twitterviber whatsapp telegramfacebookyoutube instagram
3rd December 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (9)

Apr 2, 2013

މާރޗް 26 ވަނަ ދުވަހުގެ ބަޔާގުޅޭ

”އަހަންނާއި ގާތްނުވާތި. އަހަރެން ބޭނުމެއް ނޫނޭ ބުނަންވީ ކިތައް ފަހަރު؟ އަހަންނަށް ނުވެސް އެނގި އަހަރެންގެ ފަރާތުން…” ސުދާ ރުޅި އުތުރުރެމުން ދިޔައެވެ. ސުދާއަށް ބަލަހައްޓައިގެން ޒަވީން ހުރެފައިކުއްލިއަކަށް ސުދާގެ އަތުގައި ހިފާ އޭނަގެ ކައިރިއަށް ދަމައިގަތެވެ.

“އަހަރެން އަބަދުވެސް ސުދާގެ ކަންތައްތަކަށް ކެއްތެރިވިން. ގަދަކަމުން އަހަރެން އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. އަހަންނަކީ ސުދާގެ ފިރިމީހާއަށް ވުމުގެ ޝަރަފު ދުވަހަކުވެސް ނުދޭ. ސުދާއަށް އެނގޭތަ އެކަމުގެ ސަބަބުން ސުދާ ފާފަވެރި ވާނެ ވަރު. އަހަރެން ކެއްތެރިވީ ސުދާއަށް ވިސްނޭނެ ދުވަހަކަށް. ސުދާ އަކީ އަމިއްލަ އެދުމުން ފޯވެފައި ހުންނަ އަންހެނެއް. ސުދާއަށް ދިރިއުޅުމުގެ އަރާމާއި ފޮނިކަން ހާސިލްކުރާކަށް ނޭނގޭ. ސުދާ ދެރަވަނީ ހަށިގަނޑުގެ ރީތިކަން ގެއްލިދާނެތީ އެކަނިތަ؟ ނޫނީ އަހަރެން ސުދާ ދޫކޮށްފައި ގޮސްފާނެތީތަ؟ ސުދާއަށް އަމިއްލަ ފިރިމީހާ އާއި މެދު ކުޑަވެސް އިތުބާރެއް ނެތީތަ؟ ސުދާ އަހަރެން ދެކެ ލޯބިވާވަރަށްވުރެ ބޮޑަށް އަހަރެން ލޯބިވަން. ސުދާގެ ހުންނަ ކޫސަނި ކަންތައްތަކަށް ކެއްތެރިވެ ކައިވެނި ކުރީ ދުވަހަކުވެސް ސުދާ ދޫކޮށްފައި ދާކަށް ނޫން.”

ސުދާ ސިހުނީ ފޯނަށް އައި މެސެޖުގެ އަޑަށެވެ. މީގެ ސިކުންތެއް ކުރިން އޭނާއަށް ހުރެވުނީ ޚިޔާލަކަށް ގެއްލިފައެވެ. ސުދާ ފަސްއެނބުރި ބަލާލިއިރު ޒަވީން އޮތީ ގަދަ ނިދީގައެވެ. ސުދާ ފޯނަށް އައި މެސެޖަށް ބަލާލުމަށްފަހު އޭނަގެ އެކުވެރިއަކަށް ގުޅާލިއެވެ.

”މަށަށް ކަމެއް ކޮށްދީބަލަ.” އެކޮޅުން ހަލޯއޭ ގޮވާލުމުން ސުދާ ބުނެލިއެވެ.

”ކިހިނެއް ހަދައިދެންވީ؟” ޖޫލީ ވާހަކަ ދެއްކިއެވެ.

”ބޭސްކޮޅެއް ހޯދައިދީބަލަ. މަށަށް ވަރަށް ކަޑަކަމެއް ކުރެވިގެން މިއުޅެނީ.” ސުދާ ފޯނުގައި ހުރެ ޒަވީންއަށް ނުހޭލެވޭނެހާ ސިއްރުން ކޮޓަރި ތެރެއިން ބެލްކަންޏަށް ނިކުތެވެ. ބެލްކަނީގެ ރެއިލިންތަކުގައި އެއްއަތުން ހިފަހައްޓާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ.

”ވަރަށް ރިސްކީކަމެއް ތިއީ. ސުދާއަށް ވަރަށް ބޮޑު ގެއްލުމެއް ވެދާނެ.” ޖޫލީ ވިސްނައިދޭ ރާގެއްގައި ބުނެލިއެވެ.

”ތިއީ އަހަރެން ވިސްނަންޖެހޭ ކަންތަކެއްނު. ޖޫލީ މަށަށް ބޭސް ހޯދައިދީ. އެނގެއެއްނު މަ ކުއްޖަކު ހޯދަން ބޭނުން ނުވާކަން. ޖޫލީ ބުނި އަގެއް މަދޭނަން.” ސުދާ ޖޫލީ އެއްބަސްކުރުވިއެވެ. ފޯނު ބޭއްވުމަށްފަހު އެނބުރިލި ވަގުތު ސުދާ ކުރިމަތީގައި ޒަވީން ހުރިތަން ފެނި ސުދާއަށް ހީވީ މޭގަނޑު އަނގައަށް އައިހެންނެވެ. ނޭވާ އެތެރެއަށް ހިފަހައްޓައިގެން ހުރެވުނުކަން އެނގުނީ ނޭވާކޮޅަށް ދިޔައީމައެވެ.

”އަހަރެންގެ ގަމީސް ތައްޔާރުކޮށްދީބަލަ. ވަރަށް އަވަހަށް ދާންޖެހޭ ދުވަހެއް.” ޒަވީންގެ މޫނުމަތިން ސުދާ ދެއްކި ވާހަކަ އިވުނުހެން ހިއެއް ނުވެއެވެ. ހަމަޖެހުމުގެ ނޭވާއެއް ލަމުން ސުދާ ކޮޓަރިއަށް ވަންނަމުން ނޫރީންއަށް ގޮވާލިއެވެ. ނޫރީން ކުޑަވަގުތުކޮޅެއްގެ ތެރޭ އެކޮޓަރިއަށް އައިސް ވަނުމުން ސުދާ އެދުނީ ޒަވީންގެ ގަމީސް އިސްތިރިކޮށްދިނުމަށެވެ. ޒަވީން ފާހާނާއަށް ވަދެ ފެންވަރަން ފެށިއެވެ.

މާނާ ސައިހަދާ ނިންމާލިއިރު ހެނދުނު ހަތެއް ޖަހައިފިއެވެ. ނޫރީން ފޮނުވައިގެން ޔޫއާން ހޭލައްވައިގެން ސައިމޭޒުދޮށަށް ގެނައީ ޔޫއާން ނައިސްގެން މިއަދުވެސް ސަލަފް ހިތްހަމަނުޖެހިދާނެތީއެވެ. ސަލަފް އައިސް އިރުކޮޅެއް ނުވެ ސުދާ އައިސް މޭޒުދޮށުގައި ތިބި އެހެން މީހުންގެ މޫނަށް ނުބަލާ ޕާންފޮއްޗެއްގައި ޖޭމު ޖަހައިގެން ކާންފަށައިފިއެވެ.

“ސުދާ. ޒަވީން އަދި ތައްޔާރު ނުވަނީތަ؟” ޒަވީން ނާންނާތީ މާނާއަށް އަހާލެވުނެވެ.

”ޒަވީން އޮފީހަށް ހިނގައްޖެ.” ސުދާ ޕާންފޮތި ހުސްކޮށްލާ ކޮފީ ތަށިން އެއްބައި ބޯލިއެވެ. މާނާ އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ޒަވީން ސައި ނުބޮއި ދިޔަކަން އެނގުމުން އަނެއްކާވެސް ވާހަކަ ދައްކަންފެށިއެވެ.

”ޒަވީން ސައިނުބޮއި އޮފީހަށް އެ ދިޔައީ. ޒަވީން މަޑުނުކުރުވީ ކީއްވެތަ؟”

”ޒަވީން އަކީ ކުޑަކުއްޖެއްތަ؟ ސައިބޯން ބޭނުން ނުވާތީ ހިނގައިދާނެއެއްނު. އޮފީހުންވެސް ސައިބޮވެން ހުންނާނެ. އަހަރެން ނުވިސްނާ ވަރަށް މަންމަ އޭނަ އާއި ދޭތެރޭ ވިސްނަނީ ކީއްވެތަ؟” ސުދާ ރުންކުރުވެފައި ބުނެލިއެވެ. ސަލަފް ސައިބޮއި ނިންމާލަމުން ޔޫއާންއަށް ގޮވާ އޭނާގެ ކޮޓަރިއަށް އައިސް ދިނުމަށް އެދުނެވެ. ސަލަފް އާއި ޔޫއާން ދިއުމުން ސުދާ ސައިބޮއިގެން އަވަހަށް އޮފީހަށް ވަނެވެ.

ޔޫއާން ސަލަފްގެ ކޮޓަރިއަށް ވަންއިރު ސަލަފްގެ ބުރީފްކޭސް ތެރެއިން ޓިކެޓް ނަގާފައި އެނދުމަތީގައި ބާއްވަނީއެވެ.

”މިއޮތީ ޓިކެޓް. އެކޮޅުގައި ޚަރަދުކުރަން ފައިސާ ޔޫއާންގެ އެކައުންޓަށް ޖަމާކުރާނަން. އަހަރެންގެ ނިންމުން ރަނގަޅުތަ؟” ސަލަފް އެނބުރި ޔޫއާންގެ މޫނަށް ބަލާލިއެވެ.

”ނިންމުން ރަނގަޅުހޭ އަހަންވި ވަގުތު ފާއިތުވެގެން ގޮސްފި. ދެން އެންމެ ރަނގަޅުވާނީ ނިންމި ނިންމުން ބަދަލު ނުކުރިއްޔާ. އަހަރެން މިހުރީ މަންމަ ބުނެގެން އެކޮޅަށް ދާން އެއްބަސްވެގެން. އެންމެ ފަހަރަކުވެސް އަހަންނާއި ދޭތެރޭ ވިސްނާލިނަމަ .” ޔޫއާން އިރުކޮޅަކަށް މެދުކަނޑާލިއެވެ.

”ކީއްކުރަން ވިސްނަންވީ؟ ކުރިންވެސް ނޯންނާނެ ވިސްނާފައެއް. އަބަދުވެސް މިގޭގައި ހިނގާނީ ދެމީހުންގެ އަމުރު. ސުދައްތަ އާއި ސަލަފްގެ އަމުރު. ދެން ތިބޭނީ އެ އަމުރުތަކަށް އާން ހޫން ކިޔަން ތިބޭ ދެމީހުން. އަހަންނާއި މަންމަ.” ޔޫއާންގެ ރާގުގައި ހުރީ މަލާމާތެވެ.

”އަހަރެން ކަމެއް ނިންނަމީ ދެކޮޅަށް ވިސްނާފައި.” ސަލަފް ޓައި ރަނގަޅު ކުރަމުން ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ޔޫއާން ފިޔަވަޅެއް އަޅާލުމަށްފަހު ސަލަފްގެ ފަހަތުގައި ހުއްޓި ލޯގަނޑުން ދެމީހުންގެ ސޫރައަށް ބަލާލިއެވެ. އެއް އާއިލާއަށް އުފަންވިއަސް ދެމީހުންގެ ވިސްނުން ތަފާތެވެ.

”ބައެއް ފަހަރު ހަތަރު ފަރާތަށް ވިސްނަންޖެހޭނެ. އަހަރެންވެސް ގޮތެއް ނިންމައިފިން. އަހަންނަށް ރަނގަޅީ އެކަމަށް އެކަކުވެސް ފާޑު ނުކިޔައިފިއްޔާ. ބޭބެގެ ބިޒީ ވަގުތުން ވަގުތުކޮޅެއް ދެވިއްޖެ ނަމަ އަހަންނަށް އަހަރެންގެ ނިންމުން ބުނެވިދާނެ.”

”ޔޫއާން ކޮންކަމެއް ނިންމީ؟” ސަލަފް އެނބުރި ބަލާލީ ސީދާ ޔޫއާންގެ ލޮލަށެވެ. ފިރިހެނަކަށް ވިއަސް ޔޫއާންއަށް ހަތަރުކަޅި ހަމަކޮށްގެން ހުރެ ވާހަކަ ދައްކަން އުދަނގޫވިއެވެ.

”އަހަރެން ކިޔަވާ ނިމިގެން ވަޒީފާ އަދާކުރާނީ އަހަރެން ބޭނުން ތަނެއްގައި. އެކަމަށް އެއްވެސް މީހަކު ފާޑު ކިޔައިގެން ނުވާނެ. މެނޭޖުމެންޓް ކޯސް ހަދައިގެން ފުރަތަމަ ހިތަށް އެރީ ބައްޕަގެ ބިޒްނަސް ކުރިއަށް ގެންދަން. އެކަމަކު އަހަރެން ބޭނުންވަނީ އެކަމާއި ދުރުގައި އުޅެން. އަހަރެން އަމިއްލަ ފައިމައްޗަށް ތެދުވެވުމުން ބައްޕަގެ މުދަލުން ޒައްރެއްގެ މިންވަރުވެސް ބޭނުމެއް ނުކުރާނަން.” ޔޫއާން ގެ ކޮނޑުގައި ސަލަފް އަތްބާއްވާލިއެވެ. ޔޫއާން ދުރު ބަލަހައްޓައިގެން ހުރެ ސަލަފްގެ މޫނަށް ބަލާލިއެވެ.

”ހެހެ.” ސަލަފް ޔޫއާންއަށް ބަލަން ހުރެ ޔޫއާންގެ މޮޔަކަމާއި މެދު ވިސްނާފައި ހީލިއެވެ.

”ޔޫއާންއަށް ނުވިސްނޭތީ ނިންމި ނިންމުމެއް ތިއީ. އަހަރެން ޔޫއާންގެ ކޮންމެ ނިންމުމަކަށް ޤަދަރުކުރަން. އެކަމަކު އުއްމީދުކުރަން ޔޫއާން ވިސްނޭނެ ކަމަށް. ޔޫއާން ދައްކަން ހުރި ވާހަކަ ނިމިއްޖެއްޔާ އަހަރެން ދަނީ..” ސަލަފް ބުރީފްކޭސް ނަގައި ހިނގައިގަތެވެ. ޔޫއާން ހުރި ފިޔަވަޅުމަތީގައި ހުރެ ވިސްނާލިއެވެ.

”ޔޫއާންގެ ކޮންމެ ނިންމުމަކަށް ޤަދަރުކުރަން.” ސަލަފް ބުނި ޖުމްލަ ޔޫއާންގެ ސިކުނޑީގައި އެނބުރި ގަތެވެ.

ސަލަފްއަށް ރަނގަޅުވާނީ ޔޫއާން މުދަލުން އަތް ދޫކޮށްފައި ދިޔައިމައެވެ. ސަލަފް މަސައްކަތް ކުރަނީ ފައިސާތައް އަމިއްލަ ކުރުމަށެވެ. ޔޫއާން ވިޔަފާރި ތެރެއަށް ނުވަނަސް އެވަރު ވިސްނެއެވެ.

އޮފީސް ތެރޭގައި މަސައްކަތް ގިނަ ދުވަހެކެވެ. އޮފީސް ސްޓާފް ޕާރޓީއަށް ތައްޔާރު ވުމުގެ ގޮތުން މުވައްޒަފުން އިސްނަގައިގެން ތަން ތައްޔާރު ކުރުމާއި އެ ކަންތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ދިޔައެވެ. ސަލަފް ބޭނުންވީ ބަޔަކު ގެނެސް ތަން ތައްޔާރު ކުރާށެވެ. ނަމަވެސް މުވައްޒަފުން އިސްނަގައި ތައްޔާރު ކުރާނެ ވާހަކަ ބުނުމުން އެކަން ދޫކޮށްލީއެވެ. ސަލަފް ބައެއް ފަހަރު މަސައްކަތް ބަލާލަން ނިކުމެ އުޅެއެވެ.

ސަލަފްގެ ނަޒަރު އެންމެންގެ ތެރެއިން ޝާޔާއަށް ހުއްޓާލެވުނެވެ. އާދިލް ހަރުގަނޑަށް އަރައި، ފާރުގައި އަކުރުތައް ހަރުކުރަން އުޅޭއިރު ތިރީގައި އަކުރުތައް ހިފައިގެން ޝާޔާ އެހީތެރިވަމުން ދިޔައެވެ. ސަލަފް ދުރުގައި ހުރެ ޝާޔާއށް ބަލަމުން ދިޔަކަން އެކަކަށްވެސް ނޭނގެއެވެ.

”ޝާޔާ ދޭބަލަ ކަތުރެއް ގެނެސްދޭން.” ދުރުގައި ހުރި އެހެން މުވައްޒަފަކު ގޮވާލުމުން ޝާޔާ އަކުރުތައް ބަހައްޓާފައި ގޮސް މޭޒު ވަތްގަނޑު ހާވަންފަށައިފިއެވެ. ކަތުރު ނުފެނުމުން ޝާޔާ ވަނީ ސަލަފްގެ ކެބިންއަށެވެ. އެތަނުން ފެނިދާނެ ކަމުގެ އުއްމީދުގައެވެ. ޝާޔާ އެކަނި އެ ކެބިންގައި އުޅެނިކޮން ސަލަފް އައިސް އެތަނަށް ވަނެވެ. ޝާޔާއަށް ހުރެވުނީ ސަލަފްއަށް ފުރަގަސްދީގެންނެވެ.

ހަށިގަނޑަށް ޖެހިފައި ހުރި ޔުނީފޯރމްގެ ސަބަބުން ބައްޓަން ހުރީ ފާޅުވެފައެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހައި އައްސާފައި ވުމުން ކަނދުރާމަތި އޮތީ ހާމަވެ ފެންނާށެވެ.ހިލަމެއްނުވާހާ މަޑުން ސަލަފް ފިޔަވަޅު ކުރިއަށް އަޅަމުން ދިޔައެވެ. ފުރަގަސްދީގެން ހުރި ޝާޔާއަށް އޭނަގެ ހިޔަނިހާ ކައިރީގައި މީހަކު ހުރިހެން ހީވެ ސިހިފައި ފަހަތް ބަލާލިއިރު ސަލަފް ހުރިތަން ފެނި ކުރިއަށްވުރެ ބޮޑަށް ސިހިގެން ދިޔައެވެ.

”ކަތުރެއް؟” ޝާޔާއަށް ވާހަކަ ދައްކަން އުދަނގޫވިއެވެ.

”ސްޓޯރުން ނަގާށޭ ބުނޭ.” ސަލަފް އަދިވެސް ދުރަށްޖެހޭކަށް ނޫޅެއެވެ. ޝާޔާގެ ހިތް އޮބި ނޯންނަވަރަށް ތެޅިގަތެވެ. ސަލަފްގެ ހޫނު ނޭވާ ޝާޔާއަށް އިޙްޞާސްވެއެވެ. ސަލަފްގެ ތުންފަތް ހަރަކާތްކުރާ ގޮތުން ބައެއްފަހަރު އެއްޗެއް ބުނަން އުޅޭހެން ހީވެއެވެ. ރަންކުލަ އަރާ ޝާޔާގެ މޫނު އެހާ ކައިރިން ފެނުމުން ސަލަފްއަށް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން އުދަނގޫވިއެވެ. ހިތް މަސްތުން ފުރި އަމިއްލަ އިޚްތިޔާރުން ދޫވެގެން ދިޔައެވެ. ސަލަފް ކުއްލިއަކަށް ހުރެފައި ޝާޔާގެ ކޮނޑުގައި ހިފާލުމުން ޝާޔާއަށް ހީވީ ހަށިގަނޑު ތެރޭ ރާޅުބާނީއެއް އުފެދުނުހެންނެވެ. ބިރުން ތެޅެމުން ދިޔަ ހިތް ހީވީ މޭފަޅާ ނިކުންނަން އުޅޭހެންނެވެ. ޝާޔާ ތެޅިގަނެފައި ފަހަތަށް ޖެހުނު ވަގުތު ކަބަޑުގައި ޖެހުމުން އިތުރަށް ސަލާމަތްވެވޭނެ ގޮތެއް ނެތެވެ. ސަލަފް ކުރިއަށްވުރެ ކައިރިވެލި ވަގުތު އެ ކެބިންގެ ދޮރުގައި މީހަކު ޓަކިޖަހާލި އަޑު އިވުނެވެ.

ސަލަފް ހޭވެރިވެ ދުރަށް ޖެހިލިއެވެ. އެއްފަހަރު ޝާޔާގެ މޫނަށް އަނެއްފަހަރު ކެބިންގެ ދޮރަށް ބަލާލެވުނެވެ. ދާހިއްލާފައި ހުރުމުން މޫނު ފޮހެލަމުން ސަލަފް ދުރު ދުރުގައި ފިޔަވަޅު ނަގަމުން ގޮސް ކެބިންގެ ދޮރު ހުޅުވާލިއެވެ.

”ޝާޔާ ކަތުރު ފެނުނުތަ؟” އެތެރެއަށް ބޯދިއްކޮށްލަމުން ހަނާ ގޮވާލިއެވެ. ހަނާގެ ތޫނުފިލިކަމުން ޝާޔާގެ މޫނުމަތިން ފެންނަމުން ދިޔަ ނުތަނަވަސްކަން ނަގައިގަތެވެ.

”ނެތޭ މިތަނަކު. ސްޓޯރުން ނަގަން ހިނގާބަލަ.” ޝާޔާ ހަމަޖެހޭގޮތް ދައްކަމުން ވާހަކަ ދެއްކިނަމަވެސް އަޑުގައި ތުރު ތުރު އެޅުމެއް ހުރިކަން ހަނާއަށް ފާހަގަވިއެވެ.

”އާދޭ.” ހަނާ ހިނގައިގަތުމުން ޝާޔާ ހިނގައިގަންނަމުން ސަލަފްގެ މޫނަށް ބަލާލިއެވެ. ސަލަފް ހުރީ ދެލޯ މަރާ ބާރުކޮށްލައިގެންނެވެ. ސަލަފް ދެލޯ ހުޅުވާލީ ކެބިންގެ ދޮރު ޖެހުނު އަޑަށެވެ. ދެލޯ ހުޅުވާލާ ކެބިންގެ ދޮރު އެތެރެއިން ތަޅުލުމަށްފަހު ގޮސް ގޮނޑީގައި ލެނގި ވިސްނަންފެށިއެވެ.

”އަހަންނަށް މިވަނީ ކިހިނެއް؟” ސަލަފް ވާހަކަ ދެއްކީ އަމިއްލަ ނަފްސާ އެވެ. އޭނާގެ ހިތުގައި ލޯބި ބިންވަޅުނެގެމުން ދާކަމަށް ޤަބޫލުކުރާށޭ ކިޔައި ހިތް ގޮވަމުން ދިޔަނަމަވެސް އޭނަގެ ޟަމީރު އެކަމަށް އެއްބަހެއް ނުވެއެވެ. ލޯބި ވެވިދާނެކަމަށް އަންހެން ކުދިންނާއި ދުރުގައި އުޅެނީ އޭނަގެ މާޒީގައި ކަޅު ސޮފްހާތަކެއް ލިޔެވިފައި ވާތީއެވެ.

ސުދާ އެކަނި ކެބިންގައި ހުރެ ޗެކު ފޮތް ހޯދަމުން ދިޔައެވެ. ޖޫލީއަށް އަގު ދިނުމަށް މިއަދު ޗެކު ފޮތް ބޭނުންވެއެވެ. ސުދާގެ އަތް ދަބަސް ހޭވިއިރު ޗެކު ފޮތް ނުފެނުމުން ސަލަފްގެ ކެބިންއަށް ވަނީ އެތަނުގައި ބޭއްވިފައި އޮތްތޯ ބަލާލުމަށެވެ. ސުދާގެ އަމިއްލަ ޗެކު ފޮތް ނެތްނަމަ އޮފީހުގެ ޗެކު ފޮތް ނަގައި އޭގެން ޗެކެއް ލިޔެލަން ބޭނުމެވެ. އޮފީސް އެކައުންޓުގައި ހުންނަ ކޮންމެ ފައިސާއަކީ އޭނާގެވެސް ހައްޤެއް ކަމުގައި ދެކެވެއެވެ. ސުދާ ސަލަފްގެ ކެބިންއަށް ވަންއިރު އެތަން ހުރީ ހުސްކޮންނެވެ. ސަލަފްގެ ޑްރޯއާ ދަމާލުމުން ސުދާގެ ލޮލުގައި އަޅައިގަތީ ނޫކުލައިގެ ކަރުދާސް ފައިލެކެވެ. ސުދާ އަވަހަށް އެ ފައިލު ނަގާ ބަލާލިއެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355