twitterviber whatsapp telegramfacebookyoutube instagram
18th May 2024

ޒުވާނުން ޑިޕްރެޝަނަށް ހުށަހެޅުން – ނުރައްކާ ބޮޑު ކަމެއް

Mar 31, 2013

ޒުވާން އުމުރަކީ ގޮންޖެހުންތައް ގިނަ ދުވަސްވަރެކެވެ. ޒުވާނުން ޑިޕްރެސްވުމަކީ ހަމައެކަނި ވަކި ދުވަސްވަރެއްގައި ދިމާވާ ކަންތައްތަކެއް ނޫނެވެ. ކަންބޮޑުވެ ހާސްވުމަކީ ޒުވާން އުމުރުގައި ގިނަ ކުދިން ތަހައްމަލުކުރާ ކަމެކެވެ. އަދި މިކަމަކީ ވިޔާނުދާ އަދި ނުރައްކާތެރި އެތައްކަމަކަށް މަގުފަހުކުރުވާ ކަމެއްވެސް މެއެވެ. މިގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި، ކައިވެންޏަކާއި ނުލާ ބަލިވެ އިނުމާއި އަމިއްލައަށް މަރުވުން ފަދަ ކަންތައްތައް ފާހަގަކޮށްލެވެއެވެ. މަންޒަރު ފެންނަ ބެލެނިވެރިއެއް ނުވަތަ މުދައްރިސެއް އަދި އެކުވެރިއެއްގެ ހައިސިއްޔަތުން ޑިޕްރެސްވެފައިވާ ޒުވާނާއަށް އެހީތެރިވެވޭނެ ގޮތްތައް ބައިވަރެވެ. ދިމާވެފައިވާ މައްސަލައާމެދު ވާހަކަ ދައްކާ ހިތްވަރުދިނުމަކީ މަގުއޮޅިފައިވާ ޒުވާނާ ހަމަ މަގަށް ގެނެވިދާނެ ގޮތެކެވެ.

ޒުވާނުން ޑިޕްރެސް ވުމާމެދު ތަފާތު ގޮތްގޮތަށް ވާހަކަދެކެވެމުން ދާއިރު  އެކަމުގެ އަސްލު އިހުސާސްތައް ކިޔައިދިނުންވާނީ ދަތި ކަމަކަށެވެ. ބައެއްފަހަރު ދެރަވެ، ރުޅިގަދަވާއިރު ތިމާއަކީ ބޭކާރު މީހެއް ކަމަށް ދެކި ދުނިޔެމަތިން ފޫހިވާ ފަހަރުވެސް މަދެއްނޫނެވެ. އަދި ކެއުމާއި ނިދިން މަހުރޫމުވެ ކަންކަމުގައި ޝައުގުވެރިކަން ނަގާލައެވެ. މިކަންކަން އާއްމުވާލެއް އިތުުރުވަނީ ނުވަތަ މީހުން މިކަންކަމަށް ހޭލުންތެރިވާލެއް ބޮޑީ ކަމެއް ނޭނގެއެވެ. އެނގޭ ކަމަކީ ޚިޔާލަށް ގެނެވޭ ވަަރަށް ވުރެވެސް ޑިޕްރެޝަންގެ ނުރައްކާތެރިކަން ބޮޑު ކަމެވެ.

ކަމުގެ ދިރާސާ ކުރައްވާ ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ޑިޕްރެސްވެފައިވާ 5 ކުދިންގެ ތެރެއިން އެހީތެރިކަން ލިބެނީ ހަމަ އެއްމެ ކުއްޖަކަށެވެ. ބޮޑެތި މީހުންނާއި ޚިލާފަށް ޒުވާންއުމުރުގެ ކުދިންނަކީ މައިންބަފައިންނާއި، ޓީޗަރުންނަށް ބަރޯސާވާން ޖެހިފައިވާ ބަޔަކަށްވާއިރު އެޒުވާނާގެ ބޭނުންތަކާއި ޚިޔާާލުތައް ދެނެގަތުން ވަރަށް މުހިއްމެވެ. ތިމާ ކުދިކުދި ކަންކަމާއި ހާސްވެ ހިތްހަމަނުޖެހޭނަމަ ތިރީގައިވާ ކަންތައްތައް ތަޖުރިބާ ކޮށްލާށެވެ.

ތިމާ އެކަނި ގިނަ ވަގުތު ހޭދަނުކުރާށެވެ.

ތިމާ ޑިޕްރެސްވެފައިވާ ވަގުތުތަކުގައި އެހެންމީހުންގެ ކުރިމައްޗަށް އަރާ ވާހަކަ ދައްކަން ބޭނުމެއް ނުވާނެއެވެ. ކޮޓަރީގައި މީހުންނަށް ނުފެނި ގިނަ ވަގުތު ހޭދަކުރަން ފެށުމުން ގިނަ ކަންތައްތަކާއި ވިސްނޭގޮތް ވާނެއެވެ. އެހެން ކަމުން ތިމާ އެކަނި ހޭދަކުރެވޭ ވަގުތުތައް މަދުކޮށްލާށެވެ.

ތިމާގެ ސިއްހަތާމެދު ފަރުވާތެރިވާށެވެ.

މާބޮޑަށް ހާސްވެ ކަންބޮޑުވާނަމަ ބައެއް ފަރާތްތަށް ކެއުމުން މަހުރޫމުވެގަންނައިރު އަނެއް ބަޔަކަށް މާގިނައިން ކެވޭތަން އާދެއެވެ. އެހެން ކަމުން ރަނގަޅު ކާނާ ރަނގަޅު މިންވަރަށް ބޭނުންކުރުމަށްފަހު ކަސްރަތުކުރާނަމަ ތިމާގެ މޫޑު ރަނގަޅުވާނެ ކަމަށް ދިރާސާތަކުން ދައްކައެވެ.

އިތުބާރުކުރެވޭ ފަރާތެއްގެ އެހީ ހޯދާށެވެ.

ހާސްވެ ކަންކަމުގައި ގޮތެއް ކަނޑައެޅުން ފަދަ ކަންކަމުގައި މާބޮޑަށް ވިސްނޭނަމަ ޑިޕްރެޝަންގެ ޝިކާރައަކަށް ތިމާވުން ގާތެވެ. އެހެން ކަމުން ތިމާގެ މައްސަލަތައް އިތުބާރުކުރެވޭ ފަރާތަކާއި ހިއްސާކުރުން މުހިއްމެވެ. ތިމާއަށް ދިމާވެގެން އުޅޭ ކަމުގައި އަނެކާއަށް ވެދެވޭނެ އެހީތެރިކަމެއް އޮތްތޯ ބަލާށެވެ.

ޑްރަގާއި މަސްތުވާތަކެއްޗާ ގާތްނުވާށެވެ.

ތިމާ އެކަނިވެ ބޯގޮވާ ހިސާބަށް ދިޔުމުން މަގުމަތީގައި ގިނަވެގެން “ލާޗާރު ބިޗާރަށް” އުޅޭ މީހުންނާ “ޕާޓު” ވުން ފަސޭހަވެއެވެ. ތިމާގެ މޫޑު ރަނގަޅުކޮށްލުމަށްޓަކައި ޖައްސާލާ ކުޑައެތިފޮދުން ކުރިން ވިސްނަމުން ގެންދިޔަ ކަންތައް އެ ވަގުތަށް ފިލައިގެން ދިޔަ ނަމަވެސް ޑިޕްރެސް ވުމުން ތިމާ ދުރުކޮށެއް ނުދެއެވެ. އެހެނެއްކަމަކު މިކަމުގެ ސަބަބުން ސައިޑް އިފެކްޓް ތަކަކާއި ކުރިމަތިލާންޖެހި ތިމާ އެހެން ކުށްތަކަކަށް ވާސިލްވެ ވިސްނާ ވިސްނުން އިންތިހާއަށް އިތުރުވެގެން ދެއެވެ.

ސައިކޮލޮޖިސްޓެއް ނުވަތަ ސައިކޭޓްރިސްޓެއްގެ ލަފާގެ މަތިން ބޭސް ބޭނުންކުރާށެވެ.

ތިމާގެ ވާހަކަ ތައް ހިއްސާކުރާ ސައިކޭޓްރިސްޓް ނުވަތަ ސައިކޮލޮޖިސްޓެއް އިޚްތިޔާރުކުރުމުގައި ވަރަށް ބޮޑަށް ބަލަންވާނެއެވެ. ތިމާ އެފަރާތަކާމެދު ހިތްހަމަ ނުޖެހޭނަމަ އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. ސައިކޭޓްރިސްޓެއްގެ ލަފާގެ މަތިން ޑިޕްރެސްވާ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ބޭސް ބޭނުންކުރަމުންދާށެވެ. އެެހެން ނަމަވެސް ހުރިހާ ގޮތްތަކެއް ބެލުމަށްފަހު ނޫނީ ބޭސް  ބޭނުން ނުކުރުން އެދެވިގެންވެއެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަ ޒުވާނުންނަކީ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި މިފަދަ ކަންތައްތަކެއް ތަޖުރިބާ ކުރާނެ ބައެކެވެ. ތިމާއަކީ “ޑިޕްރެޝަން ޕޭޝަންޓެއް” ކަމަށް ޤަބޫލުކުރަން ބޭނުން ނުވި ކަމުގައިވީ ނަމަވެސް މާބޮޑަށް ހާސްވެ، ކަންބޮޑުވެ، އަވަހަށް ރުޅިއައުން ފަދަ ކަންތައްތައް ދިމާވާނަމަ މި ކަންތައްތަކާމެދު ވިސްނާލުން ބުއްދިވެރިއެވެ.

ނޯޓް: މިލިޔުމުގައި ހިމަނާފައިވާ މަޢުލޫމާތުތަކަކީ ސިއްހީ މަޢުލޫމާތުދޭ ތަފާތު ވެބްސައިޓްތަކުން ނަގާފައިވާ މަޢުލޫމާތު ތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355