twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހދ އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ވާހަކަތައް

Apr 7, 2013

ނިމިދިޔަ މާރޗް މަހުގެ ތެރޭގައި އެކި ކުލަކުލައިގެ އިސްތާކީނަށް އަރައިގެން އެތައްބަޔަކު އުޅޭތަން ފެނުނެވެ. އަދި މިދިޔަ ހަފްތާގެ ތެރޭގައި ނޫކުލައިން ތަންތަން ދިއްލުމާއި ނޫކުލައިގެ ހެދުންތައް ލައިގެން އެކިފަރާތްތައް އުޅޭތަން ފެނިފައިވެއެވެ. އާދެ! ޑައުންސިންޑްރަމް އަދި އޯޓިޒަމް ފަދަ ހާލަތްތައް ދިމާވެފައިވާ ކުދިން އެއީ އަހަރެމެންގެ މިމުޖުމައުގައި ވެސް ބަލައިގަންނަ ބަޔަކަށް ހެދުމަށްޓަކައި އެކި ނަންނަމުގައި ކެމްޕެއިންތައް ދަނީ ހިންގަމުންނެވެ. މިފަދަ ދުވަސްވަރެއްގައި އަޅުގަނޑުމެންގެ އުފަންރަށް ކުޅުދުއްފުށީގައި ތިބި އެފަދަ ކުދިންގެ ވާހަކަތަކާއި އުއްމީދުތައް އަހާލުމަށް ޝައުގުވެރިކަން އުފެދުނެވެ.

އަޅުގަނޑުމެން އެ ކުލާހަށް ވަތްއިރު ދަރިވަރުން ތިބީ ސްކްރީނުން ފޮޓޯ ބަލާށެވެ. ދަރިވަރުންނަށް ހީލުމަށް ފަހު އެކުލާހަށް ދިޔަ މަސައްކަތައިގެން މަޝްއޫލު ވީމެވެ. ކުއްލިއަކަށް އަޅުގަނޑުމެންގެ ސަމާލުކަން ހޯދީ  ދަރިވަރަކު އެހެން ދަރިވަރަކަށް އިޝާރާތްކޮށް ތަނުގެ މުވައްޒަފަކަށް ގޮވާލުމުންނެވެ.

“މިސް. ބަލާ. އެއޮއް ކޮމްޕިއުޓަރާ ކުޅެނީ.”  ތުއްތު އެހެނަސް ޝައުޤުވެރި ރާގަކަށް ދަރިވަރު ގޮވާލިއެވެ.

އޭރު ޓީޗަރުގެ ލެޕްޓޮޕް ކައިރީގައި ހުރި ދަރިވަރު މައުސްއާ ކުޅެމުން ދިޔައެވެ. ދެއަތް ދެއަތާ ޖަހާލުމަށްފަހު އެދަރިވަރު ގޮސް ގޮނޑީގައި އިށީނީ ކުރިން ދައްކަމުންދިޔަ ފޮޓޯތައް އަލުން ސްކްރީނުން ފެންނަން ފެށުމުންނެވެ. އެދަރިވަރުންނަކީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށްވެ، އެ ކުލާހުގައި ކިޔަވަމުން ދިޔަކަމުގައި ވިޔަސް އެކުދިންނަކީ ތަފާތު އެހެން ކުދިންނެކޭ އެއްފަދައިން މުޖްތަމައުގައި ފައި ހަމަކުރެވޭނެ ދަރިވަރުންކަން މިކަމުންވެސް ހާމަވެގެން ދިޔައެވެ.

ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ގާއިމު ކޮށްފައިވާ “ސެން ކުލާހަކީ” ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ކޮށްގެން 2007 ވަނަ އަހަރުން ފެށިގެން ކިޔަވައިދެމުން އަންނަ ކުލާހެކެވެ. ހާއްސަ އެހީއަށް ބޭނުންވާ ތަފާތު 20 ދަރިވަރަކު އެ ކްލާހުގައި ރަޖިސްޓްރީވެފައި ވެއެވެ. އަދި މިހާރު 14 ދަރިވަރަކު ގަވައިދުން ކުލާހަށް ހާޒިރުވަމުން ދެއެވެ. ލޮލަށް ފެނުމުން މަހުރޫމްވެފައިވާ ކުދިންނާއި، ކަންފަތަށް އަޑު އިވުމުގައި އުނދަގޫތައް ހުންނަ ކުދިންނާއި، ވާހަކަ ދެއްކުމުގައި އުނދަގޫތައް ހުރި ކުދިން ކިޔަވަމުންދާ މި ކުލާހުގައި ޑައުންސިންޑްރޯމް އަދި އޯޓިސްޓިކް ފަދަ ހާލަތްތައް މެދުވެރިވެފައިވާ ކުދިންވެސް ކިޔަވަމުންގެންދެއެވެ. އެހެން ދަރިވަރުންނެކޭ އެއްފަދައިން އެދަރިވަރުންނާއި އެކު ބައެއް ގަޑިތަކުގައި މި ކުލާހުގެ ދަރިވަމުންވެސް ބައިވެރި ވަމުން ގެންދެއެވެ. ސެން ކްލާހުގައި ހަފްތާގެ ދުވަސްތައް އެކިއެކި ކަންކަމަށް ހާއްސަ ކުރެވިފައިވާއިރު މިކުދިން އަމިއްލަ ދިރިއުޅުމުގައި އެކަނި އުޅެވޭނެ ބޭނުންތެރި ބަޔަކަށް ހެދުމަށް އެ ކުލާހުން މުހިއްމު ދައުރެއް އަދާކުރެއެވެ.

މީގެ 6 އަހަރު ކުރިން ހުޅުވުނު ސެން ކުލާހުގައި ކިޔަވައިދެމުން ގެންދަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. ކުލާހުގައި މަސައްކަތް ކުރައްވާ 4 މުވައްޒަފުން މިކުދިން ބަލަހައްޓަވަމުން ގެންދަވަނީ ނުހަނު ލޯތްބާ އެކުއެވެ. އެފަރާތް ތަކުގެ އުފަން ދަރިންނެކޭ އެއްފަދައިން ނެވެ. ބައެއް ކުދިން އުނގަށްލައި، ނުވަތަ އުރާލައިގެން އެކުދިންނަށް ހޭހަންކޮށްދެއްވަމުން ގެންދަވާ ކުޅަދާނަ މުދައްރިސުންގެ ކެތްތެރިކަމަށް ސާބަސް ދޭވަރުވެ އެވެ. އެދަރިވަރުންނާއެކު ވަގުތު ހޭދަކުރެވި، އުނގެނުމުގައި އެހީތެރި ވެދެވުމުން ބުނެދޭން ނޭނގޭފަދަ އުފާވެރި އިހްސާސްތަކެއް ކުރެވޭކަމަން މުދައްރިސުން ފާހަގަ ކުރެއްވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ އެ ދަރިވަރުންނަކީވެސް އަޅުގަނޑުމެން ފަދައިން މުސްތަޤުބަލަށްޓަކައި އުއްމީދު ތަކެއް ކުރާ ކުދިން ތަކެކެވެ. މިކަން އެކުދިންނާ ވާހަކަ ދައްކާލުމުން އެނގިގެން ދިޔައެވެ. އެއް ދަރިވަރަކު  ދިވެހި ޓީޗަރަކަށް ވާން ބޭނުންވި އިރު އަނެއް ދަރިވަރަކު ބޭނުންވީ ގާއަޅާ މީހަކަށް ވާށެވެ.

“އަޅުގަނޑު ބޭނުންވަނީ ޕްރެޒެންޓަރަކަށް ވާން. އެކަމަކު މަންމަ ބުނާނެ އަބަދު ނުވާވަރުގެ ކަންތަކުގެ ވާހަކައޭ ދައްކާނީ. މިސްމެން އެކަނި ބުނަނީ ވާނެއޭ.” ކުލާހުގައި އިން ލޯބިލޯބި މައުސޫމު ކުއްޖަކު ބުންޏެވެ.

ދަރިވަރުގެ އެ ޖުމްލައިންވެސް އަދިވެސް ބައެއް މައިންބަފައިން މިފަދަ ކުދިންނާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހިފައިވާކަން ހާމަވެއެވެ. ސެން ކުލާހުގެ ދަރިވަރުންނާ ވާހަކަ ދައްކަމުން ގެންދިޔައިރު އެންމެ ހިތަށް އަސަރުކުރުވީ ބޮޑުވެގެން ވާން ބޭނުންވަނީ ކާކަށްހޭ އެހުމުން އެދަރިވަރު ރޯން ފެށުމުންނެވެ. އަޅުގަނޑުގެ ސަބަބުން އެދަރިވަރުގެ ލޮލުން އޮހުރުނު ކަރުނައިގެ އަސަރު އަދިވެސް ހިތުގައި ހަރުލާފައިވާ ވެއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބުރަ މަސްއޫލިއްޔަތު އަދާކުރާ ބެލެނިވެރިއެއް ބުނީ ސެން ކުލާހަށް އަންނަން ފެށިފަހުން ކުރިއަށްވުރެ ދަރިފުޅުގެ ހާލަތު ވަރަށް ބޮޑުތަން ރަނގަޅުވެފައިވާ ކަަމަށާއި މިފަދަ ކުލާހެއް ހިންގާތީ ވަރަށް އުފާވާ ކަމަށެވެ. އެހެނަސް ބައެއް ވަސީލަތްތައް އިތުރުކުރަން ޖެހޭކަން ފާހަގަ ކުރިއެވެ. އަދި ދަރިވަރުން ކުލާހަށް އަންނަނީ އަންނަ ހިތުން ހިތްހަމަޖެހިގެން ކަމަށްވެސް ބައެއް ބެލެނިވެރިން ބުންޏެވެ.

“އަޅުގަނޑުގެ ދަރިފުޅަކަށް ނޭނގޭނެ ބޭނުންވާ ކަންތައްތައް ބުނާކަށް. ބަނޑުހައިވީމަ ތަރުމޯޒު ކައިރިއަށް ގެންދާނެ. ފާހާނާ އަށް ދާނީވެސް ހުރިތަނަށް. ދެން މިހާރު މި ކުލާހަށް ގެންނަން ފެށިފަހުން ރަނގަޅުވޭ އެބަ. އެކަމަކު އަދި ވަރަށް ކުޑަކޮށް.” ސެން ކުލާހުގެ އެހެން ބެލެނިވެރިއަކު ބުންޏެވެ.

މިފަދަ ދަރިވަރުންތަކަކަށް ކިޔަވައިދިނުމަކީ ވަރަށް ބޮޑު ޒިންމާ އެކެވެ. މި ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުގައި ސެން ކުލާހުގެ މުވައްޒަފުންނަށްވެސް ދިމާވާ ދަތިތަކެއް އެބަހުއްޓެވެ. އެގޮތުން ފުރަތަމަ ކަމަކަށް ޖާގައިގެ ދަތިކަން ފާހަގަ ކުރެވިފައިވާއިރު ދަރިވަރުންނަށް ކޮންމެހެން ބޭނުންވާ ބައެއް ވަސީލަތްތައްވެސް ޤާއިމްވެފައެއް ނެތެވެ. މިގޮތުން ލޯފަން ކުދިންނަށް ބޭނުންވާ ބްރައިލް ނެތްކަން މުދައްރިސުން ފާހަގަ ކުރެއްވި އެވެ. އަދި ސަރުކާރުގެ ފަރާތުންވެސް އެންމެ އެކަށީގެންވާ އެއްބާރުލުން ނުލިބޭކަން ސްކޫލުގެ ޕްރިންސިޕަލް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ބައެއް ދަރިވަރުންގެ ހާލަތު ގޯސްވާ ފަހަރުތަކުގައި  އަންހެން މުދައްރިސުންނަށް ގެއްލުންވާ ގޮތަށް ކަންތައްވެފައިވެސް އެބަހުއްޓެވެ.މިގޮތުން މާބަނޑު ދުވަސްވަރު ބަނޑުގައި ހިފައިގަނެ، ތެޅުމާއި ދަތް އެޅުން ފަދަ ކަންކަންވެސް ދިމާވަމުންދެއެވެ. އެހެންކަމުން މިކަންކަމަކީ ރިސްކު އެލަވަންސެއް ދިނުން ކޮންމެހެން ބޭނުންތެރި ކަމެއްވެސް މެއެވެ

ސެންކުލާހުގައި ކިޔަވަމުންދާ ދަރިވަރުން ވަރަށް ލޯތްބެވެ. ބަލާބެލުމަށް އުނިކަމެއް ހުންނަ ކަން ފާހަގަ ކުރެވެނީ މަދު ކުއްޖެއްގައެވެ. މިކުދިންނަކީ ހަމައެކަނި މަންމަމެންނާއި ސެން ކުލާހުގެ މިސްމެންގެ ލޯތްބާއި އެހީތެރިކަން ބޭނުންވާ ކުދިންނެއް ނޫނެވެ. އެހެނެއްކަމަކު މިކުދިން މުޖްތަމައުގެ އެންމެހާ ފަރުދުންގެ އެހީތެރިކަމަށް ބޭނުންވާ ކުދިންނެވެ. އެކުދިންގެ ވެސް އުއްމީދުތަކެއް އެބަހުއްޓެވެ. ބޭނުންވާ ކަންތައްތައް ވެސް އެބަހުއްޓެވެ. އެކުދިންގެ އެއުއްމީދުތައް ފުރިހަމަ ކޮށްދެވޭތޯ މަސައްކަތް ކުރުމަކީ އަޅުގަނޑުމެން އެންމެންގެ  ޒިންމާއެކެވެ. ހުރިހާ ހިއްސުތަކެއް ސަލާމަތުން ހުރެމެ އަޅުގަނޑުމެން އެކުދިން އެކަހެރިކޮށް ބާކީ ކުރާނަމަ އަޅުގަނޑުމެންނަކީވެސް ހާއްސަ އެހީއަށް ބޭނުންވާ ބަޔަކަށް މިވަނީ ވެފައެވެ.

[yass cats=20]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355