ކިތަންމެ ވިއްސާރަވެ މޫސުން ގޯސްވިކަމުގައި ވީނަމަވެސް ކުޅުދުއްފުށީ ރައްޔިތުންނަށް “ލޮނުކަން” ނުލިބިގެން އުޅެން ޖެހިފައެއް ނުވެއެވެ. އެހެނީ ކުޅުދުއްފުއްޓަކީ ވަރަށް ކުރިންސުރެވެސް ހީވާގި ކެރޭ މަސްވެރިންތަކެއް އުޅެމުންދާ ރަށެކެވެ. މަސްވެރިކަމަށް ނަން މަޝްހޫރު ރަށަކަށް ކުޅުދުއްފުށި ނުވިކަމުގައިވިޔަސް އެހެން ރަށެއްގެ މަސްވެރިންނަށް ކުޅުދުއެްފުށީގެ ރައްޔިތުން މިވީހާތަނަށް ބަރޯސާވާންޖެހިފައެއް ނުވެއެވެ.
ޒަމާނަށް އައި ބޮޑު ބަދަލާއިއެކު މިރަށުގެ ރައްޔިތުންގެ ޒަރޫރަތްތައްވެސް މިވަނީ އިތުރުވެފައެވެ. ބިޒީ ޝެޑިއުލް ތަކުގައި ވަގުތު ނުވެގެން އުޅޭއިރު މުޅި ދުވަހު މަހުގައި “ހިނަން” ޖެހުނު ދުވަސްތައް މާޒީއަށް ހަދާ އައު ގޮތްތަކެއް ތަޖުރިބާ ކުރަން ބޭނުންވެފައެވެ. އަނބިމީހާއަށް މަސްކަނޑާނުދޭ ކަމަށް ބުނެ ކާން ނުދޭން ފައިވިއްދާ ފަހަރުތައް މަދުކުރަން ބޭނުންވެފައެވެ.
ކުޅުދުއްފުށީގެ މަޝްހޫރު ރެކޯޑު ދޯނީގެ ކެޔޮޅު އާދަމް ހަސަން (ފޯ އާދަނު) ބުނީ ކުޅުދުއްފުއްޓަކީ މިހާރު މަސްމާރުކޭޓެއް އޮންނަންޖެހޭ ތަނެއް ކަމަށް ގަބޫލުކުރާ ކަމަށާއި ހުރިހާ މަހެއް އެއް ތަނަކުން ލިބޭނެ އިންތިޒާމެއް އޮތުން މިހާރު ލަސްވެފައިވާ ކަމަށެވެ. އަދި މަސްމާރުކޭޓެއް ނެތުމުން މަސްވެރިންނަށް ދަތިތަކެއް ކުރިމަތިވާ ކަމަށާއި އެގޮތުން މަސްވިއްކަންޖެހެނީ ދޭހާއި އަތްވާއި ވެހޭހާ ވާރޭގައި ކަމަށެވެ. 2003 ވަނަ އަހަރު ޒުވާން މަސްވެރިޔާގެ އެވޯޑު ހާސިލް ކުރި ހޯގުޅާ ދޯނީގެ ކެޔޮޅު ޖައުފަރު މުހައްމަދު (ލަބަރި ޖައުފަރު) ބުނީ މަސް މާރުކޭޓެއް ލިބިއްޖެނަމަ ފަސޭހަކަމާއިއެކު ތާޒާކޮށް މަސްކޮޅު ވިއްކާލެވޭނެ ކަމަށެވެ.
ދާދި މިދާކަށް ދުވަހު އަޅުގަނޑުމެންނަށް އަޑުއިވިގެން ދިޔައީ މަސްވެރިންނަށް ފަސޭހަވާނޭހެން ކުޅުދުއްފުށީގައި އައިސް ޕްލާންޓެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ވާހަކައެވެ. އެހެން ނަމަވެސް އައިސް ޕްލާންޓެއްގެ ކުރިން މަސްމާރުކޭޓެއް އެޅުން މުހިއްމުކަން މިބޭފުޅުންގެ ވާހަކަތަކުން ހާމަވެގެންދެއެވެ.
މިކަމާއި ގުޅޭގޮތުން ކުޅުދުއްފުށި ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒް ވިދާޅުވީ މަސްމާރުކޭޓެއް ގާއިމުކުރުމުގެ ވިސްނުން ކައުންސިލުންވެސް ގެންގުޅުއްވާ ކަމަށާއި މިގޮތުން 2 ފަހަރެއްގެ މަތިން ކުރިންވެސް މިކަން ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. ރަމީޒު ވިދާޅުވީ މިކަމަށް ބަޖެޓު ހޯދުމަށް ފިޝަރީޒް މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށެވެ. އަދި މިހާރު ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ) ގެ ދަށުން މިމަސައްކަތް ބަޔަކާ ހަވާލުކުރަން ވިސްނަވާކަންވެސް ރަމީޒު ފާހަގަކުރެއްވިއެވެ.
މަސްމާރުކޭޓަކުން ލިބިގެންދާނެ ލުއި ފަސޭހަ ތައް އަޅުގަނޑުމެންނަށް އެނގެއެވެ. ހިޔަލުން މަސްގަނެ އެތަނުގައި މަސްކޮޅު ކަނޑާލައިގެން ގެއަށް ގެނެވޭ ދުވަހެއް ކައިރި މުސްތަގުބަލެއްގައި ފެންނާނެ ކަމުގެ އިންތިޒާރުގައި ކުޅުދުއްފުށީގެ ގިނަ ރައްޔިތުންނާއި މަސްވެރިން އެބަތިއްބެވެ.