ހިތުގެ ބައްޔަށް މީހާ ހުށަހެޅުމުގައި އެންމެ ބޮޑު ރޯލެއް ކުޅޭ އެއް ކަންތައްކަމަށްވާ ބްލަޑް ޕްރެޝަރު މައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށް ބިހުގެ ލޮނދި ނުވަތަ ހުދުބައިން އެހީތެރިވެދޭކަމަށް ދިރާސާތަކުން ދައްކައިފި އެވެ.
ޗައިނާގެ ޖިލިން ޔުނިވާރސިޓީގެ ރިސާރޗް ޓީމަކުން ހެދި ދިރާސާތަކުން ދެއްކި ގޮތުން ބިހުގެ ލޮނދީގައި ހިމެނޭ މާއްދާއެއް ލޭ މައްޗަށް ދިއުމުން ދުރުކޮށްދެއެވެ.
ހިތުގެ ބަލިތަކަށް މަގުފަހިވުމުގެ އެއް ސަބަބު ކަމަށްވާ ލޭމައްޗަށް ދިޔުން ދަށްކޮށްދޭ މާއްދާއެއް ކަމަށްވާ ޕެޕްޓައިޑް ނަމަކަށްކިޔާ މިމާއްދާއިން މީހާގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެކަމަށް ސައިންސްވެރިން ހާމަކުރެއެވެ. އެހެނީ ޕެޕްޓައިޑަކީ ލޭމައްޗަށްދާ މީހުން ބޭނުންކުރާ ބޭހެއްކަމަށްވާ ކެޕްޓޮޕްރިލް ފަދައިން މަސައްކަތް އެއްޗަކަށް ވާތީކަމަށް އެމީހުން ހާމަކުރެއެވެ.
ޗައިނާގައި މިދިރާސާކުރި ފަރާތްތަކުން އެންމެ ފުރަތަމަ “އާރް.ވީ.ޕީ.އެސް.އެލް” ނަންދެވިފައިވާ މި ޕެޕްޓައިޑު ދީފައިވަނީ ލޭގެ ޕްރެޝަރު މަތިވެފައިވާ މީދާތަކަކަށެވެ. އަދި އެ ޓެސްޓުތަކުން ދެއްކި ގޮތުން މީދާތަކުގެ ޕްރެޝަރު ވަނީ ދައްކުރެވިފަ އެވެ. އަދި މިހާރު އިންސާނުން ބޭނުންކޮށްގެން މި ޓެސްޓް ހެދުމަށް އެފަރާތްތަކުންދަނީ މަސައްކަތްކުރަމުންނެވެ.
ބިސް ކައްކައިގެން ބޭނުންކުރި ކަމުގައިވީ ނަމަވެސް ލޮނދީގައި އެކުލެވޭ ޕެޕްޓައިޑް ތަކުގެ ބާރު އޭގައި އެކުލެވޭނެކަމަށް ސައިންސްވެރިން ހާމަކުރެއެވެ. ބިހުގައި ހިމެނޭ ކޮލެސްޓްރޯލް ގިނަވުމުގެ ސަބަބުން ބިހަކީ ސިއްހަތަށް އެހާ ރަނގަޅު ނޫން އެއްޗެއް ކަމަށް ބައެއް ރިސާރޗްތަކުން ކުރިން ދެއްކި ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާގޮތުން ބިހަކީ އެއިން ލިބޭ ގެއްލުމަށް ވުރެ ފައިދާ ބޮޑު އެއްޗެކެވެ. — ޓެލެގްރާފް