުން ދިޔައެވެ. އަތްފައި ފިނިވެފައިވާވަރު އިޙްޞާސްވެގެން ދިޔައީ ދެއަތް ޖޯޑުކޮށްލުމުންނެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355