މާރޗް 19 ވަނަ ދުވަހުގެ ބަޔާގުޅޭ
”އިހަށް މަޑުކުރޭ. ޒަވީން ހުރިހާ ކަމެއް މަތިން ހަނދާންނެތޭހާ ކޮށްފައި ނޫނީ އެހެން ފިޔަވަޅެއް އަޅާނެ ކަމެއް ނެތް. ޝާޔާއަށްވެސް އަހަރެމެންގެ މޮޅުގައި އުޅުނަ ދީ. ހަނާ ކުރަންވީ ކަމަކީ ޝާޔާ އާއި އެކުވެރިކަން ބަދަހިކުރުން.” ސުދާ ހަނާއަށް އިރުޝާދު ދެމުން ގޮސް ޝާޔާ އާއި އެކުވެރިކަން ބަދަހިކުރާ ވާހަކަ ބުނުމުން މޫނު ހަދާލެވުނެވެ. އޭނަގެ ކަންފަތާއި ހަމަޔަށް ފޯރި އަޑަކީ ރަނގަޅު އަޑެއް ބާއޭ ހިތަށް އެރިއެވެ.
”މަ. އޭނާ އާއި. ސުދާ ދައްކާ ވާހަކަ. އެއީ އަހަރެމެންގެ ފެންވަރުތަ؟” ހަނާ އިންކާރު ކުރިއެވެ.
”އެހެން ވިއްޔާ ހީކޮށްލާ ހަނާގެ ކޮއްކޮއަށް ވަޒީފާ ނުލިބި ކެންސަލްވެއްޖެ ކަމުގައި.” ހަނާއަށް ހީވީ ސުދާ އޭނަގެ ކުރިމަތީ ގިރާކުރަން ހަލާކުވެފައިވާ ފާލަމެއް ބޭއްވި ހެންނެވެ. ހަނާއަށް ހުރެވުނީ ބަސް ހުއްޓިފައެވެ. ސުދާގެ އެ ޝަރުތުގެ ފަހަތުގައި ވަނީ ކޮންކަމެއް ބާއޭ ހިތަށް އެރިއެވެ.
”ޝާޔާ އާއި އެކުވެރިކަން ބަދަހި ކުރުމުގެ ފަހަތުގައި ވަނީ ކޮންކަމެއް؟” ހަނާއަށް ސުދާގެ ވިސްނުން ހުންނަ ގޮތް އެނގެއެވެ. ސުދާ އެންމެ ކަމެއްވެސް އަމިއްލަ ފައިދާއެއް ނެތްނަމަ ނުކުރާނެކަން އެނގެއެވެ. ސުދާ އިނީ ވިސްނުމެއްގެ ތެރޭގައެވެ. ހަނާ އިންތިޒާރުކުރަމުން ދިޔައީ ސުދާ ޚިޔާލީ ދުނިޔެއިން އެނބުރި އައިސް ހަނާގެ ސުވާލަކަށް ޖަވާބު ދޭނެ އިރަކަށެވެ.
“ގަދަ އެއްޗެއް ފަސޭހައިން ބަލިކުރެވޭނީ އޭގެ ބަލިފައި އެނގިގެން. ހަނާ ކުރަންވީ ކަމަކީ ޝާޔާގެ ބަލިފައި ހޯދުން. އޭރުން އަހަރެމެންނަށް ފަސޭހަވާނީ. ހަނާގެ މަސައްކަތަކީ ޖާސޫސް ކުރުން.” ސުދާ ހީލިއެވެ. ހަނާގެ މޫނުމަތި އުފާވެރިކަމުން ބަނބުޅައިގަތެވެ.
”ތިއީ ވަރަށް ފަސޭހަ ކަމެއް. ސުދާ ބަލަން ހުންނާތި. އަހަރެމެންގެ މަގްޞަދު ހާސިލްވާނެ ވަރަށް އަވަހަށް.”
އޮފީހުގެ ބައްދަލުވުން ނިމި މުވައްޒަފުން ގެއަށް ދާން ފަށައިފިއެވެ. އޮފީހުގެ ގޭޓްކައިރީ ޝާޔާ މަޑުކޮށްލައިގެން ހުރީ ޔޫއާން އަންނާނެ ވާހަކަ ބުނެގެންނެވެ. ޔޫއާންގެ ކާރު ޝާޔާގެ ކުރިމައްޗަށް ވާގޮތަށް މަޑުކޮށްލީ އެތަނުގައި ހުންނަތާ ފަސްމިނިޓެއްގެ ފަހުއެވެ. ކާރު މަޑުކުރުމާއި އެކު ޝާޔާ ކުރީ ޝީޓަށް އަރައިފިއެވެ.
”ލަވައެއް ޖަހަންވީތަ؟ ޝާޔާއަށް ކަމުދަނީ ކޮންކަހަލަ ލަވައެއް؟” ސީޑީއެއް ނަގަމުން ޔޫއާން ޝާޔާގެ މޫނަށް ބަލާލިއެވެ.
”ނޫނޭ. ހިމޭންކޮން އޮތީމަ މާ ފަސޭހަ. އަހަންނަކީ އެއްވެސް އިރެއްގައި މިއުޒިކަށް ލޯބިކުރާ މީހެއް ނޫން. ޔޫއާން ލަވަޖަހާ އުޅެންތަ؟” ޝާޔާގެ ވާހަކަ އިވިފައި ޔޫއާންއަށް އަމިއްލަ ނަފްސާއި ޝާޔާ އާއި ހުރި ތަފާތު އަޅާ ކިޔާލެވުނެވެ.
”ތެދަށް ބުނަންޏާއި އަހަރެން ސައްވީސް ގަޑިއިރުހެން އުޅޭނީ މިއުޒިކުގެ ދުނިޔޭގައި. ނިދަނީވެސް ލަވަ ޖަހައިގެން. އަޑު މަޑުވެއްޖެނަމަ އަހަންނަށް ކަމަކު ނުދޭ. ރޮކް ލަވަތައް ވަރަށް ސަޅި.” ޔޫއާން ކާރު ދުއްވަމުން އަމިއްލަ ކަންތައް ހިއްސާކުރަމުން ދިޔައެވެ.
”އަހަރެމެން ދެމީހުން ހުރިހާ ކަމެއްގައިވެސް ވަރަށް ތަފާތު.” ޝާޔާ ވިސްނަން އިނދެފައި ބުނެލީ ޔޫއާންގެ ހިތުގެ އަޑެވެ. ޔޫއާން ޝާޔާއަށް ބަލާލެވުނެވެ.
”މިޒާޖު ތަފާތުވެގެން ދެމީހުންގެ ގުޅުމަށް އެއްވެސް ބުރުލެއް އައިސްގެން ނުވާނެ. ކޮންމެ އިންސާނަކީ އަނެއް އިންސާނަކާއި އެތައް ހާސް ގޮތަކުން ތަފާތު މީހެއް.” ޝާޔާ ވާހަކަ ދެއްކުން އިރުކޮޅަކަށް ހުއްޓާލިއެވެ.
”މިޒާޖު ތަފާތު ދެ މީހުންނަށް އެކުގައި އުޅެން ވަރަށް އުދަނގޫވާނެ. އަހަރެން ޤަބޫލެއް ނުކުރަން އެކުގައި އުޅެވޭނެ ކަމަކަށް.” ޔޫއާންގެ ޚިޔާލު ތަފާތެވެ.
”މިޒާޖު ތަފާތު ވެގެން ވަކިވުން އެއީ އުޒުރެއްތަ؟ އޭގަ ވިސްނަންވީ އެކަން ހައްލު ކުރާނެ ގޮތް. އެކަކު އަނެކަކަށް ދޫދިނުމާއި އެކުގައި ވާހަކަ ދައްކައިގެން ހައްލުކުރުން. ކަމެއްވާ ކޮންމެ ފަހަރަކު ޒުވާބަކަށް ދިއުމުގެ ބަދަލުގައި ވަރަށް ފިނިކޮން މައްސަލަ ނިމޭނެ. ޔޫއާން. ކުޑަ ކަމެއްގެ ޚިޔާލި ތަފާތުވެގެން ދެމީހަކު ވަކިވާން ވެއްޖެނަމަ ދެމި އޮންނާނެ އެންމެ ކައިވެންޏެއް ނޯންނާނެ. ޔޫއާން ބޭނުން ވާނެތަ އަހަރެންނާއި ވަކިވާން؟” ޔޫއާން އެއްޗެއް ނުބުނެ ކާރު މަގު އެއްފަރާތުގައި ޕާކުކޮށްލިއެވެ. ކާރުގެ ލައިޓްތައް ނިއްވާލުމަށްފަހު ޝާޔާއަށް ބަލާލިއެވެ.
”ނޫން. އަހަރެން ދުވަހަކުވެސް ނޭދެން ވަކިވާކަށް. ތިއީ އަހަރެންގެ ހުރިހާވެސް އުއްމީދަކީ. އަހަރެންގެ ދިރިއުޅުމަކީ ތިއީ. ޝާޔާއާ ވަކިވާން ޖެހިއްޖެ ނަމަ…. އަހަރެން ދުވަހަކުވެސް ޝާޔާ އާއި ވަކިއެއް ނުވާނަން” ޔޫއާން ފުންނޭވާއެއް ދޫކޮށްލިއެވެ. ޝާޔާއަށް އެވަގުތު ޔޫއާންގެ ލޮލުން ހަޤީޤީ ލޯބި ފެނިގެން ދިޔައެވެ. ދިރިއުޅުމުގެ ބާކީ ބައި އެކީގައި ހޭދަކުރެވޭނެ ކަމުގެ ޔަޤީންކަން ފެނިގެން ދިޔައެވެ. ޔޫއާން ދެމުން ދިޔަ ޔަޤީންކަމާއި އެކު ދެމީހުންގެ މެދުގައި އިތުބާރު އުފެދިގެން ދިޔައެވެ.
”އަހަރެން ޔޫއާންއަށް އިތުބާރު ކުރަން. އަދި އަހަރެން ފަދައިން ޔޫއާން އަހަންނަށް އިތުބާރު ކުރާކަން ޔަޤީން.” ޝާޔާ ސިހިފައި ކާރުގެ ކުޑަދޮރާއި ދިމާލަށް ބަލާލީ މީހަކު ބޭރުން ޓަކިޖަހާލި އަޑަށެވެ. ޔޫއާންއަށް ބިއްލޫރިގަނޑު ތިރިކޮށްލުމާއި އެކު ފެނުނީ ޔުނީފޯރމްގައި ތިބި ދެ ފުލުހުންނެވެ.
”ނިކުމެބަލަ ބޭރަށް.” އަޑަށް ހަރުކަށިކަމެއް ގެންނަމުން ދެމީހުންގެ ތެރެއިން އެކަކު އަމުރު ކުރިއެވެ. ދެމީހުން ކާރުން ފޭބުމާއި އެކު ފުލުހުންގެ ސުވާލުތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.
”ޕާކުކޮށްފައި އޮތް ކާރެއްގެ ތެރޭގައި ރޭގަނޑު ދިހައެއްގެ ފަހުން، އަދި އަމުދުން ކާރު ނިއްވާލައިގެން ކުރާނީ ކޮންކަމެއްކަން އަހަންނަށް އެނގޭ.ހިނގާ އަހަރެމެންނާއި އެކު.” ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭތީ ޝާޔާ ބިރުން ހަލާކުވާވަރުވިއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވި ބަދުނާމު ވެއްޖެ ނަމަ މަންމަ އާއި މޫނު ހަމަކުރާނީ ކިހިނެއް ކަމެއް ނޭނގެއެވެ. ދެރަވި ވަރުން ލޮލަށް ޖަމާވި ކަރުނަތައް ހިފަހައްޓާވެސް ނުލެވުނެވެ. ޔޫއާންގެ މޫނުމަތިން ފެންނަމުން ދިޔައީ ތަފާތު ކުލައެވެ. ބިރަށްވުރެ ބޮޑަށް ހައިރާން ކަމެވެ. ފުލުހުންގެ ތެރެއިން ދޮންކޮން ދިގުކޮން ހުރި ފިރިހެން މީހާއަށް ބެލެނީ ދަންނަ ވައްތަރެއް ޖަހާތީއެވެ.
”އަދިވެސް ތިބީތަ؟ އާދޭ. ހީނުކުރާތި އަހަރެމެންގެ ކިބައިން ސަލާމަތް ވާނެއޭ. ޔޫއާން. އަހަރެމެންނަށް ޕޭ ކުރަންޖެހޭނެ.” ޔޫއާންއަށް ދަންނަހެން ހީވާ ކުއްޖާ ޔޫއާންގެ ނަމުން މުޙާތަބު ކުރުމުން ޔޫއާންއަށް ހުރިހާ ކަމެއް ހަނދާންވީ އެވަގުތުއެވެ.
”އަދުޝަން.” ޔޫއާންގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. ދެމީހުން އެކުގައި ހީނގަނެފައި އެކަކު އަނެއްކަކުގެ ގައިގައި އޮޅުލައިގަންނަމުން ސަލާމްކޮށްލިއެވެ.
”ޝާޔާ. މިއީ އަދުޝަން. އަހަރެންގެ ކުލާސް މޭޓް. ބަލާބަލަ ތަފާތުކަން. ސްކޫލު ނިމުނު ފަހުން ފިލައިގެން ތިއުޅެނީ.” ޔޫއާން ޝާޔާއަށް އަދުޝަން ތަޢާރަފު ކޮށްދިނެވެ. ޝާޔާ ދެލޯ ފޮހެލަމުން އަދުޝަން އާއި ސަލާމްކުރީ ހިނިތުންވަމުންނެވެ. ކުރީގެ ހަނދާންތައް ދެމީހުން އާކުރަމުން މާޒީގައި ދިމާވި މަޖާ ހާދިސާތައް ހިއްސާކުރިއެވެ. މަޖާ ވާހަކަތައް އިވިފައި ޝާޔާއަށް ނުހީ ނުހުރެވެއެވެ.
”ފަހުން ބައްދަލުވާނެ . މިވަގުތު މިއުޅެނީ ޑިއުޓީގައި. ނަޞީބެއްނު އިހްވާދު ބުނެގެން ކާރުތަކަށް ބަލާލިކަން. އެހެންނަމަ ގެއްލިގެން އުޅޭ މަގޭ އެކުވެރިޔާއެއް ނުފެނުނީސް.” އަދުޝަން ހެމުން ޔޫއާން އާއި ސަލާން ކުރިއެވެ. އަދުޝަން އެތަނުން ދިއުމުން ޔޫއާން އާއި ޝާޔާ ކާރުގައި މިސްރާބުޖެހީ ގެއާއި ދިމާލަށެވެ. ކާރުން ފައިބަމުން ޝާޔާ ޖިންސުގެ ޖީބުން އެއްޗެއް ނަގައި ޔޫއާން އާއި ދިމާލަށް ދިއްކޮށްލިއެވެ. ޔޫއާން ސުވާލުން ފުރިގެންވާ ގޮތަކަށް ބަލާލަމުން މުށް ހުޅުވާލިއެވެ. ޝާޔާ އެ މުށުތެރެއަށް އެއްޗެއް ލައިދިނުމަށްފަހު މުށްލައްޕާލަ ދިނެވެ. އަދި ޝާޔާ ގޭތެރެއަށް ދިއުމުން ނޫނީ ނުހުޅުވުމަށް އެދުނެވެ.
ޝާޔާ އެތެރެއަށް ދާހާ އިރުކޮށްފައި ޔޫއާން މުށް ހުޅުވާލިއިރު އެއީ ރިހިކުލައިގެ ފަށެކެވެ. ފުލުގައި އެސްޖަހާފައިވާ ހިތެއް އިނެވެ. ޔޫއާން ޖީބަށް ލާންއުޅެނިކޮން ހިތް ހުޅުވިގެން ދިޔައެވެ. އެ ހިތުގެ ދެފަރާތު ތެރެއިން އެއްފަރާތުގައި ޝާޔާގެ ފޮޓޯއެއް އިނެވެ. ޔޫއާން އުފަލުން ހިނިތުންވެލިއެވެ.
ސުދާގެ އިރުޝާދުގެ ދަށުން ހަނާ ޝާޔާ އާއި އެކުވެރިކަން ބަދަހިކުރަމުން ދިޔައެވެ. ހަނާގެ އެކުވެރި ކަމުގެ ފަހަތުގައި ވަނީ ކޮންކަމެއްކަން ނޭނގޭތީ ޝާޔާއަށް ހީވީ ހަނާ އަކީ އެ އޮފީހުންވެސް އެންމެ ހިތްހެޔޮ ފަރާތް ކަމުގައެވެ. ހަނާ ޝާޔާ އާއި އެކު ވަގުތު ހޭދަކޮށް އެގެއަށް ގޮސް ހެދި ނަމަވެސް ޝާޔާގެ ބަސްމަދު ކަމުގެ ސަބަބުން އެއްޗެއް އޮޅުންފިލާވަރެއް ނުވެއެވެ. ޝާޔާ އަކީ ކުރިން ފެށިގެން ހިތާމަތައް ހިތުގައި ފޮރުވައިގެން އުޅޭ މީހަކަށް ވާތީ ހަނާއަށް ކަމެއް ރޭކާލާ ވަރެއް ނުވެއެވެ.
އިރުއޮއްސި އަނދިރިކަމާއި އެކުއެކީގައި ވިއްސާރައިގެ ކުލަ ގަދަކޮށްލައިފިއެވެ. ވާރޭ ވެހިގަތީ ގަދަ ވަޔާއި އެކުގައެވެ. ވާރޭގެ ސަބަބުން ގެއިން ބޭރަށް ނުދެވިފައި ސުދާ އެނދުގައި ކަންނެތްވެފައެވެ. ފުރާޅު މައްޗަށް ވެހިގަންނަ ވާރޭގެ އަޑު މަޑުމަޑުން އިވެމުން ދާތީ ދޭތެރެއަކުން ކުޑަދޮރާއި ދިމާލަށް ބަލާލެވެއެވެ. ޒަވީން ގޭގައި ނޫޅޭ ވަގުތެއްކަމުން ސުދާއަށް އެކަނިވެރިކަމަށްވުރެ ބޮޑަށް ބިރުވެރިކަން އިޙްޞާސްވަމުން ދިޔައެވެ. ޒަވީންގެ ނަންބަރަށް ޑައިލް ކޮށްލަން ހަދާފައި ހުއްޓާލެވެނީ ގުޅަން ނުކެރިގެންނެވެ.
ދުވާލުގެ އަލި ފަދައިން އަލިވެގެން ދާ ވަގުތުކޮޅުގައި ޖަހާލާ ގުގުރީގެ އަޑު މަޑެއް ނޫނެވެ. ބައެއް ފަހަރު ދެއަތުން ކަންފަތްމަތީ އަތް އަޅާލެވެއެވެ. އެނދުގެ ހެޑްބޯޑުގައި ލެނގިލައި ދެފައި ކުރުކޮށްލާ ކަކޫ ގެނެސް މޭގައި ޖައްސާލެވުނީ ހިމާޔަތް ލިބޭނެކަމުގެ އުއްމީދުގައެވެ.
ޒަވީން ކޮޓަރިއަށް ވަތްއިރު ސުދާ އެނދުގައި އިން ގޮތް ފެނިފައި ކަމެއް ވެއްޖެއޭ ހިތަށް އެރިއެވެ. އެނދުގެ އެއްކަނުގައި ކުރު ގެޅިގެން ކަހަލަ ގޮތަކަށް އޮށޯވެ އޮތްއިރު މޫނުވަނީ ބާލީހުން ފޮރުވާލެވިފައެވެ. ޒަވީން ސުދާ އާއި ދިމާލަށް ގުދުވަމުން އަތް ޖައްސާލިއިރު އަތަށް ފިނިވުމުން ސިހިގެން ދިޔައެވެ. ސުދާގެ ހަށިގަނޑު ފިނިވެފައިވާލެއް ބޮޑުކަމުން ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. އޭސީ ފުލްކޮން ޖައްސާފައިވުމުން އެ ކޮޓަރީގައި ފިނި ހިފާފައި ވަނީ ޒަވީންވެސް ހީނަގާވަރަށެވެ. ޒަވީން އޭސީ ރިމޯޓްނަގައި އޭސީ ނިއްވާލިއެވެ. އަލަމާރި ތެރެއިން ބުލޭންކެޓެއް ނަގައިގެން އައިސް ސުދާގެ ހަށިގަނޑުގައި އަޅާލަން އުޅުނު ވަގުތު ސުދާ އެނބުރިފައި ދެއަތުން ޒަވީންގެ ކަރުގައި އޮޅުލައިގަތެވެ. ހަމަ އެވަގުތު ޖެހި ގުގުރީގެ އަޑު ގަދަކަމުން ސުދާގެ އަރުން ކުޑަ ހަޅޭކެއް ނިކުމެގެން އައެވެ.
”ޒަވީން. އަހަރެން ކައިރީ މަޑުކުރޭ. އަހަރެން ދޫކޮށްފައި އެއްވެސް ތާކަށް ނުދާތި.” ސުދާ ދެލޯ މަރާލައިގެން އޮތްކަމުގައި ވިއަސް އެސްފިޔަތައް ފޫއަޅުވާފައި ނިކުތް ކަރުނަތަކަށް މަޑުޖެހުމެއްނެތެވެ. ކޯތާފަތް ތެންމަމުން ދިޔައެވެ.
”އަހަރެން ނުދަމޭ. މިއޮތީ ސުދާގެ ކައިރީ.” ޒަވީން ސުދާގެ އަތް ކަރުން ނައްޓާލަމުން ސުދާގެ މަގަތުގައި އޮށޯތެވެ. ސުދާގެ ފަރާތުން ދުވަހަކުވެސް ނުފެންނަ ގާތްކަން ފެނިގެން ދާތީ ޒަވީން ހުރީ ކެއްތެރިކަން ކޮޅުން ލާވަރުވެފައެވެ. ސުދާ ހަށިގަނޑުގެ ފިނިން ޒަވީންއަށް އަރާމުކަމެއް ލިބިގެން ދެއެވެ. ސުދާ އިޚްތިޔާރަކާއި ނުލާ ޒަވީންގެ ކޮންމެ ދައުވަތު ޤަބޫލުކުރަމުން ގޮސް ފާއިތުވި ހަތަރު އަހަރު ތެރޭ ދެމަފިރިންގެ ދެމެދުގައި ނުހިނގާ ގާތްކަމާއި ލޯބި ފެނިގެން ދިޔައެވެ.
ވިއްސާރައިގެ އސަރު ކެނޑެމުން ގޮސް އުޑުމަތި ސާފުވީއިރު މެންދަމުން އަލިވެ ދޭއްޖަހައިފިއެވެ. ސުދާ ގަދަ ނިދީގައި އޮތްއިރު ޒަވީންއަށް އޮތީ ލިބުނު ހިތްހަމަ ޖެހުމުގެ ބޮޑުކަމުން ނުނިދިފައެވެ. ބޯދޮށަށް އެއަތް ލައްވާލައިގެން ސީލިންއަށް ބަލަން އޮތްއިރު ދުވަހަކުވެސް ނުފެންނަ ވަރުގެ ހިތްހަމަޖެހުމާއި އުފާވެރިކަން ފެނިގެން ދެއެވެ. ޒަވީން ސުދާ އާއި ދިމާލަށް އެނބުރިލާފައި ސުދާގެ ނިތްކުރީގައި ބޮސްދިނެވެ. ސުދާގެ ފަރާތުން ފެންނަމުން ދިޔަ ކޫސަނި ކަންތައްތަކުގެ ސަބަބުން ބޯހާސްވެފައި ހުރިނަމަވެސް މިރޭ ލިބުނު އުފާވެރިކަމުގެ ސަބަބުން ހިތުގައި ފުނިޖެހުނު ޝަކުވާތައް ފޮހެވިގެން ދިޔައީ ކީއްވެކަމެއް ނޭނގެއެވެ. މިއީ ޒަވީން އުމުރުގައި އިންތިޒާރު ކުރި އުފާވެރި ދިރިއުޅުމުގެ ފެށުމަށް ވާއިރު މި އުފާވެރިކަން އަބަދަށް ދެމިގެން ދޭތޯ ހިތާއި ހިތުން ދުޢާ ކުރެވުނެވެ.
ސުދާއަށް ހޭލެވުނީ ފޯނު އެލާރމްގެ އަޑަށެވެ. ކަންނެތް ގޮތަކަށް އެލާރމް ނިއްވާލާފައި އެނދުން ތެދުވި އިރު ހަށިގަނޑުގައި ނިވާކަމެއް ނެތުމުން ޙައިރާންވެފައި އިނދެވުނެވެ. ރޭގެ ޚާދިސާ ލޯމައްޗަށް ތަކުރާރުވެގެން ދިއުމުން ހަށިގަނޑުގައި އަޅާފައި އޮތް ބްލޭންކެޓް ނަގައި ހުރާލެވުނީ އަމިއްލަ ނަފްސް ދެކެ އާދެވުނު ރުޅިއެއްގެ ސަބަބުންނެވެ. ފާޚާނާއަށް ވަދެ ބާތު ޓަބް ފުރެންދެން ފެންއަޅާލުމަށްފަހު ފެންގަނޑަށް އެރި އިނދެ ބޮލަށާއި އެކު ފެންއަޅަމުން ދިޔައެވެ. ހެނދުނުގެ ތެތް ފިނިކަމާއި ފެނުގެ ތާޒާކަމުން ހިތުގައި އުފެދުނު ރުޅީގެ ހުޅުގަނޑަށް ފިނިކަމެއް ނުގެނެވުނެވެ.
”ކީއްވެ؟ އަހަރެން އެވަރަށް ފޯލްވީ ކީއްވެތަ؟ އަމިއްލަ ހަށިގަނޑު ބާރުގެ ދަށަށް ނުގެނެވުނީ ކީއްވެބާ؟ އަހަރެން ދުވަހަކުވެސް މި އަރާމެއް ބޭނުމެއް ނޫން. އަނެއްކާ ރޭގެ ސަބަބުން…. ނޫން.” ސުދާގެ ސިކުނޑީގައި ހައިޖާނެއް އުފެދިގެން ދިޔައެވެ. ބަނޑުގައި އަތް އަޅާލަމުން ބަނޑުބޮޑުވެދާނެތީ އެކަމާއި ވިސްނާލެވުނެވެ. ވިހެއުމަށްފަހު ސިފަ ގެއްލިފައިވާ އޭނާގެ އެކުވެރިންގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ލިބޭ ފުރައްސާރަތައް ސުދާއަށް އަބަދުހެން އަޑުއިވެއެވެ. ބައެއް އެކުވެރިންގެ ފިރިން އެމީހުންގެ ރީތިކަން ގެއްލުނީތީ ދުވެ ފިލާފައިވާތީ ސުދާ އަބަދުވެސް ކުއްޖަކު ހޯދަން ޖެހިލުންވެއެވެ. ބަނޑުބޮޑުވުމަކީ ލިބޭ ބުރަކަމަކަށް ވާތީ އެކަން ބޮލުގައި އަޅަން އޭނާ ބޭނުމެއް ނޫނެވެ.
ސުދާ ފެންވަރާލައިގެން ނިކުމެ ލޯގަނޑުކުރިމަތީގައި ހުއްޓި ބޮލުގައި ފުނާއަޅަމުން ދިޔައެވެ. ސުދާ ފަހަތުން އައިސް ޒަވީން ބައްދާލިއެވެ.
”ލަވްޔޫ” ޒަވީން މަސްތީ ގޮތަކަށް ސުދާގެ ކަނދުރާއަށް ބޮސްދިން ވަގުތު ސުދާ ތެޅިގަނެފައި ދުރަށް ޖެހިލުމާއި އެކު ޒަވީންގެ މޫނުމަތީގައި ޖަހައިފިއެވެ. ކޯތާފަތްމައްޗަށް އެރި ހޫނު ހަމަލާގެ ސަބަބުން ޤަބޫލު ނުކުރެވިފައި ޒަވީން ސުދާއަށް ބަލާލި ވަގުތު ޒަވީންގެ ލޮލުން ރުޅިވެރިކަން ފެނިގެން ދިޔައެވެ.
(ނުނިމޭ)