twitterviber whatsapp telegramfacebookyoutube instagram
23rd November 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (5)

Mar 5, 2013

ފެބްރުއަރީ 26 ވަނަ ދުވަހުގެ ބަޔާގުޅޭ

ޝާޔާ އިސްއުފުލާ ބަލާލިއެވެ. ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިފަހައްޓާލަމުން އެއްޗެއް ބުނަން މަސައްކަތް ކުރިއެވެ. ތުންފަތަށް ގެނެވުނީ ތުރުތުރެއް ކަހަލަ ހަރަކާތެކެވެ. އަރު ބެދޭގޮތްވުމުން އަޑެއް ނުނިކުތެވެ. ސަލަފް ތަކުރާރުކޮށް ސީޑީ ފެނުނުހޭ އެހުމުންވެސް ޝާޔާގެ ފަރާތުން ޖަވާބެއް ނައުމުން ރުޅި ގަދަވިއެވެ.

“ޖަވާބެއް ދޭންވެއްޖެއެއްނު. ޝާޔާ ރޮއި ނިމޭނެ އިރެއްވަންދެން އަހަންނަށް މިތަނަކު މަޑެއް ނުކުރެވޭނެ.” ސަލަފްގެ އަޑު ބާރުވަމުން ގޮސް އައި ރުޅީގައި މުށްކަވާފައި ޝާޔާގެ މޭޒުމަތީގައި ޖެހި އެވެ.

އެއަޑަށް ޝާޔާ ސިހިފައި ސަލަފްގެ މޫނަށް ބަލާލެވުނެވެ. ލޯތެރޭ ޖަމާވެފައި ހުރި އެތައް ހާސް ކަރުނަ ތިކިތަކެއް ބަންޑުންވީ އެސްފިޔަ ޖަހާލުމާއެކު ގައެވެ. ޝާޔާގެ ދެލޯ ފުރިބަންޑުންވަމުން ދިޔަ ކަރުނަތައް ފެނި ސަލަފްގެ ރުޅި ފިނިވީ ކީއްވެކަމެއް ނޭނގެއެވެ. ކުއްލިއަކަށް އޭނާގެ ހިތުގައި ޝާޔާއަށް ހަމްދަރުދީ އުފެދުނެވެ.

“ޝާޔާ އަތުން ސީޑީ ގެއްލުނެއް ކަމަކު އަހަރެން ރުޅިއެއް ނާންނާނަން، މީޓީން ފެށުމުގެ ކުރިން އަހަރެން ކައިރީ ބުނެލިނަމަ އެހެންގޮތެއްވެސް ހެދޭނެ ކަންނޭނގެ. ޝާޔާ. ހަމަޖެހިފައި މިތަނުގައި އިށީދޭ. އަހަރެން ގޮތެއް ހަދާނަން.” ސަލަފްގެ ހިތް ކަފަކޮޅަކަށްވުރެ މަޑުވެގެން ދިޔައެވެ. އަދި ޝާޔާ އަތުގައި ހިފާ ގޮނޑީގައި ބޭންދުމަށްފަހު ކޮންފަރެންސް ހޯލަށް ވަނެވެ.

ސަލަފް ކޮންފަރެންސް ހޯލަށް ވަދެ ޕްރެޒެންޓޭޝަން މެދު ކެނޑުނުކަމަށް މަޢާފަށް އެދިފައި ދެވަނަ ބައްދަލުވުމުގައި ޕްރެޒެންޓޭޝަންތައް ދައްކާނެ ކަމުގެ ޔަޤީންކަން ދިނެވެ. ބައްދަލުވުމުގެ ބައެއް މީހުން ހިތްހަމަ ނުޖެހުނަސް ހުރިހާ ކަމެއް ހަމަޖެހިގެން ދިޔައެވެ. .ބައްދަލުވުން ނިމި އެމީހުން ދިއުމުން ސަލަފް ޝާޔާއަށް ގޮވާފައި ދިޔައީ ކެބިން އަށެވެ.

“އުއްމީދު ކުރަން މިކަހަލަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ވެގެން ނުދާނެކަމަށް. މަސައްކަތަށް ފަރުވާކުޑަކުރުން އެއީ އަހަރެން އެންމެ ނުރުހުންވާ ސަބަބު. ފަރުވާކުޑަކޮށްފި ނަމަ އަހަރެންގެ މުވައްޒަފުންނަށް ދެވަނަ ފުރުޞަތެއް ނުދެން. އެކަމަކު ޝާޔާއަށް މި ދިނީ. މިއީ އެންމެ ފުރަތަމަ އަދި އެންމެ ފަހު ފުރުޞަތު.” ޝާޔާއަށް އެއް ފުރުޞަތު ދިންކަމަށްޓަކައި ހިތާއި ހިތުން ޝުކުރު އަދާކުރެވުނެވެ.

ސަލަފްގެ ކުރިމަތީ އެންމެ ލަފްޒެއް ބުނަން ވެސް އޭނަގެ ދޫ ޙަރަކާތެއް ނުކުރެއެވެ. ސަލަފް ކެބިންގައި ޓަކި ޖަހާލުމަށްފަހު ޒަވީން އެތެރެއަށް ވަދެގެން އައުމުން ސަލަފް އިޝާރާތުން އެތަނުގައި ހުރި ހުސްގޮނޑީގައި އިށީނުމަށް އެދުނެވެ.

“ޒަވީން. އިއްޔެ ސުދާ ތައްޔާރު ކުރި ކަހަލަ ދެވަނަ ސީޑީއެއް ތައްޔާރު ކޮށްދޭންވެއްޖެ. ސުދާގެ އަތުގައި ކުރީގެ ކޮޕީތައް ހުންނާނެ ކަންނޭނގެ. ދެދުވަހުގެ މުއްދަތު ތެރޭގައި އަހަރެމެން މަހެއް ތެރޭގައި ނިންމި މަސައްކަތް ކުރަން ޖެހޭނެ.“ ޒަވީންއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ،

“ކުރީގެ ސީޑީއަށް ކިހިނެއްވީ؟” ޒަވީން އެއްފަހަރު ޝާޔާގެ މޫނަށް އަނެއް ފަހަރު ސަލަފްގެ މޫނަށް ބަލާލިއެވެ.

“ނުފެނިގެން މިއުޅެނީ، ޒަވީންއަށް ހަވާލުކުރި މަސައްކަތަށް އެހީވާން ޝާޔާ ހުންނާނެ.“ ސަލަފް ޒަވީންއަށް ހަވާލުކުރި މަސައްކަތް ފަށަން ޒަވީން ބޭނުންވީ އެވަގުތުން ފެށިގެންނެވެ.

ޒަވީން އާއި ސަލަފްގެ ދެމެދުގައި ވާހަކަތައް ބަދަލުކުރެވެމުން ދިޔަ ވަގުތުގައި ޝާޔާ އެތަނުގައި އިނީ ވިސްނުމެއްގަ އެވެ. ޝާޔާގެ ސިކުނޑީގައި އުފެދެމުން ދިޔަ ސުވާލުތަކަށް ޖަވާބު ލިބޭ ގޮތެއް ނުވި އެވެ.

“ޝާޔާ. މާދަމާ ޒަވީންއާ އެކު މަސައްކަތް ނިންމަން ވާނެ އިނގޭ. ދެން އެންމެ ރަނގަޅު މިރޭ ދިޔަސް.” ސަލަފް ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކު ގައެވެ.

ޝާޔާ ސަލަފްގެ މޫނަށް ބަލާލީ ހައިރާންވެ އިނދެ އެވެ. އެންމެ އިންސާނެއްގެ ފަރާތުން އެތައް ސިފައެއް ފެންނަމުން ދާތީ އެއީ ކޮންކަހަލަ މީހެއްކަން ނަގައިގަންނަން އުދަނގޫވި އެވެ. ރުޅި އައިސް ހުންނައިރު ރުޅި ކޮންޓްރޯލް ނުވާނެހެން ހީވެއެވެ. މަޑުމައިތިރިވެފައިވާ އިރު ރުޅި އަކީ ދަންނަ އެއްޗެއް ނޫންހެން ހީވެއެވެ. އެހީތެރިވުމުގެ ގޮތުން ބަލާނަމަ ސަލަފް އަކީ އެއްވަނަ ދޭވަރުގެ ހެޔޮ އިންސާނެކެވެ. އެކަނި ވިސްނަމުން ހުރެ ކެބިން އިން ނިކުމެ ތަންކޮޅަކަށް ދެވުނު ތަނާ ޒަވީން ޝާޔާއަށް ގޮވާލި އެވެ.

“ޝާޔާ އޮފީހުން ދިޔައިރު ސީޑީ އޮންނާނެކަން ޔަޤީންތަ؟ ނޫނީ ސުދާ ޝާޔާގެ އަތަށް ސީޑީ ނުދެނީތަ؟” ޒަވީން ގެ މޫނަށް ޝާޔާ ބަލާލި އެވެ.

“ނޫން. ސުދާ ސީޑީ ދިންފަހުން އަހަރެން ޗެކު ކުރިން. ރޭގަނޑު އައިސް ސީޑި ނެގިން. ކޮންފަރެންސް ހޯލު ތައްޔާރުތޯ ބަލަން އަހަރެން ދިޔައީ ސީޑީ ފައިލު މަތީ ބާއްވާފައި. ސުދާ ދިން ސީޑީގައި ނަން ޖަހާފައި އޮތް. މި ސީޑީ އަކީ ޕްލޭން ސީޑީއެއް. ކޮންފަރެންސް ހޯލު ބަލާފައި ދެން އާއިރު ބަދަލުވެފައި އޮތްކަމެއް ނޭނގޭ. އެވަރަކަށް ނުބަލަން. އިތުރު މީހަކު އޮފީހަކު ނެތް.” ޝާޔާ ވިސްނާލިއެވެ. ވީކަމެއް ހިނގީ އެ ވަގުތުކޮޅުގެ ތެރޭގައި ކަމާއި މެދު ޝައްކެއް ނެތެވެ.

“ޔަޤީންތަ އިތުރު މީހަކު ނެތްކަން؟” ޒަވީން އެކަމަށް ޝައުޤުވެރިވި އެވެ.

“ސަލަފް ނޫން އިތުރު މީހަކު ނެތް” ޝާޔާ ހިތުގައި އުފެދޭ ސުވާލު ދިޔައީ ގިނަވަމުންނެވެ.

“ވަރަށް ހެއްވާކަމެއް. އިތުރު މީހަކު ނެތި ސީޑީ ބަދަލުވުން. މީހެއްގެ އެހީއަކާ ނުލާ ބަދަލެއް ނުވާނެކަން އަހަންނަށް އެނގޭ އެއްޗަކީ ނޫންތަ؟” ޒަވީން ވިސްނިއެވެ.

“ނޭނގެ. ތިއަށް އެއްޗެއް ބުނާކަށް.” ޝާޔާ އެވާހަކަ ކުރުކޮށްލަން ބޭނުންވިއެވެ. ގެއަށް ދާން ލަސްވަނީކަމުގައި ބުނެ ގެއަށް ދާން ނިކުތެވެ.

ސަލަފް ކެބިންގައި އެކަނި މާއެކަނި އިދެ ވިސްނަމުން ދިޔައެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ޝާޔާއާ ދޭތެރޭ ޚާއްސަ ގޮތެއް ގެންގުޅެވެނީ ކީއްވެކަމެއް ނޭނގެއެވެ. ކުޑަ ވަގުތުކޮޅަކަށް ޝާޔާ ދެކެ ރުޅި އާދެވުނީތީ އަމިއްލަ ނަފްސު ކުށްވެރިކުރަން ފެށުނެވެ. އަމިއްލަ ޒަމީރު މަލާމާތްކުރާހެން ހީވާންފެށި އެވެ. ޝާޔާ ރޯތަން ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތަށް އެ މަންޒަރު ބަލަން ކެއްނުވަނީ ކީއްވެކަމެއް ނޭނގެއެވެ. ޝާޔާގެ ކިބައިން މަޢާފަށް އެދެން އެ ހިތް ގޮވަންފެށި އެވެ.

“ނޫން. އަހަރެން އެ އަންހެން ކުއްޖާގެ ކިބައިން މަޢާފަކަށް ނޭދޭނަން. އަހަރެން އޭނަ ދެކެ ރުޅި އަންނަން ހައްގު.” ސަލަފްގެ ސިކުނޑި މަސައްކަތް ކުރަމުން ދިޔައީ ހިތަށް ވިސްނައިދެވޭތޯ އެވެ. އެތައް ޚިޔާލަކުން ސަލަފްގެ ހިތް މަސްހުނިވަމުން ގޮސް ގޮނޑީގައި ލެނގިލައި ދެލޯ މަރާލުމުން ފެނުނީ ޝާޔާގެ ސޫރައެވެ. ކުއްލިއަކަށް އޭނާއަށް ދެލޯ ހުޅުވާލެވުނެވެ. އޭނާއަށް މިވަނީ ކިހިނެއް ހެއްޔެވެ؟

ޝާޔާ ގެއަށް ގޮސް ނިދޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ދެލޯ މަރާ ބާރުކޮށްގެން އޮތް ނަމަވެސް މިރޭ ނިދި ވަނީ ބީރައްޓެހިވެފަ އެވެ. އޮފީހުގައި ހިނގާ ދިޔަ ކަންތައް މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރާ ވަރަކަށް ހަނދާންވަނީ އެވެ. ސަލަފްގެ ރުޅިވެރި މޫނު ހިތަށް ސިފަވަނީ އެވެ. އެތައް އިރެއްގެ ހަނގުރާމަތަކަކަށްފަހު ޝާޔާއަށް ނިދެމުން ދިޔައެވެ. އެސްފިޔަތަކަށް ބަރުވާގޮތްވެ ނިދީގެ މާލަމަށް ދަތުރު ކުރެވެމުން ދިޔައެވެ.

އިންސާނަކަށް ހިލަމެއް ނުވާހާ މަޑުން ޝާޔާއަށް ކޮޓަރީގެ ދޮރު ހުޅުވުނު ތަން ފެނެއެވެ. އީރާ ސިއްރުން ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެ ޝާޔާއަށް ނިދިފައި އޮތްތޯ ޔަޤީންކުރުމަށްފަހު މިސްރާބުޖެހީ އަލަމާރި އާއި ދިމާލަށެވެ. ތަރުތީބުން ފަތްޖަހާފައިވާ ހެދުންތައް ހާވަމުން ގޮސް އަލަމާރި އެފުށް މިފުށަށް ޖަހައިފި އެވެ. އީރާގެ ހަރަކާތްތައް އަވަސްވެފައިވުމުން ހީވަނީ އެއްޗެއް ހޯދަނީހެންނެވެ.

“ޔެސް” އީރާގެ މޫނުމަތި އުޖާލާވެގެން ދިޔައީ ހެދުންތަކުގެ އަޑީގައި ފޮރުވާފައި އޮތް ދެހާސް ރުފިޔާ ފެނުމުންނެވެ.

އެއީ އަނީސާގެ މުސާރައަށް ލިބިފައި ހުރި ފައިސާގެ ތެރެއިން ޚަރަދު ނުކޮށް ފޮރުވާފައި ހުރި ފައިސާ އެވެ. ސަލަފްގެ އެހީގައި ބޭސްފަރުވާގެ ހުރިހާ ކަމެއް ހަމަޖެހުމުން ރައްކާކުރާނެ ފުރުޞަތު ލިބުނީ އެވެ. އީރާ އަށް ލިބުނު އުފަލާއެކު އަވަހަށް ކޮޓަރިން ނިކުމެގެން ދިޔައީ އަލަމާރީގެ ދޮރު ހުޅުވާފައި ބަހައްޓާފައެވެ.

އިރުގެ ދޯދިތަކުން މުޅި ފަޒާ ރަންވެގެން ދިޔައެވެ. ފަތިހުގެ ފިނިކަމުގެ މައްޗަށް އިރުގެ ހޫނުކަން ކުރި ހޯދާ އާދުވަހަކަށް އިއުލާން ކުރަމުން ދިޔައެވެ. ނިދިފައި އޮތް ޝާޔާއަށް ހޭލެވުނީ ފޯނު އެލާމް އަޅާލުމުންނެވެ. އެލާމް ނިއްވާލުމަށްފަހު ތެދުވެ ކަންނެތް ގޮތަކަށް މޯޅިއަކަށް ދެމިލަމުން ދެލޯ ހުޅުވާލުމާއެކު އަލަމާރީގެ ދޮރުފަތް ހުޅުވިފައި ހުރިތަން ފެނި އެނދުން ތެދުވެވުނީ ކިހިނެއްކަމެއް ނޭނގެއެވެ. ކޮޓަރީގެ ޓައިލްސް މަތީގައި ބައެއް ހެދުންތައް ހުރުމުން ޝާޔާއަށް ފުރަތަމަ ބަލައިލެވުނީ ފޮރުވާފައި އޮތް ފައިސާކޮޅު ހުރިތޯ އެވެ.

“މަންމާ.” ބަދިގޭގައި ހުރި އަނީސާގެ ކަންފަތުގައި ޝާޔާގެ އަޑު ޖެހުމާއެކު ޝާޔާގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހި އެވެ.

“ކިހިނެއްވީ؟” އަނީސާ އެކޮޓަރި ތެރެއަށް ވަންނަމުން އަހާލިއިރު ޝާޔާ އަލަމާރިތެރެ ބަލަމުން ދިޔައެވެ.

”އަހަންނަކަށް ނުފެނުނު… މަންމާ… ރޭގެ މިގެއަށް ވަގަކު ވަނީކަންނޭނގެ.” ޝާޔާ އިސްއުފުލާ ބަލާލިއިރު އަނީސާގެ ފަހަތުގައި އީރާ ހުއްޓެނީ އެވެ.

“ވަގަކު ވަންނާނީ ކިހިނެއް؟ ޝާޔާ ނިދުމުގެ ކުރިން ދޮރުތައް ތަޅުނުލަނީތަ؟” އަނީސާ ޝާޔާގެ ކައިރިއަށް ޖެހި ހޯދައިދޭންފެށި އެވެ. ރޭގަ ނިދަން ވަދެ ދޮރުތައް ތަޅުލެވުނު ހަނދާނެއްނެތެވެ. ހާސްވެފައި ހުރުމުން ބެލީ ނިދޭތޯއެވެ.

“ވަރަށް ދެރަ. ދަރިފުޅު ކަންބޮޑުނުވޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ހަމަޖެހޭނެ. ދޭ ފެންވަރަން. އޮފީހަށް ދާން ލަސްވަނީނު. އީރާ އާދޭ މަންމަ އާއެކު މިތަން ތަރުތީބު ކޮށްދޭން” އަނީސާ ފަސްއެނބުރި ބަލާލިއިރު އީރާގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔައެވެ.

“އީރާ. އާދެބަލަ މިކޮޅަށް. ދަރިފުޅަށް ކިހިނެއްވީ؟” އަނީސާ ވަރަށް ލޯބިން އީރާގެ އަތުގައި ހިފާލި އެވެ.

“ކަމެއް ނުވޭ. މަންމާ. އަހަރެން މިތަން ތަރުތީބު ކޮށްފާނަން. މަންމަ ދޭ ބަދިގެއަށް.” އަނީސާ ފޮނުވާލުމަށްފަހު އީރާ އެތަން ތަރުތީބު ކުރަން ފެށިއެވެ. އަނީސާ ކޮޓަރިން ނިކުންނަން ހަދާފައި އީރާގެ މޫނަށް ބަލާލިއެވެ. މިއަދު އީރާ ތަފާތުހެން ހީވަނީ ކީއްބެވާއޭ ހިތަށް އަރަމުން ދިޔައެވެ.

އޮފީހަށް ވަދެ ޝާޔާ ކުރަންވީ މަސައްކަތް އޮޅުން ފިލުވުމަށް ސަލަފްގެ ކެބިންއަށް ވަތްއިރު ސަލަފް އާއި ޒަވީން ތިބީ ވިޔަފާރީގެ މަޝްވަރާއެއްގައެވެ. ޝާޔާ ކައިރީ އަންނާށޭ ބުނެ ސަލަފް ޒަވީން އާއި ދައްކަމުން ދިޔަ ވާހަކަ މެދު ކަނޑާލިއެވެ. އިރުކޮޅަކަށް ޒަވީން އެތަނުން ނިކުތީ ކުއްލިއަކަށް އެއްޗެއް ހަނދާން ވެގެންނެވެ. ރޭގައި ހިނގާ ދިޔަކަންތައް މަތިން ސަލަފް އާއި ޝާޔާ ހަނދާން ނެތުނު ކަމުގައިވިއަސް ޒަވީން ހަނދާން އެބަހުއްޓެވެ.

“އާދިލް. އަހަންނަށް ކުޑަ ވަގުތުކޮޅަކަށް ތި ކޮންޕިއުޓަރު ދީބަލަ.” ޒަވީން އާދިލްގެ މޭޒުކައިރީ ހުއްޓެމުން ބުނެލިއެވެ. އާދިލް ގެ ކޮންޕިއުޓަރަކީ އޮފީހުގެ ހުރިހާ ސީސީ ކެމެރާތައް ގުޅާފައި ހުންނަ ކޮންޕިއުޓަރެވެ. އާދިލް ގޮނޑިން ތެދުވަމުން ޒަވީންގެ މޫނަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.

“އެއްޗެއް ބަލާލަން. އާދިލް. އަހަންނަށް މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްތައް ގެނެސްދީބަލަ.” ޒަވީން ބޭނުންވީ އާދިލް އެތަނުން ފޮނުވާލާށެވެ.

ރިޕޯޓްތައް ހޯދަން ވެއްޖެނަމަ ދާންޖެހޭނީ ސްޓޯރަށް ކަން އެނގޭތީ އާދިލް އެތަނަށް ގޮސް އަންނަން ވާއިރަށް ޒަވީންއަށް މަސައްކަތް ނިންމާލެވޭނެ އެވެ. އާދިލް ސްޓޯރާ ދިމާލަށް ހިނގައިގަތުމުން ޒަވީން ކޮންޕިއުޓަރ ބަލަން ފެށިއެވެ.

ރޭގެ އިރުއޮއްސި ހަޔަކުން ފެށިގެން ރިކޯޑްވެފައިވާ ރިކޯޑިންތައް ބަލަމުން ދަނިކޮން ޒަވީންއަށް ބޭނުންވި ވީޑިއޯ ކޮޅު ފެނުނެވެ. ވީޑިޔޯތައް ބަލަން ފެށުމުން ޒަވީން އަށް ކަން ހިނގާ ދިޔަ ގޮތް ސާފުވިއެވެ. އެއާއެކު ހިތުގައި ފުނިޖެހުނު ސުވާލުވެސް ގިނަވި އެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355