މާރޗް 12 ވަނަ ދުވަހުގެ ބަޔާގުޅޭ
”ވަފާގެ ބޭބެއާއެކުއޭ ބުނުމުގެ ބަދަލުގައި އެހެން ބުނީ. ވަފާއަށް ރޭގަނޑު ކިހިނެއް އާދެވޭނީ އަހަރެން ގޮވައިގެން” އީރާ ހަމަޖެހޭގޮތް ދައްކާލަމުން ބުނެލިއެވެ.
”އެންމެ ރަނގަޅު. ފޮތްތައް ބަހައްޓާފައި އާދޭ ކާން” ޝާޔާ ހިނގައިގަތީ ބަދިގެ ތެރެއަށެވެ. އީރާ އައުމުގެ ކުރިން ކާން ހަދާ ތައްޔާރުކުރިއެވެ. ތިންމައިން އެކުގައި ކައި ނިންމާލެވުނު އިރު އަށްގަޑި ބައިވެގެން ބޮޑުވެއްޖެއެވެ.
ކާމޭޒުދޮށުގައި ސަލަފް ކާން ނުފަށާ އިންނަތާ ބައިގަޑިއިރަށްވުރެ ގިނައިރުވެއްޖެއެވެ. ސަލަފްގެ މަންމަ މާނާ އިރުކޮޅުކޮޅާ ދޮރާއި ދިމާލަށް ބަލާލާގޮތުން ހީވަނީ މީހަކު ނައިސްގެން ލަސްވެފައި އިންނަހެންނެވެ. މޭޒުގެ އެއްފަރާތުގައި ތިބި ސުދާގެ ދެމަފިރިންވެސް ތިބީ ސަލަފް ކާންފެށީމައި ކާންވެގެންނެވެ.
”ނޫރީން. ދޭބަލަ ޔޫއާންއަށް ގޮވާލަން.’ ބަދިގެ ސާފްކުރަން ހުރި ނޫރީންއަށް ގޮވާލަމުން މާނާ ބުނެލިއެވެ. ނޫރީން އަވަސް އަވަހަށް ދެއަތް ފޮހެލަމުން ޔޫއާންގެ ކޮޓަރިއަށް ވަނެވެ.
”މަންމަ އެބަގޮވާ ކާން….” ޔޫއާންގެ ކޮޓަރީގައި ޓަކި ޖަހާލަމުން ނޫރީން ޔޫއާންއަށް ބުނެލިއެވެ. ލެޕްޓޮޕް ހިފައިގެން ފޭސްބުކަށް ވަދެ ޗެޓްކުރަން އިން ޔޫއާން ހޫމް އެއް އަޅުވާލުމަށްފަހު ދާ ޚިޔާލު ނުކުރުމުން ނޫރީން ދެވަނަ ފަހަރަށް ތަކުރާރު ކޮށްލިއެވެ.
“ސަލަފްބެ އެބައިން ކާން ނުފަށާ.” ނޫރީން އެހެން ބުނުމުން ޔޫއާން ބަލާލިއެވެ. ލެޕްޓޮޕް ލައްޕާލުމަށްފަހު ޔޫއާން ކާކޮޓަރިއަށް ވަދެ ގޮނޑީގައި އިށީނީ މޭޒުދޮށުގައި ތިބި އެއްވެސް މީހެއްގެ މޫނަށް ބަލައިނުލައެވެ.
”ޔޫއާން ތި ނޫން ގޮތަކަށް އުޅޭނީ ކޮންއިރަކު؟ އިރުއަރާކަމަށް ނުވޭ މެންދުރުވުމުގެ ކުރިއަކުން. އަނެއްކޮޅުން އިރުއޮއްސެނީ ފަތިހުގެ މުނާޖާއަށް. ތަންކޮޅެއް ހަރުދަނާ ވާންވެއްޖެ. ކޯހުގެ އެންމެ ފަހު އިމްތިޙާނުތަކަށް ތައްޔާރުވުމުގެ ބަދަލުގައި އަހަންނަށް އަބަދު ފެންނަނީ ޔޫއާން ބޭރުގައި އުޅޭތަން. ބޮޑު ޚަރަދެއް ކޮށްގެން ކިޔަވާ ދޭއިރު ޔޫއާންގެ ފަރާތުން އެކަން ބަލައިގަންނަ ކަމަކަށް ނުފެނޭ. ޔޫއާން. ޔޫއާން އެކޮޅަށް އެނބުރި ދިއުން އެންމެ ރަނގަޅުވާނީ. އެއްޗެކޭ ނުބުނެ ތި އިންނަނީ ކީއްވެތަ؟” ޔޫއާން ހަމަޖެހިނުލައި އުޅެނިކޮން ސަލަފް ފެށި ވާހަކައަކުން ޔޫއާންއަށް ރުޅި މޫނު ހަދައިލެވުނެވެ.
”އިމްތިޙާނުތައް ފެށެން ދެ ހަފްތާ އެބައޮތް. އަހަރެން ބޭނުމެއް ނޫން އެކޮޅަށް ދާކަށް. މިކޮޅުގައި ހުރެގެން ތައްޔާރުވަމުން މިދަނީ. ބޭރުގައި އުޅުނަސް އަހަރެން ކިޔަވަން ވަގުތު ހޭދަކުރަން. ސައްވީސްގަޑިއިރު އޮފީސް މަސައްކަތުގައި އުޅޭ މީހަކަށް ނޭނގޭނެ ގޭތެރޭގައި ހިނގާ ކަންތައްތަކެއް.އަހަންނަށް ޚަރަދު ކުރަނީ އަހަރެންގެ ބައްޕަ ފައިސާއިން. ޚަރަދު ކުރަން ޖެހިގެން ކަންބޮޑުވާނަމަ އަހަރެން ކިޔެވުން މެދުކަނޑާލާފައި ވަޒީފާއަކަށް ދާން ފަށާފާނަން.” ޔޫއާން އާއި ޖެހިގެން އިން އޭނަގެ މަންމަ މާނާ ޔޫއާންގެ އަތްތިލައިގައި ހިފާލިއެވެ. ޔޫއާން މަންމަގެ މޫނަށް ބަލާލިއިރު މާނާގެ މޫނުން ރަމްޒު ކޮށްދިނީ ވާހަކަ ނުދައްކާށޭ ބުނާ ފަދަ ގޮތެކެވެ.
”މަންމަ އަބަދު އަހަރެން ނުހުއްޓުވާބަލަ. އަހަރެން ކީއްކުރަންތަ އެކޮޅަށް ކޯސް ނުފެށެނީސް ދާންވީކީ. އާއިލާ އާއި އެކު ހޭދަވާ ވަގުތަކީ ކިހާ އުފާވެރި ވަގުތެއްކަން ބޭބެއަކަށް ނުވިސްނޭނެ.” ޔޫއާންގެ މޫނަށް ބަލަހައްޓައިގެން އިން ސަލަފް ސައިތަށިން ކޯވަރެއް ދަމާލިއެވެ. އެ މޭޒުދޮށުގައ ތިބި ސުދާ އާއި ޒަވީން އެއްޗެއް ނުބުނެއެވެ.
”އަހަރެން މާކުރިން ވެސް އޮންނާނެ ދެން އަންނަ ހަފްތާއަށް ޓިކެޓް ހަމަޖައްސާފައި. މަންމަ ޔޫއާންގެ ދަބަސް ތައްޔާރު ކުރާތި. އެކޮޅަށް ގޮސް ތައްޔާރުވުން އެންމެ ރަނގަޅ ގޮތަކީ. ޔޫއާން ދެކޮޅު ނުހަދާނެކަމަށް ހީކުރަން. އަހަންނަށް ހީވަނީ މަންމަގެ އެދުމަށް ކޯސް ނުނިމެނީސް ޔޫއާން މިތަނަށް ގެނައިކަން އެއީ ހެދުނު ގޯސްހެން” ސަލަފް ޓިޝޫއެއް ނަގައި އަތްފޮހެލިއެވެ.
ސަލަފް ނިކުމެގެން ދިއުމުން ޔޫއާން ކުރިމަތީގައި ހުރި ތަށި ދުރަށް ޖައްސާލިއެވެ. ހިތްހަމަ ނުޖެހިފައި ތެދުވެގެން ގޮސް ކޮޓަރިއަށް ވަންނަމުން ދޮރު ޖެހީ ގޭގެ ފުރާޅު ބޯމައްޗަށް ވެއްޓޭހާ ބާރަށެވެ. މާނާ ޔޫއާންގެ ފަހަތުން ހިނގާފައި ގޮސް ކޮޓަރިއަށް ވަތްއިރު ޔޫއާން އޮތީ އެނދުމަތީ ދިގު ހުރަހަށް އޮށޯވެގެންނެވެ.
”ޔޫއާން ހިތްހަމަނުޖެހޭވަރު އެއްޗެއް ބޭބެ ނުބުނޭކަން ނޭނގެ. ފުރާ ވާހަކަ ދެއްކުމުން ޔޫއާން ހިތްހަމަނުޖެހުނީ ކީއްވެތަ؟ ޔޫއާން ކިޔާ ވަރުން ބޭބެ ބޭރުން ކޯސް ހޯދައިދިނީ ވެސް. ހުރިހާ ޚަރަދެއް ކޮށްފައި އެކަން ބޭކާރުވެގެން ދާން ބޭނުމެއް ނުވާނެ އެކަކުވެސް.” މާނާ ޔޫއާން ބުރަކަށީގައި ފިރުމާލަދިނެވެ. ޔޫއާން އެއްވެސް އެއްޗެއް ނުބުނެއެވެ.
”މަންމައަށް ފެންނަނީ އެކަމަށް އިންކާރުނުކޮށް ބޭރަށް ދާން.” މާނާ ތެދުވަމުން ޔޫއާންއަށް ބަލާލިއެވެ. ޔޫއާން ބަންޑުން އޮތްގޮތަށް އޮތީ މާނާގެ މޫނަށް ބަލައިވެސް ނުލައެވެ. މާނާ އަބަދުވެސް ކަންބޮޑުވާ އާއިލީ މައްސަލަތަކެއް ހުރެއެވެ. އޭނަ ތިންކުދިން ބަލާ ބޮޑުކުރީ އެއްވެސް ތަފާތެއް ނުކޮށެވެ. ނަމަވެސް ބޮޑުވަމުން އާއިރު ތިންކުދިންގެ މިޒާޖަށް ބަދަލުތަކެއް އައިސް ގުޅުން ހީނަރުވެގެން ދިޔައީ އޭނަގެ ތަރުބިއްޔަތުގައި ހުރި ކޮން އުނިކަމެއްގެ ސަބަބުންބާއޭ ސުވާލު އުފެދޭ ވަރަށެވެ. ދުވަހަކުވެސް ގޭތެރޭ ހީ ސަކަރާތްޖަހާތަނެއް ނުފެންނާއެވެ. ސަލަފް އަކީ އަބަދުހެން އޮފީހުގައި ވަގުތު ހޭދަކުރާ މީހެކެވެ. ސުދާއަކީ އޮފީހުގެ އިތުރުން ރައްޓެހިންނާއި އެކު ވަގުތު ހޭދަކުރާ މީހެކެވެ. ޔޫއާން ގިނަ ވަގުތު ގޭގައި މަޑުކުރި އަސް ހުންނަނީ އެކަނިވެފައެވެ. މާނާ ކޮޓަރިއަށް ވަދެ ވިސްނަން އިނެވެ.
ކައި ނިމިގެން ތެދުވަން އުޅެނިކޮން އަނީސާގެ މެއަށް ތަދެއް އެރިއެވެ. ދެލޯ މަރާލަމުން ކައިރީގައި ހުރި ގޮނޑީގައި ހިފަހައްޓާލީ ވެއްޓޭހެން ހީވެގެންނެވެ. ކަނާތުން މޭގައި ފިރުމާލުމަށްފަހު ފުން ނޭވާތަކެއް ބޭރު ކުރަމުން ދިޔައެވެ. ތަށިތައް ދޮންނަން ޝާޔާއަށް ހުރެވުނީ އަނީސާއަށް ފުރަގަސްދީގެން ކަމުން އަނީސާއަށް ވަމުން ދިޔަ ގޮތް ފެންނަވަރެއް ނުވިއެވެ.
”އާހް.” ތަދުގެ އިޙްޞާސް ގަދަވަމުން ދިއުމުން އަނީސާއަށް ކުކުރާލެވުނެވެ. ޝާޔާ އެއަޑަށް ފަހަތް ބަލާލެވުނު އިރު އަނީސާ ހުރިގޮތް ފެނިފައި އެދިމާލަށް ދުއްވައިގަނެވުނެވެ.
”މަންމާ. މިތަނުގައި އިށީދޭ. މެއަށް އަނެއްކާވެސް ތަދުވަނީތަ؟” އަނީސާ އަތުލަފިކޮށްލައިގެން ގޮނޑީގައި ބައިންދާލެވުނީ އުދަނގުލުންނެވެ. އަނީސާއަށް ބޯޖަހާލުން ފިޔަވާ އިތުރު ޖަވާބެއް ނުދެވުނެވެ. ނޭވާ ކުރުވެ ހާސްވާ ގޮތްވުމުން ވާހަކަ ދައްކަން އިނދެވުނީ އުޒުރުވެރިވެފައެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަނީސާގެ މޫނުމަތި ދާތިކިތަކުން ފުރިގެން ދިޔައެވެ.
”އީރާ..” ޝާޔާ އީރާއަށް ގޮވަމުން އަނީސާއަށް އެހީތެރިވެވޭތޯ ބަލަމުން ދިޔައެވެ. އީރާގެ ނަމުން އެތައް ފަހަރަކު ގޮވި ނަމަވެސް އީރާގެ ޚަބަރެއް ނުވިއެވެ. ޝާޔާ އަނީސާ އަތުން ދޫކޮށްލުމަށްފަހު ފިނި ކިރުތައްޓެއް ހަދާލިއެވެ. އަނިސާ ހަމައަކަށް އެޅުނީ އެބޮވުނު ފަހުންނެވެ.
”އަހަންނަށް ފެންނަނީ ޑޮކްޓަރަށް ދައްކަން ދާން.” ޝާޔާއަށް ބަލާލަމުން އަނީސާ ދެކޮޅު ހެދުމުގެ ގޮތުން ބޯހޫރާލިއެވެ.
“މިހެން އަބަދުވެސް އުދަނގޫވޭ. ޑޮކްޓަރަށް ދައްކައިގެން ވާ ފައިދާއެއް ނެތެއްނު. މިކަމަށް ހައްލެއް ނުލިބޭ.” އަނީސާ މޫނުމަތި ފޮހެލަމުން ވާހަކަ ދެއްކިއެވެ.
”ޑޮކްޓަރު ހަދަން ބުނި ބައެއް ޓެސްޓްތައް ނުހެދުނީ އޭރު ފައިސާ ނެތިގެން. މިފަހަރު ލިބޭ މުސާރައިން ބަލާނަން މަންމަގެ ޓެސްޓްތައް ހެދޭތޯ. މަންމަ ހިތްވަރު އެލުވާނުލާ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.” ޝާޔާ އަނީސާ ގޮވައިގެން ކޮޓަރިއަށް ވަނެވެ. ޝާޔާ އަނީސާގެ ގާތުގައި އަނީސާއަށް ނިދެންދެން މަޑުކުރިއެވެ. އެކޮޓަރީގެ ހޮޅިބުރި ނިއްވާލުމަށްފަހު ކޮޓަރިއަށް ވަނުމުގެ ކުރިން އީރާގެ ކޮޓަރިއަށް ވަތްއިރު އީރާއަށް އޮތީ ނިދިފައެވެ.
ޝާޔާ އެނދުގައި ޖައްސާލި ވަގުތު ޔޫއާންގެ މެސެޖެއް އައެވެ. މެސެޖުގައިވަނީ ބޭރަށް ނިކުމެދިނުމަށެވެ. ޝާޔާ ލޯގަނޑު ކުރިމަތީގައި ހުއްޓި ކުޑަކޮން ފަރިވެލައިގެން ބޭރަށް ނިކުތެވެ. ޝާޔާ ދޮރާށިން ބޭރަށް ނިކުމެ ބަލާލިއިރު ގެއާއި ތަންކޮޅެއް ދުރުގައި ޕާރކު ކޮށްލައިގެން އެ ކާރުގައި ލެނގިލައިގެން ޔޫއާން ހުއްޓެވެ. ޔޫއާންގެ ނަޒަރު ޝާޔާއަށް ހުއްޓާލެވުނެވެ. ރަތްކުލައިގެ ކަކުލާ ހަމަޔަށް އަންނަ ހެދުމުގައި ޝާޔާގެ ރީތިކަން ކުރިއަށްވުރެ ބޮޑަށް ފާޅުކަމަށް ދައްކައެވެ. ވައިގެ ތެރެއަށް އިސްތަށިގަނޑު ދޫކޮށްލުމުގެ ބަދަލުގައި ވޫލަކުން އިސްތަށިގަނޑު އައްސާފައިވާތީ ހެދުމާއި ގުޅޭކަމަށް ދައްކައެވެ.
”ވަރަށް ރީތި.” ޝާޔާ ކުރިމަތީގައި ހުއްޓުމުން ތައުރީފުކޮށްނުލާ ނުހުރެވުނެވެ. ޝާޔާ ލަދުން އިސްޖަހާލުމުން ޔޫއާން ދެންވެސް ބޭނުންވީ އިތުރަށް ލަދުގަންނުވާލާށެވެ.
”ހީވަނީ ޕަރީއެއް އައިސް މިބިމުގައި އުޅޭހެން. ދުނިޔޭގައި ތިބި ހުރިހާ އަންހެނުން ޝާޔާ ދެކެ ހަސަދަވެރިވާނެ” ޔޫއާން ޝާޔާގެ އަތުގައި ހިފާ އޭނާ އާއި ކައިރިކޮށްލިއެވެ. ޝާޔާ ރަކިވެފައި ހުންނަތަން ފެނުމުން ޔޫއާން ހީލިއެވެ. އިރުކޮޅެއް ފާއިތުވެގެން ދިޔައީ ދެމީހުން ކުރެ އެކަކުވެސް އެއްޗެއް ނުބުނެ ހިމޭންވެފައި ތިބެއެވެ. ޔޫއާން ޝާޔާގެ އަތުގައި ފިރުމާލަމުން ބައެއް ފަހަރު ތުންފަތާއި ކައިރިކޮށްލާ އަތުގައި ބޮސްދެއެވެ.
“އަހަރެން ބުނެފާނަން މިވަގުތު ޝާޔާ ހިތަށް އަރާ އެއްޗެއް.” ޔޫއާން އިސްވެ ވާހަކަ ދެއްކިއެވެ.
“ބުނެބަލަ.”
“ޝާޔާ ހިތަށް އަރަނީ..” ޔޫއާން އެ ޖުމްލަ މެދު ކަނޑާލުމަށްފަހު ޝާޔާގެ މޫނަށް ބަލާލިއެވެ.
”އަހަރެން މިތަނުން ދާނީ ކޮންއިރަކުން ބާއޭ؟ އެހެންނު” ޔޫއާންގެ މޫނަށް ބަލާލަމުން ޝާޔާ ދުރަށް ޖެހިލިއެވެ.” އަހަރެން ހިތަކަށް އެހެންނެއް ނާރާ. އަހަރެން ބޭނުމެއް ނޫން ފޮނުވާލާކަށް.” ޝާޔާ ކުޑަކޮން ހިތްހަމަ ނުޖެހޭގޮތްވިއެވެ.
”އަހަރެން ހީކުރީ އެހެން ކަމަށް. މިތަނަށް އައިސް އެއްވެސް ވާހަކައެއް ނުދައްކާ ކަންބޮޑުވެފައި ހުރީ. ޝާޔާ ފޮނުވަން ބޭނުން ނުވިއަސް އަހަރެން މިއުޅެނީ ވަރަށް ދުރަށް ދާން. ޝާޔާއަށް ނުފެންނަހާ ދުރަށް.” ޔޫއާން ޝާޔާގެ އަތުގައި ހިފާލިއެވެ.
”ކޮންތާކަށް؟” ޝާޔާގެ މޫނުމަތިން ހައިރާންކަން ފެނިގެން ދިޔައެވެ.
”ލަންކާއަށް. އެހާ ގިނަ ދުވަހެއް ނުވާނެ. ފަނަރަ ވަރަކަށް ދުވަސް ކަންނޭނގެ ވާނީ. އަހަރެން ދުރުގައި ހުއްޓަސް ހުންނާނަން އެންމެ ކައިރީގައި.” ޔޫއާންގެ ވާހަކަތަކުން ޝާޔާއަށް ހިތްހަމަޖެހުން ލިބުނެވެ. އެރޭގެ ބާކީބައި ޝާޔާ އާއި ޔޫއާން ހޭދަކުރީ އެތަނުގައެވެ. ދެމީހުން އަމިއްލަ ވާހަކަތައް ހިއްސާކުރަމުން ދިޔައެވެ. ޔޫއާން އާއި އެކު ހޭދަވާ ކޮންމެ ސިކުންތެއްވެސް ޝާޔާއަށް ހިތްހަމަޖެހުން ލިބިގެން ދެއެވެ.
ދެދުވަސް ފާއިތުވެގެން ދިޔައެވެ. ކޮންމެ ދުވަހަކުވެސް އޮފީހުގައި ގުނާ އަދަދު ނުކުރެވޭހާ މަސައްކަތް ހުރެއެވެ. ޒަވީން އާއި އެކު ޝާޔާ ނިމަންޖެހޭ މަސައްކަތްތައް ނިންމުމުގައި ގިނަ ވަގުތުތައް ހޭދަކުރަން ޖެހެއެވެ. ޒަވީން އަކީ އެންމެންނާއި ގުޅޭ މަޖާ މިޒާޖެއްގެ މީހެއްކަމުން އެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަވެގެން ދިޔައެވެ. އަދި އެކުވެރިކަން ބަދަހިވަމުން ދިޔައެވެ. ޒަވީން އޮފީހުގައި ބުރަކޮން އުޅުނު ކަމުގައިވެސް ހަނާއަށް ސަމާލުކަން ދެއެވެ. ސުދާގެ އެދުމަށް ހަނާގެ ވާހަކަ ސަލަފް އާއި ހަމަޔަށް ނުގެންގޮސް މަޑު ޖައްސާލި ނަމަވެސް ހަނާގެ ފަރާތުން އެފަދަ ކަމެއް ތަކުރާރުވެދާނެކަމުގެ ބިރު އޮވެއެވެ. ހަނާގެ ޙަރަކާތްތަކަށް ފާރަލަމުން ދިޔަ ނަމަވެސް ޒަވީންއަށް ހަނާގެ ފަރާތުން އެކަހަލަ ކަމެއް އޭގެ ފަހަކުން ނުފެނެއެވެ.
ސަލަފް ބުނި ޕްރެޒެންޓޭޝަން ނިންމާ ސަލަފްއަށް ހަވާލު ކުރުމުން ސަލަފް އެރޭ ބޭއްވި ބައްދަލުވުން ކާމިޔާބުވެ ސަލަފްއަށް ކުރިއެރުންތައް ލިބިގެން ދިޔައެވެ. ބޭރުގެ ފަރާތްތަކުން އޮފާތައް އޮހެމުން ދިޔައީ ސަލަފް އުއްމީދު ކުރިވަރަށްވުރެ ބޮޑަށެވެ. ސަލަފްގެ ކާމިޔާބީގެ ފަހަތުގައި ވަނީ ސަލަފްގެ މުވައްޒަފުން ކުރި ބުރަ މަސައްކަތްކަމެއް ސަލަފް ހަނދާނެއް ނުނެތެއެވެ.
ޖެހިގެން އައި ދުވަހު އޮފީސް ބައްދަލުވުމުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ސްޓާފް ޕާރޓީއެއް ބާއްވާނެކަމަށް އިއުލާން ކުރެވުނެވެ. އެ ބައްދަލުވުމުގައި ޚާއްސަ ގޮތެއްގައި ޝާޔާގެ ނަން ފާހަގަ ކުރުމުން ސުދާގެ ރުޅިގަނޑު އިތުރަށް ބޮޑުވެގެން ދިޔައެވެ. ޝާޔާއަށް ކުރިއެރުން ލިބިގެން ދިޔަތަން ފެނުމުން ސުދާއަށް ޝާޔާ ފައްސާލުމުގައި ހުރަސްތަކެއް ހުރިކަން ކަށަވަރު ވެގެން ދިޔައެވެ. އެ ބައްދަލުވުން ނިމުމާއި އެކު ހަނާ އާއި ސުދާ ވަކިން ބައްދަލު ކުރިއެވެ.
“މަކަރުވެރިކަން ދަސްކުރަންވީ އޭނާގެ ކިބައިން. ސުދާ ދެކިބަލަ. ސަލަފްބޭގެ އަތުގައި ވަކި ހިއްޕާލި ވަރު. އޮފީހަށް ވަދެފައި ހަފްތާއެއް ނުވަނީސް އެ ހޯދީ ކުރިއެރުން. ސަލަފްބެ ސްޓާފް ޕާރޓީ ބާއްވަނީ އެ ޝާޔާއަށް.” ހަނާ އައިސް ސުދާގެ ކުރިމަތީގައި ހުއްޓުނެވެ.
“އޭނައަށް ލިބޭ މޮޅުގެ ފަހަތުގައި ވަނީ އޭނާގެ ރީތިކަން. އަޅާނުލާ. ކުރީ ފަހަރު އަހަރެމެންގެ ޕްލޭން ފުލޮޕްވީ ހަނާގެ މޮޔަކަމުން.” ސުދާ ހިތްހަމަ ނުޖެހިފައި ހަނާ ކުށްވެރިކުރިއެވެ.
”އަހަރެންގެ ސަބަބުން؟” ހަނާ އަމިއްލައަށް އިނގިލި ދިއްކުރަމުން އަހާލިއެވެ.
”އެރޭ ސީޑީ ބަދަލުކުރީ ހަނާކަން ޒަވީންއަށް އެނގުނު. ނޭނގޭކަމަކީ އޭގެ ފަހަތުގައި އަހަރެން ހުރިކަން. ހަނާއަށް އެނގޭނެ މި އޮފީހުގެ ކޮންމެ ބައެއްގައި ކެމެރާއެއް ހުންނަކަން. އަހަރެމެންގެ ނަސީބު އެއީ އެހެން މީހަކަށް ނޭނގި ޒަވީންއަށް އެނގުނުކަން. އަހަރެން އޮންނާނެ އެވާހަކަ ނުދައްކާށޭ ބުނެފައި. ހަނާ މީގެ ފަހުން ކޮންމެ ކަމެއްވެސް ކުރަންވާނީ ބަލައިގެން. އަހަރެން ބުނާ ގޮތަށް ހަނާ ކަންތައް ކުރޭ.” ސުދާ އިރުޝާދު ދެމުން ގޮސް ފަހުން ހުށައެޅި ޝަރުތު ކަންފަތާއި ހަމަޔަށް ފޯރުމުން އެއީ އިވުނު އަޑެއް ކަމާއި މެދު ޝައްކުވިއެވެ. ސުދާގެ ދުލުން އެ ޝަރުތު އަތުވެދާނެކަމަށް ހަނާ އުއްމީދެއް ނުކުރެއެވެ.
(ނުނިމޭ)