twitterviber whatsapp telegramfacebookyoutube instagram
18th May 2024

“މައި ހާޓް ވިލް ގޯ އޮން”

Apr 7, 2013

ޢަލީ ހާޝިމް

“މައި ހާޓް ވިލް ގޯ އޮން” އަކީ މިހާތަނަށް މުޅި ދުނިޔޭގައި ވެސް އެންމެ ކާމިޔާބުވި އެއް ފިލްމުކަމަށްވާ “ޓައިޓޭނިކް” އަށް އިނގިރޭސި މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯން ވިދާލުވެފައިވާ ވަރަށް އަސަރު ގަދަ، އަދި އެހާމެ ރީތި ލަވައެކެވެ. މި ލަވަ 1997 ގައި ރިލީޒްކުރެވުނު ފަހުން، 15 މިލިޔަން ކޮޕީވިކި، ދުނިޔޭގެ ރެކޯޑެއް ހަދާފައިވެއެވެ. އަދި މި ލަވައަށް 1997 ވަނަ އަހަރުގެ އޮސްކާ އެވޯޑާއި، 1998 ގެ ގޯލްޑަން ގްލޯބް އެވޯޑާއި، 1999 ގެ ގްރެމީ އެވޯޑް ވެސް ވަނީ ލިބިފައެވެ. މިއީ އެއް ލަވައަކަަށް މިހާތަނަށް ނުލިބޭވަރުގެ ބޮޑު ޝަރަފެކެވެ.

މި ލަވައިގެ ކާމިޔާބަށް ބަލާލާއިރު، ޖަރުމަނުވިލާތުގައި މި ލަވައިގެ 2 މިލިޔަން ކޮޕީ ވިކި، އެމެރިކާގައި މިލަވައިގެ 1.79 މިލިޔަން ކޮޕީ، އަދި އިނގިރޭސިވިލާތުގައި މި ލަވައިގެ 1.48 މިލިޔަން ކޮޕީ ވިކިފައިވެއެވެ. އަދި ދުނިޔޭގެ އެތައް ގައުމެއްގެ އެތައް ޗާޓެއްގެ އެއްވަނަ މަޤާމުގައި ވެސް މި ލަވަ އެތައް ހަފްތާއެއް ވަންދެން އޮތެވެ. އަދި މިލަވަ ވަނީ ސީއެންއެން އިން ހޮވާލި “ސޯންގްސް އޮފް ދަ ސެންޗަރީ” ނުވަތަ ޤަރުނުގެ ލަވަތަކުގެ ތެރޭގައި ވެސް ހިމެނިފައެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް މިލަވަ އަޑުއަހާފައި ނުވާ މީހަކު ނުވާނެއޭ ދެންނެވުން އެއީ ދޮގަކަށް ނުވާނެއެވެ. ވަކިން ޚާއްޞަކޮށް 1998 ހިސާބުގައި، މި ލަވައަކީ، ސްކޫލުތަކުގައާއި، އޮފީސްތަކުގައި ވެސް އަދި އެކުވެރިންގެ ތެރޭގައި ވެސް އެންމެ މަޤްބޫލު އެއް ލަވަ ކަމަށް ވެފައިވެއެވެ. އަދި ޚުދު “ޓައިޓޭނިކް” ފިލްމު ވެސް އެ ދުވަސްވަރު ރާއްޖޭގައި ވަނީ ބޮޑު ސްކްރީނުގައި އަޅުވައި، އެތައް ސަތޭކަ ބަޔަކު ބަލާފައެވެ.

މި ލަވައަކީ އަޅުގަނޑަށް އެންމެ ރީތި އިނގިރޭސި ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވައެކެވެ. އެހެންކަމުން، އަޅުގަނޑު މި ލަވަ ތަރުޖަމާކުރުމުގައި ބަލާފައިވާނީ، ލަވައިގެ އަސްލު އަސަރު ހަމަ އެ ގޮތަށް ގެނެސްދެވޭތޯއެވެ. އަޅުގަނޑުމެންނަކީ، ލަވަ އަޑުއަހާ، ލަވައަށް ލޯބިކުރާ ބަޔަކަށްވާއިރު، މި ލަވައިގެ މާނަ އެނގުމުން، މި ލަވަ އަދި އިތުރަށް ރީތިވެގެންދާނެ ކަމީ ޝައްކެއް ވެސް ހުރި ކަމެއް ނޫނެވެ.

ކޮންމެ ރެއަކު އަހަރެންގެ ހުވަފެންތަކުގައި،

އަހަރެންނަށް ކަލާ ފެނެއެވެ. އަހަރެންނަށް ކަލާގެ އިޙްސާސް ކުރެވެއެވެ.

އަހަރެންނަށް ކަލާ އެނގެނީ އެ ފަދައިންނެވެ. އެކަން އެހެން ކޮށްދޭށެވެ.

މި ދުރުމިން ހުރަސްކޮށް މާ ދުރުން،

އަދި އަހަރެމެންގެ ދެމެދުގައިވާ ރާސްތާ (ކަޑައްތުކޮށް)،

ކަލާގެ ސޫރަ އަހަރެންނަށް ދައްކައިދިނުމަށް ކަލާ ތިޔަ އައީއެވެ. އެކަން އެހެން ކޮށްދޭށެވެ.

ކައިރީގައި، ދުރުގައި، ކަލާވީ ކޮންމެ ތަނެއްގައި ވެސް،

އަހަރެން ޤަބޫލުކުރަނީ ހިތް އެ ގޮތަށް ހިނގާނެ ކަމަށެވެ.

އަނެއްކާ ވެސް އެއްފަހަރު ކަލާ ތިޔަ ދޮރު ހުޅުވައިދިނީއެވެ.

އަދި ކަލާ ތިޔަވަނީ މިިތާ، އަހަރެންގެ ހިތުގައެވެ.

އަދި އެ ގޮތުގައި އަހަރެންގެ ހިތް ހިނގާނެއެވެ. އަދި ހިނގަމުންދާނެއެވެ.

ލޯބި، އަހަރެމެންނާ ބީހިލަނީ އެއް ފަހަރުއެވެ.

އަދި އުމުރު ދުވަހަށް ދެމިހުރެއެވެ.

އަދި އަހަރެމެން ނެތިދަންދެން އެ ލޯބި ދުވަހަކު ވެސް ފިލައިނުދެއެވެ.

ކަލާ ދެކެ އަހަރެން ލޯބި ވީ ހިނދު، އެއީ ލޯތްބެވެ.

އެއީ ކަލާގެ ގާތުގައި އަހަރެންނަށް ޙަޤީޤަތުގައި ވެސް ހުރެވެނު ވަޤުތެވެ.

އަހަރެންގެ ޙަޔާތުގައި އަބަދު ވެސް، އަހަރެމެން ވާނީ އެފަދައިންނެވެ.

ކައިރީގައި، ދުރުގައި، ކަލާވީ ކޮންމެ ތަނެއްގައި ވެސް،

އަހަރެން ޤަބޫލުކުރަނީ ހިތް އެ ގޮތަށް ހިނގާނެ ކަމަށެވެ.

އަނެއްކާ ވެސް އެއްފަހަރު ކަލާ ތިޔަ ދޮރު ހުޅުވައިދިނީއެވެ.

އަދި ކަލާ ތިޔަވަނީ މިިތާ، އަހަރެންގެ ހިތުގައެވެ.

އަދި އެ ގޮތުގައި އަހަރެންގެ ހިތް ހިނގާނެއެވެ. އަދި ހިނގަމުންދާނެއެވެ.

ކަލާ ވަނީ މިތަނުގައެވެ. އަހަރެން ބިރު ގަންނަ އެއްވެސް އެއްޗެއް ނެތެވެ.

އަދި އަހަރެންގެ ހިތް މި ގޮތަށް ހިނގަމުންދާނެ ކަން އަހަރެންނަށް އެނގެއެވެ.

އަހަރެމެން ތާއަބަދަށް މި ގޮތުގައި ދެމި ތިބޭނަމެވެ.

ކަލާ ތިޔަ ވަނީ އަހަރެން ހިތުގައި، ރައްކާތެރިކަމުގައެވެ.

އަދި އެ ގޮތުގައި އަހަރެންގެ ހިތް ހިނގާނެއެވެ. އަދި ހިނގަމުންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355