ފެބްރުއަރީ 19 ވަނަ ދުވަހުގެ ބަޔާގުޅޭ
ގަޔަށް ފިޓް ޓީޝާރޓަކާއި ކަކުލާއި ހަމަޔަށް އަންނަ ސޯޓެއްގައި ޔޫއާން ފެނުމުން ހީވަނީ ކުޅިވަރެއް ކުޅެން ތައްޔާރުވެގެން ހުރިހެންނެވެ. އަރައިގެން ހުރީ ކުޅިވަރު ކުޅޭ ބޫޓަކަށެވެ. ޔޫއާން ޝާޔާ އާއި ކައިރިއަށް އަންނަ ވަރަކަށް ޝާޔާގެ ހިތުގެ ތެޅުން ދިޔައީ އަވަސްވަމުންނެވެ. މަގުމަތީގައި ތިބި މީހުންގެ ނަޒަރު އެދިމާލަށް ހުއްޓިފައި ވުމުން ޝާޔާ ކަންބޮޑުވިއެވެ.
”ހައި.” ޔޫއާން ހުއްޓެމުން ސަލާމަށް އަތްދިއްކޮށްލިއެވެ. ޝާޔާ އަށް ހުރެވުނީ ޔޫއާންގެ މޫނަށް ބަލަހައްޓައިގެންނެވެ. ސަލާމަށް އަތްނަގަން އޭނާ ހަނދާނެއްވެސް ނެތެވެ.
”އެރޭ ދިމާވިފަހުން އަދި މި ފެނުނީ ދޯ. އެރޭ އަހަރެންގެ ސަބަބުން ހިތްހަމަނުޖެހިފައިކަންނޭނގެ ހުންނާނީ. އައި އެމް ސޮރީ. ކީއްކުރާނީ. މިޒާޖުގައި ހުންނަ ގޮތެއް އެއީ. ކޮންމެ މީހަކުވެސް އަލަށް ފެންނައިރަށް ރުޅި އަރުވާލާ ހިތްވަނީ. ފުރަތަމަ ފެނިލުން ޖެހޭނެ ޚާއްސަވާން. އޭރުން ހަނދާންހުންނާނީ” ޔޫއާން ސަލާމަށް ދިއްކުރި އަތް ތިރިކޮށްލިއެވެ.
”އިޓްސް އޯކޭ. ޝުކުރިއްޔާ” ޝާޔާ މަޑުމަޑުން އިސްއޮބާލިއެވެ.
”ހިނގާ ގެއަށް ގެންގޮސްދޭނަން” ޔޫއާން އަތުން ކާރާއި ދިމާލަށް އިޝާރަތްކޮށްލިއެވެ.
”ނޫނޭ. ގޭ ވަރަށް ކައިރިވެއްޖެ. ހިނގާލާފައި ހިނގައިދާނަން.” ޝާޔާ އިންކާރު ކުރިއެވެ. ނަމަވެސް ޔޫއާން ހުރީ ކުރު ކުރާކަހަލަ ގޮތަކަށް ނޫނެވެ. މިޒާޖުގެ ގޮތުން ކުރަން ބޭނުން ކޮންމެ ކަމެއް ކުރުމަކީ ކުރާނެކަމެކެވެ.
”އެރޭ ކާރަށް އެރީ އޮޅުމަކުން. މިއަދު ހިނގާބަލަ ރުހުމުގައި ދާން. މިދެން އެކުވެރި ވެވުނީނުން. ކާރާއި ހަމަޔަށް ނުދެވެންޏާއި އުރާލައިގެން ގެންދަންތަ؟” ޔޫއާން ހީލިއެވެ. ޔޫއާންގެ ސަކަ މިޒާޖު ޝާޔާއށް ކަމުދިޔައެވެ. ޝާޔާ ވިސްނާލުމަށްފަހު ޔޫއާންގެ ކާރާއި ދިމާލަށް ހިނގައިގަތެވެ.
ކާރު ދުއްވާފައި އެ މަގުން ނިކުމެ އަނެއްމަގަށް އެޅުނު އިރު ޓްރެފިކު ލައިޓްގައި ޖެހިއްޖެއެވެ. ޝާޔާ ސިއްރުން ޔޫއާން އާއި ދިމާލަށް ބަލާލިވަގުތު ޔޫއާން ބަލަން އިންތަން ފެނި ލަދުން އިސްއޮބާލިއެވެ.
”އެކަނިތަ އޮފީހަށް ދަނީ އަބަދުވެސް.” ދެމީހުންގެ މެދުގައިވާ ހިމޭންކަން ނަގާލީ ޔޫއާންއެވެ.
”އާން. އަދި މިއަދު އެކަނި އޮފީހަށް މި ދިޔައީ. މުޅިން އަލަށް.” ޝާޔާ އިސްނަގައި ޔޫއާންގެ މޫނަށް ބަލާލިއިރު ޔޫއާންގެ ނަޒަރު އޭނާއަށް އަމާޒުވެފައިވާތީ މިފަހަރުވެސްޖެހުނީ އިސްއޮބާލާށެވެ. ޔޫއާންގެ ތޫނު ބެލުން ފެނި ޝާޔާ ހިތް އުއްބައްތިއެއް ފަދައިން ވިރިގެން ދެއެވެ.
”އަހަރެން އަންނާނަން ކޮންމެ ދުވަހަކުވެސް. މަނާ ނުކުރައްޗޭ. އެކުވެރިއްގެ ހައިސިއްޔަތުން މިވަރު ކޮށްލެވިދާނެ.” ޓްރެފިކު ލައިޓުން ފެހި ސިގުނަލް ދިނުމުން ޔޫއާން ކާރު ދުއްވާލިއެވެ.
”ނޫނޭ. އަހަރެން.” ޝާޔާ އަށް ޖުމްލަ ފުރިހަމަ ނުވަނީސް ޔޫއާން ޝާޔާގެ އަނގަމަތީ އަތްއަޅާލިއެވެ.
”ބުނީމެއްނު އިންކާރު ނުކުރާށޭ. ޝާޔާއަށް އަހަރެން ކޮންމެ ކަމެއްވެސް ކޮށްދޭނަން އުފަލުން. މިއޮއް އާދެވުނީ ގެއަށް. ގެއަށް އައި ފުރަތަމަ ފަހަރު އަހަރެން ގެއަކަށް ނުވައްދާނަންތަ؟” ޔޫއާން ކާރު މަޑުކުރިއެވެ. ޝާޔާ އެއްފަހަރު ގެއަށް އަނެއްފަހަރު ޔޫއާންގެ މޫނަށް ބަލާލިއެވެ. އެންމެ ފެނިލުމަކުން އެކުވެރި ވެވުނަސް ގެއަށް ވައްދާނެ ހިތްވަރެއްނެތެވެ. ޝާޔާގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުން ފިލާ ކަންބޮޑުވުން ފާޅުވިއެވެ.
”އެހެން ދުވަހަކުން އަންނާނަން މިގެއަށް. ޝާޔާ ދައުވަތު ދިން ދުވަހަކުން. އެހެންވީމަ މާދަމާ އަންނާނަން.” ޔޫއާން އަތްނަގައި ޓާޓާ ކިޔާލިއެވެ. ޝާޔާ ހިނިތުންވަމުން ކާރުން ފޭބިއެވެ. ޝާޔާ ގޮސް ގޭތެރެއަށް ވަދެ ވިސްނާލިއެވެ. ޔޫއާންގެ ކާރަށް އަރާފައި އޭނާއަށް އެޑްރެސް ބުނެވުނު ހަނދާނެއްނެތެވެ. ވީއިރު ޔޫއާންއަށް އެޑްރެސް އެނގުނީ ކިހިނެއް ބާއެވެ؟
އުދަރެހުން ފެންނަމުން ދިޔަ ރަން، ފިޔާތޮށި ވައިލެޓް ކުލަތައް ހުރިލެއް ފުރިހަމަކަމުން ޔޫއާންއަށް ހުރެވުނީ އުދަރެހަށް ބަލާށެވެ. އިރު އަލްވަދާއު ކިޔާ މިވަގުތަކީ އެތައް ހިތަކަށް އުފާވެރިކަން ގެނެސްދޭ ވަގުތެކެވެ. އެހެން ދުވަސްތަކާއި ޚިލާފަށް މިއަދު ޔޫއާންގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަން ބޮޑެވެ. ބޭރުގައި ކިޔަވަން އުޅެފައި ޗުއްޓީއަށް އައިފަހުން ކޮންމެ ދުވަހަކު އިރުއޮއްސޭ މަންޒަރު ބަލަން އެތަނަށް ނިކުތުން އާދައަކަށް ވެފައިވަނީ އެމަންޒަރުން އުފާވެރިކަން ލިބޭތީއެވެ. މިއަދު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހަމައެކަނި އެ މަންޒަރުން ގެނެސްދިން އުފާވެރިކަމެއް ނޫނެވެ.
”މިއަދު އަހަރެން މަތިން ނެތް ހަނދާނެއްވެސް. އެކަނި ހުރެ މަންޒަރު ބަލާ ނިންމާލީ.” ފަހަތުން ޒަވީންގެ އަޑު އިވުމުން ފަސްއެނބުރި ޔޫއާން ބަލާލިއެވެ.
”ނޫނޭ. ޒަވީން އުޅޭތޯ ބަލަން ދިޔައިން. ކޮޓަރީގައި ނެތީމައި އެކަނި ނިކުމެލީ. ޒަވީން. މިއަދު ވަރަށް ނަޞީބު ރަނގަޅު. ހަވީރު ކާރު ދުއްވަން ނިކުމެ އުޅެނިކޮން ޝާޔާ އާއި ދިމާވި. ޝާޔާ ގެއަށް ދިޔައީ އަހަރެންގެ ކާރުގައި. ޒަވީންގެ ފަރާތުން ޝާޔާގެ އެޑްރެސް އެނގިފައި އޮތްކަން ރަނގަޅު.” ޔޫއާން އަތުން ޒަވީންގެ ކޮނޑުގައި ޖަހާލިއެވެ.
”ފްރެންޑްސް އިން ނީޑް. ފްރެންޑްސް އިންޑީޑް. އެހެން ބުނަނީ ކަމެއްވެގެން. ޔޫއާން ބުނެގެން ކަމެއް ނުކޮށްދެވިއްޖެ ނަމަ އެކުވެރިކަމުގެ ބޭނުމެއްނެތް.” ޒަވީން ފޮނިވެލަމުން ގިރުވާން ތަޅުވާލިއެވެ. ކުޑައިރުން ފެށިގެން މޮޅުކަމެއް ކުރެވިއްޖެނަމަ ގިރުވާނުގައި ހިފާ ނަގާލުމަކީ އާދަވެފައިވާ ކަމެކެވެ.
”ޒަވީން. އާދެބަލަ މިކޮޅަށް.” ޒަވީންއަށް ސުދާ ގޮވާލި އަޑު އިވުނެވެ. ޔޫއާން ކައިރީ ދަނީއޭ ބުނެ ޒަވީން ގޮސް ކޮޓަރިއަށް ވަތްއިރު ސުދާ ކަނބަޑުތައް ހުޅުވަ ހުޅުވާފައި އެއްޗެއް ހޯދަނީއެވެ.
”އަހަރެންގެ ސިގިރެޓް ފޮށި ކޮބާ؟” ސުދާ ހޯދަނީ ސިގިރެޓް ފޮށިކަން އެނގުމުން ޒަވީންގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު އައިސް އެނދުމައްޗަށް އުންޑުން ވެއްޓިގަތެވެ.
”އަހަރެން ވާހަކަ މިދައްކަނީ ޒަވީންއާ، ކީއްވެތަ އެއްޗެކޭ ނުބުނީ. ޔަޤީން ޒަވީންގެ ކަމެއް އެއީ. މަޖަލަށް ފޮރުވިއަސް ދީބަލަ.” ސުދާ ޑްރެސިންޓޭބަލްގެ ކަނބަޑު ބަލާލުމަށްފަހު މާޔޫސްވެގެން އައިސް އެނދުގައި އިށީނެވެ.
”އަހަރެން އުކާލައިފިން.” ޒަވީންގެ މޫނަށް ސުދާ ބަލާލިއެވެ. ޒަވީން ސީލިންގ އާއި ދިމާލަށް ބަލަން އޮވެފައި ވާހަކަ ދައްކަންފެށިއެވެ.
”އިއްޔެ ރިޕޯރޓްތައް ދައްކަން ދިޔައިރު ޑޮކްޓަރު ބުނި އެއްޗެއް އެނގޭތަ؟ އަހަރެމެން ދެމީހުންގެވެސް މައްސަލަތަކެއް ނެތޯ. އެކަމަކު ސިނގިރެޓަކީ ކުދިން ނުލިބުމަށް އެޅިފައި އޮތް ހުރަހަކަށް ވެދާނެއޭ. އަހަރެން ނުކުރާ ކަމެއް ސުދާ ކުރަންޖެހޭތަ؟ މިގޭތެރޭގައި އުޅޭތާ ހަތަރު އަހަރުވެގެން ދިޔައިރު މިގޭ އެއްވެސް މީހަކު ނުކުރާ ކަމެއް ސުދާ ތި ކުރަނީ. ހިތަށް އަރާ ކޮންތާކުން ބާއޭ ދަސްކުރީ.؟” ޒަވީން ގެ އަޑާއި ރާގުން ހިތްހަމަނުޖެހިފައިވާ މިންވަރު ދޭހަވެއެވެ. ޒަވީންއަށް ފުރަގަސްދީގެން އިން ސުދާގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. ދެބުމަ ވަނީ ގޮށްޖެހިފައެވެ.
”ޒަވީން ނުކުރާ ކަމެއް. ނޫނީ އަހަރެން ބޭބެމެން ނުކުރާ ކަމެކޭ ކިޔާފައި އަހަރެން މަނާވެގެން ހުންނަންޖެހޭތަ؟ ޑޮކްޓަރުން ދައްކާ ވާހަކަ އަހަރެން ޤަބޫލެއް ނުކުރަން. ކުއްޖަކު ލިބޭނީ ކުއްޖަކު ހޯދަން ބޭނުންވެގެން މަސައްކަތް ކުރީމަ. އަހަރެން ބޭނުމެއް ނޫން ކުއްޖަކު. މި ޓޮޕިކަށް ވާހަކަ މިދައްކަނީ އަލަކަށް ނޫން. ކިތައް ފަހަރު ބުނެވިއްޖެ ކުއްޖަކު ބޭނުމެއް ނޫނޭ. އައި ފީލް އައި އެމް ސްޓިލް ޔަންގު ޓު ހޭވް އަ ކިޑް. ” ސުދާގެ ވާހަކަތަކުން ޒަވީންގެ ހިތުގައި ޖެހުނު ވަރު އެނގޭނީ ޒަވީންއަށެވެ. އަވަސް އަވަހަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ކަންފަތަށް އިވުނު ޖުމްލަތަކަކީ ދޮގަކަށް ވާނަމަ ކިހާ ރަނގަޅު ހެއްޔެވެ؟
” ސުދާއަށް ތައްޔާރުވާން ބޭނުންވަނީ ކިތައް އަހަރު؟ ހަތަރު އަހަރު ވެއްޖެ އަހަރެން ކުއްޖަކު ބޭނުމޭ ކިޔާތާ. ކައިވެނި ކޮށްގެން މިހެން ހުހަށް އުޅުމުގެ ބޭނުމެއް ނެތް. ސުދާ. އެންމެ ފަހަރަކު އަހަންނާއި ދޭތެރޭ ވިސްނާލަބަލަ. އަހަރެން ކުއްޖަކު ބޭނުންވާނެ އެއްނު. ސުދާ މަންމަ އަބަދުވެސް ދައްކަނީ މާމަ ކިޔާނެ ކުއްޖަކު ބޭނުން ވާހަކަ”
ސުދާ ފަސްއެނބުރި ޒަވީންގެ މޫނަށް ބަލާލިއެވެ. އެނދުގައި އުންޑުން އޮތްއިރު ޒަވީންގެ އެއް އަތް ވަނީ ލޯމަތީގައި ހުރަސްވެވިފައެވެ. ޒަވީން ނިދަނީ ކަމަށް ހީކޮށްފައި ސުދާ ތެދުވެ އަލަމާރި ހުޅުވާލިއެވެ. ސުދާގެ ނަޞީބު ރަނގަޅެވެ. ސިގިރެޓް ފޮއްޓެއް އަލަމާރީގައި އޮތުމުން ސިއްރުން މުށުތެރެއަށް ލައިގެން އަވަސް އަވަހަށް ގޮސް ފާޚާނާއަށް ވަނެވެ.
ދެލޯ މަރާ ބާރުކޮށްގެން އޮތް ޒަވީންއަށް ދެލޯ ހުޅުވާލެވުނީ ސިގިރެޓް ވަސް އޭނަގެ ނޭފަތުގައި ޖެހުމުންނެވެ. ޒަވީން ތެދުވެ އިށީނުމަށްފަހު ވިސްނާލިއެވެ. މި ވަގުތު ސުދާއަށް ވިސްނައިދިނުމުގެ ބަދަލުގައި ސުދާގެ މޫޑު ރަނގަޅުވެފައި ހުންނަ ވަގުތެއްގައި އެވާހަކަ ދެއްކުމަށް ފަސްކޮށްލާނަމޭ ހިތައި ގަމީސް ރަނގަޅު ކޮށްލައިގެން ޒަވީން ނިކުތީ ބޭރަށެވެ.
ޝާޔާ އަމިއްލަ މޭޒުގެ ވަތްގަނޑު ދަމާލާ ސުދާ ދީފައި ހުރި ފައިލްތަކާއި ޕްރެޒެންޓޭޝަން ސީޑީ ނެގިއެވެ. މޭޒުމަތީގައި އެ އެއްޗެހި ބެހެއްޓުމަށްފަހު ކޮންފަރެންސް ހޯލް ތައްޔާރުވެއްޖެތޯ ބަލާލަން ހިނގައިގަތެވެ.
ކޮންފަރެންސް ހޯލުގައި ސަލަފް ހުރީ ފޯނެއްގައެވެ. ޝާޔާ ފެނުމުން ފޯނު ތިރިކޮށްލާ އައުމަށް އިޝާރަތްކުރިއެވެ.
”ބައްދަލުވުމަށް އަންނަ މީހުން އެބައާދޭ. ޝާޔާ ގޮސް ފައިލުތައް ގެނެސްދީ.” ސަލަފް އަނެއްކާވެސް ފޯނު ކަންފަތުގައި ޖެހިއެވެ. ޝާޔާ އަވަހަށް އެ ހޯލުން ނިކުމެ މޭޒުމަތީގައި ބެހެއްޓި ފައިލާއި ސީޑީ ހިފައިގެން އައެވެ.
ވަށްމޭޒެއް ވަށައިގެން ޖަހާފައިވާ ބޮޑު ސްޕޮންޖު ގޮނޑިތަކުގައި އެންމެން އިށީނެވެ. ސަލަފްގެ ކައިރީގައި ހުރި ގޮނޑީގައި ޝާޔާއަށް އިށީނުމަށް އިޝާރަތް ކުރުމުން ޝާޔާ އިށީނެވެ. ފައިލުތައް ސަލަފްގެ ކައިރިއަށް ޖެއްސުމުން ބައްދަލުވުމަށް ހާޟިރުވި ބައިވެރިންނަށް ކޮށްފައިވާ މަސައްކަތްތައް ދައްކަން ފެށީ ސަލަފްއެވެ. އެންމެންގެ ފަރާތުން އިވުނީ ތައުރީފްގެ ބަސްތަކެވެ. މަސައްކަތުގެ ފުރިހަމަ ކަމާއި ކުރި މީހެއްގެ ޤާބިލުކަމަށެވެ.
”ޝާޔާ ސީޑީ އޮންކޮށްލަބަލަ.” ސަލަފް ބުނުމުން ޝާޔާ ތެދުވެ ސީޑީ އަޅުވައިފިއެވެ. ޕޮރެޖެކްޓަރުގެ އަލި އެޅިފައިވާ ފާރަށް ސަލަފްއަށް އިނދެވެނީ ފުރަގަސްދީގެންނެވެ. ސީޑީ ޕްލޭކޮށްލިކަމަށް ޝާޔާ ބުނުމުން ސަލަފް އެއިން ގޮތަށް އިނދެ ޕްރެޒެންޓް ކުރަން ފަށައިފިއެވެ. ހޯލްގައި ތިބި މީހުންގެ މޫނުމަތިން ފެންނަމުން ދިޔަ ތަފާތު ކުލަވަރުގެ ސަބަބުން ސަލަފް ވާހަކަ ދެއްކުން ހުއްޓާލިއެވެ. ދެން ފެނުނީ އެންމެން އެކުގައި ހީގެންތަނެވެ. ސަލަފް ފަހަތަށް އެނބުރި ބަލާލިއެވެ. އެއާއި އެކު ސަލަފްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޕްރެޒެންޓޭޝަންގެ ގޮތުގައި ދައްކަމުން ދިޔައީ އޭނާގެ ކުޑައިރުގެ ފޮޓޯތަކެކެވެ. ހުސްގަޔާ ހުރެ ރޮށިފަޅިއެއް ކަމުން ދިޔަ ފޮޓޯގަނޑަށްފަހު ދެން ފެނުނީ ފެންވަރަން ހުރި ފޮޓޯއެކެވެ. ކޮންމެ ގަނޑެއްގައިވެސް އިޝްތިހާރަކަށް ފުދޭވަރަށް ހެވިފައި ހުރި އިރު އަނގަ އެތެރެ ނުލާހިކު ހަޑިއެވެ. ސަލަފް ގޮނޑިން ތެދުވެ ޕްރެޒެންޓޭޝަން ނިއްވާލިއެވެ.
”ސަލަފް. މިއީ ކޮންކަމެއް؟ ޑިޒައިން ތަކެކޭ ކިޔާފައި ކޯއްޗެއް ތި ދެއްކީ؟” އެތަނުގައި އިން އެންމެ އިސްމީހާ ތެދުވެ އިނގިރޭސިބަހުން ބުނެލިއެވެ.
”އައި އެމް ސޮރީ ސާރ. އިޓް މައިޓް ބީ މިސްއަންޑަސްޓޭންޑިން.” ސަލަފް ކުށްވެރިއެއް ފަދައިން އިސްޖަހާލުމަށްފަހު އިސްއުފުލާ ޝާޔާގެ މޫނަށް ބަލާލިއިރު އެ ދެލޮލުގައި ފޭދެމުން ދިޔަ ކަރުނަތައް ޝާޔާއަށް ސިއްރެއް ނުވިއެވެ.
”އެސްކިއުޒްމީ. ޝާޔާ އާދެބަލަ.” ސަލަފް ހޯލުގެ ބޭރަށް އިޝާރަތްކުރުމުން ޝާޔާ ތެދުވެ އެދިމާލަށް ހިނގައިގަތެވެ. ޝާޔާ ޗެކުކޮށްފައި ބޭއްވި ސީޑީ ކުއްލިއަކަށް ބަދަލުވި ގޮތާއި މެދު ޝާޔާ ވިސްނަމުން ދިޔައެވެ. ސަލަފް ކޮންފަރަންސް ހޯލާއި ދުރަށް ގޮސް ޝާޔާ އާއި ދިމާލަށް އެނބުރުނު އިރު މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުންވުމުގެ އަސަރެވެ.
”ކޮންސަކަރާތެއް އެއީ. އަހަރެން ބުނިން ހުރިހާ ކަމެއް ޗެކުކުރާށޭ. އެވަރުގެ ކުޑަ ޒިންމާއެއް ނުނެގުން. ޝާޔާއަށް އެނގޭތަ އަހަރެން އެންމެން ތެރޭގައި ލަދުގެންވަރު. އަހަންނަށް ހާދަ މުހިއްމު ބައްދަލުވުމެކޭ މިއީ. އަހަރެންގެ ވިޔަފާރީގައި މިހާ ތަނަށް ނެގި އެންމެ ބޮޑި ޕުރޮޖެކްޓް މިއީ. ކޮބާ އޮރިޖިނަލް ސީޑީ.” ސަލަފް ރުޅި އައިކަން އެނގުމުން ޝާޔާ ހިތުގައި ޖެހި ފުރަތަމަ ދުވަހުވެސް އޭނަގެ ފަރުވާކުޑަކަން އެނގުމުން ދެރަވެއްޖެއެވެ. އިޚްތިޔާރަކާއި ނުލައި ލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް އެސްފިޔަތަކުގެ ތެރެއިން އޮހެންފެށިއެވެ. ޝާޔާ މޭޒާއި ދިމާލަށް ހިނގައިގަތުމުގެ ކުރިން ސަލަފްގެ މޫނަށް ބަލާލިއިރު ސަލަފްގެ މޫނުމަތިން ރުޅިވެރިކަން ފެންނަމުން ދިޔައެވެ.
”އަދިވެސް ރޮނީތަ؟ ހުއްޓާލާފައި އާދޭ ސީޑީ ހިފައިގެން. އަހަރެންގެ އިންތިޒާރުގައި އެމީހުން އެތިބީ.” ސަލަފްގެ އަޑު ބާރުވަމުން ދިޔައެވެ. ޝާޔާ ދެލޯ ފޮހެލަމުން އެނބުރި މޭޒުކައިރިއަށް އައިސް މޭޒުމަތި ބެލިއިރު ދެވަނަ ސީޑީއެއް ނެތެވެ. ޝާޔާ ގެންގުޅުނީ އެންމެ ސީޑީއެކެވެ. އެ ސިޑީ ބަދަލުވީ ކިހިނެއް ކަމެއް ނޭނގެއެވެ. ޝާޔާގެ ހިތް ނުބައި ގޮތަކަށް ތެޅެންފެށިއެވެ. އޭނާއަށް ކުރިމަތިވާނީ ކިހާވަރެއްގެ ތޫފާނަކާއި ކަމެއް ނޭނގެއެވެ. ސީޑީ ނުފެނުނު ވާހަކަ ބުނެފި ނަމަ ސަލަފް އޭނާ އޮފީހުންވެސް ބޭރުކޮށްލަފާނެއެވެ. ނުރޯން ހުއްޓައި ދެވަނަ ފަހަރަށްވެސް ރޮވިއްޖެއެވެ.
ސަލަފް އެދިމާލަށް އަންނަތަން ފެނި ޝާޔާ ދެލޯ ފޮހެލިއެވެ. އަދި ސީޑީ ހޯދަންފެށިއެވެ. ސަލަފް ދެ ޖީބަށް އަތްޖަހާލައިގެން ޝާޔާގެ މޫނަށް ބަލަހައްޓައިގެން ހުރެ ސީޑީ ނުފެނުނުހެން ހީވެގެން ކައިރިއަށް ޖެހިލިއެވެ.
”ނުފެނުން؟” ސަލަފް އަހާލިއެވެ. ޝާޔާ އަށް ދޭނެ ޖަވާބެއް ނޭނގުނެވެ.
(ނުނިމޭ)