twitterviber whatsapp telegramfacebookyoutube instagram
4th May 2024

ބުލީކުރުން: ވިސްނާނުލާ ދޫކޮށްލައިގެން ނުވާނެކަމެއް

Mar 4, 2013

ބުލީކުރުމަކީ ތަކުރާރުކޮށް ބަހުންނާއި އަމަލުން ބިރުދައްކާ ފާޑުކިޔާ ހެދުމެވެ. އަދި މިކަމަކީ އަޅުގަނޑުމެން ދިރިއުޅެމުން މިދާ މުޖުތަމައުގައި ވެސް އާއްމުވަމުން އަންނަ ދަށު ދަރަޖައިގެ އަމަލެކެވެ. ދުވާލެއްގެ މައްޗަށް އެތައް ކުދިންނެއް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބުލީގެ ޝިކާރައަކަށް ދަނީ ވަމުންނެވެ.  ކުއްޖާގެ ސިފަޔާއި ފެންވަރަށް ބަލާ ހަނގާ ކުރުން މިވަނީ އިންތިހާ ދަރަޖައަށް އިތުރުވެފައެވެ.

އަނެކުންގެ ގައިގާ ނުރުހުމުގެ ގޮތުން ވިކާލާ ވިކާލުމާ ހިސާބުން ފެށިގެން ތަޅާ، އަނިޔާކޮށް، މަލާމާތްކޮށް، މީހުންގެ ކުރިމަތީގައި ލަދުގަންނަވާލާ ހެދުމަކީވެސް ބުލީގެ ތެރޭގައި ގުނިދާނެ ކަންތައްތަކެވެ. އަދި މީގެ އިތުރުން ހިތްހަމަނުޖެހޭ “ވަނަން” ކިޔުމާއި ގްރޫޕެއްގެ ތެރެއިން އެކަހެރި ކުރުމާއި ތިމާ ކުރަން ބޭނުން ނުވާ ކަންތައްތައް ކުރުމަށް މަޖުބޫރުކުރުމާއި، މީހެއްގެ އަބުރަށް ހުތުރުވާގޮތަށް ދޮގު ހަބަރު ފެތުރުމަކީވެސް ބުލީކުރުމުގެ ތެރޭގައި ހިމެނިދާނެ ކަންކަމެވެ.

ހަސަދަވެރިކަމުގެ ސަބަބުންނާއި އަނެކުން ދަށްކޮށްލާ ލަދުގަންނަވާލުމަށްޓަކައި ކުރާ މިފަދަ އަމަލަކުން ހަޤީގަތުގައި ދައްކުވައިދެނީ އެމީހެއްގެ ނާތަހުޒީބު ކަމެވެ. ބުލީގެ ޝިކާރައަކަށް ތިމާ ވެފައިވާނަމަ ނުވަތަ ވަމުން ދާނަމަ ހަނދާން ކުރަންވީ ކަމަކީ އެކަން ސިއްރު ނުކުރުމަށެވެ. ބުލީ ކުރާމީހެއްގެ ވާހަކަތަކާއި އަމަލުތައް ތިމާއަށް އިތުބާރު ކުރެވޭ ފަރާތަކަށް ކިޔައިދިނުމަކީ މުހިއްމު ކަމެކެވެ. ބުލީ ކުރާ މީހާ ތިމާއަކީ ބޭކާރު ނުވަތަ ދަށް މީހެއްކަމަށް ބުނިކަމުގައި ވިޔަސް ތިމާ އިލްޒާމު ނުނަގާށެވެ. ތިމާއަކީ އަނެކާ ބުނާވަރަށްވުރެ ކުޅަދާނަ، ކެރޭ މީހެއްކަމަށް ޤަބޫލުކުރާށެވެ.

ބުލީ ކުރާމީހެއްނަމަ ބޭނުންވާނީ ތިމާގެ އިހްސާސްތައް އޭނާގެ ބާރުގެ ދަށަށްގެންނާށެވެ. އެހެންކަމުން ނުހުރުންތެރިކަން ފާޅުނުކޮށް އެމީހުންނާއި ދުރަށްދެވޭތޯ މަސައްކަތްކުރާށެވެ. އެމީހުންގެ މާހައުލާއި ދުރަށް ނުދެވޭނެ ކަމަށް ޤަބޫލުކުރެވޭނަމަ އެމީހުންގެ ވާހަކަތަކުން ތިމާއަށް މާބޮޑު އަސަރެއް ނުކުރާ ކަން ދައްކާށެވެ. އެހެން ނަމަވެސް ތިމާގެ ހަށިގަނޑަށް ގެއްލުންލިބޭ ގޮތަށް އެމީހުންގެ އަމަލުތައް ހުންނަކަމަށްވާނަމަ ބުލީގެ އެމައްސަލަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަށް އަވަސްވެލާށެވެ.

ރިޕޯޓުކުރުމަށްފަހު އެދެވޭ ހައްލެއް ލިބެންދެން ތިމާގެ ވިސްނުން ބަދަލުކޮށްލާށެވެ. ތިމާގެ ކިބައިގައި ހުރި އެދެވޭ ސިފަތަކާއި ހުނަރުތައް ހިތަށްގެނެ އަމިއްލައަށް ތިމާއާއިމެދު ޔަޤީންކަން އިތުރުކުރާށެވެ. ނަފްސާނީގޮތުން ތިމާ ދެރަވާ ކޮންމެ ފަހަރަކު މިގޮތަށް އަމަލުކުރާށެވެ. ތިމާގެ ކައިރީ އުޅޭ މީހުން ބުލީ ކުރާނަމަ އައު ރަހުމަތްތެރިން ހޯދާށެވެ. ކަންކަމުގައި ހިތްވަރުދީ އެހީތެރިވެދޭނެ، ވާހަކަތައް ހިއްސާ ކުރެވޭނެ ރަހުމަތްތެރިންނަކީ އެފަދަ ދަނޑިވަޅެއްގައި ވަރަށް މުހިއްމު ބައެކެވެ.

ހަޤީގަތުގައި ބުލީކުރާ ކުދިން ދެނެގަންނަން މާއުނދަގުލެއްނުވާނެއެވެ. ހިތާމައަކީ މަދުން ނަމަވެސް ކުއްޖާގެ ބެލެނިވެރިޔާއަށް މިކަން ޤަބޫލުކުރަން އުނދަގޫވުމެވެ. ދިރާސާތަކުން ދައްކާގޮތުން އާދަވެގެން ޒުވާބު ކުރާނަމަ، ނުވަތަ ހަމަނުޖެހުން ހިންގާ ތިމާ ކުރާ ގޯސް ކަންތައްތަކުގެ އިލްޒާމު އަނެކުންގެ ބޮލުގައި އަޅުވާނަމަ އެކުއްޖާ އަކީ ބުލީކުރާ ކުއްޖަކަށްވުން ގާތެވެ. އަދި މިފަދަ ކުދިން ބުލީ ކުރާ މީހުންނާއި އެކުގައި އުޅުމާއި، ނާޖާއިޒް ގޮތެއްގައި ހޯދާ ފައިސާ ގިނަވުމާއި، ކޮންމެވެސް ގޮތަކުން ނަމަވެސް ކަމެއްގެ ކުރިހޯދަން މަސައްކަތް ކުރާނެއެވެ

ތިމާގެ ދަރިފުޅަކީ ބުލީގެ ޝިކާރައަކަށް ވިޔަ ނުދިނުމަށް ދަރިފުޅުގެ ދިރިއުޅުމަށް އަންނަ ކުދިކުދި ބަދަލުތައް ދެނެގަތުން މުހިއްމެވެ. ތިމާގެ ދަރިފުޅު ގިނަވަގުތު އުޅޭ ވެށީގައި ދިރިއުޅޭ މީހުން އެނގެން ޖެހެއެވެ. ހަށިގަނޑަށް އަންނާނެ ބަދަލުތަކާއި މިފަދަ އެހެންވެސް މުހިއްމު މައުލޫމާތުތައް ދެވިފައި އޮންނަން ޖެހެއެވެ.

ނޯޓް: ލިޔުމުގައި ހިމަނާލާފައިވާ މަޢުލޫމާތު ތަކަކީ އިންޓަނެޓްގައި ޝާއިއު ކުރެވިފައިވާ އެކިއެކި ހެލްތުގައިޑްތަކުން ނަގާފައިވާ މަޢުލޫމާތެވެ.

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355