twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދިވެހިންގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަން ހުރި ދޮރުގެ ތަޅުދަނޑި ހިބައިން ދިނުން

Feb 21, 2013

ދިވެހިރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަން ހުންނަ ދޮރުގެ ތަޅުދަނޑި އަވަށްޓެރި ރަހުމަތްތެރި އިންޑިޔާއަށް ލިބިފައިވާ ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އަގުބޮޑު އަދި ސަރަހައްދީ ހުރިހާ ގައުމުތަކަކުން ވެސް ބޭނުންވާ އެ ދޮރުގެ ތަޅުދަނޑި އިންޑިޔާ އަށް ލިބުނީތޯ ނުވަތަ ދިވެއްސަކު އެމީހާގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމުގެ ބޭނުމުގައި ދިނީތޯ، މިއީ މިއަދު ކުރެވިދާނެ ސުވާލުތަކެކެވެ.

ކޮންމެއަކަސް، ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިންކަމަށް ބުނެ ބޭރުގެ ގައުމުތަކާއި ވަކިން ދިވެހިންނަކަށް ވެސް ނުތިބެވޭނެ އެވެ. ބައިނަލްއަގުވާމީ މުއާހަދާތަކާއި، ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރަމުން އަންނަ އުޞޫލުތަކާއި ހިލާފަށް އެގައުމެއްގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒު ވެއްދުމަކީ، ގައުމުދެކެ ލޯބިވާ މީހުން ބޭނުންވާނެ ކަމެއް ނޫނެވެ. މިވެނި ބަޔަކު މިވެނި ކަމެއް ކުރީމާ، “ކަލޭމެންނަށް އޯކޭ ދޯ” އޭ ބުނުމަށްފަހު، ދެންވެސް ހުރި ހުރިހާ ނުބައި ކަމެއް ކުރުމުގެ ފުރުޞަތު އެއްވެސް މީހަކަށް ނުލިބެއެވެ.

ދިވެހިރާއްޖެ އޮންނަ ތަނުގެ ގޮތުން، އިންޑިޔާ ކަނޑުގެ ކޮންޓްރޯލް ހޯދަން ބޭނުންވާ ބަޔަކަށް ރާއްޖެއަކީ މުހިއްމު ގައުމެކެވެ. އަދި މި ސަރަހައްދުގައި ބާރުތައް ބެހިގެން އަންނަ ގޮތުން ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް ހޯދަން ބޭނުންވާ ޗައިނާއާއި އިންޑިޔާ އޮތީ ރާއްޖެއަށް ކަޅިއަޅައަޅައެވެ. އެހެންނަމަވެސް، ދިވެހި ސަރުކާރު ތަކުންނާއި ހާއްސަކޮށް ދިވެހިން ދިވެހި ގައުމުދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އެފަދަ ފުރުޞަތެއް ހޯދަން އެދެ ގައުމަށް ވަނީ އުނދަގޫތަކަކާ ކުރިމަތިވެފައި އެވެ.

ފޮތްތަކުންނާއި، މުސްކުޅިން ބުނެ އުޅޭ ބަސްތަކުން ހަނދާނަށް އަންނަ ވާހަކައެއް އޮވެއެވެ. އެއީ ގައުމެއް އަޅުވެތިކޮށް ގައުމުގެ މިނިވަންކަން ގެއްލުވާލަން އެހެން ގައުމުތަކުން މިހާރު ހަނގުރާމަ ނުކުރާނެ ވާހަކަ އެވެ. ކުޑައިރު މިފަދަ ވާހަކަތައް އަޑުއިވުމުން ގަބޫލެއް ނުކުރަމެވެ. ދިވެހިންގެ ބަޔަކު ދިވެހިގެ ގައުމުގެ ސިޔާދަތާއި އިސްތިޤުލާލު ގެއްލުވާލަން ނިކުންނާނެ ކަމަށް އޭރު ބައެއް މީހުން ބުނާ ބުނުން ނެގީ ޖޯކަކަށެވެ. އަދި އެއީ ޕޯޗުގީޒުންގެ ޒަމާނުގެ ކަމެއް ކަމަށް ހީކޮށް އެވާހަކަތައް ސީރިއަސްކޮށް ނުނަގަމެވެ.

މިއަދު، މި ގައުމުގައި ފެންނަމުން މިދާ މަންޒަރުން އެ ވާހަކަތައް އަލުން ހިތަށް ގެނެވުނެވެ. ގައުމުގެ ދާހިލީކަންކަމުގެ ތެރެއަށް ވަންނަން އޮތް ދޮރޯށީގެ ތަޅުދަނޑި ދިވެއްސަކު ހިފައިގެން ގޮސް ބޭރުގެ ބައެއްގެ އަތަށް ދިން ދިނުމަކީ ދެރަވެ ހިތާމަކުރާ ކަމެކެވެ. އަދި ތަޅުދަނޑި ދިނުމަކުން ނުފުދުނެވެ. އެ ތަޅުދަނޑި ބޭނުންކޮށްގެން ދޮރު ނުހުޅުވަނީސް ދުރަށް ނުދާނެ ކަމަށް ބުނެ އެ ހަވާލުކުރިމީހާ ކައިރީ ހަފުތާއެއް ވަންދެން ދިވެއްސަކު އިންނާނެކަމަށް، ދިވެހި ގައުމުދެކެ ލޯބިވާ މީހަކު ގަބޫލެއް ނުކުރާނެއެވެ. އެކަމަކު އެއީ މިއަދުގެ ހަގީގަތެވެ. ބަޔަކު މީހުން މިދިޔަ އަހަރުގެ ތެރޭގައި ބޮޑު ކުށެއް ކޮށްފަ އޮތީތީވެ އެކަމުގެ އަދަބު ދިވެހިންގެ ލޮބުވެތި މި ފަސްގަނޑަށް ދޭނީ ގައުމިއްޔަތެއް ނެތް ހިތެއްގެ ވެރިއެއް ކަން ހަމަ ޔަގީނެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355