ފަރުވާތެރިކަމާއެކު އާއިލާއެއް ބެލެހެއްޓުމަކީ ފަސޭހަކަމެއް ނޫނެވެ. ވަކިން ހާއްސަގޮތެއްގައި އެނދުމަތި ކުރެވިފައިވާ ބަލިމީހާއަށް ހޭހަން ކުރުމުގައި ތަކުލީފުތަކެއް އެކުލެވޭ ވާހަކަ އަޅުގަނޑުމެން އަހަނީ މަދެއްކޮށެއް ނޫނެވެ. މިގޮތުން ވާބައްޔާއި، ހިތާއި ފުއްޕާމޭ އަދި ގުރުދާ (ކިޑްނީ)ގެ ބައްޔެއްގެ ސަބަބުން ނުވަތަ އޮޕަރޭޝަނެއްގެ ސަބަބުން ގިނަ ދުވަސްތަކެއް އެނދުމަތީގައި ހޭދަކުރަންޖެހޭ ބަލިމީހުންނަކީ އެހެން ބައެއްގެ ލޯތްބާއި އަޅާލުން އިންތިހާއަށް ބޭނުންވާނޭ މީހުންނެވެ. މިފަދަ ބަލިމީހަކާއި ބައްދަލުވެ އެހީތެރިކަން ދޭން ޖެހިއްޖެ ދަނޑިވަޅެއްގައި ތިރީގައި މިހިމަނާލާ ކަންތައްތަކަށް ފަރުވާތެރިވާށެވެ.
ބަލިމީހާ ދެނެގަތުން
ބަލިމީހާއަކީ ކާކުކަން ދެނެގަތުމަކީ އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމެވެ. މިގޮތުން ބަލިމީހާގެ ޒަރޫރަތްތަކަށް ބަލައި ބޭހާއި ކާނާ ދޭން ޖެހޭ ގަޑިތައް ފާހަގަ ވާނޭހެން ތާވަލެއް ތައްޔާރުކުރާށެވެ. މިތާވަލުގައި ފެންވެރުވުމާއި މުނިފޫހި ފިލުވުމުގެ ގޮތުން ކުރާނެ ކަންތައްތައްވެސް ހިމަނާލާށެވެ. މިކަމުގެ ސަބަބުން ބަލިމީހާއަކީ މުހިއްމު އަދި ބޭނުންތެރި މީހެއްކަން އިހުސާސް ކުރެވޭނެއެވެ.
ތަޖުރިބާކާރެއްގެ އެހީތެރިކަން ހޯދުން
ތިމާއަކީ ފޯރުންތެރިމީހެއް ކަމުގައިވެ، ބަޖެޓު ތަންދޭނަމަ ކަނޑައެޅިފައިވާ ވަކި ގަޑިތަކެއްގައި ބަލިމީހާ ބެލެހެއްޓުމަށް ނަރުހެއް ހޯދުމަކީ ހަމަ އެންމެ އެދެވިގެންވާ ކަމެކެވެ. އަދި މިއީ މިކަމުގެ ސަބަބުން ތިމާ ކުރަންޖެހޭ މަސައްކަތްތައް ކޮށް އަމިއްލަ ނަފްސަށްޓަކާ ވަގުތުހުސްކުރެވޭނެ ކަމެއްވެސް މެއެވެ. އެހެންނަމަވެސް ހިތާމައަކީ މިގޮތަށް މަސައްކަތް ކުރާނެ އިތުރު ފަރާތެއް ހޯދާ ގިނަ މީހުން ބަލިމީހާއާއި މެދު އިތުރު ސަމާލުކަމެއް ނުދޭކަމެވެ.
ބަލިމީހާއަށް އެކަށީގެންވާ ކޮޓަރިއެއް ހަމަޖެއްސުން
މިފަދަ ބަލިމީހުން ގިނަވަގުތު ހޭދަކުރާނީ އެމީހުންނަށް ޚާއްސަކުރެވިފައިވާ ކޮޓަރިގައެވެ. އެހެން ކަމުން އެތަނުގެ އައްޔާއި ވައިބޭރުކުރުމުގެ އިންތިޒާމް ރަނގަޅަށް ހަމަޖެހިފައި ހުންނަންވާނެއެވެ. އަދި ފާހާނާ އަށް ފަސޭހައިން ވަދެވޭގޮތަށް ކޮޓަރީގައި ތަކެތި ބެހެއްޓުމަކީވެސް މުހިއްމު ކަމެކެވެ.
ސާފުތާހިރު ކަމަށް ސަމާލުކަންދިނުން
ބަލިމީހާ ބެލެހެއްޓުމުގައި ތިމާއާއި ބަލިމީހާގެ ސާފުތާހިރު ކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ވާނެއެވެ. އެނދުމަތިކޮށްފައިވާ ބަލިމީހާއަށް ކޮންމެ ދުވަހަކު ފެންވެރުވުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. އެހެން ނަމަވެސް ދަތްތަކާއި ނަޖިސް ނުކުންނަ ދޮރުތައް ފަރުވާތެރިކަމާއެކު ޤަވާއިދުން ސާފުކުރަންވާނެ އެވެ.
ބެޑް ޝީޓުތައްޤަވާއިދުން ބަދަލުކުރުން
އާންމު ފަރާތް ތަކާއި ޚިލާފަށް އެނދުމަތި ކުރެވިފައިވާ ބަލިމީހާގެ ބެޑް ޝީޓަކީ ވަރަށް އަވަހަށް ނުތާހިރު ވާނޭ އެއްޗެކެވެ. އެހެނީ އެފަރާތްތަކުގެ ކާތަކެއްޗާއި އިސްތަށި އަދި ހަމުގެ އެތިކޮޅުތައްވެސް ބެޑްޝީޓުގައި ހޭކިފައި ހުންނާނެއެވެ. އެހެންކަމުން މާގިނަ ދުވަސްނުކޮށް ބާލީހު އުރައާއި، ބެޑްޝީޓު ބަދަލުކުރުމަކީ ސިއްހީގޮތުން ރައްކާތެރި ކަމެކެވެ.
ބަލިމީހާއަށް ރަނގަޅު ކާނާ ކާންދިނުން
ބަލި ބޮޑުވެ އެނދުމަތިކުރެވިފައިވާ މީހާގެ ކެއުމުގެ ބާވަތް ތަކަކީވެސް އެހެންމީހުންނާއި ތަފާތު އެއްޗެއްސެވެ. މިގޮތުން ބައެއް މީހުންނަށް ހަވާދުލީ ކުޅި އެއްޗެހި ނުކެވުން ގާތެވެ. އެހެން ކަމުން ޑަކްޓަރުގެ ލަފާގެ މަތިން ކެއުމުގެ އާދަތައް ބަލަހައްޓައިދިނުން މުހިއްމެވެ. އަދި މަދުމަދުން އަވަސް އަވަހަށް ކާންދިނުމަކީވެސް ކުރެވިދާނެ ކަމެކެވެ.
ކަސްރަތުކުރުވުން
އަބަދު އެއްތަނެއްގައި އޮށޯވެ އޮތުމަކީ ބަލިމީހާގެ މަސްތަކުގެ ބާރު ކަނޑުވާލާ ކަމެކެވެ. އެހެން ކަމުން ބަލިމީހާ ލައްވާ ފިޒިއޮތެރަޕީ ހެއްދުމަކީ ދިގުމުއްދަތަކަށް ލުއި ލިބިގެންދާނެއެވެ.
ނޯޓް: މިލިޔުމުގައި ހިމަނާލާފައިވާ މަޢުލޫމާތު ތަކަކީ ޕްރިވެންޓިވް ހެލްތު ކެއަރ އެންޑް ވެލްނެސް ދާއިރާގައި މަސައްކަތް ކުރަށްވާ ޑޮކްޓަރެއް ކަމުގައިވާ ޑރ. ނިސްރީން ނަޚޯދާ ލިޔެފައިވާ ލިޔުމަކުން ނަގާފައިވާ މަޢުލޫމާތެވެ.