މާރޗް 5 ވަނަ ދުވަހުގެ ބަޔާގުޅޭ
އާދިލް ރިޕޯޓްތައް ހިފައިގެން އައިރު ޒަވީން ފެންނާކަށް ނެތެވެ. ރިސެޕްޝަނުގައި އިން ރިޝްފާ ގާތު އަހާލުމުން ޒަވީން ބޭރަށް ނިކުމެއްޖެ ކަމަށް ބުނުމުން އާދިލް ރިޕޯރޓްތައް ގެންގޮސް ޒަވީންގެ މޭޒުމަތީގައި ބެހެއްޓި އެވެ. އޮފީހުގެ ގަޑި ނިމި ޝާޔާ އާއި ޔޫއާން އެކުގައި ގެއަށް ދިޔަފަހުން ޒަވީން އާއި ސުދާ އެކުގައި އޮފީހުން ނިކުތެވެ. ކާރު ދުއްވަން އިދެ ޒަވީން އެހެން ދުވަސްތަކާއި ޚިލާފަށް އެއްވެސް ވާހަކައެއް ނުދައްކައެވެ.
“ޒަވީން. އަހަރެން އެއްޗެކޭ އެބަ ކިޔަމޭ. ކީއްވެތަ އަނގައިން ނުބުނެ ތިއިނީ.” ސުދާ ޒަވީންގެ އަތުގައި އަތް ޖައްސާލި އެވެ. ޒަވީން ސިހިފައި ސުދާގެ މޫނަށް ބަލާލީ ކީކޭހޭ އަހާ ފަދަ ނަޒަރަކުންނެވެ.
“އަހަރެން މި ވިސްނަނީ މި ވީކެންޑުގައި ރިސޯޓަކަށް ދާން. މިފަހަރު ދާނީ ހަނާމެންވެސް ގޮވައިގެން. އޭރުން ވަރަށް މަޖާވާނެ.” ސުދާގެ މޫނަށް ބަލާލުމަށްފަހު ޒަވީން ކާރު އެހިސާބުން ހުއްޓާލި އެވެ.
“މާ ކުރިން ޕްލޭންކޮށްފަ އޮތްކަމެއްގެ ވާހަކަ ދޯ ތިދައްކަނީ. ނިމިފައި އޮތް ކަމެއްގެ ވާހަކަ އަހަރެން ކައިރީ ބުނުމުގެ ބޭނުމެއް ނެތް. ސުދާ ކީއްވެގެންތަ އަބަދު ހަނާގެ ފަހަތުން އުޅެނީ. ހަނާ ނޫން މީހަކާއި އެކުވެރިކަން ބާއްވަން ނޭނގުނީތަ؟” ޒަވީންގެ އަޑުގައި ވާ ނުރުހުމުގެ އަސަރު ސުދާއަށް ނަގައިގަނެވުނެވެ. އެއަށްވުރެ ބޮޑަށް ސުދާއަށް ޝައުޤުވެރިކަން ދެވުނީ އެވާހަކަ ތެރެއިން ހަނާގެ ވާހަކަ ނެގުމުންނެވެ.
“ހަނާގެ ކޮން ސިފައެއް ފެނިގެން ޒަވީންއަށް ހަނާ ގޯސްވީ؟ އަހަރެން ބޭނުން މީހަކާ އަހަރެން އެކުވެރިކަން ބާއްވާނީ. މިހާރު އެކަމާވެސް ޒަވީންގެ ނުފޫޒު ފޯރުވަން ފެށީ. ހުން.” ސުދާ ޒަވީންއަށް ބަލާލިއެވެ.
ޒަވީން ދުރަށް ބަލާލަމުން ރޭގައި ދިމާވި ކަންތައްތަކާއި ވީޑިޔޯތައް ބެލި އިރު ފެނުނު ކަންތައް ކިޔައިދިނެވެ. ޝާޔާ ބޭއްވި ސީޑީ ބަދަލު ކުރި މީހަކީ ހަނާކަން ވީޑީޔޯތަކުން ޔަޤީންވެ އެވެ. ޒަވީންއަށް އެކަން އެނގުނު ގޮތް ކިޔައިދެމުން ދިޔައިރު ސުދާއަށް ހީވީ ސުދާ ކޮންނަމުން ދިޔަ ވަޅުގަނޑަށް އަމިއްލައަށް ވެއްޓި ބެދެމުން ދާހެންނެވެ. ކުޑަ ވަގުތުކޮޅެއް ތެރޭ ދާހިއްލާ ފޯވެގެން ދިޔަ އެވެ.
“އަހަރެން ހިތަށް އަރާ ހަނާ އެހެން ކަންތައް ކުރީ ކީއްވެބާއޭ؟ ސަލަފްބެ އެންމެންނަށްވެސް ކިހާ ހެޔޮ. ހަނާގެ ހިތުގައި ހަސަދަ އުފެދޭ ވަރު ކަމެއް އޮފީހުގައި ހިނގިކަމެއް ނޭނގެ.” ޒަވީން އެނބުރި ސުދާއަށް ބަލާލިއިރު ސުދާ ދެއަތުން މޫނުގައި ހުރި ދާތިކިތައް ފޮހެނީ އެވެ.
“ހާދަ ހޫނުވެފައި ތިއިނީ. އަހަރެން މިއިނީ ކާރުގެ އޭސީ ނިއްވާލައިގެން.” ޒަވީން ކާރުގެ އޭސީ ޖެއްސުމަށްފަހު ސުދާ އާއި ދިމާލަށް އެނބުރުނެވެ. ސުދާ ގަދަކަމުން ހަމަޖެހިލަމުން ޒަވީން އާ ވާހަކަ ދައްކަންފެށި އެވެ.
“މީހެއްގެ ގޮތެއް އަނެއް މީހާއަކަށް ނޭނގޭނެ. ކިތަންމެ ރަނގަޅަށް ކަންތައް ކުރިއަސް ހިލޭ މީހުން އެކަން ދެނެގަންނާނެތަ؟ ހަނާ ކުރި ނުބައި ކަންތައް އޭނާއަށް… އަޅާނުލާ ބަހައްޓާ. ސަލަފްބެ ކައިރީ ޒަވީން އެއްވެސް ވާހަކައެއް ނުދައްކާތި. ސަލަފްގެ ހަނާ ވަޒީފާއިން ވަކިކޮށްފާނެ. ހަނާ އަކީ އެހާ ފުދުންތެރި އާއިލާއަކުން އައިސްހުރި މީހެއް ނޫން. ވަޒީފާ ގެއްލިގެން އޭނާ ބިކަވެދާނެ. އަހަރެމެން އެކަމުގައި ހިފާނީ ކަމެއް އުނިވިނަމަ. ރޭގެ ބައްދަލުވުން ވަރަށް ކާމިޔާބުކަމަށް ސަލަފްބޭ ބުނި.” ސުދާ ޒަވީންގެ ހިތްހަމަ ޖައްސައިދިނެވެ. އަދި އެކަމާ ދޭތެރޭ ނުވިސްނުމަށް ބުނެލިއެވެ.
ހަނާ ލައްވާ ހުރިހާ ކަމެއް ކުރި މީހަކީ ސުދާކަމަށްވާތީ ޒަވީންއަށް ހަޤީޤަތާއި ހަމަޔަށް ދެވިދާނެތީ ސުދާ ބިރުގަންނަންފެށި އެވެ. ސުދާގެ ވާހަކަތަކުގައި ހުރި ފޫނުބެދޭ ކަންތައް ޒަވީންއަށް ނަގައިގަނެވޭވަރެއް ނުވި އެވެ. ސުދާ ބުނިފަދައިން ޒަވީންވެސް އެކަންތައް އެ ހިސާބުން ކުރުކޮށްލަން ބޭނުންވީ ސަލަފް އެކަމަށް އެއްޗެއް ނުބުނީތީއެވެ.
ޔޫއާން ކާރު ދުއްވާފައި ގޮސް މަޑުކުރީ ރެސްޓޯރެންޓެއްގެ ކުރިމައްޗަށެވެ.
“މިގަޑީގައި އަހަރެން ގޮވައިގެން މިތަނަށްތަ ތިއައީ؟” ޝާޔާ އިސްއުފުލާ ޔޫއާންގެ މޫނަށް ބަލާލިއެވެ.
ޔޫއާން ބޯޖަހާލަމުން ކާރުން ފައިބާ ދުވެފައި އައިސް ޝާޔާ އިން ފަޅިއަށް ހުއްޓުނެވެ. ކާރުގެ ދޮރު ހުޅުވާލަމުން ޔޫއާން އަތް ދިއްކޮށްލީ އެ އަތުގައި ހިފާށޭ ބުނާ ފަދަ ގޮތަކަށެވެ.
“އަހަރެން ޝާޔާއަށް އެއްޗެއް ދައްކަންވެފައި އެބައޮތް.” ޔޫއާން ރެސްޓޯރެންޓަށް ވަންނަމުން ބުނެލިއެވެ.
ޝާޔާ ހިނިތުންވަމުން ރެސްޓޯރެންޓްގެ އެތެރެއަށް ވަންނަން ނެގި ފުރަތަމަ ފިޔަވަޅާއެކު މައްޗަށް ބަލާލެވުނީ ހައިރާންވެގެންނެވެ. ފިނިފެންމަލުގެ ފިޔަތަކެއް އޮހެންފެށީ ވާރޭ ވެހޭ ފަދައިންނެވެ. ގަތްލަދުން ފިނިފެންމަލުގެ ކުލަ ކޯތާފަތަށް އަރައިގެން ދިޔައެވެ. ސިއްރުން ތުންފަތުގައި ދަތްއަޅާލެވުނެވެ. ރެސްޓޯރެންޓް އެތެރޭގައި ތިބި މުވައްޒަފުން އަތްޖަހަން ފެށީ އެކުއެކީގައެވެ. ޝާޔާއަށް ފެންނަމުން ދިޔަ މަންޒަރުތަކުން ހިތް އުފަލުން ފުރި ބަންޑުންވަމުން ދިޔައެވެ. ޔޫއާން އާ ދިމާލަށް ބަލާލެވުނީ ޝުކުރު އަދާކުރާ ފަދަ ނަޒަރަކުންނެވެ.
ޝާޔާ މުޅިތަނަށް ނަޒަރެއް ހިންގާލިއެވެ. އެތަނުގެ މުވައްޒަފުން ނޫން އެހެން އެއްވެސް ބަޔަކު ނެތެވެ. މުޅިތަން ބުކް ކޮށްފައިވަނީ ހަމައެކަނި އޭނާއަށްޓަކައެވެ. ރެސްޓޯރެންޓްގެ ފާރުތަކުގައި ހިތެއްގެ ބައްޓަމަށް ފިނިފެންމާ ފިޔައިން ކުރަހާފައި ހުއްޓެވެ. އެއް ކަނެއްގައި ހުރި މޭޒުމަތީގައި ތާޒާ މާތަކެއް ހުރި ވަށިގަނޑެއް ހުއްޓެވެ. މުޅި މާޙައުލުގައި ދުވަނީ މާތަކުން އަންނަ މީރުވަހެވެ.
“އަހަރެންގެ ސަޕްރައިޒް ރަނގަޅުތަ؟” ޔޫއާން ޝާޔާގެ އަތުގައި ކުރިއަށްވުރެ ބާރަށް ހިފާލަމުން އެމީހުންނަށްޓަކއި ތައްޔާރުކޮށްފައި ހުރި މޭޒުދޮށުގައި އިށީނެވެ. މޭޒުމަތީގައި ސިޓީ އުރައެއް އޮތެވެ. ޝާޔާ ގޮނޑީގައި އިށީންނަމުން ޝާޔާ ސިޓީއުރަ ނެގި އެވެ.
“ވަރަށް އުފާވެއްޖެ” ޝާޔާ ސިޓީ އުރައިގެ އެތެރޭގައި އޮތް ރަތްކުލައިގެ ކާޑު ނަގަމުން ބުނެލިއެވެ. ކާޑުގައި އައި ލަވް ޔޫ ލިޔެފައި އޮތުމުން އޭނާ ޔޫއާންގެ މޫނަށް ބަލާލިއެވެ.
“އައި ލަވް ޔޫ. އެންމެ ފުރަތަމަ ޝާޔާ ފެނުނު ރޭވެސް ބުނަން ބޭނުންވި… އެކަމަކު އަހަންނަށް ހިތްވަރެއް ނުލިބުން. އަހަރެން ބައެއް ފަހަރު ހިތަށް އަރާ އަހަރެންގެ ނަޞީބު ހާދަ ރަނގަޅޭ. ތަޤްދީރުން އަހަރެމެން ދެމީހުން ބައްދަލުކޮށްދިނީތީ. އަހަރެން ލޯބިވާ ފަދައިން ޝާޔާ އަހަރެން ދެކެ ލޯބިވޭތަ؟” ޝާޔާ ޔޫއާންގެ މޫނަށް ބަލާލިއެވެ.
އުފާވެރިކަމުން ބަބުޅަމުން ދިޔަ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެވަގުތު އޭނާގެ ދެލޮލުން އަންނަމުން ދިޔައީ އުފާވެރިކަމުގެ ކަރުނަ އެވެ.
އަހަރެން ވެސް ޔޫއާން ދެކެ…” ޝާޔާ ލަދުން ހުއްޓާލި އެވެ. ޔޫއާންއަށް ޝާޔާގެ އެ ޙަރަކާތުން ޖަވާބު ލިބުނު ކަމުގައި ވިއަސް ބޭނުންވީ ޝާޔާގެ ދުލުން ބުނުއްވާށެވެ.
“އަހަރެން ދެކެ.” ޔޫއާން އަހާލި އެވެ.
“ހޫމް.” ޝާޔާ ލަދުން ދެއަތް އަޅާ މޫނު ފޮރުވާލި އެވެ. ޔޫއާން ގޮނޑިން ތެދުވެގެން އައިސް ޝާޔާގެ ކުރިމަތީގައި ހުއްޓި ޝާޔާގެ އަތް މޫނާއި ދުރުކޮށްލި އެވެ.
“އަހަރެން ޝާޔާ ދެކެ އުމުރަށްވެސް ލޯބިވާނަން. ދުވަހަކުވެސް ދެރަގޮތެއް ނުހަދާނަން. އަހަރެންގެ އެންމެ ފަހުގެ އަދި ފުރަތަމަ އެދުމަކީ އަހަރެމެން ދެމީހުންނަށް އުފަލުގައި އުޅެވޭނެ ގޮތް މިންވަރު ކުރެއްވުން.” ޔޫއާން ޝާޔާގެ އަތުގައި ފިރުމާލަމުން ގޮނޑި ކައިރިކޮށްލަމުން އިށީނެވެ. ވެއިޓަރު އެތަނަށް އައިސް ޔޫއާން އޯޑަރު ދިން އެއްޗެހި މޭޒުމަތީގައި އަތުރަމުން ދިޔަ އެވެ.
“ޔޫއާން އަހަންނާ ވާހަކަ ދައްކަން ފެށި ދުވަހުން ފެށިގެން އަހަންނަށް އިޙްޞާސްވަމުން ދިޔައީ ތިއީ އަހަންނަށް ވަރަށް ގާތް ފަރާތެއްކަން. އަހަރެން ޔޫއާންގެ ކޯލްތަކަށް އިންތިޒާރުކުރިން. އަބަދުވެސް ހިތަށް އަރާ ޔޫއާން އިސްވެ މި ވާހަކަ ދައްކާނީ ކޮން އިރަކުން ބާއޭ. އަހަރެން މިއަދު ވަރަށް އުފާވެއްޖެ.” ޝާޔާ އާއި ޔޫއާންގެ ހަޔާތުން އާ ބާބެއް ފެށުނެވެ. އެކަކު އަނެއްކަކަށް ވަކިނުވާން ވައުދުތަކެއް ވެވުނެވެ. ޝާޔާއަށް މިއަދަކީ ދުވަހަކުވެސް ހަނދާނުން ފިލާނޭ ދުވަހެއް ނޫނެވެ.
ޝާޔާ ގެއަށް ވަދެވުނު އިރު އިރުއޮއްސި ހަތެއްޖަހައިފި އެވެ. އަނީސާ ގެ ކޮޓަރިއަށް ޝާޔާ ވަންއިރު އަނީސާ އިނީ ނަމާދުކޮށް ނިމުނު ގޮތަށް މުސައްލަ މަތީ ޤުރުއާން ކިޔަވާށެވެ. ޝާޔާ އެނބުރި ކޮޓަރިއަށް އައިސް ފެންވަރާ ނަމާދުކުރި އެވެ. ނަމާދުކޮށް ނިމިގެން އެނދުގައި އޮށޯވެ ވިސްނަން ފެށިއެވެ. ޔޫއާން އާއި އެކު ހޭދަވި އުފާވެރި ވަގުތުކޮޅު މަތިން ހަނދާންވުމުން ދެއަތް މޫނުގައި އަޅާ ހީ ހެދެއެވެ. އެ ކޮޓަރީގައި އެ މަންޒަރުތައް ބަލަން އިތުރު މީހަކު ހުރިނަމަ ޔަޤީނުންވެސް ޝާޔާ އަކީ މޮޔައެކޭ ހީކުރާނެއެވެ. އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ހީ ހެދޭތީއެވެ.
އީރާ ލޯގަނޑު ކުރިމަތީގައި ހުރެ ތައްޔާރުވަމުން ދިޔައެވެ. ހިތްހަމަޖެހޭވަރަށް ތައްޔާރުވެވުމުން އެނދުމަތީގައި ހުރި ފޮތްތައް ނަގައިގެން ހިނގައިގަތެވެ. އަނީސާގެ ކޮޓަރިއަށް ވަދެ ޓިއުޝަންއަށް ދަނީކަމުގައި ބުނެ އަވަހަށް ގެއިން ނިކުތެވެ. އީރާ ގެއިން ނިކުތްއިރު ޝަހުދު އިނީ ސައިކަލުގައި އޭނާގެ އިންތިޒާރުގައެވެ.
“ލަސްވީމައި ހިތްހަމަ ނުޖެހިފައިތަ؟” އީރާ ސައިކަލަށް އަރާ ހަމަޖެހިލަމުން ޝަހުދުގެ ބަނޑުގައި ދެއަތުން ބައްދާލިއެވެ. ޝަހުދު ވަކި އެއްޗެއް ނުބުނެ ސައިކަލުގައި ދުއްވާފައި ގޮސް މަޑުކުރީ ޝަހުދު ހިފާފައި ހުންނަ އެޕާރޓްމެންޓު ކައިރިއަށެވެ.
“އަހަންނަށް ލިބުނީ އެންމެ ދެހާސް ރުފިޔާ. ކޮން ރެއަކުން ޕާރޓީ ބޭއްވޭ ވަރު ވާނީ؟” އީރާ އެތެރެއަށް ވަދެ ސޯފާއަކަށް ޖެހިގަންނަމުން އަހާލިއެވެ.
“އެންމެ ދެހާސް؟” ޝަހުދު ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
“އަހަންނަށް ކޮންތާކުން ބައިވަރު ފައިސާ ލިބޭނީ؟” ޝަހުދުގެ ވާހަކަ ހުރިގޮތުން އީރާ ރުޅި އަންނަ ގޮތްވި އެވެ.
“އެންމެ ރަނގަޅު. މާދަމާ ރޭ ޕާރޓީ ބާއްވާނަން. ހެޕީތަ؟” ޝަހުދު އީރާ ކައިރީ އިށީންނަމުން އީރާ ގަޔާއި ކައިރިކޮށްލި އެވެ.
ޝަހުދު އާއި އީރާގެ ގުޅުން އޮންނަތާ ގާތްގަނޑަކަށް ހަމަހެއްހާ ދުވަސް ވެގެން ދިޔައިރު އެ ގުޅުމުގެ ވާހަކަ އީރާ އާއި ޝަހުދު ނޫން އެއްވެސް މީހަކަށް ނޭނގެއެވެ. ޝަހުދު އެ ގުޅުން ސިއްރުކުރަން ބޭނުންވާތީ އީރާ އެއްވެސް މީހަކު ކައިރީ އެވާހަކައެއް ނުދައްކައެވެ. ޓިއުޝަން ކުލާހަށް ނޫނީ އެހެން ބަހަނާއެއް ދައްކާފައި އީރާ ބައެއް ރޭރޭ ޝަހުދު އާއި ވަގުތު ހޭދަކުރެއެވެ. އެކަހެރި ތަނެއްގައި ދެލޯބިވެރިން ބައްދަލުވާގޮތްވުމުން ކައިރިވާން ނުޖެހޭވަރަށް ކައިރިވެވޭ ފަހަރު މަދެއް ނޫނެވެ. ޝަހުދު އެދޭ ކޮންމެ ކަމަކަށް އީރާ ހުންނަނީ ތައްޔާރުވެގެންނެވެ. އިރުކޮޅަކު ސޯފާގައި ތިބެފައި އީރާ އާއި ޝަހުދުވަނީ ކޮޓަރިއަށެވެ. އެއަށްފަހު ދެމީހުންގެ މެދުގައި ހިންގަން ނުޖެހޭ ގުޅުމެއް ހިނގައިގެން ދިޔައެވެ.
“މިހާރު ލަސްވެއްޖެ. ހިނގާ އަހަރެން ގެއަށް ގެންގޮސްދޭން.” އީރާ ތެދުވެ ހެދުން ރަނގަޅުކުރަންފެށި އެވެ.
ޝަހުދު އޮތީ ލިބުނު ލޮނޑުކަމެއްގެ ސަބަބުން ތެދުވާން ބޭނުން ނުވެފައެވެ. އީރާ ފާހާނާއަށް ވަދެފައި އެނބުރި އައިރު ޝަހުދު އޮތީ އެއޮތްގޮތަށެވެ.
“ތެދުވެބަލަ. ހާދަ ކަންނެތްވެފައި ތި އޮންނަނީ. އީރާ އައިސް ޝަހުދުގެ މަގަތުގައި އިށީދެ ޝަހުދުގެ އަތުގައި ހިފާ ދަމަންފެށިއެވެ.
“އީރާ އެކަނި ގޮސްލަންވީނު. އަހަރެން ވަރުބަލިވެފައި މިއޮތީ. ޓެކްސީއަކަށް ގުޅައިދެންތަ؟” ޝަހުދު ސައިޑްޓޭބަލްމަތީގައި އޮތް ފޯނު ނަގައި ޓެކްސީގެ ނަންބަރަށް ޑައިލުކުރަން އުޅުމުން އީރާ އެކަން ހުއްޓުވި އެވެ.
“ޝަހުދުގެ ބޭނުން ފުދުނީމައި ނިމުނީދޯ. ބޭނުމެއް ނޫން ޓެކްސީގައި ދާކަށް.” އީރާ ހިތްހަމަނުޖެހިފައި ތެދުވުމުން ޝަހުދު އީރާގެ އަތުގައި ހިފާ ހުއްޓުވި އެވެ.
“ސޮރީ. އަހަރެން ދާނަން އީރާ ގޮވައިގެން. އެބަ އަންނަން ޗޭންޖުކޮށްލައިގެން.” ޝަހުދު އީރާގެ ކޮލުގައި ބޮސްދެމުން މަޢާފަށް އެދުނެވެ. އީރާގެ ހިތުގައި އުފެދުނު ހިތްހަމަނުޖެހުން ފިލައިގެން ދިޔައެވެ. ޝަހުދު އީރާ ދެކެ ލޯބިވާކަމުގައި އަބަދުވެސް ޔަޤީންކުރެ އެވެ.
ޝާޔާ ރޭގަނޑު ކާންވެގެން ނިކުންނަން އުޅެފައި ކުޑަދޮރުގެ ކައިރިއަށް ހުއްޓުނީ ކުޑަދޮރުގެ ފޮތިގަނޑު އެއް ކައިރިއަކަށް ކެހިފައި ހުރުމުންނެވެ. ފޮތިގަނޑު ރަނގަޅުކުރަމުން ބޭރު ބަލާލި ވަގުތު އީރާ ސައިކަލުން ފައިބަނިކޮށް ފެނުނެވެ. ޝާޔާ ފަރުވާތެރިވެ އެ މަންޒަރު ބަލަން ހުއްޓާވެސް ސައިކަލުގައި އިން ފިރިހެން ކުއްޖާ މާ ބާރަށް ދުއްވާފައި ދިއުމުން މޫނު ފެންނަވަރެއް ނުވެއެވެ. އީރާ ބޭރުން އައިސް ވަނުމުގެ ކުރިން ޝާޔާ ކޮޓަރިން ނިކުތެވެ.
“އީރާ.” އީރާ ބާރަށް ގޮސް ކޮޓަރިއަށް ވަދެ ވަދެ ހުއްޓާ ޝާޔާ ގޮވާލި އަޑަށް ފަހަތް ބަލާލި އެވެ.
“ކޮންތާކުން ތިއައީ؟”
“ވަފާމެން ގެއިން. ވަފާ އާއި އެކު އައީވެސް.” އީރާ އާގަންނަ ކަހަލަ ގޮތަކަށް ބުނުމުން ޝާޔާ ޗޮކެއް ކަނޑާލި އެވެ.
“ވަފާއަކީ ފިރިހެނެއްކަމެއް އަހަންނަކަށް ނޭނގެ.” ޝާޔާގެ ވާހަކަ ކުރި ގޮތުން ޝަހުދު ފެނުނީކަން އީރާއަށް ނަގައިގަނެވުނެވެ.
އީރާގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަން ފިލުވާލުމުގެ ގޮތުން ފުން ނޭވާއެއް ބޭރުކޮށްލަމުން ވިސްނާލެވޭތޯ ބެލީ އެތަން ފޫބެއްދޭވަރުގެ ޖަވާބަކާ މެދުގައެވެ.
(ނުނިމޭ)