twitterviber whatsapp telegramfacebookyoutube instagram
18th May 2024

“ލަވް މީ ޓެންޑަރ” (އަހަރެން ދެކެ ލޯބިވެދޭށެވެ.)

Mar 30, 2013

ޢަލީ ހާޝިމް ދީދީ

“ލަވް މީ ޓެންޑަރ” އަކީ އިނގިރޭސި ލަވައިގެ ރަސްގެފާނު އެލްވިސް ޕްރިސްލީ ވިދާޅުވެފައިވާ ވަރަށް މަޝްހޫރު ލަވައެކެވެ. އޭނާ މި ލަވަ އެންމެ ފުރަތަމަ ވިދާޅުވެފައި ވަނީ 9 ސެޕްޓެމްބަރު 1956 ގައި ޓީވީ ޝޯވ އެއްގައެވެ. އެ ހިސާބުން މި ލަވައަށް އެޑްވާންސްކޮށް 1 މިލިޔަން އޯޑަރު ލިބި، ލަވަ ރިލީސް ނުކުރަނީސް ގޯލްޑަން ހިޓަކަށް ވިއެވެ. އަދި އެ އަހަރު ބިލްބޯޑް ޗާޓްގެ އެއްވަނަ މަޤާމުގައި 5 ހަފްތާ ވަންދެން މި ލަވަ އޮތެވެ. މި ލަވައިގެ 2.3 މިލިޔަނަށް ވުރެ ގިނަ ކޮޕީ އެ އަހަރު ތެރޭގައި ވަނީ ވިކިފައެވެ. މި ދިޔަ ބައި ޤަރުނެއްހައި ދުވަހުގެ ތެރޭގައި މި ލަވަ ދުނިޔޭގެ ނަންހުރި ފަންނާނުންކުރެ ތަފާތު އެކިއެކި ބޭބޭފުޅުން ވަނީ ވިދާޅުވެފައެވެ. އަދި އިނގިރޭސި ލަވައިގެ ދުނިޔޭގައި މި ލަވައަށް ލިބިފައިވަނީ ނުހަނު މަތިވެރި ޝަރަފަކާއި ޤަދަރެކެވެ.

މި ލަވައަކީ، އަޅުގަނޑަށް އެންމެ ރީތި އިނގިރޭސި ލަވަތަކުގެ ތެރެއިން އެއް ލަވައެވެ. އަދި މި ލަވަ، އޭގެ އަސަރާއެކު ދިވެހި ބަހުން ގެނެސްދެވޭތޯ މިހާތަނަށް ވަރަށް ގިނަ ފަހަރު އަޅުގަނޑު މަސައްކަތްކުރީމެވެ. އެހެންނަމަވެސް، އެ އަސަރު އެކުލެވޭ ދިވެހި ބަސްކޮށާރެއް އަޅުގަނޑަށް ނޭނގޭތީ، އެންމެ ފަހުން މި ލަވަ އަޅުގަނޑު މި ތަރުޖަމާކުރީ، މިލަވައިގެ ފާރިސީ ތަރުޖަމާއެއްގެ އެހީގައެވެ. އެހެންކަމުން، މި ލަވައިގެ ތަރުޖަމާއާއެކު، އެ ބަސްކޮށާރު ވެސް ހިމަނާލާފައިވާނެއެވެ.

އޭ އަހަރެންގެ މެހެރުބާންއެވެ. އަހަރެން ދެކެ ލޯބިވެދޭށެވެ.

އޭ އަހަރެންގެ ޝީރީނެވެ. އަހަރެން ދެކެ ލޯބިވެދޭށެވެ.

ދުވަހަކު ވެސް އަހަރެން ދިޔަ ނުދޭށެވެ.

ކަލާ އަހަރެންގެ ޒިންދަގީ، ފުރިހަމަކޮށްދިނީމުއެވެ.

އަދި އަހަރެން ކަލާ ދެކެ ނުހަނު ލޯބިވަމުއެވެ.

އޭ އަހަރެންގެ މެހެރުބާންއެވެ. އަހަރެން ދެކެ ލޯބިވެދޭށެވެ.

އޭ އަހަރެންގެ ޞާދިޤާނާއެވެ. އަހަރެން ދެކެ ލޯބިވެދޭށެވެ.

އަހަރެންގެ ހުރިހާ ހުވަފެންތައް ޙަޤީޤަތަކަށް ވެއްޖެއެވެ.

އަހަރެންގެ މެޙެބޫބާއެވެ. އަހަރެން ކަލާ ދެކެ ލޯބިވަމުއެވެ.

އަދި އަހަރެން އަބަދު ވެސް ލޯބިވާނަމެވެ.

އޭ އަހަރެންގެ މެހެރުބާންއެވެ. އަހަރެން ދެކެ ލޯބިވެދޭށެވެ.

އަހަރެން ދެކެ އަބަދަށް ލޯބިވެދޭށެވެ.

ކަލާގެ ހިތުގެ ތެރެއަށް އަހަރެން ގެންގޮސް ދޭށެވެ.

އެހެނީ އަހަރެންގެ މަޙައްލަކީ އެއީ އެވެ.

އަދި އަހަރުމެން ދުވަހަކު ވެސް ވަތްކެއް ނުވާނަމުއެވެ.

އޭ އަހަރެންގެ މެހެރުބާންއެވެ. އަހަރެން ދެކެ ލޯބިވެދޭށެވެ.

އޭ އަހަރެންގެ ޞާދިޤާނާއެވެ. އަހަރެން ދެކެ ލޯބިވެދޭށެވެ.

އަހަރެންގެ ހުރިހާ ހުވަފެންތައް ޙަޤީޤަތަކަށް ވެއްޖެއެވެ.

އަހަރެންގެ މެޙެބޫބާއެވެ. އަހަރެން ކަލާ ދެކެ ލޯބިވަމުއެވެ.

އަދި އަހަރެން އަބަދު ވެސް ލޯބިވާނަމެވެ.

އޭ އަހަރެންގެ މެހެރުބާންއެވެ. އަހަރެން ދެކެ ލޯބިވެދޭށެވެ.

އޭ އަހަރެންގެ ޢަޒީޒާއެވެ. އަހަރެން ދެކެ ލޯބިވެދޭށެވެ.

ކަލާއަކީ އަހަރެންގެ މީހެކޭ އަހަރެންގެ ގާތުގައި ބުނެބަލާށެވެ.

މި ވޭތުވާ ހުރިހާ އަހަރަކު ވެސް އަހަރެންވާނީ ކަލާގެ މީހެއް ކަމުގައެވެ.

އަދި ތާ އަބަދަށް ވެސް މެއެވެ.

އޭ އަހަރެންގެ މެހެރުބާންއެވެ. އަހަރެން ދެކެ ލޯބިވެދޭށެވެ.

އޭ އަހަރެންގެ ޞާދިޤާނާއެވެ. އަހަރެން ދެކެ ލޯބިވެދޭށެވެ.

އަހަރެންގެ ހުރިހާ ހުވަފެންތައް ޙަޤީޤަތަކަށް ވެއްޖެއެވެ.

އަހަރެންގެ މެޙެބޫބާއެވެ. އަހަރެން ކަލާ ދެކެ ލޯބިވަމުއެވެ.

އަދި އަހަރެން އަބަދު ވެސް ލޯބިވާނަމެވެ.

މެހެރުބާން – ޓެންޑަރ

ޝީރީން – ސްވީޓް

ޒިންދަގީ – ލައިފް

ޞާދިޤާނާ – ޓްރޫ

މެޙެބޫބާ – ޑާލިންގ

މަޙައްލު – ބިލޯންގ

ޢަޒީޒާ – ޑިއަރ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355